الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
އިޖުމާޢުގެ ތަޢުރީފު
ޢަރަބި ބަހުގައި الإِجْمَاعُ ގެ މާނައަކީ: عَزْم އެވެ. [އެބަހީ: ކަމަކަށް ޢަޒުމުކުރުމެވެ.] [1]
ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅު އައިސްފައިވަނީ އެމާނައިގައެވެ.
﴿ …فَأَجْمِعُوا أَمْرَكُمْ… ﴾ [سورة يونس ٧١]
މާނައީ: “ތިޔަބައިމީހުންގެ ކަންތަކާމެދު ޢަޒުމުކުރާށެވެ.”
އަދި الإِتِّفَاقُ ގެ މާނައިގަވެސް الإِجْمَاعُ ބޭނުންކުރެއެވެ. [އެބަހީ: ކަމަކަށް އިއްތިފާޤުވުމުގެ މާނައިގައެވެ.]
މިޘާލަކަށް ޢަރަބިން ބުނެއުޅެއެވެ.
أَجْمَعَ القَوْمُ عَلَى كَذَا.
މާނަ: މިވެނި ކަމެއްގެ މައްޗަށް އެމީހުން އިޖުމާޢުވެއްޖެއެވެ.
އެބަހީ: އެބައިމީހުން އެކަމުގެ މައްޗަށް އިއްތިފާޤު ވެއްޖެއެވެ.
އުޞޫލު ޢިލްމުވެރިންގެ އަރިހުގައި الإِجْمَاعُ ގެ ތައުރީފަކީ:
اتِّفَاُق مُجْتَهِدِيْ عَصْرٍ مِنَ العُصُوْرِ مِنْ أُمَّةِ مُحَمَّدٍ – صَلِّى اللهُ عَلَيْهِ وَسَلَّمَ – بَعْدَ وَفَاتِهِ عَلَى أَمْرٍ دِيْنِيْ.
މާނަ: ނަބިއްޔާ صلى الله عليه وسلم އަވަހާރަވުމަށްފަހު، އެކަލޭގެފާނުގެ އުންމަތުގެ މުޖުތަހިދު ޢިލްމުވެރިން، ޒަމާންތަކުގެ ތެރެއިން ކޮންމެވެސް ޒަމާނެއްގައި ދީނީކަމެއްގެ މައްޗަށް އިއްތިފާޤުވުމެވެ.
މިތަޢުރީފުގައި 5 ނުކުތާއެއް އެކުލެވިގެންވެއެވެ.
ފުރަތަމައީ: އިއްތިފާޤުވެވަޑައިގަންނަވާ ބޭކަލުންނަކީ އުންމަތުގެ ހުރިހާ މުޖުތަހިދު ޢިލްމުވެރިންކަމުގައިވުމެވެ. [2] ބައެއް މުޖުތަހިދުން އެއްބަސްވެގެން [އިޖުމާޢު] ޞައްޙައެއް ނުވާނެއެވެ. އަދި މުޖުތަހިދުން ނޫން އެހެން ބަޔަކު އިއްތިފާޤުވެގެންވެސް އިޖުމާޢު ޞައްޙައެއް ނުވާނެއެވެ. އެއީ ޢާންމުންނާއި އިޖުތިޙާދުގެ ޝަރުޠު ހަމަނުވާ މީހުންނެވެ.
ދެވަނައީ: މުޖުތަހިދުންގެ މުރާދަކީ އެވަޤުތު ތިއްބެވި ބޭކަލުންނެވެ. މަރުވެފައިވާ ބޭކަލުންނާއި އަދި އުފަންނުވާ ބޭކަލުންގެ ނުހިމެނޭނެއެވެ. ‘ ޒަމާންތަކުގެ ތެރެއިން ކޮންމެވެސް ޒަމާނެއްގައި” މުރާދަކީ މިއީއެވެ.
ތިންވަނައީ: އިޖުމާޢުވި މީހުންނަކީ މުސްލިމުންކަމުގައި ވުމަކީ ލާޒިމުކަމެކެވެ. މުސްލިމުން ނޫން އެހެން އުންމަތްތަކުގެ އިޖުމާޢު މީގައި ނުހިމެނޭނެއެވެ.
ހަތަރުވަނައީ: އިޖުމާޢު ޙުއްޖަތަކަށްވަނީ ނަބިއްޔާ صلى الله عليه وسلم އަވަހާރަވުމަށްފަހުއެވެ. އެކަލޭގެފާނުގެ ދުވަސްވަރުގައި އިޖުމާޢެއް ނުވެވޭނެއެވެ.
ފަސްވަނައީ: އިޖުމާޢުވެވުނު ކަމަކީ ދީނީ ކަމެއްކަމުގައި ވާންޖެހޭނެއެވެ. މިކަމުގެ ތެރެއަށް ދުނިޔެވީ ކަންކަމާއި ބުއްދީގެ ކަންކަމާއި އެފަދަ އެހެންކަންތައްތައްވެސް ނުވަންނާނެއެވެ.
=ނުނިމޭ=
_________________________________
[1] މިލިޔުމަކީ محمد بن حسين الجيزاني – حفظه الله – ލިޔުއްވާފައިވާ ފޮތެއްކަމުގައިވާ معالم أصول الفقه عند أهل السنة والجماعة ގެ، އިޖުމާޢު އާ ގުޅުންހުރި ބާބު އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ. ބައްލަވާ މިފޮތުގެ ص: 155 – 178 ، طبعة: دار ابن الجوزي
[2] މުޖުތަހިދު ޢީލްމުވެރިއެއްގެ ޝަރުޠުތަކުގެ ތަފްޞީލު: ލިންކު