ﷲ ސުބުޙާނަހޫ ވަތަޢާލާވަނީ އިންސާނުން ޚަލްޤުކުރެއްވުމަށްފަހު، އެ އިންސާނުންގެ ދުނިޔެވީ މަޞްލަޙަތުތަކާއި އުޚްރަވީ މަޞްލަޙަތުތައް ރައްކާތެރިކުރާނެ މަގު ދައްކަވާ ދެއްވާފައެވެ. މި އިލާހީ މަގަކީ އެއިންސާނާ ކައުނުކުރެއްވި ސާހިބުވަންތަ، ޙަކީމްވަންތަ، އެންމެހާކަމެއް މޮޅަށް ދެނެވޮޑިގެންވާ ފަރާތުން އައިސްފައިވާ މަގެއްކަމުގައިވާތީވެ، އެ މަގަކީ އިންސާނުންނަށް އޮތް އެންމެ ފުރިހަމަ ދުސްތޫރައެވެ. ޝަރީޢަތެވެ. ޤާނޫނެވެ.
އެގޮތުން އިސްލާމީ މުޖުތަމަޢެއްގެ އެންމެ މުހިއްމު އެއްތަބަނކީ ދަޢުލަތެވެ. އެ ދަޢުލަތަކީ މަތިވެރިވަންތަ އިލާހީ ޝަރީޢަތުގެ މައްޗަށް ބިނާވެފައިވާ ދައުލަތެއްކަމުގައިވާނަމަ، އެ ދައުލަތެއްގެ ދަށުގައި އުޅެމުންދާ ރައްޔިތުންނަށް އޮތީ ފާގަތިކަމާއި، ޞުލްޙަވެރިކަމާއި، ފުދުންތެރިކަމާއި، ޢިއްޒަތްތެރިކަމެވެ. މި އަސާސްގެ މައްޗަށް ބިނާވެފައިވާ ދައުލަތްތައް ބުނެވިދިޔަ ކާމިޔާބުތައް ހޯދާފައިވާކަމީ އިންސާނީ ތާރީޚު ހެކިދޭކަމެކެވެ. ނިކަމެތިކަމާއި، ބޭއިންސާފުގައި ދިރިއުޅުން ވޭތުކުރަމުން އައި ޢަރަބިން، މި އަސާސްގައި ހިފައިގެން، ހަލުވިކަމާއެކު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދުނިޔޭގެ އެންމެ ވަރުގަދަ ބާރަށްވެގެން ދިޔަކަމީ ޢަޖައިބުކުރުވަނިވިކަމެކެވެ. ފުދުންތެރިވުމުގެ ސަބަބުން ޒަކާތް ލިބިގަންނާނެ މީހަކު ނެތް ދަރަޖައަށް ފުދުންތެރިކަން އިތުރުވެގެންދިޔައެވެ. މުޖުތަމަޢުގައި ކުށްކުރުމެއް ނެތޭ ބުނެވޭ ދަރަޖައަށް ކަންކަން އިޞްލާޙުވެގެންދިޔައެވެ. ކުރެވޭ ޙުކުމްތަކުގައި މުއްސަންޖަކަށް ފަޤީރަކަށް ބެލުމެއްނެތި އިންޞާފު ޤާއިމުކުރެވުނެވެ. ޙައްޤުތައް ގެއްލިފައިވާމީހުންނަށް ހަމްދަރުދީ ވެވުނެވެ. ގޭގެ އެންމެ އެތެރެއިން ފެށިގެން އެ ދައުލަތްތަކުގެ ބާރުފޯރާ އެންމެހާ ހިސާބަކަށް ޢަދުލުވެރިކަމުގެ އަލިން އަލިކޮށްދިނެވެ. ޢިލްމުވެރިކަމާއި ފަންނުވެރިކަމުގެ ވޮށް ދިއްލައިދިނެވެ. މި ޝަރީޢަތާ ދުޝްމަނުންގެ ބުއްދި ހައިރާންކޮށްލުމަށްފަހު، މިފަދަ މަތިވެރިކަމެއް މި ދައުލަތްތަކަށް މިގެނެސްދިނީ ފަހެ ކޮން އެއްޗަކުން ތޯއެވެ. އެބައިމީހުން އެގެންގުޅުއްވި މަތިވެރި އުޞޫލުތައް ފިޔަވައި އެނޫން ކޮން އެއްޗަކުންތޯއެވެ.
އަޅުގަނޑުމެން ދެކެންބޭނުން ވަނީ މިފަދަ މަތިވެރިކަމެއް ނޫންތޯއެވެ. މިފަދަ މިސާލީ ފުދުންތެރިކަމާއި، ފާގަތިކަމެއް ނޫންތޯއެވެ. ޢިލްމުވެރިކަމާއި ފަންނަނުވެރިކަމެއް ނޫންތޯއެވެ. އަޅުގަނޑުމެންނަށް މި މަތިވެރި މިސާލު ކުރިމަތިން ސާފުކޮށް ފެންނަން އޮތް ހިނދެއްގައި އެނޫންގޮތްތަކަކަށް ހިތްތައް މިކިޔަނީ ކޮން ސަބަބަކާހުރެތޯ ސުވާލުއުފެދެއެވެ.
އިސްލާމްދީނުގައި އެންމެބޮޑު ބާރުވެރިކަމެއް ދެއްވަވާފައިވާ އެއްބަޔަކީ، އިސްލާމީ އުއްމަތުގައި ނުވަތަ އިސްލާމީ ޤައުމުތަކުގައިވާ ވެރިކަމުގެ ބާރެވެ. މީސްތަކުންގެ ކަންކަން އިޞްލާޙުކުރުމަށްޓަކައި އެބައިމީހުންގެ މައްޗަށް އެއިސްކުރެވޭ ވެރިކަމެވެ. އެ ވެރިކަމުގެ ދާއިރާއަކީ އިސްލާމީ ޝަރީޢަތުގައި ވަރަށް މުހިއްމު ޒިންމާތަކަކާއި، މަސްޢޫލިއްޔަތުތަކެއް ޙަވާލުކުރެވިފައިވާކަމެކެވެ. އެވެރިކަމުގެ ދާއިރާގައި ހަރާކާތްތެރިވާ ކޮންމެމީހަކީ އެމީހެއްގެ ބާރުވެރިކަން އެވެރިކަމެއްގައި އޮތް މިންވަރަކުން މި ޒިންމާތަކާއި މަސްޢޫލިއްޔަތުތަކުގައި ޒިންމާދާރުވާންޖެހޭނެމީހެކެވެ. އެބައިމީހުންގެ މެދުގައި ﷲގެ ޝަރީޢަތް ތަންފީޒުކުރުމާއި، މީސްތަކުންގެ ކަންކަން ހެޔޮގޮތުގައި ގެންދިޔުމާއި، އަމަންއަމާންކަން ޤާއިމުކުރުމަކީ އެފަދަ ކޮންމެ މީހެއްގެ ކޮނޑުގައި އެޅިފައިވާ ވާޖިބެކެވެ.
މިގޮތުން މި ސިލްސިލާ ލިޔުންތަކުގައި އަލިއަޅުވާލަން ޤަޞްދުކުރަނީ އިސްލާމީ ޝަރީޢަތުގައި ދައުލަތެއްގެ މަސްޢޫލިއްޔަތަކީ ކޮބައިކަމާއި، ދައުލަތުގެ ފަރާތުން ރައްޔިތުންނަށް އަދާކޮށްދޭންޖެހޭ ވާޖިބުތަކާ ބެހޭގޮތުންނެވެ. އަޅުގަނޑު މި މައުޟޫއަށް މަޢުލޫމާތު ނެގުމަށް ޤަޞްދުކޮށްފައިވަނީ “މަޖައްލަތުލް ބުޙޫޘުލް އިސްލާމިއްޔާ” ގެ 38 ވަނަ ޢަދަދު (ޛުލްޤަޢުދާ އިން ޞަފަރުމަހަށް – ހިޖުރީގޮތުން 1413 އިން 1414) ގައި ޢުޘްމާން ޖުމްޢާ ޟަމީރިއްޔާ ލިޔުއްވާފައިވާ “وظيفة الدولة في الشريعة الإسلامية” މި ބަޙުޘުންނެވެ. މިކަމުގެ ތައުފީޤު ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑަށް ދެއްވާށި! އަދި މީގެ ފައިދާ އަޅުގަނޑުމެންގެ މުޖުތަމަޢުއަށް ފޯރުކޮށްދެއްވާށި! އާމީން.
(ނުނިމޭ)