[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޢާއިލާއަށް ތަރުބިއްޔަތުގެ މުހިއްމުކަން

ޢާއިލާއަކަށް ބަލާއިރު ހެޔޮލަފާ ތަރުބިއްޔަތުގެ މުހިއްމުކަން ވަރަށްބޮޑެވެ. މަންމައާއި ބައްޕަ ތަރުބިއްޔަތު ކުރުމުގެ މައްސޫލިއްޔައިގެން ތެދުވާ ތެދުވުމަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭ ކަމެކެވެ. އަދި އެއީ އެދެމީހުންގެ ކޮނޑުގައި އެޅިފައިވާ ޙައްޤު އަދާކުރުމެވެ. އަދި އެންމެހާ ގޯސްކަންތައްތަކުން ކުދީން ސަލާމަތްކުރުމަށްޓަކައި ކުރެވޭ ކަމެކެވެ. ތަރުބިއްޔަތުގެ ސަބަބުން ދުނިޔެއާއި އާޚިރަތުގައިވެސް މައިންބަފައިންނަށް އުފާވެރިކަން ލިބެއެވެ.

1- ﷲ އަށް ވެވޭ ކިޔަމަންގަތުމެއް

މީސްތަކުންނާއި ހިލަ އެތަނެއްގެ ދަރުކަމުގައިވާ ނަރަކައިން އަހަރެމެންގެ ނަފުސުތަކާއި އަނބިދަރީން ސަލާމަތްކުރުމަށް ﷲ ތަޢާލާ އަހަރެމެންނަށް އަމުރުކުރައްވާފައިވެއެވެ. ﷲ ތަޢާލާގެ ވަޙީ ބަސްފުޅުގައި ވާ ފަދައިންނެވެ. يَاأَيُّهَا الَّذِينَ آمَنُوا قُوا أَنفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا النَّاسُ وَالْحِجَارَةُ عَلَيْهَا مَلَائِكَةٌ غِلَاظٌ شِدَادٌ لَا يَعْصُونَ اللَّهَ مَا أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ- التحريم 6 މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ!ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތަކާއި، ތިޔަބައިމީހުންގެ އަހުލުވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ. އެ ނަރަކައިގެ މައްޗަށް (ބަނޑޭރިންކަމުގައި) ހަރުކަށި، އަދި ގަދަފަދަ މަލާއިކަތުންވެއެވެ. ﷲ އެބޭކަލުންނަށް ކުރައްވާ އަމުރަކަށް އެބޭކަލުން ނުއުރެދޭނެތެވެ. އަދި އެބޭކަލުންނަށް އަމުރުކުރައްވާކަންތައް އެބޭކަލުން ކުރައްވާނެތެވެ.”

ޢަލީ ބިން އަބީ ޠާލިބު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. “އެބައިމީހުންނަށް އުނގަންނައިދޭށެވެ. އަދި އަދަބުވެރިކުރުވާށެވެ.” (ތަފްސީރު އިބްނު ކަޘީރު)

މައިންބަފައިން ﷲ ގެ ފޮތާއި އެއިލާހުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުގެ މަންހަޖުގެ މަތީގައި ކުދީން ތަރުބިއްޔަތު ކޮށްފިނަމަ އެދެމީހުން އެ ކުރަނީ ﷲ އަށް ކިޔަމަން އަދާކުރުމުގެ ގޮތުން އަދާކުރެވޭ ކަމަކެވެ.

2- މައްސޫލިއްޔަތު އަދާކުރުމެއް:

ތަރުބިއްޔަތަކީ މައްސޫލިއްޔަތެކެވެ. އެ މައްސޫލިއްޔަތު އެންމެ ބޮޑަށް ގުޅިފައިވަނީ ޢާއިލާއާއެވެ. ދެން މުޖްތަމަޢުގައި ހުންނަ ތަރުބަވީ މުއައްސަސާތަކާއެވެ. އަދި ކޮންމެ ފަރުދެއްގެ ކޮނޑުގައިވެސް މި މައްސޫލިއްޔަތު އެޅިފައިވެއެވެ. އޭނާގެ މަޤާމާއި ޙާލަތާއި ކުޅަދާނަކަން ހުންނަ ވަރެއްގެ މައްޗަށް ބިނާކޮށެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. (كُلُّكُمْ رَاعٍ وَكُلُّكُمْ مَسْئُولٌ عَنْ رَعِيَّتِهِ الإِمَامُ رَاعٍ وَمَسْئُولٌ عَنْ رَعِيَّتِهِ وَالرَّجُلُ رَاعٍ فِي أَهْلِهِ وَهُوَ مَسْئُولٌ عَنْ رَعِيَّتِهِ وَالْمَرْأَةُ رَاعِيَةٌ فِي بَيْتِ زَوْجِهَا وَمَسْئُولَةٌ عَنْ رَعِيَّتِهَا وَالْخَادِمُ رَاعٍ فِي مَالِ سَيِّدِهِ وَمَسْئُولٌ عَنْ رَعِيَّتِهِ وَكُلُّكُمْ رَاعٍ وَمَسْئُولٌ عَنْ رَعِيَّتِهِ)-رواه البخاري ومسلمމާނައަކީ: “ތިޔަބައިމީހުންކުރެ ކޮންމެ މީހަކީވެސް މަސްއޫލުވެރިޔެކެވެ. އިމާމްމީހާ ނުވަތަ ގައުމުގެ ވެރިޔާ އަކީ ރަޢްޔިތުންގެ މަސްއޫލުވެރިޔާއެވެ. އޭނާގެ މަސްއޫލިއްޔަތާއި ބެހޭ ގޮތުން ސުވާލުވެވޭނެއެވެ. ފިރިމީހާ އަކީ އޭނާގެ އަހުލުވެރިންގެ ބެލެނިވެރިޔާއެވެ. އެމީހުންގެ ކަންތައްތަކާއި ބެހޭގޮތުން އޭނާ އާ ސުވާލުކުރެވޭނެއެވެ. އަނބިމީހާ އަކީ އޭނާގެ ފިރިމީހާގެ ގޭގެ މަސްޢޫލުވެރިޔާ އެވެ. އޭނާގެ މަސްއޫލިއްޔަތާ ބެހޭގޮތުން ސުވާލުވެވޭނެއެވެ. ޚާދިމް މީހާ އަކީ އޭނާގެ ސާހިބު މީހާގެ މުދަލުގެ މަސްއޫލުވެރިޔާއެވެ. އެކަމާއި މެދު އޭނާ އާ ސުވާލުކުރެވޭނެއެވެ. ތިޔަބައިމީހުންކުރެ ކޮންމެ މީހަކީވެސް ބެލެނިވެރިޔެކެވެ. ތިމާގެ ބެލެނިވެރިކަމުގެ ދަށުގައިވާ މީހުންނާއި މެދު ސުވާލު ކުރެވޭނެއެވެ”. (ނުނިމޭ)

**********************************************

މިއީ أ.د. خالد بن حامد الحازميލިޔުއްވާފައިވާ أصول التربية الإسلاميةއަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.