ޥުޟޫ ގެއްލޭކަންތައްތަކަކީ ޥޫޟޫ ބާޠިލުވާ ނުވަތަ ފާސިދުވާ ކަންތައްތަކެވެ. ޥުޟޫ ގެއްލޭ ކަންތައް ހައެކެވެ.
1- ދެދޮރުންކުރެ ދޮރަކުން އެއްޗެއް ބޭރުވުން: އެއީ ކުޑަކަމުދާ އެއްޗެހި ނުކުންނަ ތަނާއި ބޮޑުކަމުދާ އެއްޗިހި ނުކުންނަތަނެވެ. ނުކުންނަ ތަކެއްޗަކީ ކުޑަކަމުދާ ތަކެތި ނުވަތަ ބޮޑުކަމުދާތަކެތި ނުވަތަ މަނި ނުވަތަ މަޛްޔު ނުވަތަ އިސްތިޙާޟާގެ ލޭ ނުވަތަ ވައެވެ. ކިތަންމެ މަދުން ބޭރުވިކަމުގައިވިޔަސް އަދި ކިތަންމެ ގިނައިން ބޭރުވިކަމުގައިވިޔަސްމެއެވެ. މިކަމުގެ ދަލީލަކީ ﷲތަޢާލާގެ މިބަސްފުޅެވެ. ﴿أَوْ جَاءَ أَحَدٌ مِنْكُمْ مِنَ الْغَائِطِ﴾ [النساء:٤٣]. މާނައީ: “ތިޔަބައިމީހުންކުރެ މީހަކު ފާޚާނާއިން އަތުވެއްޖެނަމައެވެ” އަދި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. ((لا يَقْبَلُ اللـهُ صَلاَةَ أَحَدِكُمْ إِذَا أَحْدَثَ حتَّى يَتَوَضَّأَ )) [رواه مسلم برقم223] މާނައީ: “ތިޔަބައިމީހުން ކުރެ އެކަކުވެސް ޙަދަޘްވެރި ވެއްޖެއްޔާ އޭނާ ވުޟޫކޮށްފުމަށް ދަންދެން އޭނާގެ ނަމާދު ﷲ ޤަބޫލުނުކުރައްވައެވެ.” އަދިވެސް ޙަދީޘްކުރެއްވިއެވެ. ((وَلَكِنْ مِنْ غَائِطٍ أَوْ بَولٍ وَنَوْمٍ)) [رواه أحمد 4/239) والنسائي (1/83) والترمذي (96) وصححه و حسنه الألباني في الإرواء(1/141). މާނައީ: “އެކަމަކު ބޮޑުކަމުދާ ތަކެތިން ނުވަތަ ކުޑަކަމުދާ ތަކެތިން އަދި ނިދުމުންނެވެ” (މާނައަކީ އެކަންތައްތަކުން ވުޟޫ ގެއްލޭނެއެވެ.)
އަނެއް ދަލީލަކީ ވައެއް ބޭރުވެއްޖެކަމަށް ޝައްކުވެއްޖެ މީހާއާ ބެހޭގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވި ޙަދީޘެވެ. ((فَلاَ يَنْصَرِفْ حَتَّى يَسْمَعَ صَوْتًا أَوْ يَجِدَ رِيْحًا)) [متفق عليه: البخاري برقم (137) و مسلم برقم (361)]. މާނައީ: “ފަހެ އޭނާއަށް އޭގެ އަޑުއިވިއްޖައުމަށްދާންދެން ނުވަތަ އޭގެވަސްދުވައިފުމަށްދާންދެން އޭނާ (ނަމާދު ދޫކޮށް) ނުދާހުށިކަމެވެ.”
2- ހަށިގަނޑުގެ އެހެން ތަނަކުން ނަޖިހެއް ބޭރުވުން: ހަށިގަނޑުގެ (ދެދޮރު ނޫން) އެހެންތަނަކުން ކުޑަކަމުދާ އެއްޗެއް ނުވަތަ ބޮޑުކަމުދާ އެއްޗެއް ބޭރުވެއްޖެނަމަ ވުޟޫ ގެއްލޭނެއެވެ. އެއީ ވޭތުވެދިޔަ ޙަދީޘްތަކުގެ ނައްޞުގެ ތެރޭގައި ހިމެނޭތީއެވެ. އެއީ ކުޑަކަމުދާ އެއްޗެއްސާއި ބޮޑުކަމުދާ އެއްޗިހި ނޫން އެއްޗެއްނަމަ މިސާލަކަށް ލޭ، ހޮޑު، އެ ގިނަ ވެއްޖެއްޔާ އައުލާވެގެންވަނީ ވުޟޫކުރުމެވެ. އެއީ އެންމެ ރައްކާތެރިގޮތަށް ޢަމަލުކުރުމަށްޓަކައެވެ. އެއީ މަދު މިންވަރެއްނަމަ، ޢިލްމުވެރިން އިއްތިފާޤުވެވަޑައިގެންފައިވާ ގޮތުގައި ވުޟޫ ކުރާކަށް ނުޖެހޭނެއެވެ.
3- ބުއްދި ފިލައިދިއުން ނުވަތަ ހޭނެތުން ނުވަތަ ނިދުން: ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. ((وَلَكِنْ مِنْ غَائِطٍ أَوْ بَولٍ وَنَوْمٍ)) [رواه أحمد 4/239) والنسائي (1/83) والترمذي (96) وصححه و حسنه الألباني في الإرواء(1/141). މާނައީ: “އެކަމަކު ބޮޑުކަމުދާ ތަކެތިން ނުވަތަ ކުޑަކަމުދާ ތަކެތިން އަދި ނިދުމުންނެވެ” (މާނައަކީ އެކަންތައްތަކުން ވުޟޫ ގެއްލޭނެއެވެ.)
އަދި އޭގެ އަނެއް ދަލީލަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މި ޙަދީޘެވެ. (( الْعَيْنُ وِكَاءُ السَّهِ فَمَنْ نَامَ فَلْيَتَوَضَّأْ)) [ رواه أبو داود برقم (203) وابن ماجه برقم (477) وحسنه الألباني في الإرواء (1/148)] މާނައީ: “ލޮލަކީ (ހޭލާހުންނައިރު) ވައިބޭރުުވުން ރައްކާތެރިކޮށްދޭ އެއްޗެވެ. [އޭގެ މާނައަކީ ހޭލާހުންނައިރު ވައިބޭރުވިޔަސް އެނގޭނެ ވާހަކައެވެ. އަދި ނިދާފައި އޮންނައިރު ވައިބޭރުވިޔަސް ނޭނގޭނެވާހަކައެވެ] ނިދައިފިމީހާ ފަހެ ވުޟޫ ކުރާ ހުށިކަމެވެ.”
يَقُولُ المُتَرُجِمُ: وِكَاءُ ވިކާއުގެ މާނައަކީ ރުނބާފަދަ ތަކެތީގެ މަތިއެއްސުމަށްޓަކައި ބޭނުންކުރާ ވާފަށެވެ. السَّهُ އަކީ ފުރަގަސްފަރާތެވެ. ހޭލާހުރުމަކީ ރުނބާގެ މަތިޖަހާފަ ހުރުން ކަހަލަ ކަމެކެވެ. ނިދުމަކީ އެ މަތިޖަހާވާފަށް ނެތުން ކަހަލަ ކަމެކެވެ. އޭގެ މާނައަކީ ނިދާފައި އޮންނައިރު ވައެއް ބޭރުވިޔަސް ނުވިޔަސް ނޭނގޭނެއެވެ. އެކަމަކު ހޭލާހުރިއްޔާ އެނގޭނެ އެވެ.
4- އާދަމުގެ ދަރިޔާގެ ލަދުވެތި ގުނަވަނުގައި ހަންހުރަހަކާއި ނުލައި ބީހުން: ދަލީލަކީ ބުސްރާ ބިންތި ޞަފްޥާން ރަޟިޔަﷲ ޢަންހާގެއަރިހުން ރިވާވެގެން އައިސްފައިވާ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. (( مَنْ مَسَّ ذَكَرَهُ فَلْيَتَوَضَّأْ )) [ أخرجه أبو داود برقم (181) واللفظ له والنسائي برقم (163) والترمذي برقم (82) وقال: حديث حسن صحيح وابن ماجه برقم(4479) و صححه الألباني في الإرواء (1 (150/] މާނައީ: “އެމީހެއްގެ ޛަކަރުގައި އަތް ބީއްސައިފި މީހާ، ފަހެ ވުޟޫކުރުން ހުއްޓެވެ.” އަދި އަބޫ އައްޔޫބު ރަޟިޔަﷲ ޢަންހުއާއި އުއްމު ޙަބީބާ ރަޟިޔަﷲ ޢަންހާގެ އަރިހުން ރިވާވެގެންވާ ޙަދީޘްގައިވެއެވެ. ((مَنْ مَسَّ فَرْجَهُ فَلْيَتَوَضَّأْ)) [رواية أم حبيبة أخرجها: ابن ماجه برقم (481) وصححها الألباني في الإرواء (1/151) أما حديث أبي أيوب فقال الألباني : لم أقف على إسناده- الإرواء (1/151) މާނައީ: “އެމީހެއްގެ ފަރުޖުގައި އަތް ބީއްސައިފި މީހާ، ފަހެ ވުޟޫކުރުން ހުއްޓެވެ.”
5- ޖަމަލު މަސް ކެއުން: އޭގެ ދަލީލަކީ ޖާބިރު ބިން ސަމުރާ ރަޟިޔަﷲ ޢަންހުގެ ޙަދީޘެވެ. أَنَّ رَجُلاً سَئَلَ النَّبِيَّ صَلَّى اللُه عَلَيْهِ وَسَلَّمَ أَنَتَوَضَّأُ مِنْ لُحُومِ الْغَنَمِ؟ قَالَ ((إِنْ شِئْتَ تَوَضَّأْ وَإِنْ شِئْتَ لاَ تَتَوَضَّأْ)) قَالَ أَنَتَوَضَّأُ مِنْ لُحُومِ الإِبِلِ ؟ قَالَ ((نَعَمْ ، قال : تَوَضَّأْ مِنْ لُحُومِ الإِبِلِ [رواه مسلم برقم (360)] ހަމަކަށަވަރުން މީހަކު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާ ސުވާލުކުރިއެވެ. ބަކަރިމަސް ކެއުމުން އަހަރެމެން ވުޟޫކުރަން ޖެހޭނެތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. ތިބާ ބޭނުންނަމަ ވުޟޫ ކުރާށެވެ. ތިބާ ބޭނުންނަމަ ވުޟޫ ނުކުރާށެވެ.” އެމީހާ ސުވާލުކުރިއެވެ. ޖަމަލުމަސް ކެއުމުން އަހަރެމެން ވުޟޫކުރަންޖެހޭނެ ތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. “ޖަމަލުމަސް ކައިފިނަމަ ވުޟޫކުރާށެވެ.”
6- މުރުތައްދުވުން: އޭގެ ދަލީލަކީ ﷲ ތަޢާލާގެ މި ބަސްފުޅެވެ. ﴿وَمَنْ يَكْفُرْ بِالإِيْمَانِ فَقَطْ حَبِطَ عَمَلُهُ﴾ [المائدة 5] މާނައީ: “އަދި އީމާންކަމަށް ކާފިރުވެއްޖެމީހާ ހަމަކަށަވަރުން އޭނާގެ ޢަމަލުތައް ބާޠިލުވެއްޖެއެވެ.”
ހިނައިގަތުން ވާޖިބުވާ ކޮންމެ ކަމަކުން ވުޟޫކުރުން ވާޖިބުވާނެއެވެ. މަރުވުން މެނުވީއެވެ.
الفقه الميسر في ضوء الكتاب والسنة
وزارة الشؤون الإسلامية والأوقاف والدعوة والإرشاد