[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަމާދު އަޅާ މީހާގެ ޙުކުމް 5

hukum

 

މީހަކު ސުވާލުކޮއްފާނެއެވެ: ނައްޞުތަކުގައި އައިސްފައިމިވާ ކުފުރަކީ މިއްލަތުން ބޭރުވާ ކުފުރަށްނުވެ ނިޢުމަތަށް ކުފުރުވެރިވުންކަމުގައި ވެދާނެއެއްނޫން ހެއްޔެވެ؟ ނޫނީ ބޮޑު ކުފުރަށްވުރެއް ކުޑަ ކުފުރެއްކަމުގައިވެދާނެއެއް ނޫންހެއްޔެވެ؟ އެއީ ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ގެ މި ޙަދީޘްފުޅު ފަދައިންނެވެ.

((اثْنَتَانِ بِالنَّاسِ هُمَا بِهِمْ كُفْرٌ الطَّعْنُ فِي النَّسَبِ وَالنِّيَاحَةُ عَلَى الْمَيِّتِ))

“ކުފުރުގެ ތެރެއިންވާ ދެކަމެއް މީސްތަކުންގެ ކިބައިގައި ވެއެވެ. އެއީ މީހުންގެ ނަސަބަށް ދެރަކުރުމުގެ ގޮތުން މަލާމާތްކުރުމާއި، އަޑު އުފުލައި މައްޔިތާގެ މައްޗަށް ރުއިމެވެ.” އަދި އެކަލޭގެފާނުގެ މިހަދީޘްފުޅުގައިވާ ފަދައިންވެސްމެއެވެ.

((سِبَابُ الْمُسْلِمِ فُسُوقٌ وَقِتَالُهُ كُفْرٌ)) “މުސްލިމަކާ ދިމާއަށް އެއްޗެތިގޮވާހެދުމަކީ ފާސިޤުކަމެކެވެ. އަދި އޭނާ(އެބަހީ: މުސްލިމަކު)  ޤަތުލުކުރުމަކީ ކުފުރެވެ.” އަދިވެސް މިފަދަ ޙަދީޘްތަކުގައިވާގޮތަށެވެ.

ޖަވާބު: މި އިޙްތިމާލު އެކި ސަބަބުތަކަށްޓަކައި ސައްޙައެއްނޫނެވެ.

ފުރަތަމައީ: ނަބިއްޔާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ނަމާދަކީ ކުފުރާއި އީމާނާއި، އަދި މުއުމިނުންނާއި ކާފަރުންނާއި ދެމެދު ވަކިކުރާ އިމަކަށް ނުވަތަ ހައްދަކަށް ނަމާދު ހެއްދެވުމެވެ. އިމަކީ އެތެރޭގައިވާ އެއްޗަކާއި އެއިން ބޭރުގައިވާ އެއްޗެއް ފަރަޤުކޮއްދޭ އެއްޗެކެވެ. އިމެއް ނުވަތަ ހައްދެއްގެ ދެފަޅީގައިވާ ބައެއް ތަފާތުވާނެއެވެ، އެއްބައި އަނެއް ބަޔަކަށް ނުވަންނާނެއެވެ.

ދެވަނައީ: ނަމާދަކީ އިސްލާމްކަމުގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. އެހެންކަމުން އެއެޅުމުން ނުވަތަ ދޫކޮއްލުމުން ކާފަރުވާނޭކަމަށް ސިފަކުރުމަކީ އެކުފުރަކީ އިސްލާމްކަމުން ބޭރުކޮއްދޭ ކުފުރެއްކަމެވެ. ސަބަބަކީ އޭނާއެވަނީ އިސްލާމްކަމުގެ ރުކުނެއް މުގުރާލާފައެވެ. މިފަދަ މީހާ ކުފުރުގެ އެހެން ޢަމަލެއް ކުރާ މީހަކާ ތަފާތެވެ.

ތިންވަނައީ: ނަމާދު ދޫކޮއްލާމީހާ މިއްލަތުން ބޭރުވާނޭކަމަށް އިތުރު ނައްޞުތަކުގައި އައިސްފައިވުން. ވީމާ ނައްޞުތަކުގެ މަފްހޫމު އެކަތި އަނެކައްޗާއިދިމާވުމުގެ ސަބަބުން އެ ނައްޞުތަކުގައި ދަލާލަތުކޮއްދޭ ގޮތަށް (ބޮޑު ކުފުރަށް) މާނަ ނެގުން ވާޖިބުވާނެއެވެ.

ހަތަރުވަނައީ: ކުފުރު ބަޔާންކޮއްދީފައިވާގޮތް ތަފާތުވުން. ނަމާދު ދޫކޮއްލުމާއި ބެހޭގޮތުން އައިސްފައިވަނީ: ((بَيْنَ الرَّجُلِ وَبَيْنَ الشِّرْكِ وَالْكُفْرِ )) الكفر އަލިފުލާމާއި އެކުގައެވެ . މިއިން ދަލީލުކޮއްދެނީ މިތަނުގައި ބަޔާންވެގެންވާ ކުފުރަކީ ހަޤީޤީ (ދީނުން ބޭރުވާފަދަ) ކުފުރުކަމެވެ. އެޔާއި ޚިލާފަށް ހަމައެކަނި كُفْرٌ ނަކިރާކޮށް (ވަކި ކޮން އެއްޗެއްކަން ނޭނގޭނެފަދައިން) ނުވަތަ “كَفَرَ” އަމަލެއްގެ (ފިޢުލެއްގެ) ގޮތުގައި ގެނެސްފައި އޮތުމުން ދޭހަ ކޮއްދެނީ އެކަން ވަނީ ކުފުރުގެ ތެރެއިންކަމެވެ. ނުވަތަ އެކަމަކީ ކުފުރުގެ ކަމެއްކަމެވެ. އެއްވެސް ޙާލެއްގައި އެކަމެއްގެ ސަބަބުން އިސްލާމްދީނުން ބޭރުވާ ކުފުރެއް ނޫންކަމެއްވެ.

“އިޤްތިޟާއުއް ސިރާތުލް މުސްތަޤީމް”ގައި ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ (ރަޙިމަހުއްﷲ) ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ)ގެ ((اثْنَتَانِ فِي النَّاسِ هُمَا بِهِمْ كُفْرٌ)) މި ޙަދީޘްފުޅާއިމެދު ވިދާޅުވެފައިވެއެވެ.

((هُمَا بِهِمْ كُفْر)) “ކުފުރުގެ ތެރެއިންވާ ދެކަމެއްވެއެވެ” މާނައަކީ މި ސިފައަކީ މީސްތަކުންގެ މެދުގައިވާ ދެ ކުފުރުވެ. އެހެންކަމުން މިދެ ސިފައަކީ އޭގެ ޒާތުގައި ކުފުރެވެ. އެއީ މި ދެ ސިފަވަނީ ކުފުރުގެ ޢަމަލުތަކުގެ ތެރެއިންކަމަށް ވާތީއެވެ. އަދި އެދެކަންތަކަކީ މީސްތަކުން އަރައިގަންނަ ދެކަންތަކެވެ. އެހެނަސް މިފަދަ ކުފުރުގެ ޢަމަލުތަކުގެ ތެރެއިން ޢަމަލެއް ކުރާ ކޮންމެ މީހަކީ މުތުލަޤުކޮށް ކާފަރެއް ނޫނެވެ. އެއީ ހަޤީޤީ އީމާންކަމުގެ އަޞްލުތައް ޤަބޫލު ކުރުމެއްނެތި އޭގެ ބައިތަކުގެ ތެރެއިން ކަމެއް ކޮއްފި ކޮންމެ މީހަކީ މުއުމިނަކަށް ނުވާ ފަދައިންނެވެ. އެހެން ކަމުން އަލިފްލާމުގެ ޒަރިއްޔާއިން މައުރިފާކޮއްދޭ، ކުފުރާއި (މިސާލަކަށް: ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ގެ ޙަދީޘް ބަސްފުޅު: ((لَيْسَ بَيْنَ الْعَبْدِ وَبَيْنَ الْكُفْرِ أَوْ الشِّرْكِ إِلَّا تَرك صَلَاة)) “އަޅާއާއި ކުފުރާއި ނުވަތަ ޝިރުކާއި ދެމެދު ނަމާދު ދޫކުރުން ފިޔަވައި ކަމެއް ނުވެއެވެ.”) ނަކިރާކޮށް، ޚާއްޞަނުކޮށް އައިސްފައިވާ ކުފުރާއި ތަފާތުވެއެވެ.” އ.ހ.

ފަހެ މިދަލީލުތަކުން ދަލާލަތުކުރާފަދައިން އުޒުރެއްނެތި ނަމާދު ނުކުރާމީހާއަކީ ދީނުން ބޭރުވެފައިވާމީހެކެވެ. އެއީ އިމާމް އަޙްމަދު (ރަޙިމަހުﷲ)ގެ ބަހެވެ. އެއީ އިމާމް ޝާފިޢީގެ ފަރާތުންވެސް އައިސްފައިވާ އެއް ބަހެވެ(ޤައުލެވެ). މިއީ އިމާމް ޝާފިޢީގެ އެއް ޤައުލުކަމަށް އިބްން ކަޘީރު ﴿ فَخَلَفَ مِنْ بَعْدِهِمْ خَلْفٌ أَضَاعُوا الصَّلَاةَ وَاتَّبَعُوا الشَّهَوَاتِ﴾ މިއާޔަތުގެ ތަފްސީރުގައި ޒިކުރުކުރައްވާފައިވެއެވެ. އަދި ކިތާބުއް ޞަލާތުގައި އިބްން ޤައްޔިމްވެސް މިއީ ޝާފިޢީ މަޒްހަބުގެ ދެޤައުލުގެ ތެރެއިން އެއް ޤައުލުކަމުގައި ބަޔާންކުރައްވާފައިވެއެވެ. އަދި އައްޡަޙާވީ އިމާމް ޝާފިޢީގެފާނުގެ ކިބައިން ސީދާކޮށް މިފަދައިން ރިވާކުރައްވާފައިވެއެވެ.

ގިނަ ޞަޙާބީންގެ ޤައުލަކީވެސް މިއީއެވެ. އަދި އެކަކަށްވުރެ ގިނަ ބޭކަލުން މިއީ ޞަޙާބީންގެ އިޖުމާޢެއްކަމުގައިވެސް ރިވާކުރައްވާފައިވެއެވެ.

އަބްދުﷲ އިބްން ޝަޤީޤް ވިދާޅުވިއެވެ. ((كَانَ أَصحَابُ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ لَا يَرَونَ شَيئاً مِنَ الأَعْمَالِ تَركُهُ كُفرٌ غَير الصَلاة)). رواه الترمذي والحاكم وصححه على شرطهما

“ނަމާދުފިޔަވައި ކުރަންޖެހޭ ޢަމަލުތަކުގެ ތެރެއިން ޢަމަލެއް ދޫކުރުމަކީ ކުފުރެއްކަމުގައި ނަބިއްޔާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ)ގެ ޞަޙާބީން ދެކިނުލައްވައެވެ.” (ރިވާކުރެއްވީ: ތިރުމިޒީ، އަލްޙާކިމް، އަދި އެބޭކަލުންގެ ޝަރުތުތަކުގެ މައްޗަށް މިރިވާޔަތްމީ ޞައްޙަ ރިވާޔެއްތެއް ކަމުގައި ބަޔާންކުރައްވާފައިވެއެވެ.)

އަދި މަޝްހޫރު އިމާމް އިސްޙާޤް ބުން ރާހަވައިހި ވިދާޅުވެފައިވެއެވެ. “ނަމާދު އަޅާ މީހާއަކީ ކާފަރެއްކަމަށް ނަބިއްޔާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ)ގެ ކިބައިން ޞައްޙަކޮށް އައިސްފައިވެއެވެ. އަދި އެއްވެސް އުޒުރަކާއިނުލާ ޤަސްދުގައި ނަމާދުގެ ވަގުތު ފާއިތުވަންދެން ނަމާދު ނުކޮށްހުންނަ މީހާއަކީ ކާފިރެއްކަމަށްވާ ރައުޔަކީ، ނަބިއްޔާ (ޞައްލަﷲ ޢަލައހި ވަސައްލަމަ)ގެ ޒަމާނުންސުރެ މިއަދާ ޖެހެންދެންވެސް ޢިލްމުގެ އަހުލުވެރީންގެ ރައުޔެވެ.”

އަދި އިބްނު ހަޒަމް މިރައުޔު އުމަރުގެފަނާއި، އަބްދުއްރަޙްމާން ބުން ޢައުފާއި، މުޢާޒް ބުން ޖަބަލާއި، އަބޫ ހުރައިރާއާއި (ރަޟިޔަﷲ ޢަންހުމް) އަދި އެނޫންވެސް ޞަޙާބީންގެ ކިބައިން ރިވާކުރައްވާފައިވެއެވެ. ވިދާޅުވިއެވެ. “ޞަޙާބީންގެ ތެރެއިން މިބޭކަލުންނާއި ޚިލާފުވެވަޑައިގަތް ބޭކަލަކު ތިމަންމެން ނުދަންނަމެވެ.” މިޤައުލު އިބްން ހަޒަމްގެ ކިބައިން އަލްމުންޛިރީ “އައްތަރުޣީބް ވައްތަރުހީބު”ގައި ނަޤުލުކުރައްވާފައިވެއެވެ. އަދި މި ޞަޙާބީންގެ އިތުރަށް މިރައުޔުގައި ޢަބްދުﷲ ބުން މަސްޢޫދު، ޢަބްދުﷲ ބުން ޢައްބާސް، ޖާބިރު ބުން ޢަބްދުﷲ އަދި އަބުއް ދަރުދާއު (ރަޟިޔަﷲ ޢަންހުމް) ގެ ނަން ގެންނަވާފައިވެއެވެ. އަދި ވިދާޅުވެފައިވެއެވެ. “ޞަހާބީން ފިޔަވައި (މިގޮތަށް ދެކެލައްވާ ބޭކަލުންގެ ތެރޭގައި) އަޙުމަދު ބުން ޙަންބަލް، އިސްޙާޤު ބުން ރާހަވައިހި، ޢަބުދުﷲ ބުން މުބާރަކް، އައްނަޚަޢީ، އަލްޙަކަމް ބުން ޢުތައިބާ، އައްޔޫބު ބުން އައްސަޚްތިޔާނީ ، އަބޫ ދާއޫދު އައްޡަޔާލިސީ، އަބޫ ބަކުރު ބުން އަބީ ޝައިބާ އަދި ޒުހައިރު ބުން ޙަރުބާއި އެނޫންވެސް ބޭކަލުންހިމެނެއެވެ.” އ.ހ

 އިތުރު ބައިތައް…