[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މަދީނާގެ މާތްކަން (އަދި އެތާގައި ދިރިއުޅުމާއި އެތަނަށް ޒިޔާރަތްކުރުމުގެ އަދަބުތައް)8

medina

މި ބަރަކާތްތެރި މިސްކިތާ ބެހޭގޮތުން ފާހަގަކޮށްލަންޖެހޭ މުހިންމު ނުކުތާތަކެއް:

ފުރަތަމައީ:

ނަމާދުގެ ޘަވާބު ގިނަވެ އިތުރުވެގެން ދާނެކަމަށް އައިސްފައިވަނީ ހަމައެކަނި ފަރުޟުނަމާދުތަކެއްނޫނެވެ. ނުވަތަ ސުންނަތްނަމާދު އެކަންޏެއްވެސް ނޫނެވެ. ނަމަވެސް ފަރުޟުނަމާދުތަކާއި އަދި ސުންނަތް ނަމާދުތަކަށްވެސްމެއެވެ. ހަދީޘްގައި އައިސްފައިވަނީ ” صلاة” މި ލަފްޒެވެ. މިލަފްޒު ސުންނަތްނަމާދު އަދި ފަރުޟުނަމާދަށްވެސް ނިސްބަތްވެއެވެ. އެހެންކަމުން ކޮންމެ ފަރުޟުނަމާދެއް އެއްހާސް ފަރުޟުނަމާދަށް ވުރެ ހެޔޮކަން ބޮޑެވެ. އަދި ކޮންމެ ސުންނަތްނަމާދެއް އެއްހާސް ސުންނަތްނަމާދަށްވުރެ ހެޔޮކަން ބޮޑެވެ.

ދެވަނައީ:

ހަދީޘްގައި ވާރިދުވެފައިފާ ޘަވާބު ގިނަގުނައަށް އިތުރުވުން ޚާއްޞަވެގެންވަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމްގެ ޒަމާނުގައި އެމިސްކިތްހުރި ބިންކޮޅުގައި އެކަންޏެއްނޫނެވެ. އެމިސްކިތައް އިތުރުކުރެވިފައިވާ ކޮންމެ ބައެއްވެސް އޭގެތެރޭގައި(އެބަހީ:ޘަވާބާއި ދަރުމައިގެތެރޭގައި) ހިމެނެއެވެ. މިކަމަށް ދަލީލު ލިބޭކަމަކީ ޚުލަފާއުއްރާޝިދީންގެ ތެރެއިން ދެ ބޭކަލުންކަމުގައިވާ ޢުމަރު ބުނުލް ޚައްތާބާއި ޢުޘްމާން ބިން ޢައްފާން رضى الله عنهما ވަނީ މިސްކިތުގެ ޤިބްލައާވީފަރާތް ބޮޑުކުރައްވާފައެވެ. ފާޅުކޮށް އެނގެން އޮތްކަމަކީ [މިހާރު] އިމާމުމީހާ ހުންނަތަނާއި އަދި އިމާމުމީހާއާ ވިދިގެންއޮންނަ ސަފުތަކަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައިހުރި މިސްކިތްކޮޅަށްވުރެ ބޭރަށް އޮތްބައެކެވެ. މިސްކިތަށް އިތުރުކުރެވޭބަޔަކީވެސް މިސްކިތުގެ ތެރެއިން ހިމެނޭ މިސްކިތުގެ ޙުކުމް ނުހިނގާނެބައެއްކަމުގައިވާނަމަ އެދެޚަލީފާއިން މިސްކިތް އެދިމާލުން ބޮޑުނުކުރެއްވީހެވެ. އަދި މިސްކިތް ބޮޑު ކުރެވުނު އިރު އެތައް ޞަޙާބީންނެއް ދުނިޔޭގައި ތިއްބެވިއެވެ. އެއިން އެއްވެސް ބޭކަލަކު އެކަމާ ރުހިވަޑައިނުގެން އެއްޗެއް ވިދާޅުވެފައެއްނުވެއެވެ. މިއީ ޘަވާބު ގުނަގުނަވެ އިތުރުވުން ވަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމްގެ ޒަމާނުގައި މިސްކިތް ހުރިބިންކޮޅަށް އެކަނި ނޫންކަން ދޭހަކޮށްދޭ ކަމެކެވެ.

ތިންވަނައީ:

މިމިސްކިތުގައި ސުވަރުގޭގެ ބަގީޗާތަކުން ބަގީޗާއެއްކަމުގައި، ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް  ސިފަކުރައްވާފައިވާ  ސަރަޙައްދެއް ވެއެވެ. އެޙަދީޘްގައި ޙަދީޘްކުރައްވާފފައިވަނީ:

((مَا بَيْنَ بَيْتِي وَمِنْبَرِي رَوْضَةٌ مِنْ رِيَاضِ الجَنَّةِ))  رواه البخارى و مسلم

މާނައީ : “ތިމަންކަލޭގެފާނުގެ ގެކޮޅާއި ތިމަންކަލޭގެފާނުގެ މިންބަރުކޮޅާއި ދެމެދުގައިވާ ތަނަކީ ސުވަރުގޭގެ ބަގީޗާތަކުން ބަގީޗާއެކެވެ.”

އެސަރަޙައްދު މިގޮތަށް ސިފަކުރައްވާފައި ވުމީ މިސްކިތުގެ އެހެން ހިސާބުތަކަށްވުރެ އެތަން މާތްކުރެވިގެންވާކަމާއި ފާހަގަކުރެވިގެންވާކަމުގެ ދަލީލެކެވެ. އެތަނުގައި ސުންނަތް ނަމާދުތައް އަދާކުރުން ހުށްޓެވެ. ހަމަ މިފަދައިން އެތަނުގައި  ﷲތަޢާލާ ޛިކުރުކުރުމާއި ޤުރުއާން  ކިޔެވުން ހުށްޓެވެ. އެއީ އެއްވެސް މީހަކަށް ގެއްލުމެއްނުދީ އެތަނުގައި އެކަންކުރެވޭނަމައެވެ. އަދި އެތަނަށް ދިޔުމުގައިވެސްމެއެވެ.

ފަރުޟުނަމާދުތައްކުރުމާމެދު ދަންނައެވެ. އެންމެ ރަނގަޅީ މިސްކިތުގެ ކުރީ ސަފުތަކުގައި ކުރުމެވެ. އެހެނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް ޙަދީޘް ކުރައްވާފައިވަނީ :

((خَيْرُ صُفُوفِ الرِّجَالِ أَوَّلُهَا، وَشَرُّهَا آخِرُهَا))  رواه مسلم

މާނައީ:”ފިރިހެނުންގެ ސަފުތަކުގެ ތެރެއިން އެންމެ ހެޔޮކަންބޮޑީ ކުރީ ސަފުތަކެވެ. އަދި އެންމެ ނުބައިކަން ބޮޑީ ފަހަތު ސަފުތަކެވެ.”

އަދިވެސް ޙަދީޘްކުރައްވާފައި ވެއެވެ.

((لَوْ يَعْلَمُ النَّاسُ مَا فِي النِّدَاءِ وَالصَّفِّ الْأَوَّلِ، ثُمَّ لَمْ يَجِدُوا إِلاَّ أَنْ يَسْتَهِمُوا عَلَيْهِ ، لاَسْتَهَمُوا عَلَيْهِ )) رواه البخارى ومسلم

މާނައީ:”މީސްތަކުންނަށް ބަންގި ގޮވުމާއި، ފުރަތަމަ ސަފުގެ މާތްކަން އެނގޭނަމަ (އެކަންކުރުމަށްޓަކައި) އެބައިމީހުންގެ މެދުގައި ގުރުއަތުލުން ފިޔަވާ އެހެންގޮތެއް ނެތްނަމަ ގުރުއަތުލައިގެންވެސް އެކަންތައް ކުރީހެވެ.”

ހަތަރުވަނައީ:

މަސްޖިދުއްނަބަވީ ފުރިފައިވަނިކޮށް، މިސްކިތަށް ލަހުން އާދެވިއްޖެމީހާ މިސްކިތުގެ ބޭރުގައި މިސްކިތުގެ ޤިބްލައާވީފަރާތް ނޫން އަނެއް ތިންފަރާތުގެ މަގުމަތީގައި ނަމާދުކުރުން ހުށްޓެވެ. އެފަދަމީހަކަށް ޖަމާޢަތުގެ ނަމާދުގެ ޘަވާބުވާނެއެވެ. ނަމަވެސް ޙަދީޘްގައި އެވާ އެއްހާސް ނަމާދަށްވުރެ ގިނަނަމާދުގެ މިންވަރަށް ޘަވާބު ގުނަވެގެން ދިޔުން އޭނާއަކަށް ނުވެއެވެ. އެހެނީ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމް ޙަދީޘް ކުރައްވާފައިވަނީ:

((صَلاَةٌ فِي مَسْجِدِي هذَا، خَيْرٌ مِنْ أَلْفِ صَلاَةٍ فِيمَا سِوَاهُ. إِلاَّ الْمَسْجِدَ الْحَرَامَ)) رواه البخاري ومسلم

މާނައީ:”ތިމަންކަލޭގެފާނުގެ މިސްކިތްކޮޅުގައި(މަސްޖިދުއްނަބަވީގައި) ކުރާނަމާދު އެހެން މިސްކިތްތަކުގައި ކުރާ އެއްހާސްނަމާދަށްވުރެ ހެޔޮކަންބޮޑު ވެގެން ވެއެވެ. މަސްޖިދުލް ޙަރާމްގައި ކުރާނަމާދު ފިޔަވައެވެ.”

މިސްކިތުންބޭރުގައި (މަގުމަތީގައި) ނަމާދުކުރާ މީހާ ނަމާދު ކުރަނީ އެކަލޭގެފާނުގެ މިސްކިތްކޮޅަކުއެއް ނޫނެވެ. އެހެންކަމުން ޙަދީޘްގައި އެވާ ދަރުމަ އޭނާއަކަށް އެޙާލަތުގައެއް ޙާޞިލެއްނުވާނެއެވެ.

ފަސްވަނައީ:

މަދީނާ އަށް ޒިޔާރަތްކުރާ މީހުންގެ މެދުގައި ފެތުރިފައިވާކަމެއް ވެއެވެ. އެއީ މަދީނާއަށް ޒިޔާރަތްކުރާ ކޮންމެ މީހަކު ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމް ގެ މިސްކިތްކޮޅުގައި ސާޅީސް ނަމާދު ކުރުމެވެ. އެބައިމީހުންގެ ދަލީލަކީ މުސްނަދު އިމާމް އަޙްމަދުގައި އަނަސް رضى الله عنه ގެކިބައިން ރިވާވެގެން އައިސްފައިވާ  ޙަދީޘެކެވެ. ހަމަކަށަވަރުން ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމް ޙަދީޘްކުރެއްވިކަމުގައި އެކަލޭގެފާނު ރިވާކުރެއްވިއެވެ.

((مَنْ صَلَّى فِي مَسْجِدِي أَرْبَعِينَ صَلَاةً، لَا يَفُوتُهُ صَلَاةٌ، كُتِبَتْ لَهُ بَرَاءَةٌ مِنَ النَّارِ، وَنَجَاةٌ مِنَ الْعَذَابِ، وَبَرِئَ مِنَ النِّفَاقِ))

މާނައީ: “އެއްވެސް ނަމާދެއް ދޫކުރުމެއްނެތި ސާޅީސް ނަމާދު ތިމަންކަލޭގެފާނުގެ މިމިސްކިތްކޮޅުގައި ކޮށްފި މީހާގެމައްޗަށް ނަރަކައިން ސަލާމަތްވުމާއި ޢަޛާބުން ނަޖާވުން ލިޔެވިގެންދެއެވެ. އަދި ނިފާޤުކަމުން އޭނާ ބަރީއަވެގެން ވެއެވެ. “

މިއީ ޟަޢީފް(ބަލިކަށި) ޙަދީޘްއެކެވެ. މިޙަދީޘުން ޙުއްޖަތެއް ނުނެގޭނެއެވެ. އަދި ކިއެއް ހެއްޔެވެ. އެއީ ވަރަށް ތަނަވަސްކަން އޮތް ކަމެކެވެ. މަދީނާއަށް އަންނަ ކޮންމެ މީހަކަށް ވަކިނަމާދުތަކެއްކުރުމެއް ނުވެއެވެ. އަދިކިއެއްތަ އޭނާ މަސްޖިދުއްނަބަވީގައި ކުރާ ކޮންމެ ނަމާދަކީ އެއްހާސްނަމާދަށްވުރެ ހެޔޮކަންބޮޑުވެގެންވާ ނަމާދެކެވެ. އެކަމުގައި ވަކި ޢަދަދެއް ނުވަތަ ނަމާދުތަކެއް ކަނޑައެޅުމެއް ނުވެއެވެ.

ހަވަނައީ:

 ވަރަށް ގިނަ އިސްލާމީ ރަށްތަކުގައި ކުރިމަތިވެފައިވާ މުޞީބާތެއްވެއެވެ. އެއީ ޤަބުރުތަކުގެ މަތީގައި މިސްކިތް ބިނާކުރުމެވެ. ނުވަތަ މިސްކިތުގެ ތެރޭގައި މީހުން ވަޅުލުމެވެ.

ގޮތްދޫނުކުރާ ބައެއްމީހުން، އެއީ ހުއްދަކަމެއްކަމުގައި ދެއްކުމަށްޓަކައި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމްގެ ޤަބުރުފުޅު އެކަލޭގެފާނުގެ މިސްކިތްކޮޅުގައިވުމުން ދަލީލުނަގައެވެ. މިޝުބުހައަށް ރައްދު ދިނުމުގެ ގޮތުން ދަންނަވާލަން އޮތީ :

ރަސޫލުﷲ ޞައްލަﷲ ޢަލަހިވަސައްލަމް އެކަލޭގެފާނުގެ މިސްކިތްކޮޅު ބިނާކުރައްވާ އެތަނުގެ ކައިރީގި އެކަލޭގެފާނުގެ އަނބިއަނބިކަނބަލުން ތިއްބަވާނެ ގެކޮޅު ބިނާކުރެއްވިއެވެ. އޭގެތެރޭގައި އެކަލޭގެފާނު ފަސްދާނުލެވިފައިވާ ތަންކަމުގައިވާ ޢާއިޝާ رضى الله عنها ގެ ގެކޮޅުވެސް ހިމެނިގެންވެއެވެ. އެގޮތުގައި މިގެކޮޅުތައް މިސްކިތްކޮޅުން ބޭރުގައި އަލްޚުލަފާއުއްރާޝިދޫންގެ ދުވަސްވަރާއި މުޢާވިޔާ رضى الله عنه ގެ (ޚަލީފާކަމުގެ) ދުވަސްވަރާއި އަދި އެކަލޭގެފާނަށްފަހު ވަޑައިގެން ޚަލީފާިއންގެ ދުވަސްވަރުވެސް އޮތެވެ.

ބަނީ އުމައްޔާގެ ޚަލީފާކަމުގެ ދުވަސްވަރުގައި މަސްޖިދުއް ނަބަވީ ބޮޑުކުރެވުނެވެ. އެބޮޑުކުރި ކުރުމުގައި ޢާއިޝާ رضى الله عنها ގެ ގެކޮޅުވެސް ވަނީ މިސްކިތަށް އިތުރުވި ބައިގެތެރޭގައި ހިމެނިފައެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމްގެ އަރިހުން، ޤަބުރު ހުންނަ ތަންތަން މިސްކިތްގޮތުގައި ހެދުމުގެ ޙަރާމްކަމާ ބެހޭގޮތުން މުޙްކަމް ޙަދީޘްތައް އައިސްފައިވެއެވެ. އެއީ މަންސޫޚުވާނޭ ޙަދީޘްތަކެއް ނޫނެވެ. އޭގެތެރެއިން ޖުންދުބް ބުން ޢަބްދުﷲ އަލްބަޖަލީ رضى الله عنه ރިވާކުރައްވާފައިވާ ޙަދީޘްވެއެވެ. އެކަލޭގެފާނު (އެބަހީ ޖުންދުބް) ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް އަވަހާރަވުމުގެ ފަސްރޭކުރިން އެކަލޭގެފާނު ޙަދީޘްކުރެއްވި އަޑުއެއްސެވީމެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

((إِنِّي أَبْرَأُ إِلَى اللهِ أَنْ يَكُونَ لِي مِنْكُمْ خَلِيلٌ، فَإِنَّ اللهِ تَعَالَى قَدِ اتَّخَذَنِي خَلِيلًا، كَمَا اتَّخَذَ إِبْرَاهِيمَ خَلِيلًا، وَلَوْ كُنْتُ مُتَّخِذًا مِنْ أُمَّتِي خَلِيلًا لَاتَّخَذْتُ أَبَا بَكْرٍ خَلِيلًا، أَلَا وَإِنَّ مَنْ كَانَ قَبْلَكُمْ كَانُوا يَتَّخِذُونَ قُبُورَ أَنْبِيَائِهِمْ وَصَالِحِيهِمْ مَسَاجِدَ، أَلَا فَلَا تَتَّخِذُوا الْقُبُورَ مَسَاجِدَ، إِنِّي أَنْهَاكُمْ عَنْ ذَلِكَ)) رواه مسلم فى صحيحه

މާނައީ : ” ތިޔަބޭކަލުންކުރެ ބޭކަލަކު ތިމަން ކަލޭގެފާނުގެ ޚަލީލަކުކަމުގައިވުމުން، ތިމަން ކަލޭގެފާނު ﷲގެ ޙަޟްރަތުގައި ބަރީއަވަމެވެ. ފަހެ ހަމަކަށަވަރުން ﷲ ތަޢާލާ، ތިމަންކަލޭގެފާނު އެއިލާހުގެ ޚަލީލެއްގެ ގޮތުގައި ލައްވައިފިއެވެ. އެއީ އިބްރާހީމުގެފާނު ޚަލީލެއްގެ ގޮތުގައި ލެއްވި ފަދައިންނެވެ. ތިމަންކަލޭގެފާނުގެ އުންމަތުން ޚަލީލަކު (ގާތް އެކުވެރިޔަކު) އިޚްތިޔާރުކުރައްވާނަމަ ތިމަންކަލޭގެފާނު އިޚްތިޔާރު ކުރައްވާނީ އަބޫބަކުރެވެ. ދަންނާށެވެ! ތިޔަބައިމީހުންގެ ކުރީގެ އުންމަތްތަކުގެ މީހުން އެބައިމީހުންގެ ނަބިއްޔުންނާއި ޞާލިޙް އަޅުވެރިންގެ ޤަބުރުތައް މިސްކިތެއްގެ ގޮތުގައި ހެދިއެވެ. ފަހެ ތިޔަބައިމީހުން ޤަބުރުތައް އެއީ މިސްކިތް ކަމުގައި ނަހަދާށެވެ. ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް އެކަންތައް ނަހީ ކުރަމެވެ.”

އަދި ކިއެއްތޯއެވެ. އެކަލޭގެފާނުގެ އެންމެ ފަހު ހިނދުކޮޅުގައިވެސް ޤަބުރުމަތީގައި މިސްކިތްބިނާކުރުމުން ރައްކާތެރިވުމަށް އިންޛާރުދެއްވިއެވެ. ޞަޙީހުލް ބުޚާރީ އަދި މުސްލިމްގައި ޢާއިޝާ رضى الله عنها އާއި އިބްނު ޢައްބާސް رضى الله عنه ގެކިބައިން ރިވާވެގެން ވެއެވެ.

((لَمَّا نزَلَ بِرَسُولِ اللَّهِ  طَفِقَ يَطْرَحُ خَمِيصَةً لَهُ عَلَى وَجْهِهِ، فَإِذَا اغْتَمَّ كَشَفَهَا عَنْ وَجْهِهِ، فَقَالَ وَهُوَ كَذَلِكَ: «لَعْنَةُ اللَّهِ عَلَى اليَهُودِ وَالنَّصَارَى، اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ)) يُحَذِّرُ مَا صَنَعُوا

މާނައީ : “ރަސޫލު ﷲ صلى الله عليه وسلم އަވަހާރަވުމުގެ އާލާސްކަންފުޅުުގައިި، އެކަލޭގެފާނުގެ މޫނުފުޅުގެ މަތީގައި ޚަމީޞާއެއް  (އެޒަނާމުގެ މީހުން ލާން ގެންގުޅުނު ހެދުމުގެ ވައްތަރެއް) އަޅުއްވައެވެ. ފަހެ ހޫނުގަދަވުމުން މޫނުފުޅުގެ މަތިން އެ ނަންގަވާފައި އެޙާލުގައި ޙަދީޘްކުރެއްވިއެވެ. “ޔަހޫދީންނާއި ނަޞާރާއިންނަށް ﷲ ތަޢާލާގެ ލަޢުނަތް ހުށްޓެވެ. އެބައިމީހުން އެބައިމީހުންގެ ނަބިއްޔުންގެ ޤަބުރުފުޅުތައް އަޅުކަންކުރާ ތަންތަންކަމުގައި ހެދިއެވެ.” “

އެބައިމީހުން ކުރިކަންތައްކުން ރައްކާތެރިވުމަށް އަންގަވަނީއެވެ.

މިޙަދީޘް އާއި އިސްވެދިޔަ ޖުންދުބް رضى الله عنه ގެޙަދީޘް އެއްވެސް ޙާލެއްގައި އަޅުގަނޑުމެނަށް ޢަމަލުނުކޮށް ދޫކޮށްނުލެވޭނެއެވެ. އެހެނީ ޖުންދުބް رضى الله عنه ގެ ޙަދީޘް އެއީ އެކަލޭގެފާނުގެ އެންމެފަހުގެ ދުވަސްތަކުގައި ކުރައްވާފައިވާ ޙަަދީޘްއެކެވެ. އަދި ޢާއިޝާ رضى الله عنها އާއި އިބްނު ޢައްބާސް رضى الله عنه ގެ ޙަދީޘް އެއީ އެކަލޭގެފާނުގެ އެންމެ ފަހުނޭވާގައި ކުރައްވާފައިވާ ޙަދީޘްއެކެވެ. އެއްވެސް މުސްލިމަކަށް – ފަރުދަކުވިޔަސް އަދި ޖަމާޢަތަކަށްވިޔަސް – ޞައްޙަ މުޙްކަމު ޙަދީޘް އަކުން ޙުކުމް އައިސްފައިވާ ކަމަކަށް ދެކޮޅުވެރިވުމެއް ނެތެވެ. އަދި ދޫކޮށްލުމެއްވެސްނެތެވެ. އެހެންކަމުން އުމަވީ ޚިލާފަތުގައި ހިނގިކަމެއް އޭގެ ބޭރުފުށަށް ބަލާ ، އެކަމުން މިސްކިތްތައް ޤަބުރުމަތީގައި ބިނާކުރެވޭނަކަމަށް ނުވަތަ މިސްކިތު ތެރޭގައި މަރުވެފައިވާ މީހުން ވަޅުލެވޭނަކަމަށް ދަލީލުނަގާ ޢަމަލުކުރުން ހުއްދަ ނުވާނެއެވެ.

=ނުނިމޭ=

މިފޮތުގެ އެހެނިހެން ބައިތައް