[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ގެތައް އިޞްލާޙުކުރުމަށް 40 ނަސޭހަތް (13)

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ފިރިހެންމީހާ، މަޝްޣޫލުވެ އުޅެންޖެހުމާއި، ވަޡީފާގައި އުޅެން ޖެހުމުންނާއި އެހެނިހެން ގުޅުންތަކުގެ ސަބަބުން އޭނާގެ އަހުލުންނަށް އުނގަންނައި ދިނުމަށް ވަޤުތު ހުސްކުރަން ފަރުވާ ކުޑަކުރެވެއެވެ. ފަހެ މިކަމުގެ ޙައްލުތަކުގެ ތެރޭގައި ވަކިދުވަހެއް ކަނޑައަޅާ، އެދުވަސް ޢާންމުކޮށް ގޭގެ އަހުލުންނަށް އުނގަންނައި ދިނުމަށްޓަކައި ޚާއްޞަކުރުން ހިމެނެއެވެ. އަދި އެމީހުންގެ އިތުރުން ގާތްތިމާގެ މީހުންނަށްވެސް ޢިލްމު އުނގަންނައިދޭ މަޖްލިސްތައް ގޭގައި ބޭއްވުންވެސް ހިމެނެއެވެ. އަދި އެންމެންނަށް މިގަޑި އެންގުމާއި އަދި އެންމެންނަށް އެގަޑިއަށް ޙާޟިރުވުމަށް ބާރުއަޅާ އަދި އެކަމުގައި ދެމިތިބުމަށް ހިތްވަރުދޭންވާނެއެވެ. އޭރުން އެކަމަކީ އެމީހުންގެ މައްޗަށް ލާޒިމު ކަމެއްކަމުގައި ވާނެއެވެ. އަދި އޭނާގެ އަމިއްލަ ނަފްސުގެ މައްޗަށްވެސް މެއެވެ. ނަބިއްޔާ صلى الله عليه وسلم އަށް ކުރިމަތިވި މިފަދަކަމެއް ތިބާއާ ހިއްސާކުރާނަމެވެ.

އަލްބުޚާރީ رحمه الله ވިދާޅުވިއެވެ.

ބާބު: ހަމައެކަނި އަންހެނުންނަށް ޢިލްމު އުނގަންނައިދިނުމަށްޓަކައި ދުވަހެއް ޚާއްޞަކުރެވިދާނެ ހެއްޔެވެ؟

އަބޫ ސަޢީދު އަލްޚުދްރީ رضي الله عنه ގެ ޙަދީޘް އެކަލޭގެފާނު ނަކަލުކުރެއްވިއެވެ.

«قَالَتِ النِّسَاءُ لِلنَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ: غَلَبَنَا عَلَيْكَ الرِّجَالُ، فَاجْعَلْ لَنَا يَوْمًا مِنْ نَفْسِكَ، فَوَعَدَهُنَّ يَوْمًا لَقِيَهُنَّ»

މާނައީ: “ނަބިއްޔާ  صلى الله عليه وسلم އަށް އަންހެންކަނބަލުން ދެންނެވިއެވެ. ‘ކަލޭގެފާނުގެ އަރިހުގައި ފިރިހެނުން އަޅުގަނޑުމެންނަށްވުރެ ކުރިއަރައިފިއެވެ. ކަލޭގެފާނުގެ ދުވަސްތަކުން ދުވަހެއް އަޅުގަނޑުމެންނަށް ހަމަޖައްސައިދެއްވާށެވެ.’ ފަހެ އެކަނބަލުންނަށް ވަޢުޡުދެއްވާ އަމުރުކުރެއްވުމަށް ދުވަހެއް ހަމަޖައްސަވަން އެކަލޭގެފާނު ވަޢުދުވެ ވަޑައިގަތެވެ.”

އިބްނު ޙަޖަރު رحمه الله ވިދާޅުވިއެވެ.

“ސަހުލް އިބްނި ޞާލިޙް އަބޫހުރައިރާގެ ކިބައިން އެކަލޭގެފާނުގެ ބައްޕާފުޅު ރިވާކުރެއްވިކަމަށް ގެންނަވާފައިވާ ޙަދީޘްގައިވެސް މިވާހަކަވެއެވެ. ފަހެ، އެޙަދީޘްގައިވަނީ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

«مَوْعِدُكُنَّ بَيْتُ فُلَانَةَ» [فتح الباري ١/١٩٥]

މާނައީ: “މިވެނި އަންހެނެއްގެ ގެއަކީ ތިޔަބައިމީހުންނަށް ކަނޑައެޅިފައިވާތަނެވެ.”

ފަހެ، އެކަލޭގެފާނު އެބޭކަނބަލުންގެ އަރިހަށް ވަޑައިގެން އެކަނބަލުންނަށް ޙަދީޘްތައް ބަޔާންކޮށްދެއްވިއެވެ.”

މިޙަދީޘުން އެނގެނީ އަންހެނުންނަށް  ގެތަކުގައި އުނގަންނައި ދެވިދާނެކަމެވެ. އަދި އަންހެން ޞަޙާބާއިން ތަޢުލީމަށް ބެހެއްޓެވި ޝައުޤުވެރިކަމެވެ. އަދި އަންހެނުން ނުހިމެނޭ ގޮތަށް ހަމައެކަނި ފިރިހެނުންނަށް އަމާޒުކޮށްގެން އިރުޝާދުދީ ހެދުމަކީ ދަޢުވަތުދޭ މީހުންނާ އަދި ގެތަކުގެ ވެރިފަރާތްތަކުން ދަޢުވަތުދިނުމުގައި ފަރުވާކުޑަކުރުމުގެ ތެރެއިންވާކަމެކެވެ.

_________________________

=ނުނިމޭ=

އެހެންބައިތައް ބެއްލެވުމަށް