[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކުޑަކުދިންގެ ވާހަކަ: ރޯދަމަސް އަންނަނީ

ބޮޑުބޭބެއާއެކު ބަހުގައި ސްކޫލުން ގެއަށް އައިސް ބަޝާރު ބުންޏެވެ.”މަންމާ! ރޯދަމަސްއަންނަނީ. އަވަހަށް ގެ ސާފު ކުރަމާ! ސްކޫލުން ވިދާޅުވި މާދަމާ ކުލާސް ސާފު ކުރުންވެސް އޮންނާނެ ވާހަކަ” ބަޝާރުގެ ވާހަކައަށް މަންމައަށް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް ގްރޭޑް ހަތަރެއްގައި އުޅޭ ސިޔާ އޭނަގެ ސިޔާމްބެއާއެކު ގެއަށްއައިސް މަންމައަށް ގޮވާލާފައި ބުންޏެވެ. “މަންމާ! ރޯދަމަސް އަންނަނީ. ގެއަށް އާއެއްޗެހި ގަންނަމާ. ރައްޓެހި ކުއްޖަކު ބުނި އެގޭ ކައްކަންގެންގުޅޭ ހުރިހާއެއްޗެއް އުކާލާފައި އާ އެއްޗެހި ގަތް ވާހަކަ.”

މި އަޑު އަހާފައި މަންމަ ބުންޏެވެ. “ރޯދަމަސް އަންނާތީ ރޯދަމަހުގެ ވާހަކަ ސްކޫލުގައި މާގިނައިން ދެއްކި ދުވަހެއް ދޯ މިއަދަކީ. އެކަމަކު ބުނަންތަ ކުދިންނޭ. ސާފުކުރަންޖެހެނީ ހަމައެކަނި ރޯދަމަސް ނުވަތަ ރަމަޟާންމަސް އަންނާތީވެ އެއްނޫން. އަބަދުވެސް ސާފު ތާހިރުވެ ސާފުތާހިރު ކުރަންވާނެ. އެކަމަކު ދިވެހިން ރޯދަމަހަށް ޚާއްސަކޮށްގެން ސާފުކުރުމަކީ އިހުޒަމާނުއްސުރެ ކޮށް އުޅޭކަމެއް. ރޯދަމަހަށް ޚާއްސަކޮށް ސާފުކުރުމާއެކު ދިވެހިން ހިފައިގެންގުޅޭތަކެތިވެސް ރީތިކޮށް ސާފުކުރޭ. އެއްޗެހި ގޮނޑަށް އެއްލާލާފައި އާ އެއްޗެހި ގަންނަނީކީ ނޫން. އެގޮތަށް ހެދުމަކީ އިސްލާމްދީން މަނާކުރާކަމެއް.”

މިހާހިސާބަށް ވާހަކަ ދިޔަތަނާ ގްރޭޑް އެކެއްގައި އުޅޭ އެގޭގެ އެންމެ ކުޑަކޮއްކޮ އޭނަގެ ކުޑަބެއާއެކު ކާރުގައި ގެއަށް އައެވެ. ހަމަ ވަނުމާއެކު މަންމަޔަށް ގޮވާލައިފާ ބުންޏެވެ. “މަންމާ! ރޯދަމަސް އަންނަނީ. ކޮއްކޮ ކުލާސް ކުދިން ރޯދަޔަށް ބައިވަރު ކުޅޭއެއްޗެހި ގަންނަ ވާހަކަ އެބަ ދައްކާ. ކޮންއިރަކު ކޮއްކޮއަށް ގަނެދެއްވަނީ….”

މިވާހަކަ އަޑުއަހާފައި  ލޯތްބާއެކު މަންމަ ބުންޏެވެ. “ދަރިފުޅާ! މަންމަ މިދައްކަނީ ތިވާހަކަ. މިއަދު ސްކޫލުގައި ރޯދަމަހުގެވާހަކަ ދެއްކީމަ ހުރިހާކުދިންވެސް މިދައްކަނީ ރޯދަމަހުގެ ވާހަކަ. ކުދިންނޭ! ރޯދަމަހަކީ އަޅުކަމުގެ މައްސަރު. ތިޔަކުދިންވެސް ވިސްނަންވީ ރޯދަމަހުގެ އަޅުކަން ފުރިހަމައަށް އަދާކުރުމަށް. ދުޢާކުރަންވީ ވެސް އެގޮތަށް. ބަރާބަރަށް ނަމާދުކޮށް މިހާރަށްވުރެ އެކަމަށް ސަމާލުވުމަށް. ޢާއިލާ މީހުންނަށާއި އެހެންމީހުންނަށް އެހީތެރިވުމަކީވެސް ނުހަނު ޘަވާބު ލިބޭނޭ ކަމެއް. ކުޅިވަރު ކުޅުމުގައި ދުވަސްތައް ދުއްވާލަން ނުވިސްނާ. ރަމަޟާންމަހުގައި ކުރެވޭ އަޅުކަންތަކުން ލިބޭ ޘަވާބާއި ދަރުމައަށްވުރެ ބޮޑަށް އެހެން ދުވަސްތަކަކު ނުލިބޭނެ. ވިސްނުންތެރިކުދިންނަކީ އަޅުކަމުގެ ޚާއްޞަ މަހުގައި އަޅުކަންކުރުމަށް ޚާއްޞަ ސަމާލުކަމެއް ދޭކުދިން. ގެތައް ޒީނަތްތެރިކޮށްފަ، ރަމަޟާންމަހުގައި އަޅުކަންކުރުމުގައި ފަރުވާކުޑަކުރާކަމުގައިވާނަމަ، އެދުވަސްތަކުގެ ފައިދާ ހެޔޮގޮތުގައި ލިބުނުކަމަކަށް ނުވާނެ. ﷲ ރަމަޟާންމަސް ޚާއްޞަކުރައްވާފައިވަނީ އަޅުކަމުގެ މައްސަރެއްގެގޮތުގައި. ރަމަޟާންމަހުގައި ހެޔޮކަންތައްތައް ކުރުމާމެދު ހުރިހާ ކުދިން ވިސްނައި، އެކަންކަން ގެންދާނެގޮތުގެ ޓައިމްޓޭބަލެއް ހަދާލުމަކީ ވަރަށް މުހިއްމުކަމެއް.”

މިއަޑުއަހާފައި ހުރިހާކުދިން ބުންޏެވެ. “އަޅުގަނޑުމެން ހުރިހާކުދިން إن شاء الله މަންމަ އެދުނު ފަދައިން މަސައްކަތް ކުރާނަން.”

ތިޔަ ހުރިހާކުދިންވެސް ރަމަޟާންމަހުގެ ދުވަސްތަކުގައި ގިނަގިނައިން ރަނގަޅު ކަންތައް ކުރާށެވެ. މާތްﷲ  ހެޔޮ ޖަޒާދެއްވާނެއެވެ !