ފިރިހެނުން ރަން އެޅުމާމެދު ދަންނައެވެ. އެއީ އަނގޮޓިއެއް ނުވަތަ އެނޫން އެއްޗެއްކަމުގައިވިޔަސް، ފަހެ އެއްވެސް ޙާލެއްގައި ފިރިހެނުންނަށް ރަން އެޅުން ހުއްދެ ވެގެނެއް ނުވެއެވެ. ސަބަބަކީ ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ މި އުންމަތުގެ ހުރިހާ ފިރިހެނުންގެ މައްޗަށް ރަން އެޅުން ޙަރާމް ކުރައްވާފައެވެ.
ފިރިހެނަކު ރަން އަނގޮޓިއެއް އަޅައިގެން ހުރިތަން ކީރިތި ރަސޫލާ صلى الله عليه وسلم އަށް ފެނިވަޑައިގަތުމުން އެކަލޭގެފާނު، އޭނާގެ އަތުން އެ އަނގޮޓި ނަންގަވައި ޙަދީޘްކުރެއްވިއެވެ.
«يَعْمِدُ أَحَدُكُمْ إِلَى جَمْرَةٍ مِنْ نَارٍ فَيَجْعَلُهَا فِي يَدِهِ» [رواه مسلم 52 – (2090)]
މާނައީ: “ތިޔަބައިމީހުންގެ ތެރެއިން އެއްވެސް މީހަކު އަނގުރު އަލިފާންގަނޑެއް ނަގައިއަތުގައި އަޅައިގެން ހުންނާނަން ހެއްޔެވެ؟ “
އެހެންކަމުން ފިރިހެނުންނަށް ރަން އަނގޮޓި އެޅުން ހުއްދަވެގެނެއް ނުވެއެވެ. ހަމަ މިއާއިއެކު ދަންނައެވެ. ރަން ފިޔަވައި، ރިއްސާއި އަދި ދަގަނޑުގެ އެހެނިހެން ބާވަތްތަކުން ހަދާފއިވާ އަނގޮޓިތައް، އެޅުން މި އުއްމަތުގެ ފިރިހެނުންގެ މައްޗަށް ހުއްދަވެގެން ވެއެވެ. އެއީ އަގުބޮޑު ދަގަނޑެއްކަމުގައި ވިޔަސްމެވެ. (މިގޮތަށް އެޅުން ފިރިހެނުންނަށް ހުއްދައީ އެންމެ އަނގޮޓީއެއްގެ މިންވަރެވެ.)
ކައިވެނި މުނާސަބަތުގައި (ނުވަތަ އެންގޭޖްވާއިރު) އެޅޭ އަނގޮޓިތަކާއިމެދު ދަންނައެވެ. އެއީ މުސްލިމުންގެ އާދަކާދަތަކާއި ބީރަށްޓެހި ކަމެކެވެ. އަދި ކިއެއްތޯއެވެ؟ އެ އަނގޮޓީގެ ސަބަބުން ކައިވެނީގެ ގުޅުން ވަރުގަދަވުމާ އަދި އެ ނަގައިފިނަމަ ކައިވެނި އަބާއްޖަވެރި ވެދާނެކަމަށް ދެކުމަކީ ޝިރުކުގެ ޢަމަލެކެވެ. އެހެނީ އެއީ ޖާހިލިއްޔަތުގެ ޢަޤީދާއެވެ.
ބަޔާންވެދިޔަ ކަންކަމުގެ އަލީގައި ކައިވެނީގެ އަނގޮޓި އެޅުން މުސްލިމުންނަށް ހުއްދަވެގެނެއް ނުވެއެވެ.
ފުރަތަމައީ: މި ކަމުގެ ސަބަބުން ބާޠިލް ޢަޤީދާގެ އަހުލުންނާއި އެއްގޮތްވުން ވެއެވެ. އަދި މިއީ ޣައިރު މުސްލިމުންގެ ފަރާތުން މުސްލިމުންނާ ހަމައަށް އައިސްފައިވާ އާދައެކެވެ.
ދެވަނައީ: މިކަމުގެ ސަބަބުން ކައިވެންޏަށް އެއްވެސް އަޘަރެއް ކޮށްފާނެކަމަށް ޤަބޫލު ކޮށްފިނަމަ، މިކަން ޝިރުކުގެ ތެރެއަށް ވަންނާނެއެވެ. ولا حول ولا قوّة إلا بالله.
(ޝައިޚް ޞާލިޙު އަލްފައުޒާން حفظه اللهގެ ފަތުވާއަކުން ނަގާފައި)
އެންގޭޖްމެންޓް އަނގޮޓިއާ ބެހޭގޮތުން ޝެއިޚް އުޘައިމީން رحمه الله އާ ސުވާލު ދެންނެވުމުން ވިދާޅުވިއެވެ.
“އެންގޭޖްމެންޓް އަނގޮޓިއަކީ އަނގޮޓީގެ ވައްތަރެކެވެ. އަނގޮޓީގެ އަޞްލަކީ ހުއްދަވެގެންވުމެވެ. އެއީ އެއާ ގުޅިގެން ޤަބޫލުކުރުންތަކެއް ނާންނަކަމުގައިވާނަމައެވެ. އެއީ ބައެއްމީހުން ކަންތައްކުރާ ފަދައިން، ފިރިހެންމީހާގެ ނަން އަނގޮޓީގައި ކަނޑާނަގައި އޭނާ ޚިޠުބާކުރާ އަންހެންމީހާއަށް (އެންގޭޖުވާމީހާއަށް) އަދި ހަމަ އެގޮތަށް އަންހެންމީހާވެސް އޭނާގެ ނަން އަނގޮޓީގައި ކަނޑާނަގައި އޭނާ އެންގޭޖުވާ ފިރިހެންމީހާއަށް ދިނުމެވެ.އެއީ ދެމަފިރިންގެ ގުޅުން ވަރުގަދަކޮށްދޭ ރަމްޒެއްގެ ގޮތުގައެވެ. މިޙާލަތުގައި އެ އަނގޮޓީ ޙަރާމް ވެގެންވެއެވެ. އެހެނީ މިއީ އިސްލާމީ ޝަރީޢަތާ ގުޅުމެއް ނެތް، އެއްވެސް މާނައެއް ނެތް ކަމެކެވެ. ހަމައެފަދައިން އެންގޭޖްވާ ފިރިހެންމީހާ އޭނާ އެންގޭޖުވާ އަންހެންމީހާގެ އަތުގައި އަނގޮޓި އަޅައިދިނުން ހުއްދަވެގެން ނުވެއެވެ. އެހެނީ އެއަންހެންމީހާ އަދި އޭނާގެ އަންބަކަށް ނުވެއެވެ. އެއީ އޭނާއަށް ހިލޭ އަންހެނެކެވެ. ކައިވެނީގެ ޢަޤުދުގެ ކުރިން އެ އަންހެންމީހާއަކީ ފިރިހެންމީހާގެ އަންބަކަށް ނުވާނެއެވެ.”
——————————————————————————
ނޯޓް: މިއީ islamqa.info ގައި އެންގޭޖްމެންޓް އަނގޮޓިއާއި ބެހޭގޮތުން ކޮށްފައިވާ ސުވާލަކަށް ޝައިޚް މުޙައްމަދު އަލްމުނައްޖިދު -حفظه الله- ދެއްވާފައިވާ ޖަވާބުގެ ދިވެހި ތަރުޖަމާއެކެވެ.
ގުޅުންހުރި ބައެއް ލިޔުންތައް:
* އެންގޭޖް ކޮށްފައިވާ އަންހެން ކުއްޖާއާއެކު އެކަހެރިވުމުގެ ނުރައްކާތެރިކަން
* ޚިތުބާކުރެވޭ އަންހެނާއަށް ބެލުމުގެ ޙުކުމާއި ބެލުން ހުއްދަވާ މިންވަރު