[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިލްޙާދު: ﷲ ތަޢާލާ ވޮޑިގެންވާކަން އިންކާރުކުރުމުގެ ފިކުރު – 1

މިއީ އައްޝައިޚު ޞާލިޙުއްސިންދީ – حفظه الله – ގެ ރިސާލާއެއްކަމުގައިވާ الإلحاد: وسائله وخطره وسبل مواجهته، އަޞްލަކަށް ބަލައިގެން އެކުލަވާލާފައިވާ ފޮތެކެވެ. އަދި މި ފޮތުގައި އެހެނިހެން ޢިލްމުވެރިން ގެންނަވާފައިވާ މުހިންމު ބައެއް ވާހަކަތައްވެސް ހިމަނާލުމަށް ޤަޞްދުކޮށްފައިވާނެއެވެ. ދުޢާއަކީ މި ޢަމަލަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ޤަބޫލުވެވިގެންވާ ޢަމަލެއްކަމުގައި ލެއްވުމެވެ.


 

މުޤައްދިމާ

 

الحمد لله الذي أرسل رسوله بالهدى ودين الحق ليظهره على الدين كله وكفى بالله شهيدا، وأشهد أن لا إله إلا الله وحده لا شريك له، إقرارا به وتوحيدا، وأشهد أن نبينا محمدا صلى الله عليه وسلم عبده ورسوله وخيرته من خلقه، صلى الله عليه وعلى آله وصحبه وسلم تسليما مزيدا.

أما بعد:

ބުއްދީގެ ދަލީލުތަކާއި ޝަރުޢީ ހުރިހާ ދަލީލަކުންވެސް ދަލާލަތު ކުރަނީ އަޅަމެންގެ ރައްބަކީ ރައްބުވަންތަކަމާއި އިލާހުވަންތަކަމުގައި އެއްކައުވަންތަ އިލާހު ކަމަށެވެ. އެއިލާހުގެ ބާރުފުޅު ޢިއްޒަތްތެރިވެގެންވެއެވެ. އަދި އެއިލާހު މަތިވެރިވެވޮޑިގެންވެއެވެ. އަދި އެއިލާހުގެ އަމުރުފުޅަކީ ތަންފީޒުވަނިވި އެއްޗެކެވެ.

އެއިލާހުވަނީ ޢަރުޝީގެ މަތީގައި އިސްތިވާވެގެންނެވެ. އަޅުތަކުންގެ ކަންތައްތައް ތަދުބީރުކުރައްވައެވެ. އެއީ ފުދިވޮޑިގެންވާ އަދި އެހެނިހެން އެންމެހާ ފަރާތެއް އެއިލާހަށް ބޭނުން ޖެހިފައިވާ ފަރާތެވެ.

﴿يَسْأَلُهُ مَن فِي السَّمَاوَاتِ وَالْأَرْضِ ۚ كُلَّ يَوْمٍ هُوَ فِي شَأْنٍ﴾ [سورة الرحمن 29]

މާނައީ: “އުޑުތަކާއި، ބިމުގައި ވާހާ ބަޔަކު އެއިލާހުގެ ޙަޟްރަތުގައި އެދި ދަންނަވައެވެ. ކޮންމެ ދުވަހެއްގައިމެ، އެއިލާހު ވޮޑިގެންވަނީ ކަމެއްގައެވެ. (އެބަހީ: ބަޔެއް އަޅުތަކުން ޢިއްޒަތްތެރިކުރައްވައި، އަނެއް ބައި އަޅުތަކުން ނިކަމެތި ކުރައްވައި، އެއްބަޔަކަށް ރިޒްޤުދެއްވައި، އަނެއް ބަޔެއްގެ ފާފަ ފުއްސަވައެވެ.)”

އެއިލާހު ފާފަތައް ފުއްސަވައެވެ. އަދި ދަތިތައް އުފުއްލަވައެވެ. އަދި އަސީރުން މިނިވަންކޮށްދެއްވައެވެ. އަދި ނިކަމެތިންނަށް ނަޞްރުދެއްވައެވެ. އަދި ފަޤީރުންނަށް ފުދުންތެރިކަން ދެއްވައެވެ.

މަރުގަންނަވާ ދިރުންދެއްވަނީ އެއިލާހެވެ. ބާއްޖަވެރިކުރައްވައި އަބާއްޖަވެރިކުރައްވައެވެ. މަގުފުރައްދަވައި ހިދާޔަތުދައްކަވައެވެ. އެއްބަޔަކަށް ނިޢުމަތް ދެއްވައި އަނެއްބައެއްގެ ކިބައިން ނިޢުމަތްތައް ހިތްޕަވައެވެ. އެއްބަޔަކަށް ޢިއްޒަތްދެއްވައި އަނެއްބަޔަކު ނިކަމެތިކުރައްވައެވެ. އެއިލާހުގެ ކަނާއަތްޕުޅުވަނީ ފުރިފައެވެ. ހޭދައަކުން އެއަކަށް އުނިކަމެއް ނާދެއެވެ. ރެއާއި ދުވާލު އެނިޢުމަތްތައް ދެއްވުމުގައި ދީލަތިވެވޮޑިގެންވެއެވެ.

އެއިލާހީ ފެށުމެއް ނެތި އިސްވެވޮޑިގެންވާ، ނިމުމެއް ނެތި ދެމިވޮޑިގެންވާ އިލާހެވެ. އަދި އެއީ މަތީގައި ވޮޑިގެންވާ، އަޅުތަކުންނާ ކުއްތަންވެވޮޑިގެންވާ އިލާހެވެ. އެއިލާހު ފިޔަވާ އަޅުކަން ޙައްޤުވާ އެހެން އިލާހަކު ނުވެއެވެ. އެއީ ޢަޒީޒުވަންތަ ޙަކީމުވަންނަ އިލާހެވެ.

އެއިލާހަށް ވަޒީރަކު، ބައިވެރިއަކު، އެހީތެރިއަކު ނުވެއެވެ. އަދި އެއިލާހުގެ އިޛުނައާ ލައިގެން މެނުވީ އެއިލާހުގެ ޙަޟްރަތުގައި ޝަފާޢަތްތެރިވެވޭނެ ފަރާތެއް ނުވެއެވެ.

އެއިލާހުގެ ޢިލްމުފުޅު އެންމެހާ އެއްޗެއްގެ މައްޗަށް ތަނަވަސްވެގެންވެއެވެ. އަދި އެއިލާހުގެ ކުޅަދުންވަންތަކަމާއި ރަޙުމަތް ކޮންމެ އެއްޗެއްގެ މައްޗަށް ތަނަވަސްވެގެންވެއެވެ. އެންމެ ފުރަތަމަ މަޚްލޫޤާއި އެންމެ ފަހު މަޚްލޫޤާއި ހުރިހާ އިންސީންނާއި ޖިންނީން އެއް ތަނެއްގައި ތިބެގެން އެއިލާހަށް ދުޢާ ދެންނެވުމުން އެހުރިހާ އެންމެން އެ އެދޭ ކަންތައްތައް ދެއްވިކަމުގައި ވިޔަސް އެއިލާހުގެ ޙަޟްރަތުގައިވާ އެއްޗަކުން ޛައްރެއްގެ މިންވަރުވެސް އުނިނުވެއެވެ.

ފަހެ އެއިލާހު ހުސްޠާހިރުވަންތައެވެ. އެއިލާހަށްވުރެ މަތިވެރި އަދި ބޮޑު ފަރާތެއް ކޮބާ ހެއްޔެވެ! އެއިލާހު ކަމެއް އިރާދަކުރައްވާނަމަ “ވާށޭ” ވަޙީކުރެއްވުމުން އެކަމެއް ވެއެވެ.

ހަމަކަށަވަރުން އެއިލާހީ ޢާލަމުތަކުގެ ރައްބެވެ.

﴿اللَّهُ الَّذِي رَفَعَ السَّمَاوَاتِ بِغَيْرِ عَمَدٍ تَرَوْنَهَا ۖ ثُمَّ اسْتَوَىٰ عَلَى الْعَرْشِ ۖ وَسَخَّرَ الشَّمْسَ وَالْقَمَرَ ۖ كُلٌّ يَجْرِي لِأَجَلٍ مُّسَمًّى ۚ يُدَبِّرُ الْأَمْرَ يُفَصِّلُ الْآيَاتِ لَعَلَّكُم بِلِقَاءِ رَبِّكُمْ تُوقِنُونَ ‎[٢]‏ وَهُوَ الَّذِي مَدَّ الْأَرْضَ وَجَعَلَ فِيهَا رَوَاسِيَ وَأَنْهَارًا ۖ وَمِن كُلِّ الثَّمَرَاتِ جَعَلَ فِيهَا زَوْجَيْنِ اثْنَيْنِ ۖ يُغْشِي اللَّيْلَ النَّهَارَ ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ ‎[٣]﴾ [سورة الرعد 2 ، 3]

މާނައީ: “ﷲއީ، ތިޔަބައިމީހުންނަށް ފެންނަ ތަނބުތަކަކާ ނުލައި، އުޑުތައް އުފުއްލެވި އިލާހެވެ. ދެން ޢަރުޝީގެ މައްޗަށް އެއިލާހު އިސްތަވާވެވޮޑިގަތެވެ. އަދި އިރާއި، ހަނދު ޚިދުމަތްތެރި ކުރެއްވިއެވެ. (އެއިން) ކޮންމެ އެއްޗެއް ކަނޑައެޅިގެންވާ މުއްދަތަކަށް ހިނގަހިނގާ ހުރެއެވެ. ހުރިހާ ކަމެއް އެކަލާނގެ ތަދުބީރުކުރައްވައެވެ. އާޔަތްތައް ތަފްޞީލު ކޮށްދެއްވައެވެ. (އެއީ) ތިޔަބައިމީހުންގެ ރައްބާ ބައްދަލުވާނޭކަން، ތިޔަބައިމީހުން ޔަޤީންކުރުމަށްޓަކައެވެ. [2] އަދި އެއިލާހީ ބިން ފަތުރުއްވައި، އެ ބިމުގައި ހަރުލައި ހުންނަ ފަރުބަދަތަކާއި، ކޯރުތައް ލެއްވި އިލާހެވެ. އަދި އެއީ، ހުރިހާ ބާވަތެއްގެ މޭވާތައް، ޖޯޑުޖޯޑަށް (ދެވައްތަރުން ދެވައްތަރުން) ލެއްވި އިލާހެވެ. (އަދި) އެއިލާހު ރޭގަނޑުން ދުވާލު ނިވައިކުރައްވައެވެ. ހަމަކަށަވަރުން، އެ (ހުރިހާ) ކަންތަކުގައި ފިކުރުކުރާ ބަޔަކަށް، ހެކިތަކެއް ވާކަން ކަށަވަރެވެ. [3]”

﴿خَلَقَ السَّمَاوَاتِ بِغَيْرِ عَمَدٍ تَرَوْنَهَا ۖ وَأَلْقَىٰ فِي الْأَرْضِ رَوَاسِيَ أَن تَمِيدَ بِكُمْ وَبَثَّ فِيهَا مِن كُلِّ دَابَّةٍ ۚ وَأَنزَلْنَا مِنَ السَّمَاءِ مَاءً فَأَنبَتْنَا فِيهَا مِن كُلِّ زَوْجٍ كَرِيمٍ ‎[١٠]‏ هَٰذَا خَلْقُ اللَّهِ فَأَرُونِي مَاذَا خَلَقَ الَّذِينَ مِن دُونِهِ ۚ بَلِ الظَّالِمُونَ فِي ضَلَالٍ مُّبِينٍ ‎[١١]﴾ [سورة لقمان 10 ، 11]

މާނައީ: “ތިޔަބައިމީހުންނަށް ފެންނަ ތަނބުތަކަކާ ނުލައި، އެއިލާހު އުޑުތައް ހެއްދެވިއެވެ. އަދި ތިޔަބައިމީހުންނާއިގެން އެ ބިން ތެޅިފޮޅިގެންފާނެ ކަމަށްޓަކައި، ހަރުލައި ހުންނަ ފަރުބަދަތައް، ބިމުގައި ލެއްވިއެވެ. އަދި ހިނގާބިނގާ އުޅޭ އެންމެހާ ބާވަތްތަކުގެ ދިރޭ ތަކެތި އެބިމުގައި ފެތުރުއްވިއެވެ. އަދި ތިމަންއިލާހު އުޑުން ފެންވެއްސެވީމެވެ. ދެން އޭގެ ސަބަބުން އެ ބިމުގައި މަންފާ ގިނަ ރަނގަޅު ހުރިހާ ބާވަތަކުން، ގަސްގަހާގެހި ފެޅުއްވީމެވެ. [10] މިއީ اللَّه ގެ ހެއްދެވުމެވެ. އެއިލާހު ނޫން ފަރާތްތަކުން ހަދާފައިވަނީ ކޮންއެއްޗެއްކަން، ތިޔަބައިމީހުން ތިމަންކަލޭގެފާނަށް، ފަހެ، ދައްކައިބަލާށެވެ! އަދި ކިއެއް ހެއްޔެވެ! މުޝްރިކުންވަނީ ބަޔާންވެގެންވާ މަގުފުރެދުމެއްގެ ތެރޭގައެވެ. [11]”

ރަސޫލުބޭކަލުންތަކެއް އެބޭކަލުންގެ ޤައުމުގެ މީސްތަކުންނަށް ވިދާޅުވިއެވެ.

﴿أَفِي اللَّهِ شَكٌّ فَاطِرِ السَّمَاوَاتِ وَالْأَرْضِ﴾ [سورة إبراهيم 10]

މާނައީ: “އިސްވެދިޔަ މިޘާލަކާ ނުލައި އުޑުތަކާއި ބިން އުފެއްދެވި ﷲއާ މެދު، ޝައްކެއް ވޭ ހެއްޔެވެ؟”

އެބަހީ: ﷲ ތަޢާލާއީ އެންމެ ފާޅުކަން ބޮޑު ފަރާތެވެ.

ފަހެ އެއިލާހު ހުސްޠާހިރުވަންތައެވެ. އެއިލާހުގެ އެއްކައުވަންތަކަމަށް މަޚްލޫޤުން ހެކިވެއެވެ. އަދި އެއިލާހުގެ މަތިވެރިކަމަށް ކާއިނާތުގައި ވާހާ އެއްޗެއް ބިރުވެތިވެއެވެ. އަދި އެންމެހާ ޚަލްޤުތައްވަނީ އެއިލާހަށް ބޭނުން ޖެހިގެންނެވެ.

﴿رَبُّنَا الَّذِي أَعْطَىٰ كُلَّ شَيْءٍ خَلْقَهُ﴾ [سورة طه 50]

މާނައީ: “ތިމަންމެންގެ ރައްބަކީ ކޮންމެ އެއްޗަކަށްމެ، އެ އެއްޗެއްގެ ސިފައާއި، ޠަބީޢަތު ދެއްވި އިލާހެވެ.”

﴿فَبِأَيِّ حَدِيثٍ بَعْدَ اللَّهِ وَآيَاتِهِ يُؤْمِنُونَ﴾ [سورة الجاثية 6]

މާނައީ: “ފަހެ ﷲގެ ފޮތާއި، އެއިލާހުގެ އާޔަތްތަކަށް ފަހުގައި، އެބައިމީހުން އީމާންވާނީ ކޮން ވާހަކަޔަކަށް ހެއްޔެވެ؟”

﴿أَفِي اللَّهِ شَكٌّ﴾ [سورة إبراهيم 10]

މާނައީ: “ﷲ އާ މެދު، ޝައްކެއް ވޭ ހެއްޔެވެ؟”

ފަހެ އިންކާރުކުރެވޭ ވަރަށް ވުރެ އެއިލާހު މަތިވެރިވޮޑިގެންވެއެވެ.

وليس يصح في الأذهان شيء                إذا احتاج النهار إلى دليل

މާނައީ: “ދުވާލު އެއީ ދުވާލުކަން ޘާބިތުކުރަން ދަލީލު ބޭނުންވާނަމަ ދެން ބުއްދީގެ ގޮތުން އެއްވެސް ކަމެއް ހަމައެއް ނުޖެހޭނެއެވެ.”

ފަހެ އިރާއި ހަނދަށް ވުރެވެސް އެއިލާހު ވުޖޫދުގައިވާކަން މާ ފާޅުކަން ބޮޑެވެ. ފަހެ އެއިލާހު އިންކާރުކުރާ މީހަކު ކިބުރުވެރިކަމާއެކު ދުލުން އިންކާރުކުރިޔަސް އެމީހެއްގެ ހިތާއި ބުއްދިއާއި ފިޠުރަތާ މި ހުރިހާ އެއްޗެއް އޭނާ ދޮގުކުރާނެއެވެ.

﴿أَفِي اللَّهِ شَكٌّ﴾ [سورة إبراهيم 10]

މާނައީ: “ﷲ އާ މެދު، ޝައްކެއް ވޭ ހެއްޔެވެ؟”

މީސްތަކުން ޝައްކުކުރަނީ އެކަމެއްގެ ދަލީލުތައް ފޮރުވިފައިވާ، ހެކިތައް ވަންހަނާވެގެންވާ ކަންކަމުގައެވެ. ފަހެ ޙިއްސުކުރެވޭ ކޮންމެ ކަމެއްގައި ނުވަތަ ބުއްދިކުރެވޭ ކޮންމެ ކަމެއްގައި ހެއްކެތް ނުވަތަ ހެކިތަކެއްވާ ފަރާތާ މެދު ދަންނައެވެ. އެ ހުރިހާ ކަމަކުން އެއީ އެއްކައުވަންތަ އަދި އަޅުކަންކުރުން ޙައްޤު ހަމައެކަނި ފަރާތްކަމަށް އަދި ޢާލަމުތަކުގެ ރައްބުކަމަށް ހެކިދެމުން ދާއިރު އެއިލާހާމެދު ޝައްކުކުރާނީ ކިހިނަކުން ހެއްޔެވެ؟

ތިބާގެ ލޮލުން ފެންނަ ކޮންމެ އެއްޗަކުން ނުވަތަ ކަންފަތުން އިވޭ ކޮންމެ އަޑަކުން ނުވަތަ ބުއްދިން ވިސްނޭ ކޮންމެ ކަމަކުން ނުވަތަ ޙިއްސުން އިޙްސާސުވާ ކޮންމެ އެއްޗަކުން އެއިލާހު ވޮޑިގެންވާ ކަމުގެ ދަލީލު ލިބެއެވެ.

އެހެންކަމުން ޚާލިޤުވަންތަ ﷲ ދެނެގަތުމުގެ ޢިލްމަކީ ޟަރޫރީ ޢިލްމެކެވެ. އަދި އެއިލާހު ވޮޑިގެންވާކަމާމެދު އެއްވެސް ޝައްކެތް ނެތެވެ. އެހެންކަމުން ރަސޫލުބޭކަލުންތަކެއް އެބޭކަލުންގެ ޤައުމުގެ މީހުންނަށް ވިދާޅުވިއެވެ.

﴿أَفِي اللَّهِ شَكٌّ﴾ [سورة إبراهيم 10]

މާނައީ: “ﷲ އާ މެދު، ޝައްކެއް ވޭ ހެއްޔެވެ؟”

އެބޭކަލުން އެބައިމީހުންނާ މުޚާޠަބުކުރެއްވި އިރު ވިދާޅުވެފައި އެވަނީ ﷲ سبحانه وتعالى އަކީ ވުޖޫދުގައިވާ ފަރާތެއްކަމާމެދު ޝައްކުކުރުމުގެ އެއްވެސް ޖާގައެއް ނެތްކަމުގައެވެ. އަދި ކިއެއް ހެއްޔެވެ. އެއިލާހަކީ އަޅުކަންކުރުން ޙައްޤު ފަރާތްކަމާއި ރައްބުވަންތަ ފަރާތްކަމާ އަދި އެއިލާހުގެ ޞިފަފުޅުތަކުގެ ފުރިހަމަކަމުގައިވެސް އެއްވެސް ޝައްކެތް ނެތެވެ.

މިކަން މިހާ ފާޅުކަން ބޮޑު ގޮތެއްގައި ސާފުވެފައި ވަނިކޮށްވެސް އިންސާނުންގެ ތެރެއިން މަދު ބަޔަކު މިކަމަކަށް އިންކާރުކުރަމުން ދެއެވެ. އަދި އެބައިމީހުންގެ ފިތުނަ މުސްލިމު ޒުވާނުންނަށް އަމާޒުކޮށްގެން ވަރުގަދައަށް ފަތުރަމުން ދެއެވެ. އެކުދިންގެ ޢަޤީދާއާއި އަޚްލާޤުގެ މަރުވަޅުތަކަށް އެބައިމީހުން ހަމަލާދެމުން ދެއެވެ. އެހެންކަމުން މިފިކުރާ ދެކޮޅަށް ތެދުވެ، މި ހުތުރުކަން ބޮޑު “ފިކުރީ ޓެރަރިސްމް” އާ ދެކޮޅަށް މަސައްކަތްކުރުމަކީ ﷲ ގެ މަގުގައި ޖިހާދުކުރުމުގެ އެންމެ މަތިވެރި އެއް ވަސީލަތަށް ވެގެން ދެއެވެ.

 

 

އިލްޙާދަކީ ކޮބާ؟

 

ޢަރަބިބަހުގައި އިލްޙާދަކީ: ކަމަކުން އެއްކިބާ ވުމެވެ.

ޢިލްމުވެރިންގެ އިޞްޠިލާޙުގައި އިލްޙާދަކީ: ﷲ ތަޢާލާ ވުޖޫދުގައިވާކަން އިންކާރުކުރުމެވެ.

މުލްޙިދަކީ: ﷲ ތަޢާލާއަކީ ވުޖޫދުގައިވާ ފަރާތެއް ނޫންކަމަށް ބުނާ މީހުންނެވެ.

މުލްޙިދުން ބުނާ ގޮތުގައި މިކައުނު އުފެއްދެވި ފަރާތެއް ނުވެއެވެ. ކައުނު ވުޖޫދަށް އައީ އަމިއްލައަށެވެ. އަދި ކައުނު އުފެދިފައިވާ މާއްދާއަކީ އަބަދުމެ ވުޖޫދުގައިވާ އެއްޗެކެވެ. އަދި ކައުނަކީ އެއީ ޚާލިޤެވެ. އަދި އެއީ މަޚްލޫޤުވެސް މެއެވެ. އެހެންކަމުން އެބައިމީހުން ރަސޫލުބޭކަލުންނަށް ކާފިރުވެއެވެ. އަދި ދީންތަކާ ދެކޮޅު ހަދައެވެ.

ޖުމްލަގޮތެއްގައި ބަލާނަމަ އެބައިމީހުންގެ ދެ ބައެއް ވެއެވެ.
ފުރަތަމައީ: ﷲ ތަޢާލާ ވުޖޫދުގައިވާކަން ނަފީކުރާ މީހުން

ދެވަނައީ: “اللاأدرية” (ނޭނގެއޭ ބުނާމީހުން)، އެބަހީ: ޚާލިޤަކުވާކަމެއް ނުވަތަ ނުވާކަމެއް ނޭނގެއޭ ބުނާމީހުން

މި ދެބައިމީހުން ގުޅޭ ހިސާބަކީ ޚާލިޤަކުވާކަމަށް އީމާން ނުވާ ހިސާބުންނެވެ. އެއްބަޔަކު އީމާންނުވަނީ ޝައްކެއްގެ މަތީގައެވެ. އަނެއްބަޔަކު އީމާންނުވާކަމަށް ކަނޑައެޅިގެން ބުނެއެވެ.

ކަންހިނގާ ގޮތަށް ބަލާލުވުން ފެނިގެން ދަނީ އެމީހަކީ މުލްޙިދެއްކަމަށް އަމިއްލައަށް އިޢުލާނުކުރާ ގިނަ މީހުންނަކީ ޢިލްމީ ނަޒަރިއްޔާތަކަށް ބިނާކޮށްގެން އެކަންކުރާ ބައެއް ނޫނެވެ. އެހެނީ އެބައިމީހުން އެކަން ކުރަނީ އިލާހަކު ވުޖޫދުގައިވާކަމުގެ ދަލީލުތައް އެބައިމީހުންނަށް ކަމު ނުދާކަމުގައި ބުނެފައެވެ.

އެހެންކަމުން މިކަމާ ބެހޭގޮތުން ފަރަންސޭސި ފައިލުސޫފް މޮރިސް ބޮލޮންޑެލް (Maurice Blondel) ބުނެފައިވެއެވެ.

“‘މުލްޙިދު’ މި ކަލިމައިގެ ޙަޤީޤަތް ނިޔާކުރާފަދަ މުލްޙިދުންނެއް ނުވެއެވެ.”

= ނުނިމޭ =


އިލްޙާދު: ﷲ ތަޢާލާ ވޮޑިގެންވާކަން އިންކާރުކުރުމުގެ ފިކުރު – އެހެންބައިތައް