2. އަނބިމީހާއިއެކީ އެއްދާން ކުރުން
އިސްވެދިޔަ ލިޔުމުގައި އަޅުގަނޑު އިޝާރާތްކުރި ފަދައިން، ދަރީން ތަރުބިއްޔަތުކުރުމުގެ މަރުޙަލާ ފެށެނީ ޒަވާޖީ ޙަޔާތެއް ފަށަން މީހަކު ޚިޔާރު ކުރާ ހިސާބުންފެށީގެންނެވެ. މިގޮތުން ކައިވެންޏަށްފަހު އަންހެންމީހާއި އެއްދާންކުރުމުގެ ކުރީން ދުޢާ ކުރުމަކީވެސް ޚުލްޤް ރަނގަޅު ދަރިން ތިމާއަށް ލިބުމަށްޓަކައި މެދުވެރިވާ ސަބަބުތަކުގެ ތެރެއިން އެއް ސަބަބަކެވެ. އިތުރު އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވާ ޙަދީޘްއެއްގެ މާނައިގައިވެއެވެ.
“ތިޔަބައިމީހުންގެތެރެއިން މީހަކު އަނބިމާހާއާއިއެކު އެއްދާންކުރަން ނިޔަތްގެންފި ކަމުގައިވަނީނަމަ
بِسْمِ اللَّهِّ اللَّهُمَّ جَنِّبْنَا الشَّيْطَانَ وَجَنِّبِ الشَّيْطَانَ مَا رَزَقْتَنَا މިފަދައިން ކިޔާށެވެ. އަދި އެ ގުޅުމުގެ ސަބަބުން އެދެމަފރީންނަށް ދަރިޔަކު ލިބުމަށް މާތްﷲ އިރާދަކުރައްވާނަމަ ޝައިޠާނާއަށް ދުވަހަކުވެސް އެ ދަރިފުޅާ ކައިރިނުވެވޭހުއްޓެވެ. “
3. ދަރިފުޅު ވިހެއުން
ކުއްޖާ ވިހެއުމާ ގުޅިގެން ވިހާވެސް އަވަހަކަށް އެ ކުއްޖާގެ ކަނާތު ކަންފަތްދޮށުގައި ބަންގި އަދި ވާތު ކަންފަތްދޮށުގައި ޤަމަތް ދޭންވާނެއެވެ. ކުއްޖާވިހޭ ކަމުގައިވީނަމަވެސް ނުވަތަ ބަނޑު ފަޅައިގެން (ސިޒޭރިއަން ހައްދައިގެން) ކުއްޖާ ނެގި ކަމުގައިވީނަމަވެސް ވީއެއްމެ އަވަހަކަށް މިގޮތަށް ޢަމަލު ކުރެވޭތޯ ބަލަންވާނެއެވެ. އިތުރު އެކަލޭގެފާނުގެ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ.
“މީހާ އަށް ދަރިއަކު ލިބޭވަގުތު އެކުއްޖާގެ ކަނާތު ކަންފަތްދޮށުގައި ބަންގި، ވާތު ކަންފަތްދަދޮށުގައި ޤަމަތްދީފިނަމަ އެ ކުއްޖާއަށް އުއްމުއްޞިބްޔާނުގެ އުދަގުލެއް ނުވާނެއެވެ. “
(އުއްމުއްޞުބްޔާން އަކީ ހަށިގަނޑުގައި އުފެދޭ ވަޔެކެވެ. ނުވަތަ ޖިންނިއެއްގެ ފަރާތުން ވާ އުދަގޫތަކެކެވެ. )
4. ތަޙްނީކު ކުރުން
ތަޙްނީކް ކުރުމަކީ ފިއްތާފައިވާ ކަދުރުކޮޅެއް އިނގިލިން ފިތާލުމަށްފަހު މަތީ ތަލީގެ ދެފަރާތުގައި ހާކާލުމެވެ. ކަދުރު ކޮޅެއް ނެތްނަމަ އެހެން ފޮނި ކޮންމެ އެއްޗެއްވެސް އެންމެ ރަނގަޅުވާނެކަމުގައި އުއްމަތުގެ ބޮޑެތި ޢިލްމުވެރީން ދެކެވަޑައިގަންނަވައެވެ.
އަބޫ މޫސާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ، އެކަލޭގެފާނު ވިދާޅުވިއެވެ.
“ތިމަންކަލޭގެފާނަށް ފިރިހެން ކުއްޖަކު ލިބުނީމާ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމް ގެ އަރިހަށް ގެނައީމެވެ. އެ ހިނދެ އިތުރު އެކަލޭގެފާނު އެކުއްޖާއަށް އިބްރާހީމްއޭ ވިދާޅުވެ ނަންދެއްވިއެވެ. އަދި ކަދުރު ކޮޅެއް މަޑު ކުރައްވާފައި އެކުއްޖާގެ ތަލީގައި ހާކާލައްވައި އެކުއްޖާއަށް ރަޙްމަތް ލެއްވުމަށް އެދި ދުޢާ ކުރެއްވިއެވެ“.
މި ފުރުޞަތުގައި އަޅުގަނޑު ފާހަނގަ ކޮށްލަމެވެ. ތަޙްނީކް ކުރުމުގައި ކުއްޖާ އަށް ލިބިގެންދާ ޞިއްޙީ ފައިދާތަކުގެ ތެރެއިން ކުއްޖާގެ ބަރުދަން ލުއިވިޔަނުދީ ހިފެހެއްޓުމަށް އެކަން އެހީ ވެދޭކަމުގައި ޒަމާނީ ސައިންސް ވެރީން ވިދާޅުވެއެވެ. ވީމާ މާތް ނަބިއްޔާ ގެ ސުންނަތަށް ތަބާވުމަށާއި އަދި އެހެންމެ ދުޅަހެޔޮ ޞިއްޙަތެއްގައި ކުއްޖާގެ ހެދިބޮޑިވުން މަގުފަހު ކޮށްދިނުމުގެ ގޮތުން މިގޮތަށް ޢަމަލު ކުރުމަކީ ވަރަށް އެދެވިގެންވާ ކަމެކެވެ. އިންޝާﷲ ފައިދާ ކުރާނެއެވެ.
ނުނިމޭ
_______________
ކިޔުންތެރީންގެ ސަމާލުކަމަށް: ބަންގިއާއި ޤަމަތް ދިނުމާބެހޭގިތުން ލިޔުމުގައި ބަޔާންކުރެވިފައިވާ ރިވާޔަތަކީ ބަލިކަށި ރިވާޔަތެކެވެ.