[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ލަވަމުބާރާތަކީ ރާއްޖޭގައި ފާޅުކަން ބޮޑު ގޮތެއްގައި ކުރެވޭ އެއް މުންކަރާތް

Microphones

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

އަޅުގަނޑުމެންނަކީ އިސްލާމުންނަށްވީހިނދު ދީނުގެ ޝިޢާރުތަކާ ޙުކުމްތައް ނެގެހެއްޓުމަކީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހެއްގެ ކޮނގުގައި އެޅިފައިވާ ޒިންމާއެކެވެ. ދީނުގައި މަނާކުރެވިފައިވާ ކަމެއް ކުރާތަން ފެނުމުން އެކަމާ ބެހޭގޮތުން ވަކި ޖަމާޢަތަކުން ނުވަތަ ޕާޓީއަކުން ނުވަތަ ޖަމްޢިއްޔާއަކުން ނުވަތަ ފަރުދުންތަކެއް އެއްޗެއް ނުބުނާކަމުގެ ދަޢުވާއަކީ، ވަކިވަކި ފަރުދުން އެބައިމީހުންގެ ޒިންމާއިން ބަރީއަވާނޭ ކަމެއްނޫނެވެ.

ވޭތުވެދިޔަ 20 އަކަށް އަހަރާ އަޅާކިޔައިފިނަމަ، މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުގައި ދިރިއުޅެމުންދާ ރައްޔިތުންގެ ހޭލުންތެރިކަން މިވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ޓީވީ ރޭޑިއޯއާއި މިސްކިތްތަކާއި ޢާންމުތަންތަނުގައި ބޭއްވޭ ދަރުސްތަކާއި ވެބްސައިޓުތަކާއި އަދި ފޯނުގެ ޒަރިއްޔާއިން ޝައިޚުންނާ ގުޅައިގެން އޮޅުން އަރާފައިވާ ދީނީ ޙުކުމްތައް މިއަދު އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ސާފުވަމުން އެބަދެއެވެ. ކުރީގައި އެނގިފައިނުވާ ވަރަށް ގިނަ ދީނީ ޙުކުމްތަކަކީ މިއަދު އަޅުގަނޑުމެންގެ ތެރެއިން ކުޑަބޮޑު އެންމެންނަށް ރަނގަޅަށް އެނގޭ ސާފުވެފައިވާ ކަންތައްތަކުގައި ވެފައިވެއެވެ.

މިޘާލެއްގެ ގޮތުން ބުރުގާ އެޅުމަކީ ވާޖިބުކަމެއްކަމުގައި ނޭނގޭ މީހަކު މިއަދު ރާއްޖޭގައި އުޅުމަކީ ވަރަށް ނާދިރުކަމެކެވެ. އަދި އެކަން ނުކުރުމަކީ މިއަދު ވަރަށް ބޮޑު އައިބުކަމަކަށްވެސް ވެފައިވެއެވެ. ނަމަވެސް ބުރުގާ އެޅުމަކީ ބީރައްޓެހިކަމަކަށްވެފައިވާ ދުވަސްވަރެއްވެސް މިރާއްޖޭގެ ތާރީޚުގައި ލިޔެވިފައިވެއެވެ.

ހަމަ މިފަދައިން މިއުޒިކު ކުޅުމާއި އަޑުއެހުމަކީ ޙަރާމްކަމެއްކަން ރާއްޖޭގެ ގިނަ ރައްޔިތުންނަށްވަނީ އެނގި ބަޔާންވެފައެވެ. ކީރިތި ޤުރުއާނާއި، ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތާއި، ޞަޙާބީ ބޭކަލުންގެ ޒަމާނުން ފެށިގެން މިއަދާ ހަމައަށް ވަޑައިގެން ޢިލްމުވެރިބޭކަލުންގެ ބަސްފުޅުތަކުން އެއްވެސް ކިލަނބުކަމެއްނެތި މިކަން އެނގެން އެބައޮތެވެ.

މިއުޒިކަކީ ޙަރާމް އެއްޗެއްކަމަށް ކީރިތި ޤުރުއާނާއި ސުންނަތާއި ދަލީލުތަކާއި ޢިލްމުވެރިންގެ ބަސްފުޅުތައް

ދިވެހި ބަހުން މިކަމުގެ ތަފްޞީލު ވިދާޅުވުމަށް ބައްލަވާ: ލިންކު1 ،  ލިންކު2 ، ލިންކު 3

ހިތާމައަކީ މިކަމާމެދު ވިސްނާ ފިކުރުކޮށް މިކަމުން ދުރުވުމަށް މަދު ބަޔަކު މެނުވީ މަސައްކަތް ނުކުރާކަމެވެ. އަދި މިކަމުގެ ސަބަބުން ﷲގެ ޙަޟްރަތުން ޢާންމުވެގެންވާ ޢުޤޫބާތެއް އަތުވެދާނެކަމަށް ބިރުވެތިނުވާކަމެވެ. ﷲ ތަޢާލާ ވަހީކުރެއްވިއެވެ.

أَفَأَمِنَ أَهْلُ الْقُرَ‌ىٰ أَن يَأْتِيَهُم بَأْسُنَا بَيَاتًا وَهُمْ نَائِمُونَ ﴿٩٧﴾ أَوَأَمِنَ أَهْلُ الْقُرَ‌ىٰ أَن يَأْتِيَهُم بَأْسُنَا ضُحًى وَهُمْ يَلْعَبُونَ ﴿٩٨﴾ أَفَأَمِنُوا مَكْرَ‌ اللَّـهِ ۚ فَلَا يَأْمَنُ مَكْرَ‌ اللَّـهِ إِلَّا الْقَوْمُ الْخَاسِرُ‌ونَ ﴿٩٩﴾ [سورة الأعراف ٩٧ – ٩٩]

މާނައީ: “ފަހެ ރަށްތަކުގެ އަހުލުވެރިން އެބައިމީހުން ރޭގަނޑުގައި ނިދާފައިތިއްބާ އެބައިމީހުންގެ ގާތަށް ތިމަންއިލާހުގެ ޢަޛާބު އަތުވެދާނެކަމާމެދު (ބިރެއްނެތި) އަމާންވެ ތިބީހެއްޔެވެ؟ [97] ނުވަތަ ރަށްތަކުގެ އަހުލުވެރިން، އެބައިމީހުން ކުޅެކުޅެތިއްބާ ޟުޙާ ވަގުތުގައި އެބައިމީހުންގެ ގާތަށް ތިމަންއިލާހުގެ ޢަޛާބު އަތުވެދާނެ ކަމާމެދަކު (ބިރެއްނެތި) އަމާންވެ ތިބީހެއްޔެވެ؟ [98] ފަހެ الله ގެ ރޭއްވެވުމާމެދު އެބައިމީހުން (ބިރެއްނެތި) އަމާންވެ ތިބީ ހެއްޔެވެ؟ ފަހެ ގެއްލެނިވެގެންވާ މީހުން މެނުވީ، الله ގެ ރޭއްވެވުމާމެދު (ބިރެއްނެތި) އަމާންވެގެންނެއް ނުތިބޭނެއެވެ.[99]”

މިގޮތުން ލަވަ މުބާރާތަކީ ރާއްޖޭގައި މިއުޒިކު އާލާކޮށް އޭގެ އަވައިގާ ކުދިން ޖައްސާ އަދި އެކަމަށް ހިތްވަރުދިނުމަށް ފާޅުކަންބޮޑު ގޮތެއްގައި ކުރިއަށް ގެންދެވޭ ޙަރަކާތެކެވެ. މިކަމަށްޓަކާ ގިނަ މުއައްސަސާތަކެއް ގުޅިގެން މަސައްކަތްކުރާކަމަކީ ވަރަށްވެސް ހިތާމަ ހުރިކަމަކެވެ. ކުޑަކުދިން ޅަ އުމުރުގާ އެކުދިން މަގުފުރައްދާ، އެކުދިންގެ ޙައްޤުތަކަށް އަރައިގަނެ، ކުށެއްނެތް މަޢުޞޫމު އެތައްކުދިންތަކެއް މިކަމުގެ ތެރެއަށް ނުރުހުމުގައި ވައްދާ، ނާޗަރަނގީ ކުޅުވާ ހެދުމަކީ ފެންނަ މަންޒަރުތަކެވެ. ކާބަފައިންގެ ޒަމާނުއްސުރެ ކުރަމުންއައި ކަމެކޭ ބުނެ، މިކަން ކުރިއަށް ގެންދިޔުމަކީ އިސްލާމީ ޤައުމެއްގައި ފާޅުކަން ބޮޑު ގޮތެއްގައި ﷲގެ ޝަރީޢަތާ ދެކޮޅަށް ހިންގޭ ޖަރީމާއެކެވެ.

މައިންބަފައިންގެ އަމިއްލައަތުން ރީތި ހެދުންތައްލައްވައިގެން ދަރިން ނަރަކައިގެ ޢަޛާބާއި، ﷲ ގެ ޢުޤޫބާތާއި ދިމާލަށް ގެންދިޔުމަކީ ވަރަށްވެސް ހިތާމަވެރި ކަމެކެވެ. ދަރިން ހެޔޮ ގޮތުގައި ތަރުބިއްޔަތުކޮށް ނަރަކައިގެ ޢަޛާބުން ސަލާމަތްކުރުމަށް މަސައްކަތްކޮށް، ހެޔޮމަގުދައްކާ ބަޔަކަށްވުމުގެ ބަދަލުގައި މިއުޒިކުގެ ތެރެއަށް ވެއްދުމަކީ ޅަފަތުގައި ކުއްޖާ ކަނޑަށް އެއްލާލާފައި ދަރިފުޅާ ނަމަނަމަ ނުތެމެއްޗޭ ބުނުންކަހަލަ ކަމެކެވެ. ދުނިޔޭގެ މަޝްހޫރު މިއުޒިކް ކުޅުންތެރިންނާއި ލަވަ ކިޔުންތެރިންގެ ދިރިއުޅުމާއި ނިމުން އައިސްފައިވާގޮތް އަޅުގަނޑުމެން ދިރާސާކުރާނަމަ އެކަމުގައި ގިނަގުނަ ޢިބްރަތްތަކެއްވެއެވެ.

ނޭނގިނަމަވެސް ނުވަތަ ޣާފިލުކަމުގައި ހުރެނަމަވެސް މިފަދަ ކަމެއްކުރެވިއްޖެމީހަކު އަވަހަށް ތައުބާވުން ހުއްޓެވެ. އެހެނީ މިއުޒިކު ކުޅުމާއި އަދި އަޑު އެހުމަކީ ބޮޑު ފާފައެކެވެ.

ދުޢާއަކީ ﷲ ތަޢާލާ އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ އަހުލުންނާއި އެންމެހާ މުސްލިމުން މިކަމުގެ ވަބާއިން ސަލާމަތްކޮށްދެއްވާ އަޅަމެންނަށް ކުރެވިފައިވާ ފާފަތައް ޢަފޫކުރެއްވުމެވެ.