ޝިރުކު ބެހިގެންވަނީ ދެބަޔަކަށެވެ. އެއީ ބޮޑުޝިރުކާއި ކުޑަޝިރުކެވެ. އަހަރެމެންކައިރީގައި މިވެނި ކަމަކީ ބޮޑު ޝިރުކުގެ ތެރޭގައި ހިމެނޭކަމެއް ނުވަތަ މިވެނިކަމަކީ ކުޑަޝިރުކުގެ ތެރޭގައި ހިމެނޭ ކަމެކޭ ބުނެވޭ ހިނދު އެކަން އެނގިފައި އޮތުމަށްޓަކައި އަދި އެ ދެ ބާވަތުގެ ޝިރުކުގެ ފަރަޤު އޮޅުންފިލުވުމަށްޓަކައި މި ދެބާވަތުގެ ޝިރުކު އަޅާކިޔާލަން އެބަޖެހެއެވެ. އަދި ޝަރުޢީ ނައްޞެއްގައި ޝިރުކު މި ކަލިމަ އައިސްފިނަމަ އެ ނައްޞުގެ ޝިރުކުގެ މުރާދަކީ ކުޑަ ޝިރުކުތޯ ނުވަތަ ބޮޑު ޝިރުކުތޯ އޭރުން ދެނެގަނެވޭނެއެވެ. ތިރީގައި މިވާ މިވަނީ ބޮޑު ޝިރުކާއި ކުޑަ ޝިރުކަކީ ކޮބައިކަން ޚުލާޞާކޮށް ބަޔާންކޮށްފައެވެ.
1- ބޮޑު ޝިރުކުގެ ސަބަބުން މިއްލަތުން ބޭރުވެގެންދޭ: އޭގެ މާނައަކީ ބޮޑުޝިރުކު ކުރާ މީހަކީ މުސްލިމެއް ނޫނެވެ. ކާފިރެކެވެ. އިސްލާމްދީނުން ބޭރުވެފައިވާ މީހެކެވެ. އެކަމަކު ކުޑަ ޝިރުކު ކުރާ މީހާއީ މުސްލިމެކެވެ. އީމާންކަން އުނިވެފައިވާ މީހެކެވެ. އަދި ބޮޑު ޝިރުކަށް ވާޞިލުނުވާ، އެހެނަސް ބޮޑެތި ފާފަތަކުގެ ތެރެއިން ފާފަތައް ކުރާ މީހެކެވެ. ކުޑަ ޝިރުކު ކުރާމީހާ ހިމެނޭނީ މުސްލިމުންގެ ތެރެއިންނެވެ. އަދި މުސްލިމުންގެ ޙުކުމްތައް އޭނާގެ މައްޗަށް ހިނގާނެއެވެ. އަދި ކުޑަޝިރުކު ކުރާމީހާގެ މައްޗަށް ހުރި ޙުކުމްތައްވެސް އޭނާގެ މައްޗަށް ހިނގާނެއެވެ. އޭނާއަކީ އޭނާ އެކުރާ ބޮޑެތި ފާފައިގެ ސަބަބުން ފާސިޤެއްކަމުގައި ބެލެވޭ މީހެކެވެ.
2- ބޮޑު ޝިރުކު ކުރާމީހާއީ ދާއިމީ ނަރަކަވަންތަ ވެރިއެއް: ދުވަހަކުވެސް އެތަނުން އޭނާ ނުނުކުންނާނެއެވެ. ކުރީގައި ބަޔާންވެދިޔަ ނައްޞުތަކުން ދަލާލަތުކުރާ ފަދައިންނެވެ. ކުޑަ ޝިރުކު ކުރާމީހާ ދާއިމީގޮތެއްގައި ނަރަކައިގައި ނުވާނެއެވެ. އޭނާ ކުޅަ ކުޑަ ޝިރުކާ އެކަށީގެންވާ ޢަޛާބު ދެއްވުމަށްފަހު، އެންމެ ރަޙްމަތްވަންތަ އިލާހުގެ ރަޙްމަތުގެ ދަށުން އޭނާ ސުވަރުގެ ވަންނާނެއެވެ. އޭނާއަށް ﷲ ގެ ފުއްސެވުން ލިބިދާނެތޯ ނުވަތަ އެއިލާހު ޢަޛާބު ދެއްވާނެތޯ، ނުވަތަ އޭނާ ކުޅަ ކުޑަ ޝިރުކު (މިސާލަކަށް ދެއްކުންތެރިކަން) އޭނާއަށް ޢަފޫކުރައްވާނެތޯ މިއީ ޢިލްމުވެރިން އިޚްތިލާފުވެވަޑައިގެންފައިވާ ކަމެކެވެ.
ވާރިދުވެފައިވާ ނައްޞުތަކުން ދޭހަވަނީ ޢާއްމުގޮތެއްގައި ހުރިހާ ބާވަތެއްގެ ޝިރުކުން ރައްކާތެރިވުމަށް އަންގަވާފައިވާކަމެވެ. އެއީ ބޮޑު ޝިރުކު ކަމުގައިވިޔަސް ނުވަތަ ކުޑަޝިރުކު ކަމުގައިވިޔަސް މުސްލިމުން ރައްކާތެރިވާންޖެހޭނެއެވެ. އަދި ޝިރުކުގެ ތެރެއަށް ވެއްޓުމުން ދުރުހެލިވާން ޖެހެއެވެ. އަހަރެމެންނާއި ތިޔަބައިމީހުން އެ ޝިރުކުން ރައްކާތެރިކުރެއްވުން އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި އެދެމެވެ! އާމީން.
= أنواع الشرك والتحذير منها -عبد الله بن سعد بن إبراهيم الفالح=