[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ގެތައް އިޞްލާޙުކުރުމަށް 40 ނަސޭހަތް (17)

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ދިހަވަނަ ނަސޭހަތް: ގޭގައި އޯޑިއޯ ލައިބްރަރީއެއް ހެދުން

 

ކޮންމެ ގެއެއްގައިވެސް ރަނގަޅު ކަމަކަށް އަދި ނުބައި ކަމަކަށްވެސް އޯޑިއޯ ޕްލެޔަރެއް ބޭނުންކޮށްފާނެއެވެ. ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ގޮތަށް އެފަދަ ކެސެޓް ޕްލެޔަރެއް ބޭނުންކުރާނީ ކިހިނެއް ހެއްޔެވެ؟

މިކަން ޙާޞިލު ކުރެވޭނެ ވަސީލަތަކީ: ރަނގަޅު އިސްލާމީ އޯޑިއޯތައް ހިމަނައިގެން އޯޑިއޯ ލައިބްރަރީއެއް ހެދުމެވެ. އޭގެ ތެރޭގައި ޢިލްމުވެރިންގެ ދަރުސްތަކާއި، ޚުޠުބާތަކާއި ވައުޡުނަސޭހަތާއި ޤާރީންގެ އޯޑިއޯ ހިމެނިދާނެއެވެ.

ބައެއް އިމާމުން ތަރާވީޙްގައި ކިޔަވާފައިވާ ކިޔެވުންތަކުގެ ރިކޯޑިންގްފަދަ، ކީރިތި ޤުރްއާނުގެ އޯޑިއޯ ގޭގައި އަޑުއިއްވުމަކީ ގޭގެ އަހުލުންނަށް ވަރަށް ބޮޑަށް އަޘަރު ކުރުވާކަމެކެވެ. އެއީ އޭގެ މާނައިން ކުރުވާ އަޘަރެކެވެ. ނުވަތަ ތަކުރާރުކޮށް އަޑުއިވުމުގެ ސަބަބުން ޤުރްއާން ހިތުދަސްވުމެވެ. އަދި ހަމައެފަދައިން ޤުރްއާން އަޑުއިއްވުމުގެ ސަބަބުން ޝައިޠާނީ ރާގުތަކާއި ލަވަތަކުން އެބައިމީހުން ޙިމާޔަތްކޮށްދެއެވެ. ސަބަބަކީ ކަންފަތްތަކާއި މޭތަކުގައި الرحمن ގެ ކަލާމްފުޅާއި ޝައިޠާނާގެ ރާގުތައް އެކެއް ނުވާނެއެވެ.

ގޭގެ އަހުލުންނަށް އެބައިމީހުންގެ ކޮންމެ ދުވަހެއްގެ ދިރިއުޅުމުގައި ދިމާވާ ކަންކަމާގުޅޭ ފިޤްހީ މައްސަލަތަކުގެ ކިތައް ޙުކުމް ފަތުވާތަކުގެ އޯޑިއޯއިން އެބައިމީހުންނަށް އޮޅުން ފިލާނެ ހެއްޔެވެ؟ މިގޮތުން އަޑު އެހުމަށް ނަސޭހަތްތެރިވަނީ އައްޝައިޚް ޢަބްދުލްޢަޒީޒް ބިން ބާޒް، އަދި އައްޝައިޚް މުޙައްމަދު ނާޞިރުއްދީން އަލްއަލްބާނީ، އައްޝައިޚް މުޙައްމަދު އަލްޢުޘައިމީން، އައްޝައިޚް ޞާލިޙް އަލްފައުޒާން އަދި މިނޫންވެސް ޢިލްމާއި ދީނުގައި އިތުބާރުހިފޭފަދަ ބޭފުޅުންގެ ރެކޯޑްކުރެވިފައިވާ ފަތުވާތަކެވެ.

ކޮންމެ މުސްލިމަކުވެސް އެމީހަކު ފަތުވާ ނަގަނީ ކޮން ފަރާތަކުންކަން ރަނގަޅަށް ބަލަން ޖެހޭނެއެވެ. އެހެނީ މިއީ ދީނުގެ ކަންކަމެވެ. ފަހެ، ތިޔަބައިމީހުން ދީން އުނގެނޭ ގޮތާމެދު ރައްކާތެރިވާން ޖެހޭނެއެވެ. ފަހެ، ތިޔަބައިމީހުން އެ އުނގެނެން ޖެހޭނީ ޞާލިޙް، ތަޤުވާވެރިއެއްގެ ގޮތުގައި އެނގިފައިވާ މީހެއްގެ ކިބައިންނެވެ. އަދި އެބައިމީހުންނަކީ އާޚިރަތުގައި ގެއްލުންވަނިވި ކަންތައްތަކުން ދުރުހެލިވެފައިވާ  އަދި ޞައްޙަ ޙަދީޘްތަކުގެ މައްޗަށް ބަރޯސާވާ ބަޔަކުކަމުގައި ވާންޖެހޭނެއެވެ. އަދި ވަކި މަޛްހަބަކަށް ތަޢައްޞުބުވެފައިވާ މީހަކަށް ވެގެންނުވާނެއެވެ. އަދި ދަލީލަށް ބުރަވާ މީހަކުކަމުގައި ވާންޖެހޭނެއެވެ. އަދި ޢަދުލުވެރި ހެޔޮ މިނެއްގައި ހިފަހައްޓާ މީހަކަށް ވާންޖެހޭނެއެވެ. އެހެނީ މާބޮޑަށް ހަރުކަށި އަދި މާބޮޑަށް ފަރުވާކުޑަކުރާ މީހަކަށްވެސްވެގެން ނުވާނެއެވެ. އަޅުގަނޑުމެން ސުވާލު ކުރަންވާނީ ކަމުގެ ޙަޤީޤަތް ރަނގަޅަށް އެނގޭ ފަރާތަކާއެވެ.

﴿…الرَّحْمَـٰنُ فَاسْأَلْ بِهِ خَبِيرًا﴾ [سورة الفرقان ٥۹]

މާނައީ: “…އެއީ ރަޙްމާންވަންތަ އިލާހެވެ. ފަހެ، އެއިލާހާމެދު މޮޅަށް ޚަބަރު ދަންނަ ފަރާތަކާ ކަލޭގެފާނު ސުވާލު ކުރައްވާށެވެ.”

_________________________

=ނުނިމޭ=

އެހެންބައިތައް ބެއްލެވުމަށް