[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޝަރުޢީ ބައްޕައެއްނުވާ ދަރިން ސުވަރުގެ ވަންނާނެބާ؟ 1

އަޅުގަނޑުމެންގެ މުޖުތަމަޢުގައި ޒަމާނުއްސުރެ ފެތުރިފައިވާ ގޯސް ޢަޤީދާތަކާއި ޤަބޫލުކުރުންތައް ހުރެއެވެ. މިގޮތުން ޝަރުޢީ ގޮތުން ބައްޕައަކު ނުވާ ކުދިން ކިތަންމެ ރަނގަޅަށް އުޅުނަސް ސުވަރުގެ ނުވާންނާނެ ކަމުގައި ބުނުމާއި، އެފަދަ ކުއްޖަކާ ކައިވެނި ޞައްޙަ ނުވާނެ ކަމުގައި ބުނުމުގެ އިތުރުން އެފަދަ ކުއްޖެއްގެ ފަހަތުގައި ނަމާދު ކުރުން ހުއްދަ ނޫން ކަމުގައި ބުނެވޭ ބުނުންތައް ހިމެނެއެވެ. އަދި ޤިޔާމަތްދުވަހު އެފަދަ ކުދީންތިބޭނީ ސުވަރުގެއާއި ނަރަކައާއި ދެމެދުގައިވާ ފަރުބަދައެއްގެ މަތީގައި ކަމުގައި ބުނާތީވެސް އަޑުއިވެއެވެ. ސުވާލަކީ މިއީ ތެދެއްތޯއާއި، މީގެ ޙަޤީޤަތަކީ ކޮބައިތޯއެވެ! ތިރީގައި މިލިޔެލަނީ ޑރ، އަބްދުލް މަޖީދު އަބްދުލް ބާރީ މިކަމާމެދު ލިޔެފައިވާ ވާހަކަތަކެވެ.

ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ ލިޔެފައިވެއެވެ. ” އެންމެ ފުރަތަމައަށް ވެސް ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، އިސްލާމްދީނުގައި އައިސްފައިވާ އެއްވެސް ކަމެއް ދީނުގެ އެހެން ކަމަކާ ނުވަތަ އަޞްލަކާ ފުށުއެރުމެއް ނުވާނެ ކަމެވެ. ދީނުގެ މައިގަނޑު އަޞްލަކާ ފުށުއަރާ އެއްވެސް ވާހަކައެއް ޤަބޫލުކުރެވިގެންނުވާނެކަމެވެ. އެހެނީ މިދީނަކީ ﷲ ގެ ޙަޟްރަތުން އައިސްފައިވާ ދީނަކަށްވީއިރު ދީނުގައި ފުށުއެރުމެއް ނޯންނާނޭތީއެވެ. މިކަން ބަޔާންކުރައްވަމުން ﷲ ވަޙީކުރައްވާފައިވެއެވެ. أَفَلَا يَتَدَبَّرُونَ الْقُرْآنَ ۚ وَلَوْ كَانَ مِنْ عِنْدِ غَيْرِ اللَّهِ لَوَجَدُوا فِيهِ اخْتِلَافًا كَثِيرًا   [1]  މާނައީ : ” އެބައިމީހުން ޤުރްއާނާމެދު ވިސްނާ ފިކުރުނުކުރަނީ ހެއްޔެވެ؟ ﷲގެ ޙަޟްރަތުން ބާވައިލެއްވުނު ފޮތެއްނޫންނަމަ އެފޮތުގައި ބޮޑެތި އަރައިރުންތަކެއް ވާތީ އެބައިމީހުންނަށް ފެނުނީހެވެ. “

މި އަސާސުގެ އަލީގައި ބަލާއިރު ދީނުގައި އައިސްފައިވާ މައިގަނޑު އަޞްލުތަކުގެ ތެރެއިން އެއް އަޞްލަކީ، އެއްވެސް މީހަކު އެހެން މީހަކު ކުރި ކުށެއްގެ ޒިންމާ އުފުލަން ނުޖެހޭކަމުގެ އަޞްލެވެ. އަދި ކޮންމެ މީހަކަށްވެސް ޖަޒާލިބޭނީ އެމީހަކު ކުޅަ ޢަމަލަކަށެވެ. މިއަޞްލު ކަނޑައަޅުއްވަމުން ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. وَلاَ تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ [2]  މާނައީ: ” އެއްވެސް މީހަކު އެހެންމީހެއްގެ ފާފައިގެ ޒިންމާ ނުއުފުލާނެއެވެ. “

އެހެންކަމުން މިމައިގަނޑު އަޞްލަށް ބަލާއިރު ޝަރުޢީ ބައްޕައެއްނުވާ ކުދިންގެ މައިންބަފައިން ކުޅަފާފަ އެކުއްޖާގެ ބޮލުގައި ނޭޅޭނެކަމާއި އެކަމުގެ ޒިންމާ އޭނާ އުފުލަން ނުޖެހޭނެކަން ސާބިތުވެއެވެ.

                                                                                       – ނުނިމޭ –

_______________________________________________________

[1]  ސޫރަތުއް ނިސާގެ 82 ވަނަ އާޔަތް.

[2] ސޫރަތުލް އިސްރާގެ 15 ވަނަ އާޔަތް.