[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިސްލާމީ ތަރުބިއްޔަތުގެ ޢިލްމު 6

ހުޅަނގުގެ މަންހަޖާއި ތިއަރީތަކުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާ ތަރުބަވީ ފޮތްތައް އެބަހުއްޓެވެ. އެފަދަ ފޮތްތައް މުޖުތަމަޢުތަކުގައި ޢާއްމުވުމުގެ ސަބަބުން ބައެއް މީހުންނަށް ހީވެފައި އޮންނަނީ ތަރުބިއްޔަތަކީ ހުޅަނގުގެ ނަޒަރިއްޔަތު ތަކާއި ފިކުރުތަކުން އުފަންވެފައިވާ ކަމެއްކަމަށެވެ.
ޙަޤީޤަތުގައި މުސްލިމުން ތަރުބިއްޔަތުގެ އުސްތާޛުންނަށް ހުޅަނގުގެ ތަރުބަވީ ފިކުރުގެ ސަބަބުން އިސްލާމީ ތަރުބިއްޔަތަށް ކުރާ އަސަރު ވިސްނުނެވެ. އަދި އެއީ ބާޠިލު ޢަޤީދާގެ މައްޗަށް ބިނާވެފައިވާ ތަރުބިއްޔަތަކަށްވާތީ، ތަރުބިއްޔަތުގައި އިސްލާމީ އުޞޫލުތަކަށް ރުޖޫޢަވިއެވެ. ނަތީޖާއެއްގެ ގޮތުން ވަރަށް ގިނަ ތަރުބަވީ ދިރާސާތައް ޢާއްމުވެގެން ދިޔައެވެ. އަދި ތަރުބިއްޔަތުގެ ދާއިރާއިން އެތައް ފޮތްތަކެއް ލިޔެވެންފެށިއެވެ. މިފޮތުން މިފަދަ ގިނަ ފޮތްތައް ލިޔެވުނީ މަތީ ފެންވަރަށް ކިޔަވާދޭ ކިޔަވާދިނުމުގައި ހަދާ ދިރާސާތަކުގެ އިތުރުން ތީސީސް ނުވަތަ ރިސާލާތަކުގެ ގޮތުގައެވެ.
މިކަންތައްތަކުން އަހަރެމެންނަށް އެނގިގެންދިޔަ ކަމަކީ ތަރުބިއްޔަތުގެ ޢިލްމުގެ ބިންގާ އެޅިބަޔަކީ މުސްލިމުންކަމެވެ. އަދި އެބިންގަލަކީ އިސްލާމީ މަންހަޖުގެ އަލީގައި އަޅާފައިވާ ބިންގަލެކެވެ. މީސްތަކުންނަށް ތަރުބިއްޔަތުގެ ޢިލްމަށް މުސްލިމުން އަހައްމިޔަތުކަން ނުދޭހެން ހީވީ އިޤްތިޞާދީގޮތުންނާއި، ޞިނާޢީގޮތުން ހުޅަނގު ކުރިއަރައިގެން ދިޔަދުވަސްވަރު، މުސްލިމުން ފަހަތުގައި ތިބުގެ ސަބަބުން ތަރުބިއްޔަތުގެ ދާއިރާއާއި އަދިވެސް ޢިލްމީ އެހެން ދާއިރާތަކުގައި ހޯދުންތައް ހޯދުމާއި ދިރާސާތައްކުރުން މަޑުޖެހިލާފައި އޮތުމުގެ ސަބަބުންނެވެ.
އިސްލާމީ އުންމަތް ފަހަތަށް ދާން މެދުވެރިވި ސަބަބުތަކުގެ ތެރޭގައި ޤުރުއާނާއި ސުންނަތް ދޫކޮށް އެހެންގޮތްތައް ހޯދަން އުޅުން ހިމެނެއެވެ. އެހެންކަމުން ހުރިހާ ދާއިރާއަކުންވެސް ކީރިތި ޤުރުއާނާއި ސުންނަތަށް ރުޖޫޢަވެގެން ނޫނީ އުންމަތުގެ ކުރީކޮޅުގައި އޮތް ކުރިއެރުމާއި ރިވެހި އަޚްލާޤު އަނބުރާ ނުލިބޭނެތީ، އިސްލާމީ ޤައުމުތަކުގައި ޤުރުއާނާ ސުންނަތަށް ރުޖޫޢަވުމުގެ އޮއިވަރެއް ފެތުރިގެން ދިޔުމާއެކު ތަރުބިއްޔަތާއި އެހެނިހެން ދާއިރާތަކުގައިވެސް ޤުރުއާނާ ސުންނަތަށް ރުޖޫޢަވުމުގެ ނަތީޖާއެއްގެ ގޮތުން ކުރީގައި ލިޔެވެފައިވާ ތަރުބަވީ ފޮތްތައް ކިޔައި، އެ ޢިލްމުގައި ހޯދުންތައް ހޯދައި ދިރާސާތައްކޮށް އެ ޢިލްމައިގެން އުޅެން ފެށިއެވެ.
މުޖުތަމަޢުތަކުގައި މިއަދު ފެތުރިފައިވާ އިޖުތިމާޢީ މަލިމަޑުކަމަކީ އިސްލާމީ ތަރުބިއްޔަތުގެ ގިއުގަނޑުން ނުކުތުމުގެ ސަބަބުން އުފަންވިކަންކަމެވެ. އެހެންކަމުން ހުރިހާ މުސްލިމުންވެސް އަދި ޢާއްމުކޮށް އިންސާނިއްޔަތު އެއްކޮށް އިސްލާމީ މަންހަޖަށް ބޭނުންޖެހިގެންވާކަން އެނގެއެވެ. ޚާއްޞަކޮށް ފިކުރީ ހަނގުރާމައިގެ އޮއިވަރު މުޅިދުނިޔެތެރޭގައި ގަދަވެފައިވުމާއެކު އަންނަމުންދާ ނޭދެވޭ އަސަރުތަކުން މުޖުތަމަޢު ސަލާމަތްކުރެވޭނެ ހަމައެކަނި މަގަކީ އިސްލާމީ ތަރުބިއްޔަތުގެ މަގަށް ރުޖޫޢަވުމެވެ. ތަރުބިއްޔަތުގެ ހަށިގަނޑަށް ހުޅަނގުގެ ޖަރާސީމުވަނުމުގެ ކުރީގައި ރައްކާތެރިވެވިއްޖެނަމަ އެ ޖަރާސީމު ވަނުމަށްފަހު ފަރުވާކުރުމަށްވުރެ ކިތަންމެހާވެސް ރަނގަޅެވެ. ފަރުވާކުރުމަށްވުރެ ރައްކާތެރިވުން ރަނގަޅެވެ. ﷲ ތަޢާލާ ކިރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ. يَا أَيُّهَا الَّذِينَ آمَنُوا قُوا أَنْفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا النَّاسُ وَالْحِجَارَةُ عَلَيْهَا مَلَائِكَةٌ غِلَاظٌ شِدَادٌ لَا يَعْصُونَ اللَّهَ مَا أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ (التحريم 6) “އޭ އީމާންވީ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތަކާއި، ތިޔަބައިމީހުންގެ އަހުލުވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ. އެ ނަރަކައިގެ މައްޗަށް (ބަނޑޭރިންކަމުގައި) ހަރުކަށި، އަދި ގަދަފަދަ މަލާއިކަތުންވެއެވެ. ﷲ، އެބޭކަލުންނަށް ކުރައްވާ އަމުރަކަށް އެބޭކަލުން ނުއުރެދޭނެތެވެ. އަދި އެބޭކަލުންނަށް އަމުރުކުރައްވާކަންތައް އެބޭކަލުން ކުރައްވާނެތެވެ.”
(ނިމުނީ)