ފުރަތަމަ ބައި: تَوْحِيْدُ الرُّبُوْبِيَّة
تَوْحِيْدُ الرُّبُوْبِيَّة އަކީ: ﷲ ތަޢާލާގެ ޢަމަލުފުޅުތަކުގައި އެއިލާހު އެއްކައުވަންތަކުރުމެވެ.
ރަސޫލުﷲ ގެ ޒަމާނުގައި އުޅުނު ކާފަރުންވަނީ تَوْحِيْدُ الرُّبُوْبِيَّة އަށް އިޤުރާރުވެފައެވެ. ނަމަވެސް އޭގެ ސަބަބުން އެބައިމީހުން އިސްލާމްދީނަށް ވަނީކަމުގައި ނުބެލެވުނެވެ. އަދި ރަސޫލުﷲ صلى الله عليه وسلم އެބައިމީހުންނާ ހަނގުރާމަކުރެއްވިއެވެ. އަދި އެބައިމީހުންގެ ލެއާއި މުދާ ހުއްދަކުރެއްވިއެވެ.
އެކަމުގެ ދަލީލަކީ ﷲ ތަޢާލާގެ އަންނަނިވި ވަޙީ ބަސްފުޅެވެ.
﴿قُلْ مَن يَرْزُقُكُم مِّنَ السَّمَاءِ وَالْأَرْضِ أَمَّن يَمْلِكُ السَّمْعَ وَالْأَبْصَارَ وَمَن يُخْرِجُ الْحَيَّ مِنَ الْمَيِّتِ وَيُخْرِجُ الْمَيِّتَ مِنَ الْحَيِّ وَمَن يُدَبِّرُ الْأَمْرَ ۚ فَسَيَقُولُونَ اللَّـهُ ۚ فَقُلْ أَفَلَا تَتَّقُونَ﴾ [سورة يونس ٣١]
މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުންނަށް އުޑުންނާއި، ބިމުން ރިޒްޤު ދެއްވަނީ ކޮން ފަރާތެއް ހެއްޔެވެ. ނުވަތަ އިވުމާއި ފެނުން މިލްކުވެގެންވަނީ ކޮން ފަރާތަކަށް ހެއްޔެވެ. އަދި މަރުވެފައިވާ ތަކެތިން ދިރޭތަކެތި ނެރުއްވައި، ދިރޭތަކެތިން މަރުވެފައިވާ ތަކެތި ނެރުއްވަނީ ކޮން ފަރާތެއް ހެއްޔެވެ. އަދި އެންމެހާ ކަންތައް ތަދްބީރު ކުރައްވަނީ ކޮން ފަރާތެއް ހެއްޔެވެ. ފަހެ އެބައިމީހުން ބުނާނެއެވެ. (އެއީ) ﷲ އެވެ. ދެން ކަލޭގެފާނު ވިދާޅުވާށެވެ. ފަހެ ތިޔަބައިމީހުން (އެކަލާނގެއަށް) ތަޤްވާވެރި ނުވަނީ ހެއްޔެވެ.”
އަދިވެސް އެއިލާހު ވަޙީކުރެއްވިއެވެ.
قُل لِّمَنِ الْأَرْضُ وَمَن فِيهَا إِن كُنتُمْ تَعْلَمُونَ ﴿٨٤﴾ سَيَقُولُونَ لِلَّـهِ ۚ قُلْ أَفَلَا تَذَكَّرُونَ ﴿٨٥﴾ قُلْ مَن رَّبُّ السَّمَاوَاتِ السَّبْعِ وَرَبُّ الْعَرْشِ الْعَظِيمِ ﴿٨٦﴾ سَيَقُولُونَ لِلَّـهِ ۚ قُلْ أَفَلَا تَتَّقُونَ ﴿٨٧﴾ قُلْ مَن بِيَدِهِ مَلَكُوتُ كُلِّ شَيْءٍ وَهُوَ يُجِيرُ وَلَا يُجَارُ عَلَيْهِ إِن كُنتُمْ تَعْلَمُونَ ﴿٨٨﴾ سَيَقُولُونَ لِلَّـهِ ۚ قُلْ فَأَنَّىٰ تُسْحَرُونَ ﴿٨٩﴾ [سورة المؤمنون]
ކަލޭގެފާނު ވިދާޅުވާށެވެ. ބިމާއި އެތާނގައިވާހާ ބަޔަކާއި، ތަކެއްޗެއް (މިލްކުވެގެން)ވަނީ ކޮންފަރާތަކަށް ހެއްޔެވެ. ތިޔަބައިމީހުން އެކަން ދަންނަކަމުގައި ވާނަމައެވެ. (84) އެބައިމީހުން ދަންނަވާނެއެވެ. (މިލްކުވެރިކަންވަނީ) ﷲ އަށެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ފަހެ ތިޔަބައިމީހުން ހަނދުމަ ނުކުރަނީ ހެއްޔެވެ. (85) ކަލޭގެފާނު ވިދާޅުވާށެވެ. ހަތް އުޑާއި މާތްވެގެންވާ ޢަރްޝުގެވެރި رَبّ އަކީ ކޮން ފަރާތެއް ހެއްޔެވެ. (86) އެބައިމީހުން ދަންނަވާނެއެވެ. (ވެރިކަންވަނީ) ﷲ އަށެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ފަހެ ތިޔަބައިމީހުން (އެކަލާނގެޔަށް) ތަޤްވާވެރި ނުވަނީ ހެއްޔެވެ. (87) ކަލޭގެފާނު ވިދާޅުވާށެވެ. އެފަރާތެއްގެ އަތްޕުޅުގައި އެންމެހާ ތަކެތީގެ ވެރިކަންވާ ފަރާތަކީ ކޮބާ ހެއްޔެވެ. އެންމެހާ ތަކެތި ރައްކާތެރިކުރައްވާ ފަރާތަކީ އެއީއެވެ. އެފަރާތާ ދެކޮޅަށް (އެއްވެސް މީހަކަށް) ރައްކާތެރިކަމެއް ނުދެވޭނެއެވެ. ތިޔަބައިމީހުން (އެކަން) ދަންނަކަމުގައި ވާނަމައެވެ. (88) އެބައިމީހުން ދަންނަވާނެއެވެ. (މިލްކުވެރިކަންވަނީ) ﷲ އަށެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ފަހެ ތިޔަބައިމީހުންނަށް (އެކަންކަން) އޮޅެނީ ކޮންފަދައަކުން ހެއްޔެވެ. (89) [1]
ފިލާވަޅުގެ އިރުޝާދުތައް
* ﷲ ތަޢާލާގެ ޢަމަލުފުޅުތަކުގައި އެއިލާހު އެއްކައުވަންތަކުރުމުގެ މާނައަކީ: ﷲ ތަޢާލާއަކީ ޚަލްޤުކުރައްވާ ރިޒްޤުދެއްވާ ދިރުންދެއްވާ މަރުގެންނަވާ ، އަދި އެނޫނަސް އެއިލާހުކުރައްވާ ޢަމަލުފުޅުތަކުގައި އެއިލާހު އެއްކައުވަންތަވެ ވޮޑިގެންވާކަން އިޢުތިޤާދުކޮށް ހިތުގައި ބިންވަޅުނެގުމެވެ.
* ކާފަރުންގެ ގާތަށް ރަސޫލުﷲ صلى الله عليه وسلم ވަޑައިގެންނެވިއިރު تَوْحِيْدُ الرُّبُوْبِيَّة އަށް ކާފަރުން އީމާންވެ އުޅުނެވެ. ނަމަވެސް އެބައިމީހުންގެ އީމާންކަމުން އެބައިމީހުންނަށް ފައިދާއެއް ނުކުރީ އެބައިމީހުން އަޅުކަމުގައި ﷲ ތަޢާލާ އެއްކައުވަންތަ ނުކުރުމުންނެވެ.
* ﷲ ތަޢާލާ އަކީ އޭނާ ޚަލްޤުކުރައްވާ، އަދި އޭނާއަށް ރިޒްޤުދެއްވާ ފަރާތްކަމަށް އީމާންވާމީހަކުވެސް، އަޅުކަންކުރާއިރު ހަމައެކަނި ﷲ ތަޢާލާއަށް އަޅުކަން ނުކުރާނަމަ އޭނާ ވާނީ މުޝްރިކަކަށެވެ. އިސްވެ ދިޔަ އާޔަތްތަކުގައި ﷲ ތަޢާލާ މުޝްރިކުން ކުށްވެރިކުރައްވާފައިވަނީ އެސަބަބަށްޓަކައިއެވެ.
ސުވާލުތައް
1. ﷲ ތަޢާލާގެ ޢަމަލުފުޅުތަކުގައި އެއިލާހު އެއްކައުވަންތަކުރުމުގެ މާނައަކީ ކޮބާ ހެއްޔެވެ؟
2. ނަބިއްޔާ صلى الله عليه وسلم ގެ ޒަމާނުގައި ކާފަރުން އިޤްރާރުވީ ތައުޙީދުގެ ތިން ބައިގެ ތެރެއިން ކޮން ބަޔަކަށް ހެއްޔެވެ؟
އަދި އެބައިމީހުން ހަމައެކަނި އެކަމަށް އިޤްރާރުވުމުން އޭގެ ސަބަބުން އެބައިމީހުންނަށް ފައިދާއެއް ކުރި ހެއްޔެވެ؟
3. تَوْحِيْدُ الرُّبُوْبِيَّة ގެ ދަލީލަކީ ކޮބާ ހެއްޔެވެ؟
4. ﷲއަށް އަޅުކަން ނުކުރިނަމަވެސް ﷲ ތަޢާލާ އަކީ ރިޒްޤުދެއްވާ، ދިރުންދެއްވާ އަދި މަރުގެންނަވާ ފަރާތްކަމަށް އިޢުތިރާފުވުމުން، އެފަދަ މީހަކީ މުސްލިމެއްކަމުގައި ބެލެވޭނެ ހެއްޔެވެ؟ އެއީ ކީއްވެ ހެއްޔެވެ؟
________________________________________
[1] مَلَكُوْت ގެ މުރާދަކީ: މަތިވެރިވެގެންވާ ވެރިކަމެވެ.
وَهُوَ يُجِيرُ ގެ މުރާދަކީ: އެއިލާހުގެ އަޅުތަކުން ނުބައިކަމުން ރައްކާތެރިކޮށްދެއްވާ، ނުރުހުންތެރިވާ ފަދަ ކަންކަން އެއިލާހު ދުރުކޮށްދެއްވުމެވެ.
وَلَا يُجَارُ عَلَيْهِ ގެ މުރާދަކީ: އެއްވެސް މީހަކަށް ﷲގެ ކިބައިން ރައްކާތެރިއެއް ނުކޮށްދެވޭނެއެވެ. އަދި ﷲ ތަޢާލާ އިރާދަކުރައްވައިފި ނުބައެއްވެސް އެއްވެސް މީހަކަށް ދުރެއް ނުކޮށްދެވޭނެއެވެ.
أَنَّىٰ تُسْحَرُونَ ގެ މުރާދަކީ: ތިޔަބައިމީހުންގެ ބުއްދި ކޮބާ ހެއްޔެވެ؟