ތިރީގައި މިބަޔާންކޮށްލަނީ ކުޑަކުދިންގެ ހިތްތަކުގައި ﷲ ތަޢާލާ އެއްކައުވަންތަކުރުން އަށަގެންނެވުމަށްޓަކައި ރަސޫލުﷲ صلى الله عليه و سلم ކުރެއްވި ބައެއްކަންކަމެވެ.
މިގޮތުން މާތް ނަބިއްޔާ صلى الله عليه و سلم އިބްނު ޢައްބާސް ރަޟިޔަﷲޢަންހުމާ އަށް ކުރެއްވި ވަޞިއްޔަތް ފާހަގަކުރެވެއެވެ. އޭރު އިބްނު ޢައްބާސް ރަޟިޔަﷲޢަންހުމާއަކީ ބާލިޣުވެވަޑައިނުގަންނަވާ ކުޑަކުއްޖެކެވެ. އެކަލޭގެފާނަށް ކުރެއްވި ވަޞިއްޔަތުގައި ޢާޤީދާގެ ކަންތައް ވަރަށްބޮޑަށް ހިމެނިފައިވެއެވެ. ޢަޤީދާގެ ކަލިމަ ތަކާއި އޭގެ މާނަތައް ހިމެނިގެންވެއެވެ. ތަޥްޙީދާއި އަދަބުތަކުގެ އަޞްލުތައް ހިމެނިގެންވެއެވެ.
عَنْ ابْنِ عَبَّاسٍ قَالَ : كُنْتُ خَلْفَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَوْمًا فَقَالَ : ( يَا غُلَامُ إِنِّي أُعَلِّمُكَ كَلِمَاتٍ احْفَظْ اللَّهَ يَحْفَظْكَ احْفَظْ اللَّهَ تَجِدْهُ تُجَاهَكَ ، إِذَا سَأَلْتَ فَاسْأَلْ اللَّهَ ، وَإِذَا اسْتَعَنْتَ فَاسْتَعِنْ بِاللَّهِ ، وَاعْلَمْ أَنَّ الْأُمَّةَ لَوْ اجْتَمَعَتْ عَلَى أَنْ يَنْفَعُوكَ بِشَيْءٍ لَمْ يَنْفَعُوكَ إِلَّا بِشَيْءٍ قَدْ كَتَبَهُ اللَّهُ لَكَ ، وَلَوْ اجْتَمَعُوا عَلَى أَنْ يَضُرُّوكَ بِشَيْءٍ لَمْ يَضُرُّوكَ إِلَّا بِشَيْءٍ قَدْ كَتَبَهُ اللَّهُ عَلَيْكَ رُفِعَتْ الْأَقْلَامُ وَجَفَّتْ الصُّحُفُ ) رواه الترمذي ( 2516 ) وصححه الألباني في ” صحيح الترمذي ” .
މާނައީ: އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާ ވިދާޅުވިއެވެ. އެއްދުވަހަކު މާތް ނަބިއްޔާ صلى الله عليه و سلم ގެ ފަހަތްޕުޅުގައި ތިމަންކަލޭގެފާނު ވީމެވެ. ފަހެ އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ދަރިފުޅާއެވެ! ތިމަންކަލޭގެފާނު ދަރިފުޅަށް ބަސްތަކެއް ދަސްކޮށެދެއްވާހުށީމެވެ. ދަރިފުޅު ﷲ އަށް ރައްކާތެރިވާށެވެ. ( އެބަހީ އެއިލާހުގެ އަމުރުފުޅުތަކަށް ކިޔަމަންވެ ނަހީތަކުން ދުރުހެލިވާށެވެ. ) އޭރުން ﷲ ތިބާ ރައްކަތެރިކުރައްވާނެއެވެ. ( އެބަހީ އޭނާގެ ދީނާއި އޭނާގެ ދުނިޔެވީ ދިރއުޅުމާއި ހަށިގަނޑުވެސްމެވެ. ) އޭރުން ތިބާގެ ކުރިމަތީގައި ﷲ ވާފަދައެވެ. ( އެބަހީ އަބަދުވެސް އެދޭ އެދުމެއް ފުއްދަވައިދެއްވާނެއެވެ. ) ތިބާ ކަމަކަށް އެދޭނަމަ ﷲ ގެ ހަޟުރަތުން އެދޭށެވެ. އަދި ތިބާ މަދަދާއި ވާތްގަށް އެދޭނަމަ ﷲ ގެ ހަޟުރަތުން މަދަދާއި ވާތްގަށް އެދޭށެވެ. އަދި ތިބާ ދަންނާށެވެ. މުޅި އުއްމަތް އެއްވެގެން ތިބާއަށް މަންފާއެއް ހޯދައިދޭން މަސައްކަތްކުރިޔަސް ﷲ ތިބާޔަށްޓަކައި ލިޔުއްވާފައިވާ ކަމެއްމެނުވީ ތިބާޔަކަށް ނުލިބޭނެއެވެ. އަދި އެ އެންމެން އެއްވެގެން ތިބާޔަށް ގެއްލުމެއްދޭން މަސައްކަތްކުރިޔަސް ﷲ ތިބާގެމައްޗަށް ލިޔުއްވާފައިނުވާ ގެއްލުމެއް އެބައިމީހުންނަކަށް ނުދެވޭނެއެވެ. ﷲ ތަޢާލާ ( ލަޥްޙުލް މަޙްފޫޡުގައި ) ލިޔުއްވި ލިޔުއްވުން ނިމި ގަލަން އުފުލިއްޖެއެވެ. އަދި ޞަފްޙާތައް ހިކިއްޖެއެވެ. ( އެބަހީ އެއިލާހުގެ ނިންމެވުމަކަށް ބަދަލެއްނާންނެއެވެ. )
وفي رواية غير الترمذي: ” احفظ الله تجده أمامك، تعرّف إلى الله في الرخاء يعرفك في الشدة، واعلم أن ما أخطأك لم يكن ليصيبك، وما أصابك لم يكن ليخطئك، واعلم أن النصر مع الصبر، وأن الفرج مع الكرب، وأن مع العسر يسراً “.
މާނައީ: އަދި ( ތިރްމިޒީގެ ރިވާޔަތްނޫން ) އެހެން ރިވާޔަތެއްގައި އައިސްފައިވެއެވެ. ” ތިބާ ﷲ އަށް ރައްކާތެރިވާށެވެ. އޭރުން ﷲ ތިބާގެ ކުރިމަތީގައި ވާފަދައެވެ. އަދި ތިބާ ހެޔޮޙާލުގައި ފުރިހަމަ ޞިއްޙަތުގައިވާއިރު ﷲ ގެ ޙައްޤުތައް އަދާކުރާށެވެ. އޭރުން ތިބާ ދަތިޙާލުގައި ބަލިޙާލުގައި އޮންނައިރު ﷲ އެކަން ދެނެވޮޑިގެންވާނެއެވެ. އަދި ތިބާއަށް ދިމާވާ ކަންތައްތައް ތިބާއަކަށް ދުރުކޮށްނުލެވޭނެއެވެ. އަދި ތިބާއަށް ނުލިބި އޮތްކަމެއް ތިބާއަށް ހޯދައިވެސް ނުގަނެވޭނެއެވެ. ( އެބަހީ ކޮންމެ ކަމެއްވެސް ވަނީ ﷲ ތަޢާލާ ޤަރަދުކުރައްވައި ނިންމަވާފައެވެ. އެކަލާނގެ ޤަދަރުފުޅުގައިވާ ގޮތުގެ މަތިން ހުރިހާކަމެއްވެސްވާނެއެވެ. އެޔަކަށް ބަދަލެއް ނާންނާނެއެވެ. ) އަދި ނަޞްރުލިބުން ވަނީ ކެތްތެރިވުމާއެކީގައިކަން ދަންނާށެވެ. އަދި ސަލާމަތްވުން ވަނީ ދަތިއުނދަގުލަށްފަހުގައިކަން ދަންނާށެވެ. އަދި ހަމަކަށްވަރުން ދަތިކަމަކަށް ފަހު ލުއިފަސޭހަކަންއާދެއެވެ. “
ފަހެ މި ޙަދީޘްފުޅާއިމެދު ބަލައި ވިސްނައިފި ބޭފުޅަކަށް މިޙަދީޘްގެ ބައެއް ޖުމްލަތަކުގައި ފާޅުވަނިވިގޮތުގައި ހެޔޮކަންތައް ލިޔެވިގެންވާތީ ފެންނާނެއެވެ. އަދި އޭގެ ބައެއް ޖުމަލްތަކުގައި ވާގޮތަށް ޢަމަލުކުރުމުން ހެޔޮކަން ލާޒިމްވެގެން އަންނަ ފަދަ ޖުމްލަތަކެއްވެސް އެބަހުއްޓެވެ. އަދި ހެޔޮކަންތަކުގެ މައްޗަށް އެކުލެވިގެންވާ ޖުމްލަތައްވެސް އެބަހުއްޓެވެ. ފަހެ މި ޙަދީޘްގައި ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ބޯލަނބައި ކިޔަމަންވުމަށް އަންގަވާފައިވެއެވެ. އަދި އެއިލާހު ނަހީކުރެއްވިކަންތައްތަކުން ދުރުހެލިވުމަށް އަންގަވާފައިވެއެވެ. އަދި މިކަންތަކަށް ރައްކާތެރިވެއްޖެ މީހަކު ﷲ ތަޢާލާ ރައްކާތެރިކޮށްދެއްވާނެކަންވެސް އަންގަވާފައިވެއެވެ. ﷲ ތަޢާލާ އެއިލާހުގެ އަޅުން ރައްކާތެރިކުރެއްވުމުގައި އެއަޅުންނަށް ހިދާޔަތުދެއްކެވުމާއި ދުނިޔެއާއި އާޚިރަތުގައި ހެޔޮލިބޭނެ ކަންކަމަށް އެއަޅުންނަށް މަގުދެއްކެވުން ހިމެނެއެވެ.
މާތް ނަބިއްޔާ صلى الله عليه و سلم ދެން މިހަދީޘްގައި ވަޞިއްޔަތްކުރައްވާފައިވަނީ ކަންކަމަށް އެދޭއިރާއި މަދަދާއި ވާތްގަށް އެދޭއިރު ﷲ ތަޢާލާގެ ޙަޟުރަތުން އެކަނި އެދުމަށެވެ. އަދި އެއަށްފަހު ކަންތައްތަކުގެ ޤަދަރުވަނީ ކަނޑައެޅުއްވިގެންކަން އިބްނު ޢައްބާސް ރަޟިޔަﷲޢަންހުމާގެ ހިތްޕުޅުގައި ބިންވަޅުނެންގެވިއެވެ. މިގޮތުން އެއްވެސް ހެވެއް އަދި ގެއްލުމެއްވެސް ލިބޭނީ ﷲ ތަޢާލާ އެކަމަކަށް އިރާދަކުރެއްވީމާ ކަން ބަޔާންކޮށްދެއްވިއެވެ. އަދި އެންމެހާ މަޚްލޫޤާތްތައް ކަމެއްކޮށްދޭން އުޅުނަސް ﷲ ތަޢާލާ ނުލިޔުއްވާ ކަމެއް ކޮށްނުދެވޭނޭކަން ބަޔާންކުރެއްވިއެވެ.
އަދި މިޙަދީޘްއިން އެނގޭގޮތުގައި ހެޔޮޙާލުގައިވާއިރު ﷲ ތަޢާލާއަށް ކިޔަމަންވުމުގައި ދެމިހުންނަމީހާއަށް ނިކަމެތި ދަތިއުނދަގޫކަމެއް އައިސްޖެހޭވަގުތު އޭނާއަށް އެހީވުމަށްޓަކައި ﷲ ތަޢާލާ ވޮޑިގެންވާނެއެވެ. އަދި ކެއްތެރިވާމީހަކަށް ނަޞްރު ލިބޭނެކަން ބަޔާންވެގެންވެއެވެ. އަދި ދަތި އުނދަގޫތަކުގެ ނިމުން ވަނީ ސަލާމަތްވާނެގޮތެއް ފެނުމުގައިކަން ބަޔާންކުރައްވާފައިވެއެވެ. އަދި އުނދަގުލާއިއެކީ ފަސޭހަކަންވެސް އަންނަކަން ބަޔާންކުރައްވާފައިވެއެވެ.
= ނުނިމޭ =
ލިޔުމުގެ އެހެންބައިތައް ވިދާޅުވުމަށް