[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފަތުވާ: ‘الجرح والتعديل’ ގެ ޢިލްމުވެރިން

ސުވާލު:

– މާތް ﷲ ތިބާއަށް އިޙްސާންތެރިވެ ވޮޑިގަންނަވާށެވެ. –

ޢިލްމުވެރިއަކާ ބެހޭގޮތުން ބައެއް އަޚުން ބުނަނީ އެއީ ‘الجرح والتعديل’ ގެ [1] ޝިޢާރު އުފުލާ ޢިލްމުވެރިއެއްކަމުގައެވެ. އޭނާ ޖަރަޙަ ކޮށްފިމީހާކު އެއީ ޖަރަޙަވެފައިވާ މީހެކެވެ. އެއަޚުންގެ ދަޢުވާއަކަށް ވެފައިވަނީ އެޢިލްމުވެރިޔާ ޖަރަޙަކުރަނީ ދަލީލާއެކުކަމުގައެވެ. އެހެންކަމުން އޭނާއަށް ތަބާވުން ލާޒިމުވާނެކަމުގައެވެ.

ޖަވާބު:

‘الجرح والتعديل’ އަކީ ސަނަދާ ގުޅިފައިވާކަމެކެވެ. އަދި އެއީ ޙަދީޘް ޢިލްމުގެ ތެރެއިންވާކަމެކެވެ. އަދި އެކަމުގެ އަހުލުވެރިން މިހާރު ވަނީ މަރުވެފައެވެ. އެކަމުގެ އެއްވެސް މީހަކު މިހާރަކު ދިރިއެއް ނެތެވެ. ‘الجرح والتعديل’ ގެ އެއްވެސް ޢިލްމުވެރިއަކު ހުރިކަމަށް އަޅުގަނޑުމެންނަށް އެނގިފައެއްނެތެވެ.

ނަމަވެސް ތިއީ ޣީބަ ބުނުމާއި، ވާހަކަ ނަޤުލުކުރުމުގެ ޢިލްމުވެރިންތަކެއްކަމުގައި ވެދާނެއެވެ. އެފަދަމީހުން އުޅެއެވެ. މީސްތަކުން ޖަރަޙަކޮށް، އެބައިމީހުންގެ ޣީބަބުނުމަކީ އެއީ ‘الجرح والتعديل’ އެއް ނޫނެވެ. ‘الجرح والتعديل’ އަކީ ސަނަދާ ގުޅޭ ޢިލްމެކެވެ.

އަދި އެކަމުގެ އަހުލުވެރިންވެއެވެ. އެހުރިހާ ބޭކަލުންވެސް ވަނީ އަވަހާރަވެފައެވެ. والله أعلم. އަޅުގަނޑަށް އޭގެ އަކަކުވެސް ނޭނގެއެވެ.

ނަމަވެސް ފަހަރުގައި ‘الجرح والتعديل’ ގެ ފޮތްތައް ކިޔާ، އެފޮތްތަކުން ފައިދާ ޙާޞިލުކުރާ ބަޔަކުވެދާނެއެވެ.

އެއީ ‘الجرح والتعديل’ ގެ ޢިލްމުވެރިއެއްކަމުގައި ބުނުމާމެދު ދަންނައެވެ. އެއީ ވަރަށް ބޮޑު ބަހެކެވެ. ހަމައެކަނި ފޮތްތައް ކިޔާމީހަކަށް އެޢިބާރާތް ނިސްބަތްނުކުރެވޭނެއެވެ. މިއީ ‘الجرح والتعديل’ގެ ޢިލްމުވެރިއެއްނޫނެވެ. ނަމަވެސް މިވެނި އެވެނިމީހަކު ‘الجرح والتعديل’ގެ ފޮތްތައް ކިޔާފައިވެއޭ، ހަމައެކަނި އެހެން ބުނެވިދާނެއެވެ.

ފަޟީލަތުއްޝައިޙް ޞާލިޙު އަލްފައުޒާން – حفظه الله –

_______________________

[1] ޢަރަބި ބަހުގައި (الجرح) ގެ މާނައަކީ: ހަތިޔާރަކުން ޒަހަމްކުރުވުމެވެ.

ޢިލްމުވެރިންގެ އިޞްތިލާޙުގައި (الجرح)އަކީ: އެއީ [ޙަދީޘްރިވާކުރައްވާ] ރާވީގެ ޢަދާލާތްތެރިކަން އެކަމެއްގެ ސަބަބުން ފިލައިގެންދާނެ އައިބެއް ބަޔާންކުރުމެވެ.

ޢަރަބި ބަހުގައި (التعديل) ނެގިފައިވަނީ: ޢަދުލުވެރިކަމުގެ ލަފްޒުންނެވެ. އަދި ޢަދަލުވެރިކަމަކީ އެޞިފައެއް ރާވީއެއް ނުވަތަ ހެކިވެރިއެއްގެ ކިބައިގަ ހުރެއްޖެނަމަ އޭނާ ބުނާ ބަހަށް އިތުބާރުކުރެވޭ ޞިފައެވެ. މިގޮތުން ރާވީއެއް ޢަދުލުވެރިއެއްކަމަށް ބުނުން އެއީ  (التعديل) ގެ ތެރޭ ހިމެނޭ ކަމެކެވެ.

ބައްލަވާ دراسات في الجرح والتعديل للأعظمي / ص:54،227 / طبعة: مكتبة الغرباء الأثرية މިއިޞްޠިލާޙުތައް ގެނެވިފައިވާނީ ބައެއް ބަދަލުތަކާ އެކުއެވެ.

މިފަތުވާގެ ޢަރަބި އޯޑިއޯ އަޑުއެއްސެވުމަށް: ލިންކު