(10) އިޒުނަ ދީފިކަންދޭހަކޮށްދޭ ފާހަގައެއް ބެހެއްޓުން.
ގެއަކަށް މީހަކު ވަންނަން އަންނައިރު، އެ އަންނަމީހާއަށް ގެއަށް ވަނުމުގެ އިޒުނަ ދީފިކަން ދޭހަކޮށްދޭފަދަ ޢަލާމާތެއް ނުވަތަ އެއްޗެއް ބަހައްޓާފައި ހުރުމަކީ އިޒުނަ ދީފިކަން ދޭހަކޮށްދޭނެ އެއްޗެކެވެ. ޢަބްދުﷲ ބުން މަސްޢޫދު ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ތިމަންނައަށް ޙަދީޘްކުރެއްވިއެވެ. ((إِذْنُكَ عَلَيَّ أَنْ يُرْفَعَ الْحِجَابُ وَأَنْ تَسْتَمِعَ سِوَادِي حَتَّى أَنْهَاكَ)) (مسلم: 5794، وابن ماجه: 139) މާނައީ: “(ދޮރުގައިވާ) ފޮތިގަނޑު ނެގިފައިވާކަމުގައި ވާނަމަ އެއީ ތިމަންކަލޭގެފާނުގެ އަރިހަށް ވަނުމަށް ތިބާއަށް ދެވިފައިވާ އިޒުނައެކެވެ. އަދި އެއީ ތިމަންކަލޭގެފާނު ތިބާއަށް މަނާކޮށްފުމަށް ދާންދެން ތިމަންކަލޭގެފާނުގެ ސިއްރުތައް އެހުމަށެވެ.” އިބްނު ޙަޖަރު ރަޙިމަހުﷲ މި ޙަދީޘަށް އަލިއަޅުއްވާލައްވަމުން ވިދާޅުވެފައިވެއެވެ. “(މި ފަދައިން ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހަށް ވަނުމަކީ) އިބްނު މަސްޢޫދަށް ލިބިވަޑައިގެންފައިވާ ޚާއްޞަކަމުގެ ތެރޭގައި ހިމެނޭކަމެކެވެ.” (فتح الباري) އަދި އައްސިންދީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “(މި ޙަދީޘްގައި) އެކަލޭގެފާނު ނަހީ ކުރައްވަންދެން، އެކަލޭގެފާނުގެ އަރިހަށް ވަދެވަޑައިގަތުމުގެ ހުއްދަ އިބްނު މަސްޢޫދަށް އެވަނީ ދެއްވާފައެވެ. އެއީ ﷲގެ ކަލާމްފުޅާއި، އެކަލޭގެފާނުގެ ކިބައިން ކަންކަން އުނގެނި ދަސްކުރުމަށެވެ. ފަހަރެއްގައި އެއީ ގެކޮޅުގައި ވަނުން މަނާކުރާފަދަ ކަމެއް ނެތުންކަމުގައިވެސް ވެދާނެއެވެ. އެހެނީ އިބްނު މަސްޢޫދަކީ އެކަލޭގެފާނުގެ އެންމެހާ ޙާލަތްތަކެއްގައިވެސް އެކަލޭގެފާނަށް ޚިދުމަތްކުރައްވާ ބޭކަލެކެވެ.” (حاشية السندي على ابن ماجه: 1/125)
އެހެންކަމުން، މި ޙަދީޘުން އެނގިގެންދަނީ މީހަކު ވަނުމަށް އިޒުނަ ދީފިކަން ދޭހަކޮށްދޭފަދަ ޢަލާމާތެއް ވާކަމުގައި ވާނަމަ އެއީ އިޒުނަ ދިނުންކަމުގައެވެ. އަންނަވަވީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ވަނުމުގެ އިޒުނައެއްގެގޮތުގައި ޢަލާމާތަށް ބުރަވުމަކީ ހުއްދަކަމެއްކަމަށް މި ޙަދީޘުން ދަލީލު ލިބެއެވެ.” (شرح صحيح مسلم للنووي: 14/150)
(11) ދަޢުވަތު ދީގެން ގެންނަމީހަކު އިޒުނަ ހޯދަންޖެހޭތަ؟
ގެއެއްގެ ވެރިމީހާ މީހަކު ގެނައުމަށްޓަކައި ދަޢުވަތު ދިނުމަށް ފޮނުވާމީހާއާއެކު އަންނައިރު އިޒުނަ ހޯދާކަށް ނުޖެހޭނެއެވެ. މިއީ ނޫރު ސޫރަތުގެ އާޔަތުގައި އެވާ އަމުރުން އިސްތިޘްނާވެގެންވާ ކަމެކެވެ. އިމާމް ބުޚާރީ ރަޙިމަހުﷲ ‘އަލްއަދަބު އަލްމުފްރަދު’ އޭ ކިޔުނު ފޮތުގައި ބާބު ބަންނަވަމުން ވިދާޅުވެފައިވެއެވެ. ((بَابُ دُعَاءِ الرَّجْلِ إِذْنُهُ)) މާނައީ: “ބާބު: މީހެއްގެ ދަޢުވަތަކީ އެމީހާގެ އިޒުނައެވެ.” އޭގެ ފަހުގައި އަންނަނިވި ޙަދީޘްތައް ގެންނަވާފައިވެއެވެ. އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ކިބައިން ރިވާވެފައިވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ((إِذَا دُعِيَ أَحَدُكُمْ، فَجَاءَ مَعَ الرَّسُولِ، فَهُوَ إِذْنُهُ)) (الأدب المفرد للبخاري: 1075، وصححه الألباني في صحيح الأدب المفرد: 1075) މާނައީ: “ތިޔަބައިމީހުންގެ ތެރެއިން މީހަކަށް ދަޢުވަތެއް ލިބި، ދަޢުވަތު ދޭން އަންނަމީހާއާއެކު އަތުވެއްޖެނަމަ އެއީ އިޒުނައެވެ.” އަދި އެހެން ޙަދީޘެއްގައި ވެއެވެ. ((رَسُوْلُ الرَّجْلِ إِلَى الرَّجْلِ إِذْنُهُ)) (الأدب المفرد للبخاري: 1076، وصححه الألباني في صحيح الأدب المفرد: 1076) މާނައީ: “(ދަޢުވަތު ދިނުމަށްޓަކައި) މީހެއްގެ ކައިރިއަށް ދަޢުވަތު ދޭންދާމީހަކީ (ގޭގެ ވެރިޔާގެ) އިޒުނައެވެ.” އަދި ޢަބްދުﷲ ބުން މަސްޢޫދު ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. ((إِذَا دُعِيَ الرَّجُلُ فَقَدْ أُذِنَ لَهُ)) (الأدب المفرد للبخاري: 1074، وصححه الألباني في صحيح الأدب المفرد: 1074) މާނައީ: “މީހަކަށް ދަޢުވަތެއް ދެވިއްޖެނަމަ، ފަހެ އެމީހަކަށް އިޒުނަ ދެވިއްޖެއެވެ.”
(12) އިޒުނައަށް އެދޭއިރު މަޑުމައިތިރިވުމާއި އަދަބު ވެރިވުން.
އިޒުނައަށް އެދޭއިރު މަޑުމައިތިރިވުމާއި، އަޑު މަޑުކުރުމާއި، އަދަބުވެރިވުމަކީ އިޒުނައަށް އެދުމުގެ އަދަބުތަކުގެ ތެރެއިންވާ ކަމެކެވެ. އެގޮތުން ޓަކި ދޭނަމަވެސް އެގޭގެ އަހުލުވެރިންނަށް އުނދަގޫ ނުވާވަރަށް ޓަކިޖެހުމާއި، ރަނގަބީލެއް ޖަހާކަމުގައި ވާނަމަވެސް މަޑުމައިތިރިކަމާއި ކެތްތެރިކަން އިސްކުރަންޖެހޭނެއެވެ. އަދި އެގޭގެ އަހުލުވެރިންނަށް އިޒުނަ ދިނުމަށް ފުރަޞަތު ދޭންޖެހޭނެއެވެ. އަނަސް ރަޟިޔަﷲ ޢަންހު ކިބައިން ރިވާވެފައިވެއެވެ. ((إِنَّ أَبْوَابَ النَّبِيِ صَلَّى اللهُ عَلَيْهِ وَسَلَّمَ كَانَتْ تَقْرَعُ بِالأَظَافِيْرِ)) (الأدب المفرد للبخاري: 1080، وصححه الألباني في صحيح الأدب المفرد: 1080) މާނައީ: “ހަމަކަށަވަރުން ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ (ގެކޮޅުތަކުގެ) ދޮރުކޮޅުތަކުގައި ޓަކިދީ އުޅެނީ ނިޔަފަތިންނެވެ.” މި ޙަދީޘަށް އިޝާރާތްކުރައްވާ އިބްނުލް ޢަރަބީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “މިކަމުން ދޭހަކޮށްދެނީ އަދަބުވެރިކަމުގައި މަތިވެރިވެގެންވާކަމެވެ. އެމީހެއްގެ ގެއާއި ގޭގެ ދޮރާ ކައިރިކަމުގައިވާނަމަ މިފަދައިން ކަންތައްކުރުމަކީ ރަނގަޅު ގޮތެވެ. އެހެންނަމަވެސް، އެމީހަކާއި ގޭގެ ދޮރާ ދުރުވުމުގެ ސަބަބުން ނިޔަފަތިން ޓަކިޖަހައިގެން އަޑު ނުފޯރާކަމުގައިވާނަމަ، އެކަށޭނެގޮތުގެ މަތިން (އަތުގެ) އެނޫން ތަނަކުން ޓަކި ދިނުމަކީ މުސްތަޙައްބުކަމެކެވެ.”
(13) ގޭގެ އަހުލުވެރިން ކާކުތޯ އަހައިފިނަމަ ޖަވާބު ދިނުން.
ޓަކި ޖަހައިގެން ނުވަތަ އެނޫން ގޮތަކުންވެސް އިޒުނައަށް އެދުމުން، އެގޭގެ އަހުލުވެރިން ކާކުތޯ ސުވާލު ކޮށްފިނަމަ ނަން ބުނުމަކީ ރިވެތި އަދަބެކެވެ. ޖަވާބުގައި “އަހަރެން” ނުވަތަ “އަޅުގަނޑު” އޭ ބުނުމަކީ ރުހެވިގެންނުވާކަމެކެވެ. ޖާބިރު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ((أَتَيْتُ النَّبِيَّ صَلَّى اللهُ عَلَيهِ وَسَلَّمَ فِي دَيْنٍ كَانَ عَلَى أَبِي، فَدَقَقْتُ البَابَ. فَقَالَ: “مَنْ ذَا؟”، فَقُلْتُ: أَنَا. قَالَ: “أَنَا، أَنَا؟!” كَأَنَّهُ كَرِهَهُ.)) (الأدب المفرد للبخاري: 1086، وصححه الألباني في صحيح الأدب المفرد: 1086) މާނައީ: “ތިމަންގެ ބައްޕަގެ މައްޗަށް އޮތް ދަރަންޏަކާގުޅޭގޮތުން (ކަމެއް އޮޅުންފިލުއްވުމަށްޓަކައި) ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހަށް ތިމަން އައީމެވެ. ފަހެ، ތިމަން ދޮރުގައި ޓަކި ދިނުމުން އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. “ކާކުތޯއެވެ؟” ތިމަން ދެންނެވީމެވެ. “އަހަރެންނެވެ.” އެކަލޭގެފާނު ނުރުހުންވެ ވަޑައިގެން ޙަދީޘްކުރެއްވިއެވެ. “އަހަރެން، އަހަރެން!”
އަންނަވަވީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ސަލާމްގޮވައިގެން ނުވަތަ ދޮރުގައި ޓަކި ޖަހައިގެން މީހެއްގެ ކިބައިން އިޒުނަ ހޯދާއިރު، ކާކުތޯ ސުވާލުކުރެވިއްޖެނަމަ، އިޒުނަ ހޯދާ މީހާގެ މައްޗަށް ވަނީ އެވެނި މިވެނި މީހެއްގެ ދަރިއޭ ނުވަތަ މީހުންނަށް އޭނައަކީ ކާކު ކަން އެނގޭފަދަ ނަމަކުން ޖަވާބު ދިނުމެވެ. އެއީ އިޒުނަ ހޯދާ މީހަކީ ކާކުކަން ފުރިހަމައަށް އެނގުމަށްޓަކައެވެ. އަދި ޖަވާބުގައި ހަމައެކަނި ‘އަހަރެންނޭ’ ނުވަތަ ‘ޚާދިމުއޭ’ ނުވަތަ ‘ކުޑަކުދިންތަކެކޭ’ ނުވަތަ ‘ބައެއް އެކުވެރިންތަކެކޭ’ ފަދަ ޖަވާބު ދިނުމަކީ މަކްރޫހަވެގެންވާކަމެކެވެ.” (الأذكار للنووي: 1/331)
(14) އަމިއްލަ ގެއަށް ވަންނައިރު ސަލާމްގޮވުން.
އަމިއްލަގެއަށް ވަންނައިރު، ތިމާގެ އަހުލުވެރިންނަށް ސަލާމްގޮވުމަކީ މުސްތަޙައްބުކަމެކެވެ. އެއީ އެކަމުގެ ސަބަބުން ތިމާއަށާއި، ތިމާގެ އަހުލުވެރިންނަށް ސަލާމަތްކަމާއި ބަރަކާތް ލިބޭނޭކަމެކެވެ. އަބޫ މާލިކް އަލްއަޝްޢަރީ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ((إِذَا وَلَجَ الرَّجُلُ بَيْتَهُ فَلْيَقُلْ: اللَّهُمَّ إِنِّي أَسْأَلُكَ خَيْرَ الْمَوْلَجِ وَخَيْرَ الْمَخْرَجِ بِسْمِ اللَّهِ وَلَجْنَا وَبِسْمِ اللَّهِ خَرَجْنَا وَعَلَى اللَّهِ رَبِّنَا تَوَكَّلْنَا ثُمَّ لِيُسَلِّمْ عَلَى أَهْلِهِ.)) (أبو داود: 5096، وصححه الألباني في السلسلة الصحيحة: 225) މާނައީ: “މީހަކު އެމީހާގެ ގެއަށް ވަންނަކަމުގައި ވާނަމަ ކިޔާށެވެ! اللَّهُمَّ إِنِّي أَسْأَلُكَ خَيْرَ الْمَوْلَجِ وَخَيْرَ الْمَخْرَجِ بِسْمِ اللَّهِ وَلَجْنَا وَبِسْمِ اللَّهِ خَرَجْنَا وَعَلَى اللَّهِ رَبِّنَا تَوَكَّلْنَا (އޭ ﷲ! ހަމަކަށަވަރުން ވަންނަ ތަނާއި ނުކުންނަ ތަން (އެބަހީ؛ ތިމަންގެ ގެ) ހެޔޮތަނެއްކަމުގައި ލެއްވުމަށް އެދި އިބައިލާހަށް ދަންނަވަމެވެ. ﷲގެ އިސްމުފުޅުގެ ބަރަކާތުން އަޅަމެން ވަންނަމެވެ. އަދި ﷲގެ އިސްމުފުޅުގެ ބަރަކާތުން އަޅަމެން ނުކުންނަމެވެ. އަޅަމެން ހައްދަވައިގެންގުޅުއްވާ އިލާހަށް އަޅަމެން ވަކީލުކުރަމެވެ.) ދެން (މި ދުޢާއަށްފަހު) އެމީހާގެ އަހުލުވެރިންނަށް ސަލާމް ގޮވާނީއެވެ.”
އަދި އަނަސް ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ތިމަންނައަށް ޙަދީޘް ކުރެއްވިއެވެ. ((يَا بُنَيَّ إِذَا دَخَلْتَ عَلَى أَهْلِكَ فَسَلِّمْ ، يَكُنْ بَرَكَةً عَلَيْكَ وَعَلَى أَهْلِ بَيْتِكَ.)) (الترمذي: 2698، وحسنه الألباني في المشكاة: 4652، وصحيح الترغيب والترهيب: 1608، وانظر: الإعلام بآخر أحكام الألباني الإمام: 259) މާނައީ: “އޭ ކޮއިފުޅާއެވެ! ތިބާގެ އަހުލުވެރިންގެ ގާތަށް (އެބަހީ؛ ގެއަށް) ވަންނަކަމުގައިވާނަމަ، ފަހެ، ސަލާމް ގޮވާށެވެ. އޭރުން ތިބާއަށާއި، އަދި ތިބާގެ ގޭގެ އަހުލުވެރިންނަށް ވާ ބަރަކާތެއްކަމުގައި އެ ސަލާމްވާނެއެވެ.” މި ބަޔާންވެދިޔަ ދެ ޙަދީޘުން ދޭހަކޮށްދެނީ ތިމާގެ އަމިއްލަ ގެއަށް ވަންނައިރުވެސް ސަލާމްގޮވުމަކީ މުސްތަޙައްބުކަމެއް ކަމެވެ.
(15) މީހުން ނޫޅޭ ގެއަކަށް ވަންނައިރު ސަލާމްގޮވުން.
މީހުން ނޫޅޭ ގެއަކަށް ވަންނައިރު، ނުވަތަ ތިމާގެ އަމިއްލަ ގެއަށް ވަންނައިރުވެސް މީހަކު ނޫޅޭނަމަ ސަލާމް ގޮވުމާމެދު ދަންނައެވެ. މިގޮތަށް ތިމާގެ އަމިއްލަ ނަފްސަށް ސަލާމްގޮވުންވެސް މުސްތަޙައްބުކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެ ލައްވައެވެ. އެގޮތުން އެބޭކަލުންގެ އެއް ދަލީލަކީ ނޫރު ސޫރަތުގެ 61 ވަނަ އާޔަތުގެ ޢާއްމު މާނައެވެ. ﷲ ވަޙީ ކުރައްވާފައިވެއެވެ. ((فَإِذَا دَخَلْتُم بُيُوتًا فَسَلِّمُوا عَلَىٰ أَنفُسِكُمْ تَحِيَّةً مِّنْ عِندِ اللَّـهِ مُبَارَكَةً طَيِّبَةً)) ﴿النور: ٦١﴾ މާނައީ: “ފަހެ، ތިޔަބައިމީހުން ގޭގެއަށް ވަންނައިރު، ﷲގެ ޙަޟްރަތުންވާ ބަރަކާތްތެރި ހެޔޮ سلام އަކުން ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ތިޔަބައިމީހުން سلام ގޮވާށެވެ!” މިއާޔަތުގައި މިވާ އަމިއްލަ ނަފްސުތަކުގެ ތެރެއަށް އެގެއަށް ވަންނަމީހާވެސް ޝާމިލުވާނެކަމުގައި އެ ބޭކަލުން ވިދާޅުވެ ލައްވައެވެ. އަންނަވަވީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “(ގެއަށް ވަންނައިރު) بسم الله ކިޔުމާއި، އަދި ގިނައިން ﷲ މަތިން ޛިކުރުކުރުމަކީ މުސްތަޙައްބުވެގެންވާ ކަމެކެވެ. އެ ގެއެއްގައި މީހަކު އުޅުނުކަމުގައި ވީނަމަވެސް ނުވަތަ ނުއުޅުނު ކަމުގައި ވީނަމަވެސްމެއެވެ. އެއީ ﷲ ތަޢާލާގެ ވަޙީ ބަސްފުޅުގައިވާ ފަދައިންނެވެ. ((فَإِذَا دَخَلْتُم بُيُوتًا فَسَلِّمُوا عَلَىٰ أَنفُسِكُمْ تَحِيَّةً مِّنْ عِندِ اللَّـهِ مُبَارَكَةً طَيِّبَةً))” (الأذكار للنووي: 1/42) އަދި އިބްނު ޙަޖަރު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. ” ސަލާމް ފެތުރުމުގެ ޢާއްމު މާނައިގެ ތެރެއަށް، މީހަކު ނޫޅޭ ތަނަކަށް ވަންނައިރު އަމިއްލަ ނަފްސަށް ސަލާމް ގޮވުން ވަދެއެވެ. އެއީ ﷲ ތަޢާލާގެ ވަޙީ ބަސްފުޅުގައިވާ ފަދައިންނެވެ. ((فَإِذَا دَخَلْتُم بُيُوتًا فَسَلِّمُوا عَلَىٰ أَنفُسِكُمْ تَحِيَّةً مِّنْ عِندِ اللَّـهِ مُبَارَكَةً طَيِّبَةً))”
މިއާޚިލާފަށް، މިއާޔަތުގައި އަމިއްލަ ނަފްސަށް ސަލާމްގޮވުން ނުހިމެނޭކަމުގައި ބައެއް ޢިލްމުވެރިން ވިދާޅުވެ ލައްވައެވެ. މި ފަދައިން ވިދާޅުވާ ޢިލްމުވެރިން ވިދާޅުވެ ލައްވަނީ މިއާޔަތުގެ މުރާދަކީ ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ސަލާމްގޮވުމެވެ.
އަދި އަމިއްލަ ނަފްސަށް ސަލާމްގޮވުމާގުޅޭގޮތުން ޞަޙާބީންނާއި ތާބިޢީންގެ ކިބައިން އަޘަރުތައް ވާރިދުވެފައިވެއެވެ. އެގޮތުން ޢަބްދުﷲ ބުން ޢުމަރު ރަޟިޔަﷲ ޢަންހުމާ ވިދާޅުވެފައިވެއެވެ. ((إِذَا دَخَلَ البَيْتَ غَيْرَ المَسْكُوْنِ فَلْيَقُلْ: السَّلَامُ عَلَيْنَا وَعَلَى عِبَادِ اللهِ الصَّالِحِين)) (الأدب المفرد للبخاري: 1055، وحسنه الحافظ ابن حجر في الفتح، والألباني في صحيح الأدب المفرد: 806) މާނައީ: “މީހުން ނޫޅޭ ގެއަކަށް ވަދެއްޖެނަމަ، السَّلَامُ عَلَيْنَا وَعَلَى عِبَادِ اللهِ الصَّالِحِين (ތިމަންމެންގެ މައްޗަށާއި ﷲގެ އަޅުތަކުންކުރެ ޞާލިޙު އަޅުންނަށް ސަލާމް ހުއްޓެވެ.) މިފަދައިން ކިޔާށެވެ.” އަދި މުޖާހިދު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. ((إِذَا دَخَلْتَ المَسْجِدَ فَقُلْ: السَّلَامُ عَلَى رَسُولِ اللهِ، وَإِذَا دَخَلْتَ عَلَى أَهْلِكَ فَسَلِّمْ عَلَيْهِمْ، وَإِذَا دَخَلْتَ بَيْتًا لَيْسَ فِيْهِ أَحَدٌ فَقُلْ: السَّلَامُ عَلَيْنَا وَعَلَى عِبَادِ اللهِ الصَّالِحِين.)) (تفسير ابن كثير: 3/306) މާނައީ: “ތިބާ މިސްކިތަށް ވަންނަނަމަ السَّلَامُ عَلَى رَسُولِ اللهِ މިފަދައިން ކިޔާށެވެ. އަދި ތިބާގެ އަހުލުވެރިންގެ ގާތަށް (އެބަހީ؛ ތިބާގެ ގެއަށް) ވަންނަމުން އެބައިމީހުންނަށް ސަލާމް ގޮވާށެވެ. އަދި މީހަކު ނޫޅޭ ގެއަކަށް ވަންނައިރު السَّلَامُ عَلَيْنَا وَعَلَى عِبَادِ اللهِ الصَّالِحِين މިފަދައިން ކިޔާށެވެ.”
((فَسَلِّمُوا عَلَىٰ أَنفُسِكُمْ)) (މާނައީ: ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ތިޔަބައިމީހުން سلام ގޮވާށެވެ!) މި އާޔަތާމެދު އަލްޤުރުޠުބީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “(މި އާޔަތާމެދު) ބުނެވޭނެ އެންމެ ރަނގަޅު ގޮތަކީ؛ ކޮންމެ ގެއަކަށް ވަންނައިރުވެސް ސަލާމް ގޮވުމެވެ. އެ ގެއެއްގައި މުސްލިމަކު އުޅޭނަމަ السلام عليكم ورحمة الله وبركاته މިފަދައިން ގޮވާނީއެވެ. އަދި އެ ގޭގައި މީހަކު ނޫޅޭނަމަ السَّلَامُ عَلَيْنَا وَعَلَى عِبَادِ اللهِ الصَّالِحِين މިފަދައިން ކިޔާނީއެވެ. އަދި އެ ގެއެއްގައި މުސްލިމުން ނޫޅޭނަމަ السَّلَامُ عَلَى مَنِ اتَّبَعَ الْهُدَى މިފަދައިން ނުވަތަ السَّلَامُ عَلَيْنَا وَعَلَى عِبَادِ اللهِ الصَّالِحِين މިފަދައިން ކިޔާނީއެވެ.” والله أعلم.
(16) ޒިޔާރަތްކުރާ ގެއަކުން ނުކުތުމަށް އިޒުނައަށް އެދުން.
ގޭގެއަށް ޒިޔާރަތްކުރާއިރު ވަންނަން އިޒުނައަށް އެދޭފަދައިން، އެ ގެއަކުން ނުކުތުމަށް ބޭނުންވުމުން އެކަމުގެ އިޒުނައަށް އެދުމަކީ ރިވެތި އަދަބެކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((إِنَّمَا الْمُؤْمِنُونَ الَّذِينَ آمَنُوا بِاللَّـهِ وَرَسُولِهِ وَإِذَا كَانُوا مَعَهُ عَلَىٰ أَمْرٍ جَامِعٍ لَّمْ يَذْهَبُوا حَتَّىٰ يَسْتَأْذِنُوهُ ۚ إِنَّ الَّذِينَ يَسْتَأْذِنُونَكَ أُولَـٰئِكَ الَّذِينَ يُؤْمِنُونَ بِاللَّـهِ وَرَسُولِهِ ۚ)) (النور: 62) މާނައީ: “މުއުމިނުން ވާކަން ކަށަވަރީ، ﷲ އަށާއި، އެކަލާނގެ ރަސޫލާއަށް އީމާންވި މީހުން ކަމުގައެވެ. އަދި އެއްވުމަކަށްވާ މުހިންމު ކަމެއްގައި، އެކަލޭގެފާނުގެ އަރިހުގައި އެއުރެން ވެއްޖެނަމަ، އެކަލޭގެފާނުގެ އަރިހުން އިޒުނަ ލިބިއްޖައުމަންދާނދެން އެއުރެން ނުދެއެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ އަރިހުން އިޒުނައަށް އެދޭމީހުން (ދަންނާށެވެ!) އެއުރެންނީ، ﷲ އަށާއި އެކަލާނގެ ރަސޫލާއަށް އީމާންވާ މީހުންނެވެ.” މި އާޔަތުން އަޅުގަނޑުމެންނަށް ދޭހަކޮށްދެނީ މަޖިލީހެއް ކުރުމަށްފަހު ވަކިވުމަށް އިޒުނަ ހޯދުމަކީ ރިވެތިވެގެންވާ އަދަބެއްކަމެވެ. ހަމައެފަދައިން އަޅުގަނޑުމެން ގޭގެއަށް ޒިޔާރަތްކުރުމަށްފަހު، އެ ގެއަކުން ނުކުތުމަށް އެދޭކަމުގައިވާނަމަ އިޒުނައަށް އެދުމަކީ ރިވެތި އަޚްލާޤީ ޞިފައެކެވެ. އިބްނު ކަޘީރު ރަޙިމަހުﷲ މިއާޔަތުގެ ތަފްސީރުގައި ވިދާޅުވެފައިވެއެވެ. “މިއީވެސް ﷲ އެއިލާހުގެ މުއުމިނު އަޅުތަކުން އަދަބުވެރިކުރުވުމުގޮތުން ދައްކަވާފައިވާ (ރިވެތި) އަދަބެކެވެ. ފަހެ، ގޭގެއަށް ވަނުމަށް އިޒުނައަށް އެދުމަށް އެކަލާނގެ އެބައިމީހުންނަށް އަންގަވާފައިވާ ފަދައިން މި އަންގަވަނީ ވަކިވަމުންވެސް އިޒުނައަށް އެދުމަށެވެ…” (تفسير ابن كثير)
(17) އެހެނިހެން އަދަބުތައް.
ބަޔާންވެދިޔަ އަދަބުތަކުގެ އިތުރުންވެސް، ގޭގެއަށް ޒިޔާރަތްކުރާމީހާ ގެންގުޅެންޖެހޭ އަދަބުތައް ގިނަވެގެންވެއެވެ. އެގޮތުން؛ އެ ގެއެއްގެ އަހުލުވެރިންނަށް އުނދަގޫނުވާ ގަޑިތަކުގައި ޒިޔާރަތްކުރުމާއި، އެ ގޭގެ އަހުލުވެރިން ހިތްހަމަނުޖެހޭހާ ގިނައިރު ވަންދެން އެ ގެއެއްގައި މަޑުނުކުރުމާއި، ޒިޔާރަތްކުރާއިރު ސާފުތާހިރުވުމާއި، އެ ގޭގެ އަހުލުވެރިންނާ ވާހަކަ ދައްކާއިރު މަޑުމައިތިރިކަމާއި އޯގާތެރިކަމާއި އިޙްތިރާމާއި އުފާވެރިކަމާއެކު ވާހަކަ ދެއްކުމަކީ ރިވެތި އަދަބުތަކެކެވެ. އަދި ހަމައެފަދައިން އެ ގެއެއްގެމީހުން ހިތްހަމަނުޖެހޭފަދަ ވާހަކަތައް ދެއްކުމާއި، އެ ގޭގައި ހުންނަ ތަންތަނަށާއި ކަންކަމަށް ފައިދާއެއްނެތް ފާޑުކިޔުމާއި، އަދި އެ ގެއެއްގައި ހުންނައިރު ފެންނަ އުނިކަންކަމުގެ ވާހަކަ އެހެންމީހުން ކައިރީ ދެއްކުންފަދަ ކަންކަމަކީ ދުރުވާންޖެހޭނެ ކަންކަމެވެ. އެބައިމީހުންގެ ފަރާތުން ފެންނަ އުނިކަންކަން ޖެހޭނީ ފޮރުވާށެވެ. އަދި ތިމާއަށް އެކަމެއް އިޞްލާޙުކުރެވޭނެނަމަ ރިވެތިގޮތުގައި ވީވަރަކުން އެކަމެއް އިޞްލާޙުކުރުމަށް މަސައްކަތްކުރުމެވެ. އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ކިބައިން ރިވާވެފައިވެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ((لاَ يَسْتُرُ عَبْدٌ عَبْدًا فِى الدُّنْيَا إِلاَّ سَتَرَهُ اللَّهُ يَوْمَ الْقِيَامَةِ)) (مسلم: 6760) މާނައީ: “ޤިޔާމަތްދުވަހު އެ އަޅަކު (އެނާގެ އުނިކަންކަން) ﷲ ނުފޮރުއްވާނެގޮތަކަށް، ދުނިޔޭގައި އެ އަޅާ (އޭނާ ފަދަ އަނެއް) އަޅާގެ (އުނިކަންކަން) ނުފޮރުވައެވެ.” އެބަހީ؛ ދުނިޔޭގައި މީހަކު އެމީހާގެ އަޚާގެ އުނިކަންކަން ފޮރުވައިފިކަމުގައިވާނަމަ، ޤިޔާމަތްދުވަހު ﷲ އެމީހާގެ އުނިކަންކަން ފޮރުއްވާދެއްވާނެއެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންގެ ކަންކަން އިޞްލާޙު ކޮށްދެއްވާނދޭވެ! އަދި އަޅުގަނޑުމެންނަށް ތެދުމަގު ދައްކަވައި، އެ ތެދުމަގުގައި ޘާބިތުކުރައްވާނދޭވެ! އަދި އަޅުގަނޑުމެންނަށް ފައިދާ ކުރަނިވި ޢިލްމު ދެއްވައި، އެ ޢިލްމާ އެއްގޮތަށް ޢަމަލުކުރުމުގެ ތައުފީޤު ދެއްވާނދޭވެ!
وصل الله على نبينا محمد وعلى آله وصحبه أجمعين، والحمد لله رب العالمين.
(ނިމުނީ)
_________________________