މާތް ނަބިއްޔާ ޞައްލަﷲޢަލައިހި ވަސައްލަމަ ކުޑަކުދިންގެ ހިތްތަކުގައި ﷲ އެއްކައުވަންތަކުރުމަށް ލޯބިޖެއްސެވުމަށްޓަކައި ކުރެއްވި ކަންތައްތަކުގެ ތެރޭގައި އެކަލޭގެފާނު ޙަސަން ބިން ޢަލީ ރަޟިޔަﷲޢަންހުމާ އަށް ދަސްކޮށްދެއްވި ދުޢާއެއް ފާހަގަކޮށްލެވެއެވެ. ވިތުރީގައި ކިޔަވައި ނިމުމުން މި ދުޢާ ކިޔުމަށް އެކަލޭގެފާނު އެ ތުއްޕުޅުބޭފުޅާއަށް ދަސްކޮށްދެއްވިއެވެ.
” اللَّهُمَّ اهْدِنِي فِيمَنْ هَدَيْتَ ، وَعَافِنِي فِيمَنْ عَافَيْتَ ، وَتَوَلَّنِي فِيمَنْ تَوَلَّيْتَ ، وَبَارِكْ لِي فِيمَا أَعْطَيْتَ ، وَقِنِي شَرَّ مَا قَضَيْتَ ، إِنَّكَ تَقْضِي وَلَا يُقْضَى عَلَيْكَ ، وَإِنَّهُ لَا يَذِلُّ مَنْ وَالَيْتَ ، وَلَا يَعِزُّ مَنْ عَادَيْتَ ، تَبَارَكْتَ رَبَّنَا وَتَعَالَيْتَ لا منجا منك إلا إليك “
މާނައަކީ: ” އޭ ﷲ! އިބަ އިލާހު ހިދާޔަތު ދެއްކެވި މީހުންގެ ތެރޭގައި މި އަޅާއަށް ހިދާޔަތްދައްކަވާފާނދޭވެ. އަދި އިބަ އިލާހު ޝިފާދެއްވިމީހުންގެ ތެރެއިން މިއަޅާއަށް ޝިފާދެއްވަފާނދޭވެ. އަދި މިއަޅާއަށް ވާގިވެރިވެވޮޑޮގަންނަވައި އިބައިލާހު ވާގިވެރިވެވޮޑިގަންނަވާ މީހުންގެ ތެރެއިން މިއަޅާލައްވާފާނދޭވެ. އިބަ އިލާހު މި އަޅާއަށް ދެއްވާފައިވާ ތަކެތީގައި ބަރަކާތްލައްވާފާނދެއެވެ. ނިޔާކުރައްވާ ފަރާތަކީ އިބަ އިލާހެވެ. އަދި އިބައިލާހުގެ މައްޗަށް ގޮތްކަނޑައެޅުމުގެ ބާރެއް އިޚްތިޔާރެއް އެއްވެސް ފަރާތަކަށް ނުވެއެވެ. ހަމަކަށަވަރުން އިބައިލާހު ވާގިވެރިވެވޮޑިގެންފިމީހަކު ނިކަމެތި ކުރެވޭނެ ފަރާތެއްނުވެއެވެ. އަދި އިބައިލާހު އެމީހަކާއި ވާގިވެރިވެވޮޑިނުގެންފިމީހަކަށް ޢިއްޒަތްދޭނެ އެހެންފަރާތެއް ނުވެއެވެ. އޭ އަޅަމެންމެންގެ ރައްބެވެ، އިބަ އިލާހު މަތިވެރިވެ ވޮޑިގެންފިއެވެ. އިބައިލާހު ފިޔަވައި އިބައިލާހުގެ ޢަޒާބުން މިންޖުކޮށްދެވޭނެ އެހެންފަރާތެއް ނުވެއެވެ.”
ހަސަން ބިން ޢަލީ ރަޟިޔަﷲ ޢަންހުމާ އުފަންވެވަޑައިގެންނެވީ ހިޖުރައިން 3 ވަނަ އަހަރުގައެވެ. އެހެންކަމުގައި ވަނީނަމަ މާތް ނަބިއްޔާ ޞައްލަﷲޢަލައިހި ވަސައްލަމަ އަވަހާރަވެވަޑައިގެންނެވިއިރު ޙަސަން ރަޟިޔަﷲޢަންހުގެ ޢުމުރުފުޅަކީ 7 އަހަރެވެ. އެހެންނަމަވެސް މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޙަޔާތްޕުޅުގައި ޙަސަން ރަޟިޔަﷲޢަންހުގެ ތުއްޕުޅު ކަމާއެކީގަވެސް އެކަލޭގެފާނަށް އެ އުނގައްނަވައިދެއްވި ޢަޤީދާގެ ބަސްތަކުން ފުރިފައިވާ، އަދި ﷲ ތަޢާލާގެ މާތްކަމާއި މަތިވެރިކަން ދޭހަކޮށްދޭ ދުޢާއިން އަޅުގަނޑުމެންނަށް އެނގިގެންދަނީ ކުޑަކުދިންގެ ހިތްތަކުގައި ﷲ އެއްކައުވަންތަކުރުމަށާއި އިސްލާމީ ޢަޤީދާގެ ކަންތައްތައް އަށަގެންނެވުމަށް މާތް ނަބިއްޔާ ޞައްލަﷲޢަލައިހިވަސައްލަމަ ކުރެއްވި މަސައްކަތްޕުޅެވެ. ފަހެ އަޅުކަންކުރުން ޙައްޤުވެގެންވަނީ ހަމައެކަނި ﷲ އަށް ކަން މި ދުޢާއިން އެނގިގެންދެއެވެ. އަދި ދުޢާކުރުންވަނީ އެއިލާހަށް އެކަނިކަން އަދި އެހެން ފަރާތްތަކަށް ދުޢާކުރުން ހުއްދަވެގެން ނުވާކަންވެސް އެނގިގެންދެއެވެ. އަދި ﷲ ފިޔަވައި އެހެން ފަރާތަކަށް އެއްވެސް މަންފާއެއް ނުދެވޭނެކަން އެނގިގެންދެއެވެ. އަދި ﷲ ފިޔަވައި އެހެންފަރާތަކަށް ގެއްލުންތަކުން ދުރުކޮށްނުދެވޭނޭކަން އެނގިގެންދެއެވެ. އަދި ﷲ ނިޔާކުރައްވައިފިކަމެއް ނުވެނުދާނެކަން އެނގިގެންދެއެވެ. އަދި ޢިއްޒައްވަނީ ﷲ ވާގިވެރިވެވޮޑިގަތް ފަރާތަކަށް ކަން މިދުޢާއިން އެނގިގެންދެއެވެ. އަދި ނިކަމެތިކަންވަނީ އެއިލާހު އެމީހަކަށް ވާގިވެރިވެވޮޑިނުގަންނަވާ މީހާއަށްކަން އެނގިގެންދެއެވެ. އަދި އެންމެހާ މީސްތަކުންވަނީ ﷲ އަށް މުޙްތާޖުވެގެން ފަޤީރުވެގެންކަން އެނގިގެންދެއެވެ.
ލިޔުމުގެ އެހެންބައިތައް ވިދާޅުވުމަށް