[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިސްލާމީ އަޚުލާޤު

20110813_007އިސްލާމްދީން ރިވެތި އަޚުލާޤަށް ތާއިދުކުރުމާއެކު މާތް އަޚްލާޤުގެ މަތީގައި މުސްލިމުން ތަރުބިއްޔަތު ކުރުމަށް ވަރަށްބޮޑު އަހަންމިޔަތުކަމެއްދެއެވެ. އަދި ތަރުބިއްޔަތުގެ ރޫޙާނީ އުސޫލުތައް ދޫކޮށްލާފައި ހަމައެކަނި މާއްދިއްޔަތަށް ލެނބުމާއި މާއްދިއްޔަތަށް ލެނބުމަށް ގޮވާލެވޭ ގޮވާލުންތައް ބާޠިލުކުރުމަށް ގަދައަޅާ މަސައްކަތްކުރެއެވެ. ހަމައެކަނި މާއްދިއްޔަތަށް ތާއީދުކުރާ މީހުން ދެކޭގޮތުގައި، އިންސާނީ ތާރީޚަކީ ކާބޯތަކެތި ހޯދުމުގެ ތާރީޚެކެވެ. އާދެ ޝަހުވަތުގެ ތާރީޚެވެ. މާއްދީ އަދި އިޤުތިޞާދީ ބާރަކީ އިންސާނާގެ ޙަޔާތުގެ މިޞްރާބު ޢައްޔަން ކޮށްދޭ އަދި ފިކުރުތަކާ ޢަޤީދާތައް އޭގެ މަތީގައި ބިނާވެފައިވާ ބާރެކެވެ. އެފަދަ މުޖުތަމަޢެއްގައި ހުރިހާ ކަމެއް ބިނާވެފައި އޮންނަނީ އިންސާނާގެ މާއްދީ ޝަހުވަތު ފުއްދުމުގެ މައްޗަށެވެ. ޙަލާލެއް ޙަރާމެއް، ގޮތެއް ފޮތެއް ބެލުމެއް ނެތިއެވެ. މީހެއްގެ ޙައްޤެއް ބެލުމެއް ނެތިއެވެ. އަޚްލާޤުގެ ކަންފުޅެއްވެސް ނެތިއެވެ.

މާއްދިއްޔަތަށް ގޮވުމާއި މާއްދިއްޔަތުގެ މަތީގައި އެބައިމީހުންގެ މުޖުތަމަޢުގެ ފިކުރުތައް ޤާއިމުކޮށްފައިވާ ހުޅަނގުގެ ޤައުމުތައް، އާދެ ޔަހޫދީންނާއި ނަޞާރާއިންނަކީ ހަމައެކަނި މިއަދު މާއްދިއްޔަތުގެ އަޅުންނަށް ވެފައިވާ ބައެއް ނޫނެވެ. އިސްލާމްދީން އަލިވެގެންވާ ނޫރެއްގެ ގޮތުގައި، އަދި ތެދުމަގު ދައްކައިދޭ މުރުޝިދެއްގެ ގޮތުގައި ދުނިޔެއަށް ފާޅުވީ، ޔަހޫދީންނާއި ނަޞާރާއިން އަޚުލާޤީ ގޮތުން ވަރަށް ބޮޑަށް ވެއްޓިފައިވީ ދުވަސް ވަރެއްގައެވެ. އެބައި މީހުންގެ ދީން، އެދީންތަކުގެ އަޞްލު އޮޅުވާލާފައި ވަނިކޮށެވެ. އެބައިމީހުންވަނީ މާތްﷲ ގެ ނިޢުމަތްތަކަށް ފުރަގަސްދީ، އެބައި މީހުންގެ ޤައުމުތައް ކުފުރުގެ މަތީގައި ބިނާކޮށްފައެވެ. އިސްލާމްދީން ގެނައި އަޚުލާޤީ ރީތި ސިފަތަކަކީ އެބައިމީހުންނަށް އައުއެއްޗެއް ނޫނެވެ. ހެވާއިނުބައި އެބައިމީހުން ދަނެއެވެ. ރަނގަޅާ ނުރަގަޅު ވަކިކުރަން އެގެއެވެ. ޙައްޤާއި ބާޠިލުގެ ދެމެދުގައި ވަރަށް ބޮޑު ފަރަޤު ވާކަން ރަނގަޅަށް ދަނެއެވެ.

ރިވެތި އަޚްލާޤީ އިޙުސާސަކީ އިންސާނާގެ ފިތުރަތުގައި މާތްﷲ ލައްވާފައިވާ އިޙުސާސެކެވެ. ޢާންމުކޮށް ހުރިހާ އިންސާނުންގެ އަޚުލާޤީ ޝުޢޫރަކީ އެއްކަހަލަ ޝުޢޫރެކެވެ. އެހެންވުމާއެކު ކޮންމެ ރަގަޅު ސިފައަކީ އެންމެންގެ ކުރިމަތީގައި ރަގަޅު ސިފައެކެވެ. އަދި ކޮންމެ ނުބައި އާދައަކީ ހުރިހާ އިންސާނުންގެ ކައިރީގައިވެސް ނުބައި އާދައެކެވެ.

ބައެއް މީހުންގެ ކުރިމަތީގައި އަނެއްބައި މީހުންގެ ކުރިމަތީގައި ރަނގަޅުވާ ކަމެއް ގޯސްވެގެންދަނީ އެކަމުގެ ސަބަބަކުން ނޫނެވެ. އެއީ އެމީހާ ވިސްނާ ވިސްނުމާއި ދެކޭގޮތުގެ ސަބަބުންނެވެ.

ތެދުވެރިވުމާއި، ޢަދުލުވެރި ވުމާއި، ވަޢުދުތައް ފުއްދުމާއި، އަމާނާތްތެރި ވުމަކީ އިންސާނީ އަޚުލާޤިއްޔަތުގައި މާތްސިފަތަކެކެވެ. ދޮގުހެދުމާއި، އަނިޔާވެރިވުމާއި ޢަހުދުތަކަށް ޚިލާފުވުމާއި ޚިޔާނާތްތެރި ވުމަކީ އެއްވެސް ތަނެއްގައި ޒަމާނެއްގައި ޤަބޫލުކުރެވޭ ސިފަތަކެއް ނޫނެވެ. މިކަންކަމަކީ އިޖުތިމާޢީ ދިރިއުޅުމުގެ ރީތި އާދަތަކެއްގެ ގޮތުގައި ދުވަހަކުވެސް ހިމެނިފައި ނެތް ކަންކަމެވެ.

މީސްތަކުންގެ ސުލޫކާ ގުޅިފައިވާ ކަންކަމުގެ ތެރެއިން ވައްކަން ކުރުމާއި، ޒިނޭކުރުމާއި، މީހުން މެރުމާއި، ފޭރުމާއި ރިޝްވަތުގެ ބޭނުން ކުރުމަކީ ރަނގަޅު ކަންތައް ތަކެއްކަމުގައި އެއްވެސް ބަޔަކު ނުދެކެއެވެ. ހަޑިހުތުރު ބަސްތައް ބުނެއުޅުމާއި، ދޭތެރެ ޖެއްސުމާއި، ހަސަދަވެރިވުމާއި ދޮގުވާހަކަތައް ފެތުރުމާއި، ތަންފަސާދަކޮށް އުޅުމަކީ ރަގަޅު ކަންތައް ކަމަކަށް ދުވަހަކުވެސް ބަޔަކު ނުދެކޭނެއެވެ. މިއާ ޚިލާފަށް މައިންބަފައިންނަށް އިޙުސާންތެރިވުމާއި ގާތްތިމާގެ މީހުންނަށް އެހީތެރިވުމާއި އަވަށްޓެރީންނާމެދު ހެޔޮކޮށް ހިތުމާއި ރަޙްމަތްތެރީންގެ ގުޅުންބަދަހި ކުރުމާއި ޔަތީމުންނާ މީސްކީނުންގެ ޚަބަރު ބެލުމާއި، ބަލިމީހުންނަށް ގޮވާލަން ދިއުމާއި މުޞީބާތްތަކާ ކުރިމަތިވެފައިވާ މީހާގެ ދަތިތައް ފިލުވައި ދިނުމަކީ ހުރިހާ ޒަމާނެއްގައި ވެސް ހެޔޮކަންތައް ކަމަށް ބެލެވިފައިވާ ކަންކަމެވެ.

މިކަންކަމުން ދޭހަކުރެވެނީ އިންސާނީ އަޚުލާޤިއްޔާތަކީ ބައިނަލްއަޤްވާމީ ޙަޤީޤަތެއް ކަމެވެ. އަދި ހުރިހާ އިންސާނުންވެސް ދަންނަކަންކަމެވެ. ހެޔޮކަމާއި ނުބައިކަމަކީ ނޭނގުމުގެ ތެރޭގައިވާ ދެކަމެއް ނޫނެވެ.  އެހެންވެ ކީރިތި ޤުރުއާނުގައި ހެޔޮކަންކަމަށް ބަޔާން ކުރައްވާފައިވަނީ ” المعروف” (ރަގަޅު ކަމެއްގެ ގޮތުގައި އެންމެން ދަންނަ ކަންތައްތައް) މިނަމުންނެވެ. ނުބައި ކަންތައްތައް ބަޔާން ވެގެންވަނީ “المنكر” (ރަގަޅު ކަމެއް ކަމުގައި އެއްވެސް މީހަކަށް ނޭނގޭ ނުވަތަ ނުދަންނަ ކަންތައްތައް) މިނަމުންނެވެ.