އެންމެ ބޮޑު ފާފައަކީ ޝިރުކުކުރުމެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާގެ ރަސްކަންފުޅާއި އެހެން ފަރާތަކާއި އެއްވަރުކޮށްދީ އެއިލާހުގެ ރަސްކަންފުޅާ ބައިވެރި ކުރުމެވެ. ޚާއްސަކޮށް އަޅުކަން ކުރުމުގައި ﷲ ސުބްޙާނަހޫ ވަތަޢާލާއާ އެހެން ފަރާތަކާއި ބައިވެރި ކުރުމެވެ.
ފަހެ ޝިރުކު ކުރުމުގެ ފާފައަކީ، އެފާފަ ނުފުއްސަވާނޭ ފާފަ އެކެވެ. އެހެނިހެން ފާފަ އެއިލާހު އިރާދަ ކުރެއްވި ފަރާތަކަށް ފުއްސަވާދެއްވާނެއެވެ. މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.
إِنَّ اللَّهَ لا يَغْفِرُ أَنْ يُشْرَكَ بِهِ وَيَغْفِرُ ما دُونَ ذلِكَ لِمَنْ يَشاءُ – (النساء 48)
މާނައީ: “ﷲގެ ރަސްކަންފުޅާ ޝިރުކުކުރުމުގެ ފާފަ ހަމަކަށަވަރުން ﷲ ސުބްޙާނަހޫ ވަތަޢާލާ ނުފުއްސަވާނެއެވެ. އަދި، އެނޫން ފާފަ އެއިލާހު އިރާދަކުރެއްވި ފަރާތަކަށް ފުއްސަވާނެއެވެ.”
އެންމެ ބޮޑު ފާފައަކީ ކޮބައިތޯ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާ ސުވާލު ކުރެއްވުމުން ހަދީޘްކުރެއްވިއެވެ.(أَنْ تَجْعَلَ لِلّهِ نِدًا وَهُوَ خَلَقَكَ)(الحديث مسلم)މާނައީ: “އެއީ ﷲ ސުބްޙާނަހޫ ވަތަޢާލާއާ އެހެން އެއްޗަކާ ކަލޭ އެއްފަދަ ކުރުމެވެ. އެއިލާހު އެއީ ކަލޭ ހެއްދެވި އިލާހެވެ.”
މިހެން ކަންހުރިއިރު އެންމެހާ އިންސާނުންގެ މައްޗަށް ވާޖިބު ވެގެންވަނި ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ޝިރުކުނުކޮށް ހުރިހާ މާނައެއްގައި އެއިލާހުގެ އެއްކައުވަންތަ ކުރުމެވެ. އަހަރެމެން ރެއާއި ދުވާލު ކުރާ އަޅުކަން ޤަބޫލުކުރެވޭނީ އޭރުންނެވެ. ސަވާބެއް ލިބޭނީ އޭރުންނެވެ. ސުވަރުގެއަށް ވާނި އޭރުންނެވެ.
_________________________________________
ސުވާލު:
(1) އެންމެ ބޮޑު ފާފައަކި ކޮބައިހެއްޔެވެ؟
(2) ޝިރުކު ކުރިމީހާގެ ފާފަ ނޫން އެހެން މީހުންގެ ފާފަ ފުއްސަވަވާނެ ބާވައެވެ؟
(3) ޝިރުކު ކުރުމުގެ ނުރައްކައު ތެރިކަން ބަޔާންކުރާ އާޔަތެއް ލިޔޭ!
(4) ޝިރުކު ކުރުމުގެ ނުރައްކައު ތެރިކަން ބަޔާންކުރާ ޙަދީޘްއެއް ލިޔޭ؟