الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
މިބަރަކާތްތެރި މަދީނާގެ މާތްކަން ބަޔާންކޮށްދޭ އަނެއްކަމަކީ:
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް މިބިމަށް ޠައިބާ އަދި ޠާބާ، މިދެނަމުން ނަންދެއްވިކަމެވެ. އަދި ކިއެއްހެއްޔެވެ. ހަމަކަށަވަރުން ﷲ ތަޢާލާ މަދީނާއަށް ޠާބާ މިނަންދެއްވިކަމަށް ޘާބިތުވާ ޙަދީޘެއް ޞަޙީޙް މުސްލިމްގައިވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ.
((إِنَّ اللهَ سَمَّى المَدِينَةَ طَابَة))
މާނައީ:” ހަމަކަށަވަރުން ﷲސުބުޙާނަހޫ ވަތަޢާލާ މަދީނާއަށް ޠާބާ މިނަމުން ނަން ދެއްވިއެވެ.”
ޠާބާ އަދި ޠައިބާ މިދެލަފްޒު ވެެސް ނެގިފައިވަނީ الطيب މިލަފްޒުންނެވެ. މާނައަކީ ރަނގަޅު ނުވަތަ ފުރިހަމަކަމެވެ. ފަހެ އެދެ ނަމަކީވެސް ރަނގަޅު ދެނަމެވެ. ނިސްބަތްކުރެވެނީވެސް ރަނގަޅު ނުވަތަ ފުރިހަމަ ބިމަކަށެވެ.
މިބިމުގެ އަނެއް މާތްކަމަކީ އީމާންކަން އެތަނަށް ރުޖޫޢަވުމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް ޙަދީޘްކުރައްވާފައިވާ ފަދައިންނެވެ.
((إِنَّ الْإِيمَانَ لَيَأْرِزُ إِلَى الْمَدِينَةِ كَمَا تَأْرِزُ الْحَيَّةُ إِلَى جُحْرِهَا)) رواه البخارى ومسلم
މާނައީ :”ހަރުފަ އޭތީގެ ހަރަށް އެނބުރި އަންނަފަދައިން އީމާންކަން އެނބުރި މަދީނާއަށް އަންނާނެއެވެ.”
މީގެ މާނައަކީ އީމާންކަމުގެ އަހުލުވެރިން މިބިމަށް ޤަސްދުކޮށް އައިސް ވަޒަންވެރިވެވުމެވެ. މިކަން މެދުވެރިވުމުގެ ސަބަބަކީ ﷲ ތަޢާލާ ޙުރުމަތްތެރިކުރެއްވި މިމބަރަކާތްތެރި ބިމަށްވާ ލޯބީގެ ސަބަބުންނެވެ. އަދި އެބައިމީހުންގެ އީމާންތެރިކަމުގެ ސަބަބުންނެވެ.
މަދީނާގެ މާތްކަން ބަޔާންކޮށްދޭ އަނެއްކަމަކީ:
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް މަދީނާއަކީ ރަށްތައް ކާ ރަށުގެ ގޮތުގައި ސިފަކުރައްވާފައިވުމީ މިބިމުގެ މާތްކަން ދޭހަކޮށްދޭ ކަމެކެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވެއެވެ.
((أُمِرْتُ بِقَرْيَةٍ تَأْكُلُ الْقُرَى يَقُولُونَ يَثْرِبُ وَهِيَ الْمَدِينَةُ …)) رواه البخارى ومسلم
މާނައީ: “ތިމަންކަލޭގެފާނަށް ރަށްތައް ކާ ރަށަކަށް (ހިޖުރަކުރުމަށް) އަމުރުވެވުނެވެ. އެތަނަށް ޔަޘްރިބޭ ކިޔެއެވެ. އެއީ މަދީނާއެވެ.”
އެބަހީ: ރަށްތައްކާ މިރަށަށް ހިޖުރަކުރުމަށް އަމުރުވެވުނެވެ.
ޙަދީޘްގައި މިވާ “تأكل القرى”،”ރަށްތައް ކާރަށް” މިލަފްޒުގެ ޝަރަޙާގައިނަޞްރު ލިބޭ ރަށް ކަމުގައި ޝަރަޙަ ކުރެވިފައިވެއެވެ. އަދި އެހެން ރަށްތަކުގެ މައްޗަށް އެރަށަށް ނަޞްރުލިބޭނެއެވެ.
އަދިﷲ ގެ މަގުގައި ޖިހާދު ކުރުމުން އެއްކުރެވޭ ޣަނީމާ މުދާ އެތަނަކަށް ގެނެވޭނެކަމުގައިވެސް ބައެއް ބޭކަލުން ޝަރަޙަކުރައްވައެވެ.
މިދެކަންތައްވެސް ވަނީ ހިނގާފައެވެ. ފަހެ މިމަދީނާވަނީ އެހެން ރަށްތަކުގެ މައްޗަށް ގަދަވެގެންފައެވެ. އެހެނީ އެބިމުން އުފެދުނު ހިދާޔަތުގެ މަގަށް ގޮވައިލާ ދާޢީންގެ ސަބަބުންނެވެ. އަދި އެތައް ބިމެއް އެބަޔަކަށް ﷲ ތަޢާލާ ފަތަޙަކޮށްދެއްވި ހަނގުރާމަވެރިންގެ ސަބަބުންނެވެ. ﷲ ތަޢާލާ އިޛުނަފުޅާއެކު އެބައިމީހުންގެ ސަބަބުން އަނދިރިކަމުން އަލިކަމަށް މީސްތަކުން ނެރުއްވިއެވެ. ފަހެ މީސްތަކުން ﷲ ތަޢާލާ ގެދީނަށް ވަނެވެ. އަދި ބިމުގެ އަހުލުވެރިންނަށް ޙާޞިލުވެގެންދިޔަ ހުރިހާ ހެވެއް ނުކުމެގެންއައީ މިބަރަކާތްތެރި މަދީނާއިންނެވެ. ރަސޫލުﷲ ޞައްލަަﷲ ޢަލައިހި ވަސައްލަމްގެ މަދީނާއިންނެވެ.
ފަހެ އެބިން އެހެން ރަށްތައް ކާކަން ތެދުވެފައިވަނީ އެބިމަށްވަނީ އެހެން ރަށްތަކުގެ މައްޗަށް ނަޞްރު ލިބިފައެވެ. އެއީ ފުރަތަމަ ޖީލުތަކުގައި އެކަން ޙާޞިލްވެފައިވާ ފަދައިންނެވެ. އެއީ ރަސޫލުﷲ ޞައްލަަﷲ ޢަލައިހި ވަސައްލަމްގެ އަޞްޙާބު ބޭކަލުންނާއި ހަތަރު ޚަލީފާ އިންގެ ދުވަސްވަރުއެވެ. -رضي الله عنهم وأرضاهم- އަދި ހަމައެފަދައިން އެތަނަށް ޣަނީމާ މުދާތައް ގެނައުންވެސް ވަނީ ޙާޞިލްވެފައެވެ.
ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމް ވަނީ ކިސްރާއާއި ޤައިޞަރުގެ ކަންޒުތައް ﷲ ތަޢާލާގެ މަގުގައި ހޭދަކުރެވޭނެކަމަށް ޙަދީޘްކުރައްވާފައެވެ. މިކަންތައް ވަނީ އަލްފާރޫޤް ޢުމަރުބުނުލް ޚައްތާބުގެ ޚަލީފާ ކަމުގައި ހިނގާފައެވެ. އެކަންޒުތައް މަދީނާއަށް ގެނެވިފައެވެ. އަދި އެކަލޭގެފާނު އެ މުދާތައް ބެއްސެވިއެވެ. -رضي الله تعالى عنه وأرضاه-
=ނުނިމޭ=