ސުވާލަކީ: ޢަލްމާނިއްޔަތަކީ (secularism) ކުފުރުގެ މަޛްހަބެއް ހެއްޔެވެ. އެފިކުރަށް ނިސްބަތްވާ މީހާއަކީ ކާފަރެއްކަމުގައި އަހަރުމެންނަށް ޙުކުމް ކުރެވިދާނެ ހެއްޔެވެ؟
އެއީ އިލްޙާދެކެވެ.[1] ޢަލްމާނިއްޔަތަކީ އިލްޙާދެކެވެ. އެހެނީ ދައުލަތާ ދީން އެބައިމީހުން ވަކިކުރެއެވެ. ޢަލްމާނިއްޔަތަކީ މިއީއެވެ. ދައުލަތުން ދީން އެކަހެރި ކުރުމެވެ. މިއީ އިލްހާދެކެވެ.
އެހެނީ ދީން ނުވަތަ ޝަރީޢަތް އައިސްފައިވަނީ ސިޔާސަތާ، އަޅުކަންތަކާ ޝަރީޢަތާ އެކުގައެވެ. ފަހެ އޭގެ ތެރެއިން އެކަތި އަނެކައްޗާ ވަކިކުރުމަކީ ﷲގެ ދީނަށް އިލްޙާދުކުރުމެވެ. އެބައިމީހުން ބުނާގޮތުގައި ސިޔާސީ ކަންކަމުގައި ޙަލާލު ޙަރާމަށް ބަލާކަށް ނުޖެހޭނެއެވެ. ފަހެ ތިބާ ބޭނުން ގޮތަކަށް ކަންތައްކުރާށެވެ.
[އެބައިމީހުން ބުނާ ގޮތުގައި]:
* “ދީން އޮންނާނީ މިސްކިތް ތެރޭގައެވެ. އަދި ފަރުދުންގެ ގާތުގައެވެ.
* އަހަރުމެން އެބައިމީހުންގެ ކަމަކާ ނުބެހޭ ނަމެވެ. އެބައިމީހުން މިސްކިތްތަކުގައި ތިބެން ދޫކޮށްލާށެވެ.
* އަދި ތިޔަބައިމީހުންވެސް އެބައިމީހުންގެ ކަންތައްތަކުގެ ތެރެއަށް ނުވަންނާށެވެ.
* ސިޔާސީ ކަންތައްތަކާ މެދު ދަންނައެވެ. މިސްކިތުގެ އަހުލުވެރިން އެކަމުގެ ތެރެއަށް ވަދެގެން ނުވާނެއެވެ.
* ހަމަކަށަވަރުން ދީނީ މީހުން ސިޔާސީ ކަންތައްތަކުގެ ތެރެއަށް ވަދެގެން ނުވާނެއެވެ.
* އަދި ސިޔާސީ މީހުން ދީނީ ކަންކަމުގެ ތެރެއަށް ވަދެގެން ނުވާނެއެވެ.”
މިއީ އެބައިމީހުން ބުނާ ބަހުގެ މާނައެވެ.
މިކަމަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ ޖަމާކުރައްވާފައިވާ ދޭތި ވަކިކުރުމެވެ. ފަހެ ސިޔާސީ ކަންތައްތައްތަކާއި ދީނީ ކަންތައްތައްތަކާ މިހުރިހާ ކަމެއް ރަނގަޅުނުވެ، އަޅުތަކުންގެ ކަންތައް ހަމައަކަށް އެޅި އިޞްލާޙުވެގެން ނުދާނެއެވެ.
ފަޟީލަތުއްޝައިޚް ޞާލިޙު ބުން ފައުޒާނުލް ފައުޒާން حفظه الله (ޝައިޚް ފައުޒާނަކީ ސުޢޫދީ ޢަރަބިއްޔާގެ ބޮޑެތި ޢިލްމުވެރިންގެ ކޮމިޓީގެ މެމްބަރަކެވެ.)
_______________________________
[1] އިލްޙާދަކީ: ﷲގެ ދީނުން އެއްކިބާވެގެން ދިޔުމެވެ. ބައްލަވާ الصحاح للجوهري / مجلد: ٢ / ص: ٤٥۰ / طبعة: دار الفكر ]
މިފަތުވާގެ އޯޑިއޯ އެއްސެވުމަށް(ޢަރަބި ބަހުން): ލިންކު