ދެވަނަ ބައި: تَوْحِيْدُ الأُلُوهِيَّة
އެއީ އަޅުތަކުން ކުރާ ޢަމަލުތަކުގައި ﷲ ތަޢާލާ އެއްކައުވަންތަކުރުމެވެ. މިޘާލަކަށް: ދުޢާކުރުމާއި، ނަދުރުބުނުމާއި. ޛަބަޙަކުރުމާއި، އުންމީދުކުރުމާއި(الرَّجَاء)، ބިރުގަތުމާއި (الخَوْف)، އުންމީދާއެކު އެދުމާއި (الرَّغْبَة)، ބިރުގަތުމާއެކު ދުރުހެލިވުމާއި(الرَّهَبَة)، ތައުބާވުމާއި ވާތްގަށްއެދުމާއި ރައްކާތެރިކަމަށް އެދުމާއި މާތްކޮށްހިތުމެވެ.
ތައުޙީދުގެ ބައިތަކުގެ ތެރެއިން އިހުޒަމާނުއްސުރެ މިއަދާ ޖެހެންދެންވެސް މީސްތަކުން އެކަމަކާމެދު ޚިލާފުވެފައިވާ ބަޔަކީ މިއީ އެވެ. ރަސޫލުބޭކަލުންނާއި އެބޭކަލުންގެ އުންމަތުގެ މީސްތަކުންނާ މެދުވެސް ޚިލާފުވެފައިވާ މި ބައިގައެވެ.
ދުޢާކުރުމުގެ ދަލީލަކީ ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ.
﴿وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ ۚ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ﴾[سورة غافر ٦٠] [1]
މާނައީ: “އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ވަޙީކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް ދުޢާކުރާށެވެ. ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ދުޢާ އިޖާބަކުރައްވާހުށީމެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެއަށް އަޅުކަން ކުރުމަށް ކިބުރުވެރިވެގަންނަ މީހުން (ދަންނާށެވެ.) ނިކަންހުރެ ނިކަމެތިވެގެންވާ ޙާލު އެބައިމީހުން ނަރަކަޔަށް ވަންނާނެއެވެ.”
ފިލާވަޅުގެ އިރުޝާދުތައް
* تَوْحِيْدُ الأُلُوهِيَّة އަށް تَوْحِيْدُ العِبَادَةِ ގެ ނަމުން ނަންދެވިފައިވެއެވެ. އެއީ އެކަމަކަށްޓަކައި ރަސޫލުބޭކަލުން ފޮނުއްވާ، ފޮތްތައް ބާއްވާލެއްވުނު ކަމެވެ. ކޮންމެ ރަސޫލު ބޭކަލަކުވެސް އެބޭކަލެއްގެ ޤައުމުގެ މީހުންނަށް ދަޢުވަތުދެއްވަން ފައްޓަވަނީ ތައުޙީދަށް އަމުރުކޮށްގެންނެވެ. نُوْح ، هُوْد ، صَالِح އަދި شُعَيْب – عليهم السلام – ވެސް މިފަދައިން ވިދާޅުވިއެވެ.
﴿… يَا قَوْمِ اعْبُدُوا اللَّـهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُ… ﴾ [سورة الأعراف ٥٩، ٦٥ ، ٧٣ ،٨٥]
މާނައީ: ” އޭ އަހަރެންގެ ޤައުމުގެ މީހުންނޭވެ. ތިޔަބައިމީހުން ﷲ އަށް އަޅުކަން ކުރާށެވެ. އެކަލާނގެ ފިޔަވައި އެހެން އިލާހަކު ތިޔަބައިމީހުންނަކަށް ނުވެއެވެ.”
* ﷲ ތަޢާލާ އެއްކައުވަންތަކުރެވޭ ކަންތައްތަކުގެ ތެރެއިންނާއި އަދި އަޅުކަމުގެ ވައްތަރުތަކުގެ ތެރެއިން ދުޢާއަކީ އެންމެ މާތްވެގެންވާ އެއް ކަމެވެ. އެހެންކަމުން ކީރިތި ޤުރުއާނުގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿… إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ﴾[سورة غافر ٦٠]
މާނައީ: “… ހަމަކަށަވަރުން ތިމަންރަސްކަލާނގެއަށް އަޅުކަން ކުރުމަށް ކިބުރުވެރިވެގަންނަ މީހުން (ދަންނާށެވެ.) ނިކަންހުރެ ނިކަމެތިވެގެންވާ ޙާލު އެބައިމީހުން ނަރަކަޔަށް ވަންނާނެއެވެ.”
މި އާޔަތުގެ މުރާދަކީ: އެކަލާނގެއަށް ‘ދުޢާކުރުމަށް’ ބޮޑާވެގަންނަ މީހުންގެ ވާހަކައެވެ. އެކަމުގެ ދަލީލަކީ މިއާޔަތުގެ ކުރީކޮޅުގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވަނީ:
﴿ … ادْعُونِي …﴾[سورة غافر ٦٠]
މާނައީ: “… ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް ދުޢާކުރާށެވެ …”
ސުވާލުތައް
1. تَوْحِيْدُ الأُلُوهِيَّة އަކީ ކޮބާ؟
2. ރަސޫލުބޭކަލުން އެބޭކަލުންގެ ޤައުމުގެ މީސްތަކުންނަށް ދަޢުވަތުދެއްވުމުގައި އެންމެ ފުރަތަމަ ފައްޓަވަނީ ކޮންކަމަކަށް ގޮވާލަން ހެއްޔެވެ؟
3. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ ۚ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ﴾[سورة غافر ٦٠]
މާނައީ: “އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ވަޙީކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް ދުޢާކުރާށެވެ. ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ދުޢާ އިޖާބަކުރައްވާހުށީމެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެއަށް އަޅުކަން ކުރުމަށް ކިބުރުވެރިވެގަންނަ މީހުން (ދަންނާށެވެ.) ނިކަންހުރެ ނިކަމެތިވެގެންވާ ޙާލު އެބައިމީހުން ނަރަކަޔަށް ވަންނާނެއެވެ.”
ދުޢާކުރުމަކީ އަޅުކަމެއްކަމުގެ ދަލީލު މިއާޔަތުގައިވެއެވެ. އެކަން ބަޔާންކޮށްދޭށެވެ.
4. އަޅުތަކުން އަދާކުރާ އަޅުކަންތައް ހަމައެކަނި ﷲއަށް އަދާކުރުމަކީ ވާޖިބުވެގެންވާ ކަމެކެވެ. އަޅުކަމުގެ ވައްތަރުތަކުގެ ތެރެއިން 5 ކަމެއް ބަޔާންކޮށްދޭވެ.
5. تَوْحِيْدُ الرُّبُوْبِيَّة އާއި تَوْحِيْدُ الأُلُوهِيَّةގެ ފަރަޤު މިޘާލާއެކީ ބަޔާންކުރާށެވެ.
____________________________
[1] دَاخِرِينَގެ މާނައަކީ: ‘ނިކަމެތިވެގެންވާ ޙާލު’ އެވެ.