ފުރަތަމަ: ކީރިތި ޤުރުއާނުގެ ދަލީލުތައް
ﷲ ތަޢަލާ ތައުބާ ސޫރަތުގައި ވަޙީކުރެއްވިއެވެ.
﴿فَإِنْ تَابُوا وَأَقَامُوا الصَّلَاةَ وَآَتَوُا الزَّكَاةَ فَإِخْوَانُكُمْ فِي الدِّينِ﴾[التوبة: 11]
މާނައީ: “ފަހެ، އެއުރެން ތައުބާވެ، ނަމާދު ޤާއިމްކޮށް، ޒަކާތް ދީފިނަމަ، ފަހެ، އެއުރެންނަކީ، ދީނުގައި ތިޔަބައިމީހުންގެ އަޚުންނެވެ.”
އަދި އެކަލާނގެ މަރިޔަމް ސޫރަތުގައި ވަޙީކުރެއްވިއެވެ.
﴿ فَخَلَفَ مِنْ بَعْدِهِمْ خَلْفٌ أَضَاعُوا الصَّلَاةَ وَاتَّبَعُوا الشَّهَوَاتِ فَسَوْفَ يَلْقَوْنَ غَيًّا (59) إِلَّا مَنْ تَابَ وَآَمَنَ وَعَمِلَ صَالِحًا فَأُولَئِكَ يَدْخُلُونَ الْجَنَّةَ وَلَا يُظْلَمُونَ شَيْئًا (60) ﴾ [مريم: 59-60]
މާނައީ: “ފަހެ، އެބޭކަލުންނަށްފަހު، އެހެންބަޔަކު އައޫއެވެ. އެއުރެން ނަމާދު ދޫކޮށްލޫއެވެ. އަދި ހަވާނަފްސުގެ އެދުންތަކަށް ތަބާވޫއެވެ. ފަހެ، ނިކަންހުރެ އެއުރެން ހަލާކާ ކުރިމަތިލާހުށްޓެވެ! ތައުބާވެ، އަދި، އީމާންވެ، އަދި ޞާލިޙް ޢަމަލުކުޅަ މީހުން މެނުވީއެވެ. ފަހެ، އެއުރެން ސުވަރުގެއަށް ވަންނާނެތެވެ. އަދި އެއުރެންނަށް އެއްވެސް ކަމަކުން ބޭއިންސާފެއް ނުކުރައްވާހުށްޓެވެ.”
ދެވަނަ އާޔަތުން (މަރިޔަމް ސޫރަތުގެ އާޔަތުން) މިކަމަށް (ނަމާދު ނުކުރާމީހާ ކާފަރުވާނޭ ކަމަށް) ދަލީލުކޮއްދޭގޮތް: ނަމާދުތައް ދޫކުރާ އަދި ޝަހުވަތްތަކަށް ތަބާވާ މީހުންނާމެދު ﷲ ތަޢާލާ ވަހީކުރެއްވީ ﴿ إِلَّا مَنْ تَابَ وَآَمَنَ ﴾ (“ތައުބާވެ އަދި އީމާންވީ މީހުންފިޔަވައެވެ”) މިކަމުން ދަލީލުކޮއްދެނީ އެމީހުން ނަމާދުތައް ދޫކޮއްލާ ޝަހުވަތްތަކަށް ތަބާވިހިނދު މުއުމިނުންކަމުގައި އެބައިމީހުން ނުވާކަމެވެ.
ފުރަތަމަ އާޔަތުން (ތައުބާ ސޫރަތުގެ އާޔަތުން) ދަލީލުކޮއްދޭގޮތް: ހަމަކަށަވަރުން ﷲ ތަޢާލާ އަހަރެމެންނާއި މުޝްރިކުންނާއި ދެމެދު އަޚުވަންތަކަން ޤާއިމްވުމަށް ތިން ޝަރުތެއް ކަނޑައެޅުއްވިއެވެ. އެއީ:
1. ޝިރުކުން ތައުބާވުން
2. ނަމާދު ޤާއިމްކުރުން
3. ޒަކާތް ދިނުން
ފަހެ އެބައިމީހުން ޝިރުކުން ތައުބާވެ، ނަމަވެސް ނަމާދު ޤާއިމް ނުކުރާނަމަ އަދި ޒަކާތް ނުދޭނަމަ އެއީ އަހަރެމެންގެ ޢަޚުންނެއް ނޫނެވެ. އަދި ނަމާދު ޤާއިމްކުރިޔަސް ޒަކާތް ނުދޭނަމަ އެއީ އަހަރެމެންގެ އަޚުންނެއް ނޫނެވެ.
މީހަކު އެއްކޮށް ދީނުން ބޭރުވުމައްޖައުމަށް ދާންދެން ދީނުގެ އަޚްވަންތަކަމުގެ ގުޅުން ކެނޑިގެންނުދާހުއްޓެވެ. ފާސިޤުއަމަލުތައް ކުރުމުންނާއި ކުފުރުގެ ދަރަޖައަށްނުދާ (ކާފަރުނުވާ) ކުފުރުގެ އަމަލުތައް ކުރުމަކުން އަދި އަޚްވަންތަކަމުގެ ގުޅުން ކެނޑިގެންނުދާހުއްޓެވެ.
ޤަތުލުގެ އާޔަތުގައި ﷲގެ ވަޙީ ބަސްފުޅު ފަހެ ތިބާއަށް ނުފެނޭހެއްޔެވެ؟
﴿ فَمَنْ عُفِيَ لَهُ مِنْ أَخِيهِ شَيْءٌ فَاتِّبَاعٌ بِالْمَعْرُوفِ وَأَدَاءٌ إِلَيْهِ بِإِحْسَانٍ ﴾ [البقرة: 178]
މާނައީ: “ފަހެ، އެމީހާގެ (މަރުވި) އަޚާގެ ފަރާތުން ޤިޞާޞްގެ ބައެއް މާފުކުރެވުނު މީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން ހެޔޮގޮތުގައި މަރުގެ ދިޔައަށް (ވާރުތަވެރިޔާ) އެދުން ހުށްޓެވެ.”
މިއާޔަތުގައި ގަސްދުގައި މެރިމީހާ މަރުވި މީހާގެ އަޚެއްކަމުގައިވަނީ ބަޔާންކޮއްފައެވެ. އެއީ ގަސްދުގައި މީހަކުމެރުމަކީ ބޮޑެތި ފާފައިގެ ތެރެއިންވާ ކަމެއްކަމުގައި ވީ ހިނދުވެސްމެއެވެ. އެހެނީ ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿وَمَنْ يَقْتُلْ مُؤْمِنًا مُتَعَمِّدًا فَجَزَاؤُهُ جَهَنَّمُ خَالِدًا فِيهَا وَغَضِبَ اللَّهُ عَلَيْهِ وَلَعَنَهُ وَأَعَدَّ لَهُ عَذَابًا عَظِيمًا﴾ [النساء: 93]
މާނައީ: “އަދި، ޤަސްދުގައި މުއުމިނަކު މަރާމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ޖަޒާއަކީ ނަރަކަޔެވެ. އެތާނގައި ދެމިހުންނަނިވި ގޮތުގައެވެ. އަދި، اللَّه، އެމީހާގެ މައްޗަށް ކޯފާލައްވައި ލަޢުނަތްލެއްވިއެވެ. އަދި، ބޮޑުވެގެންވާ ޢަޒާބު އެމީހާއަށް ތައްޔާރު ކުރެއްވިއެވެ.”
ދެންފަހެ ތަޅާފޮޅައިގަންނަ މުއުމިމުންގެ ދެބަޔަކާއިމެދު ﷲ ތަޢަލާގެ ވަޙީބަސްފުޅު ނުބަލަމުހެއްޔެވެ؟
﴿ وَإِنْ طَائِفَتَانِ مِنَ الْمُؤْمِنِينَ اقْتَتَلُوا فَأَصْلِحُوا بَيْنَهُمَا ﴾ [الحجرات: 9 ]
“مؤمن ންގެ ދެބައިގަނޑު ތަޅައިފޮޅައިގެންފިނަމަ، ފަހެ، އެ ދެބައިމީހުންގެ ދެމެދު ތިޔަބައިމީހުން ޞުލްޙަކުރާށެވެ! “
މިބަސްފުޅުން ފެށިގެންގޮސް އެކަލާނގެ ވަޙީކުރެއްވިއެވެ.
﴿ إِنَّمَا الْمُؤْمِنُونَ إِخْوَةٌ فَأَصْلِحُوا بَيْنَ أَخَوَيْكُمْ ﴾ [الحجرات: 10 ]
“މުއުމިނުން ވާކަންކަށަވަރީ، އަޚުންތަކެއް ކަމުގައެވެ. ފަހެ، ތިޔަބައިމީހުންގެ ދެ އަޚުން ދެމެދު ތިޔަބައިމީހުން ޞުލްޙަކުރާށެވެ!”
މި އާޔަތުގައި އެކަލާނގެވަނީ ތަޅާނުފޮޅާތިބި ސުލްޙަވެރި މީސްތަކުންނާއި ތަޅާފޮޅާ ދެބަޔާއިދެމެދު އަޚުވަންތަކަން ޘާބިތުކުރައްވާފައެވެ. އެއީ މުއުމިނުންނާއި ތަޅާފޮޅައި ހަނގުރާމަކުރުމަކީ ކުފުރުގެ ތެރެއިންވާކަމެއް ކަމުގައި ވީހިނދުވެސްމެއެވެ. އެއީ ބުޚާރީއާއި އަދި އެނޫންވެސް ބޭކަލުން އިބުން މަސްޢޫދުގެ ކިބައިން ރިވާކުރެއްވާފައިވާ މި ޞައްޙަ ޙަދީޘް ބަސްފުޅުގައިވާފަދައިންނެވެ.
أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: ((سِبَابُ الْمُسْلِمِ فُسُوقٌ وَقِتَالُهُ كُفْرٌ))
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިކަމަށް ރިވާވެގެންވެއެވެ. “މުސްލިމަކަށް ޖެއްސުންކޮށް އުނދަގޫކުރުމަކީ ފާސިޤުކަމެކެވެ. އަދި މުސްލިމަކު ޤަތުލުކުރުމަކީ ކުފުރެވެ.” އެހެނަސް މި ކުފުރަކީ މިއްލަތުން ބޭރުވާފަދަ ކުފުރެއް ނޫނެވެ. އެއީ މިއްލަތުން ބޭރުވާފަދަ ކުފުރެއްނަމަ އީމާންކަމުގެ އަޚުވަންތަކަން އެބައިމީހުންނަކަށް ނުވީހެވެ. ޤަތުލުކުރި ކަމުގައިވިޔަސް އީމާންކަމުގެ ޢަޚްވަންތަކަން ނުގެއްލި އޮތްކަން މި މަތިވެރި އާޔަތުން ދަލީލުކޮއްދީފިއެވެ.
އަދި މިކަމުން އެނގުނީ ނަމާދު ދޫކޮއްލުމަކީ މިއްލަތުން ބޭރުވާފަދަ ކުފުރެއްކަމެވެ. އެހެނީ އެއީ ފިސްޤެއްނަމަ (ފާސިޤު ޢަމަލެއްނަމަ) ނުވަތަ ދީނުންބޭރުނުވާފަދަ ކުފުރެއްނަމަ، ދީނުގެ އަޚްވަންތަކަން އެކަމުގެ ސަބަބުން ކެނޑިގެން ނުދިޔައީހެވެ. އެއީ މުއުމިނާ ޤަތުލުކުރުން އަދި ތަޅާފޮޅުން ޢަޚްވަންތަކަން ކެނޑިގެންނުދާ ފަދައިންނެވެ.
ދެންފަހެ މީހަކު ސުވާލުކޮއްފާނެއެވެ: ތައުބާ ސޫރަތުގެ އާޔަތުގެ މަފްހޫމުން ދޭހަކޮއްދޭފަދައިން ޒަކާތް ނުދޭމީހާ ކާފިރުވާނޭކަމަށް ތިބާ ދެކެން ހެއްޔެވެ؟
ޖަވާބު: ބައެއް ޢިލްމުވެރިން ދެކިލައްވާގޮތުގައި ޒަކާތް ނުދޭމީހާ ކާފިރުވާނެވެ. އެއީ އިމާމް އަޙްމަދު (ރަޙިމަހުﷲ)ގެ ފަރާތުން އައިސްފައިވާ ދެރިވާޔަތުގެ ތެރެއިން އެއްރިވާޔަތުގައި އެކަލޭގެފާނުގެ ރައުޔެވެ.
އެހެނަސް އަހަރެމެންގާތުގައި ރާޖިޙު (އެންމެ ރަނގަޅު) ގޮތަކީ އޭނާ ކާފިރުނުވާނެއެވެ. އެހެނަސް އެމީހަކަށް ބޮޑުވެގެންވާ އަޒާބުން އަޒާބުދެވޭނެއެވެ. ﷲ ތަޢާލާ އެކަލާނގެ ފޮތުގައި ޒިކުރުކުރެއްވާފައިވާ ފަދައިންނެވެ. އަދި ނަބިއްޔާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ވެސް ޒިކުރުކުރައްވާފައިވެއެވެ. އޭގެ ތެރޭގައި އަބޫ ހުރައިރާ (ރަޟިޔަﷲ ޢަންހު) ރިވާކުރެއްވި ހަދީޘްވެއެވެ. ނަބިއްޔާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ޒަކާތްދިނުމުން މަނާވެގަންނަ މީހާގެ އުޤޫބާތް ޒިކުރުކުރެއްވިއެވެ. އެ ހަދީޘްގެ ފަހުކޮޅުގައިވެއެވެ. ((ثُمَّ يَرَى سَبِيلَهُ، إِمَّا إِلَى الْجَنَّةِ، وَإِمَّا إِلَى النَّارِ)) “ދެން އޭނާގެ މަގު އޭނާ ދެކޭނެއެވެ. ސުވަރުގެއަށެވެ ނުވަތަ ނަރަކައަށެވެ.”
މި ހަދީޘް އިމާމު މުސްލިމް އެކަލޭގެފާނުގެ ފޮތުގައި “ޒަކާތްދިނުމުން މަނާވެގަންނަ މީހާގެ ފާފަ” މި ބާބުގައި އެއްކޮށް ރިވާކުރައްވާފައިވެއެވެ. އެއީ އޭނާ ކާފަރު ނުވާނެކަމުގެ ދަލީލެކެވެ. އެހެނީ އޭނާއަކީ ކާފަރެއްކަމުގައިވީނަމަ އޭނާއަށް ސުވަރުގެދެވޭނެ މަގެއް ނުވީހެވެ.
އެހެންކަމުން މި ހަދީޘްގެ ބަސް ތައުބާ ސޫރަތުގެ އާޔަތުގެ ފަހުމުގެ މައްޗަށް އިސްކުރެވޭނެއެވެ. އެހެނީ އުސޫލު ފިޤުހުގައި މަޝްހޫރުވެފައިވާ ފަދައިން ސީދާ ބަހުގެމާނަ، ދޭހަވާ މާނައިގެ މައްޗަށް އިސްކުރެވޭނެއެވެ.