[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތަރުބިއްޔަތުގެ ޢިލްމުގެ މުހިއްމުކަން

އިންސާނާގެ ކަންތައްތައް ހޯދައި ދެނެގަތުމަކީ އޭނާއާ މުޢާމަލާތު ކުރުމަށާއި އޭނާގެ މައްޗަށް އަސަރުކުރުވުމަށްޓަކައި އެހީތެރިވެދޭކަމެކެވެ. ހަމައެގޮތަށް ތަރުބިއްޔަތު ކުރަންޖެހޭ ކުދިންގެ ޢުމުރާއި އެމީހުންގެ ދެނެގަތުމުގެ ފެންވަރު ދެނެގަތުމަކީ އެކުދިންނާ އެކަށޭނަ މަންހަޖެއް ކަނޑައެޅުމަށްޓަކައި އެހީތެރިވެދޭ ކަމެކެވެ. އަދި ތަރުބިއްޔަތުގައި ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުމުގައި މިކަމުގެ ސަބަބުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެން ދެއެވެ. އަދި ހަމަ އެހެންމެ ތަރުބިއްޔަތުގައި ބޭނުންކުރާނޭ މުނާސަބު ތަރުބަވީ ވަސީލަތްތައް ދެނެގަތުމަކީވެސް ތަރުބިއްޔަތު ޢަމަލީގޮތުން ކުރުމުގައި އަދި އަވަހަށް ތަރުބިއްޔަތުގެ އަސަރު ކުރުވުމުގައި އެހީތެރިވާ ކަމެކެވެ.

 

އެކަމަކު ސުވާލަކީ މި ބުނާ ދެނެގަތުން، އާދެ ހަމައެކަނި މިކަންކަން ދެނެގަތުމަކީ އިންސާނާ އިޞްލާހުކޮށް ހެޔޮމަގަށް އެޅުވުމަށްޓަކައި ފުދޭ މިންވަރެއް ހެއްޔެވެ؟ މިޒަމާނަކީ މީ ހެޔޮކަންތައްތަކަކީ ކޮބައިކަން އެނގޭ އެކަންކަން ދެނެގަނެފައި ތިބޭ މީހުންވެސް ހެޔޮކަމާ ދުރަށް ޖެހޭ ޒަމާނެކެވެ. އަދި ނުބައިކަންކަމަކީ ކޮބައިކަން މަޢުރިފާކޮށް އެނިގިފައި ތިބޭ އެތައް ބަޔަކު ނުބައި ކަންކަމާ ކައިރިވާ ޒަމާނެކެވެ. މީގެ ސަބަބަކީ ކޮބައި ހެއްޔެވެ؟

އިބްނުލް ޤައްޔިމް ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “އިންސާނާއަށް ފުރިހަމަކަން ލިބެނީ މިދެގޮތުންނެވެ. އޭނާ ކުރިއަރުވާ ހިންމަތުންނާއި އޭނާއަށް ތެދުމަގުދައްކާ ޢިލްމުން އަލިކަން ލިބިގެންނެވެ. ފަހެ ހަމަކަށަވަރުން އިންސާނާގެ އުފާވެރިކަމާއި ކާމިޔާބު ބީވެގެންދަނީވެސް މި ދެންނެވި ދެކަމުގެ ނުވަތަ އޭގެން ކަމެއްގެ ސަބަބުންނެވެ.”

އެހެންކަމުން އިޞްލާޙާއި ހެވުގެ މަގުގައި ވުމަށްޓަކައި ހަމައެކަނި ޢިލްމަކުން ނުފުދެއެވެ. ޖިހާދުކޮށްގެން ނަފުސު ތަރުބިއްޔަތު ކުރަންޖެހެއެވެ. އެހެނިހެން ތަރުބަވީ ވަސީލަތްތަކުގެ އެހީގައި ނަޞީޙަތްތެރިވުމާއި ހަނދާންކޮށްދިނުމާއި ޝައުޤުވެރިކުރުވުމާއި ބިރުގެންނެވުން ފަދަ ކަންކަން ކުރަން ޖެހެއެވެ. އޭނާއަށް ފައިދާ ކުރާ ހެޔޮކަމުގެ މަގުން އޭނާއަށް ދެވޭނީ މިކަންކަން ކޮށްގެންނެވެ. ޢިލްމާއި އެ ޢިލްމުގެ ބޭނުން ހިފުމުގައި މީހުން ހަތަރުބަޔަކަށް ބެހިގެންވެއެވެ.

1- އެއީ ޢިލްމު ދެއްވިގެންވާ އަދި ޢިލްމަށް ޢަމަލުކުރުމުގައި ކެތްތެރިވާ މީހުން.

2- ޢިލްމު ލިބުމާއި ޢަމަލުކުރުމުން މަޙްރޫމުވެގެންވާ މީހުން: މި ބާވަތުގެ މީހުންނަކީ ﷲ ތަޢާލާ މި އާޔަތުގައި ސިފަކުރައްވާފައިވާ މީހުންނެވެ.

إِنَّ شَرَّ الدَّوَابِّ عِندَ اللّهِ الصُّمُّ الْبُكْمُ الَّذِينَ لاَ يَعْقِلُونَ {الأنفال/22} މާނައީ: “ހަމަކަށަވަރުން، ދިރޭ ތަކެތީގެ ތެރެއިން ﷲ ގެ ޙަޟްރަތުގައި އެންމެ ނުބައިކަން ބޮޑު ބަޔަކީ ބީރު، މަންމަނުންނެވެ. އެއުރެންނީ، ނުވިސްނާ ބަޔެކެވެ.” (އެބަހީ: ޙައްޤުގެބަސް ނުބުނާ، އެ އަޑުނާހާ، ޙައްޤާއި ބާޠިލުވަކިކުރުމަށް ވިސްނުމުގެ ބޭނުން ނުކުރާ މީހުންނެވެ.)

3- ޢިލްމު ހޯދުމުގެ މަގު ފަހިވެފައި ޢަމަލުކުރުމުގައި ކެތްތެރިވުމުގެ މަގު ބަންދުވެފައިވާ މީހުން: މިއީ ޖާހިލުކަމުގެ މަރުޙަލާއެކެވެ. ނުވަތަ އެއަށްވުރެ ގޯސް މަރުޙަލާއެކެވެ.

4- ޢަމަލު ކުރުމުގައި ކެތްތެރިކަން ހުރި އެހެންނަމަވެސް ޢިލްމުން މިންވަރެއް ލިބިފައި ނުވާ މީހުންނެވެ. މި ބައިގެ މީހުން ރަނގަޅުގޮތުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާ އިޤްތިދާވެއްޖެނަމަ، ﷲ ގެ މަގަށް ގޮވާލާ ރައްބާނިއްޔަ ޢިލްމުވެރިންނަށް އިޤްތިދާވެއްޖެނަމަ ޤިޔާމަތްދުވަހުން ވެގެންދާ ހުށީ ﷲ ތަޢާލާ މިހެން ވަޙީކުރެއްވި މީހުންނާ އެކީގައެވެ. وَمَنْ يُطِعِ اللَّهَ وَالرَّسُولَ فَأُولَٰئِكَ مَعَ الَّذِينَ أَنْعَمَ اللَّهُ عَلَيْهِمْ مِنَ النَّبِيِّينَ وَالصِّدِّيقِينَ وَالشُّهَدَاءِ وَالصَّالِحِينَ  وَحَسُنَ أُولَٰئِكَ رَفِيقًا * ذَلِكَ الْفَضْلُ مِنَ اللَّهِ وَكَفَى بِاللَّهِ عَلِيمًا– النساء 69-70 މާނައީ: “ﷲ އަށާއި ރަސޫލާއަށްއަށް ކިޔަމަންވާ މީހުން (ދަންނާށެވެ!) ފަހެ، އެއުރެންވަނީ، ﷲއެބަޔެއްގެ މައްޗަށް ނިޢުމަތް ދެއްވި މީހުންކަމުގައިވާ ނަބިއްޔުންނާއި، ޞިއްދީޤުންނާއި، ޝަހީދުންނާއި، ޞާލިޙުންނާ އެކުގައެވެ. އެބޭކަލުންނީ އެކުވެރިން ކަމުގައިވުމަށް ހާދަ ރަނގަޅު ބަޔެކެވެ.” * އެ ފަޟްލުވަންތަކަން ވަނީ، ﷲގެ ޙަޟްރަތުންނެވެ. މޮޅަށް ދެނެވޮޑިގެންވާ ކަލަކު ކަމުގައި ﷲފުދެއެވެ.”

އެހެންކަމުން ހަމައެކަނި ޢިލްމަކުން ނުފުދެއެވެ. އިންސާނާ އޭނާގެ ނަފުސު ތަރުބިއްޔަތުކުރަން ޖެހެއެވެ. އެއީ އޭނާ އުނގެނޭ ކަންތައްތަކަށް ތަބާވުމާއި މަނާވެގަތުމަށް އުނގެނޭ ކަންތައްތަކުން މަނާވެގަތުމާއި އިސްލާމީ މަންހަޖަށް ތަބާވުމާއި އިސްލާމީ މަންހަޖާ ދެކޮޅު ކަންކަމުން ދުރުހެލިވެގަތުމަށެވެ. އަދި ތަރުބިއްޔަތުގައި މަސްއޫލުވެރިއެއްގެ ގޮތުގައި ޙަރަކާތްތެރިވާ މީހާ ތަފާތު ޝަރުޢީ ތަރުބަވީ ވަސީލަތްތަކުގެ އެހީގައި ތަރުބިއްޔަތުގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައެވެ.

 

ތަރުބިއްޔަތުގެ އަހަންމިއްޔަތު ތިރީގައި މިވާ ކަންކަމުން ދޭހަވެއެވެ.

1- އިންސާނާގެ ސުލޫކު ބަދަލުކުރުމަށްޓަކައި ހަމައެކަނި ޢިލްމަކުން ނުފުދެއެވެ. ތަރުބިއްޔަތު އެއާއެކު އަންނަންޖެހެއެވެ.

2- ތަރުބިއްޔަތުގެ ޢިލްމާބެހޭގޮތުން ހުޅަނގުން ލިޔެފައިވާ ފޮތްތަކުގައި އިސްލާމީ މަންހަޖާ ޚިލާފު އެތައް ކަންތައްތަކެއް ހިމެނެއެވެ. އަހަރެމެން އެއާ ދެކޮޅު ހަދަންޖެހެއެވެ. އަދި އެއާ ދުރުހެލިވާން ޖެހެއެވެ.

3- ތަރުބިއްޔަތާ ބެހޭގޮތުން ލިޔުނު ބައެއް ލިޔުންތެރިންނަށް ހުޅަނގުގެ ތަރުބަވީ ފިކުރުތަކުގެ އަސަރު ކޮށްފައިވެއެވެ. އެއީ އިސްލާމްދީނަށް ފެތޭ ކަންތައްތަކެއް ކަމަށް ހީކޮށް އެކަންތައްތައް މުސްލިމުންގެ ފޮތްތަކަށްވެސް ނަޤުލުކޮށްފައިވެއެވެ. ތަރުޖަމާކުރުމުގެ ނުވަތަ އެފޮތްތަކުން “ކޯޓް” ކުރުމުގެ ގޮތުންނެވެ.

4- މީސްތަކުންނަށްޓަކައި ނެރެވުނު އެންމެ ހެޔޮ އުއްމަތުގެ ގޮތުގައި މި އުއްމަތް ވުމަށްޓަކައި މި އުއްމަތުގެ ކުދީން އެ ގޮތުގެ މަތީގައި ތަރުބިއްޔަތު ކުރުމަށްޓަކައި މައިންބަފައިންނާއި ޓީޗަރުންނާއި ތަރުބަވީ އަދި އިޖުތިމާޢީ މުއައްސަސާތަކުން އިސްލާމީ ތަރުބިއްޔަތުގެ އުސޫލުތައް ދަސްކުރަންޖެހެއެވެ. ޚާއްޞަކޮށް މަޢުލޫމާތު ހޯދުމުގެ މަގު މިހާ ފުޅާވެފައިވާ ޒަމާނެއްގައި އަދި އެއްމުޖްތަމަޢު އަނެއް މުޖްތަމަޢަކާ ގުޅުން މިހާ ފަސޭހަވެފައިވާ ދުވަސްވަރެއްގައި، އެއްބަޔަކަށް އަނެއްބަޔެއްގެ މީޑިޔާ އާއި ޘަޤާފަތުގެ އަސަރުކުރުން މިހާ ފާޅުވެފައިވާއިރު، އަދި މިކަންކަމުގެ އަސަރު ވަރަށް ބޮޑަށް ބައެއް މީހުންނަށް ކޮށްފައިވާއިރު، މިކަންކަން ކޮންޓްރޯލުކުރުމަށްޓަކައި އިސްލާމީ ތަރުބަވީ މަންހަޖަކަށް ވަރަށްބޮޑަށް ބޭނުންޖެހެއެވެ. އެއީ ތަރުބިއްޔަތުކުރަން ފެށުމަށާއި މިކަންކަމުން ރައްކާތެރިވުމާއި އަދި އެފަދަކަމެއް ކުރިމަތިވެއްޖެނަމަ އެކަމަކަށް ފަރުވާކުރުމަށްޓަކައެވެ.

أصول التربية الإسلامية

أ.د. خالد بن حامد الحازمي

أستاذ التربية الإسلامية

الجامعة الإسلامية بالمدينة المنورة