ތިންވަނަ ބަޙުޘް:
ޢަޤީދާގެ މައްސަލަތަކުގައި އާޙާދު ޙަދީޘްއަކީ ޙުއްޖަތެއް.
މިބަޙުޘްއަކީ ޤިޔާމަތުގެ ޢަލާމާތްތަކާބެހޭ މައުޟޫޢުގައި ޙުކުމް ކުރުމުގައި މުހިންމު ގުޅުމެއްވާ ބަޙުޘްއެކެވެ. އެހެނީ ޤިޔާމަތުގެ ގިނަ ޢަލާމާތްތައް އައިސްފައިވަނީ އާޙާދު ޙަދީޘް[1] ތަކުގައެވެ. އަދި އަހްލުލް ކަލާމް[2]ގެ ބައެއް ޢިލްމުވެރިންނާއި އުޞޫލުގެ[3] ބައެއް ދަންނަބޭކަލުން ބުރަވެވަޑައިގެންފައިވާކަން ކަށަވަރީ، ޢަޤީދާގެ މައްސަލަތައް އާޙާދު ޙަދީޘުން ޘާބިތު ނުކުރެވޭނޭ ކަމުގެ މައްޗަށެވެ. އަދި އެކަން ހަމައެކަނި ޘާބިތު ކުރެވޭނީ ޤުރުއާނުގެ އާޔަތުންނާއި ރަސޫލުﷲ صلى الله عليه وسلم ގެ ޙަދީޘް ބަސްފުޅުގެ ޤަޠުޢީ (އެބަޙީ: އެއާމެދު ޝައްކެއްނެތް) ދަލީލަކުންނެވެ.
މިއީ ޤަބޫލުވެވިގެންވާ ބަސްތަކެއް ނޫނެވެ. ފަހެ ޙަދީޘަކީ ޘިޤާ (އެބަހީ: ހިތުދަސްކުރުމުގެ ބާރު ވަރުގަދަ، ޝައްކުތަކުން ދުރުވެގެންވާ) ރާވީއަކު ރިވާކޮށްފައިވާ ޞައްޙަ ރިވާޔަތެއްކަމާއި، އަޅުގަނޑުމެންނާ ހަމައަށް ފޯރާފައިވަނީ ޞައްޙަ މަގުން ކަމުގައި ޘާބިތުވެއްޖެ ކަމުގައި ވާނަމަ، އެޙަދީޘަށް އީމާންވުމާއި ތެދުކޮށްކަށަވަރުކުރުން ވާޖިބު ވެގެން ވެއެވެ. އެއީ މުތަވާތިރު ޚަބަރެއް ކަމުގައި ނުވަތަ އާޙާދު ޙަދީޘެއްކަމުގައި ވީނަމަވެސް، އެއިން ޔަޤީންވެގެންވާ ޢިލްމު ލިއްބައިދެއެވެ. އަދި މިއީ ސަލަފުއްޞާލިޙުންގެ ޢިލްމުވެރީންގެ މަޛްހަބުވެސް މެއެވެ. އެއީ މުއުމިނުތަކުންނަށް، އެބަސްފުޅަކުން ﷲ ތަޢާލާ އަމުރު ކުރައްވާފައިވާ ފަދައިންނެވެ.
﴿وَمَا كَانَ لِمُؤْمِنٍ وَلا مُؤْمِنَةٍ إِذَا قَضَى اللَّهُ وَرَسُولُهُ أَمْرًا أَنْ يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ …﴾ (سورة الأحزاب: 36)
މާނައީ: “އަދި ﷲ އާއި އެކަލާނގެ ރަސޫލާ ކަމަކަށް ނިޔާކުރައްވައިފިހިނދު މުއުމިނު ފިރިހެނަކަށްވެސް އަދި މުއުމިނު އަންހެނަކަށްވެސް އެކަމުގައި އެއުރެންނަށް އިޚްތިޔާރު އޮތުމަކީ ނެތްކަމެކެވެ… “
އަދިވެސް އެކަލާނގެ ވަޙީ ކުރައްވާފައިވެއެވެ.
﴿أَطِيعُوا اللَّهَ وَالرَّسُولَ…﴾ (سورة آل عمرآن: 32)
މާނައީ: “ތިޔަބައިމީހުން ﷲ އަށާއި ރަސޫލާއަށް ކިޔަމަންވާށެވެ…”
އިބްނު ޙަޖަރު رحمه الله ވިދާޅުވެފައި ވެއެވެ.
[އެބަސްފުޅުގެ މާނައީ]“އެކެއްގެ ފަރާތުން އަންނަ ޚަބަރަށް، އެއްވެސް އިންކާރު ކުރުމެއްނެތި ޢަމަލުކުރުމަށްޞަޙާބީންނާއި ތާބިޢީންގެ މެދުގައި ފެތުރިފައިވިއެވެ. ފަހެ [މިކަމުގައި] އެބޭކަލުން އިއްތިފާޤުވެވަޑައިގެންފައިވަނީ އެއީ(އެބަހީ: އާޙާދު ޚަބަރަކީ) ޤަބޫލުވެވިގެންވާ އެއްޗެއް ކަމުގައެވެ.”
އަދި އިބްނު އަބިލްޢިއްޒު ވިދާޅުވެފައި ވެއެވެ.
[އެބަސްފުޅުގެ މާނައީ] “އެކެއްގެ ފަރާތުން އަންނަ ޚަބަރަކަށް ޢަމަލުކުރުމުގައި އަދި ތެދުކުރުމުގައި އުންމަތް އެ ބަލައިގަންފިނަމަ، ގިނަ ޢިލްމުވެރިންގެ އަރިހުގައި އެއިން ލިބިދެނީ ޔަޤީނުގެ ޢިލްމެވެ. [އެބަހީ: އެއީ ކަށަވަރު ޚަބަރެކެވެ.] އަދި އެއީ މުތަވާތިރުގެ ބައިތަކުގެ ތެރެއިން ބައެއްވެސް މެއެވެ. އުންމަތުގެ ސަލަފުންގެ މެދުގައި އެކަމާމެދުގައި އެއްވެސް ޚިލާފެއް ނުވެއެވެ.”
އަދި އަލްއިމާމު ޝާފިޢީ -رحمه الله- އާ މީހަކު، ކަމަކާ ބެހޭގޮތުން ސުވާލު ދެންނެވުމުން އެކަލޭގެފާނު ވިދާޅުވިއެވެ. [އެބަސްފުޅުގެ މާނައީ] “އެކަމުގައި ރަސޫލު صلى الله عليه وسلم މިވެނި އެވެނި ގޮތަކަށް ނިޔާކަނޑައެޅުއްވިއެވެ.”
ފަހެ އެމީހާ ޝާފިޢީގެފާނަށް ދެންނެވިއެވެ. ކަލޭގެފާނު [އެކަމާމެދު] ވިދާޅުވާނީ ކީކޭތޯއެވެ؟
ފަހެ ޖަވާބުގައި އެކަލޭގެފާނު ވިދާޅުވިއެވެ. “سُبْحَانَ الله! ތިމަންނާ ފައްޅިއެއްގައި ވާތީ ތިބާއަށް ފެނުނީތޯއެވެ؟! ނުވަތަ ތިމަންގެ ބަނޑުގައި ޒުއްނާރެއްވާތީ ތިބާއަށް ފެނުނީތޯއެވެ؟! ތިމަން މިބުނަނީ: ‘ރަސޫލުﷲ صلى الله عليه وسلم އެފަދައިން ނިޔާކަނޑައެޅުއްވިކަމުގައެވެ. ނަމަވެސް ތިބާ އަދިވެސް ތިބުނަނީ: ކަލޭގެފާނު [އެކަމާމެދު] ވިދާޅުވާނީ ކީކޭތޯއެވެ؟!'” [زُنَّارއަކީ: ނަޞާރާއިން ބަނޑުގައި އަޅާ އެއްޗަކަށް ކިޔާ ނަމެކެވެ.]
އަދިވެސް ޝާފިޢީގެފާނުގެ ވިދާޅުވެފައި ވެއެވެ. [އެބަސްފުޅުގެ މާނައީ] “ރަސޫލުﷲ صلى الله عليه وسلم އަރިހުން ޞައްޙަ ޙަދީޘެއް ތިމަންކަލޭގެފާނާ ހަމައަށް ރިވާވެގެން އަންނަ ހިނދު އޭގައި ނުހިފައިފިނަމަ، ހަމަކަށަވަރުންވެސް ތިމަންކަލޭގެފާނުގެ ބުއްދި ފިލައިހިނގައްޖެ ކަމުގައި ތިޔަބައިމީހުން ހެކިވާށެވެ.”
ދެންފަހެ އެބޭކަލުން (އެބަހީ ސަލަފުންގެ ޢިލްމުވެރީން) އެކަހެރި ޚަބަރާއި މުތަވާތިރު ޚަބަރު ތަފާތެއް ނުކުރައްވައެވެ. އަދި ޢަޤީދާއާ ގުޅޭ ޚަބަރެއް އަދި ޢަމަލުތަކާގުޅޭ އަމުރެއްވާ ޚަބަރެއް ތަފާތެއް ނުކުރައްވަތެވެ. އެހުރިހާ ކަމެއް ހަމައެކަނި ދައުރުކުރަނީ ޙަދީޘް ޞައްޙަވުމުގެ މައްޗަށެވެ.
އަދި އަލްއިމާމް އަޙްމަދު -رحمه الله- ވިދާޅުވިއެވެ.
[އެބަސްފުޅުގެ މާނައީ] “ރަސޫލުﷲ صلى الله عليه وسلم ގެ އަރިހުން، ރަނގަޅު ސަނަދަކުން އަންނަ ކޮންމެ ކަމަކަށް އަޅުގަނޑުމެން އިޤްރާރުވަމުއެވެ. އަދި އެކަމާއިގެން (އެބަހީ: ޚަބަރާއިގެން) ވަޑައިގެންނެވި ރަސޫލާއަށް އަޅުގަނޑުމެންނަށް އިޤްރާރުނުވެވޭނަމަ، އަދި އެ ދުރުކޮށް، އެ ރައްދުކޮށްފިނަމަ އަޅުގަނޑުމެންނަށް އެ ރައްދުކުރެވެނީ މާތް ﷲ ގެ އަމުރުފުޅެވެ. މާތް ﷲ ވަހީކުރެއްވިއެވެ. ﴿…وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانْتَهُوا…﴾ (سورة الحشر: 7) [މާނައީ: “…އަދި ރަސޫލާ ތިޔަބައިމީހުންނަށް ގެންނެވި ކޮންމެ ކަމެއްގައި ތިޔަބައިމީހުން ހިފާށެވެ. އަދި އެކަލޭގެފާނު ތިޔަބައިމީހުންނަށް ނަހީކުރެއްވި ކޮންމެ ކަމަކުން،ފަހެ ތިޔަބައިމީހުން ދުރުވެގަންނާށެވެ…]“
ދެން ފަހެ ޚަދީޘެއް ޞައްޙަވުން ފިޔަވައި އިތުރު ޝަރުޠެއް އަލްއިމާމް އަޙްމަދު -رحمه الله- ކުރައްވާފައި ނުވެއެވެ.
=ނުނިމޭ=
މިލިޔުމުގެ އެހެންބައިތައް ބައްލަވާ
__________________________________________
[1] އަޅުގަނޑުމެންނާ ހަމައަށް ޚަބަރެއް ފޯރުމުގެ [މަގަށް] ބަލާއިރު، [އެކަން] ބެހިގެންވަނީ މުތަވާތިރު އަދި އާޙާދު އަށެވެ.
ހ. މުތަވާތިރު: އެއީ ޖަމާޢަތެއްގެ ބަޔަކު، އެހެން ޖަމާޢަތެއްގެ ބައެއްގެ އަރިހުން ރިވާކުރައްވާފައިވާ، އެސަނަދުގެ (އެބަހީ؛ އެއްބައެއްގެ ފަރާތުން އަނެއްބަޔަކު ރިވާކުރުމުގައި) ފެށިގެން ގޮސް ނިޔަލަށް ދާންދެން، ޢާންމު ގޮތެއްގައި އެބައިމީހުން ދޮގެއްގެ މައްޗަށް އިއްތިފާޤުވުން މުސްތަޙީލު ދަރަޖައިގައިވާ ރިވާޔަތްތަކެވެ.
ށ. އާޙާދު: އެއީ މުތަވާތިރު ދަރަޖާގައި ނުހިމެނޭ ރިވާޔަތްތަކެވެ.
[2] [އެއީ] މުޢުތަޒިލާއިންނާއި، ފަހުންއައި މީސްތަކުންގެ ތެރެއިން އެބައިމީހުންނަށް ތަބާވީ އެފަދަ މީހުންނެވެ. އައްޝައިޚް މުޙައްމަދު ޢަބްދުހް، މަޙްމޫދު ޝަލްޠޫތު ،އަޙްމަދު ޝަލަބީ، ޢަބްދުލްކަރީމް ޢުޘްމާން އަދި މިނޫންވެސް މިފަދަ މީހުންނެވެ.
[3] [އުޞޫލު ފިޤުހަކީ: ފިޤުހުގެ އިޖުމާލީ ދަލީލުތަކާ ގުޅުންހުރި، އަދި އެދަލީލު ތަކުން ފައިދާ ޙާޞިލުކުރާނެގޮތާއި ފައިދާ ޙާޞިކުރާމީހުންގެ ޙާލަތު ބަޔާންކޮށްދީ ދެނެގަންނަ ޢިލްމެވެ.]