ފަހެ ހަމަކަށަވަރުން އެންމެ މާތްކަން ބޮޑު ޢަމަލާއި ބެހޭގޮތުން ސުވާލުކުރެވުމުން މާތް ނަބިއްޔާ ޙަދީޘްކުރެއްވިއެވެ. ((الصَّلَاةُ لِوَقْتِهَا)) [صحيح البخاري] މާނައީ:” ނަމާދު އޭގެ ވަގުތުގައި ކުރުމެވެ”. ((أَوَّلُ مَا يُحَاسَبُ بِهِ الْعَبْدُ الصَّلَاةُ)) [رواه النسائي و صححه الألباني في صحيح النسائي 4002] . މާނައީ: ” އަޅާގެ އެންމެ ފުރަތަމަ ޙިސާބު ބެއްލެވޭނެ ޢަމަލަކީ ނަމާދެވެ”.
އަދި ﷲ ތަޢާލާ އަމުރުކުރައްވާފައިވަނީ ދިމާވާ ކޮންމެ މުޞީބާތަކާއި ކުރިމަތިލުމަށް ނަމާދުން ވާގިލިބިގަތުމަށް އަމުރުކުރައްވާފައެވެ. ނަމާދު ފިޔަވައި އެހެން އަޅުކަމަކުން ވާގި ލިބިގަތުމަށް އަމުރުކުރައްވާފައެއް ނުވެއެވެ. (وَاسْتَعِينُوا بِالصَّبْرِ وَالصَّلَاةِ) [البقرة :45] މާނައީ: “އަދި ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގިހޯދާށެވެ!”
ކެތްތެރިކަމުން ވާގިލިބިގަތުމަށް އަންގަވާފައިވާ ސަބަބަކީ އީމާންކަމާއި ދީނުގެ އެންމެހައި ފަރުޟްތަކާއި ސުންނަތްތައް ކެތްތެރިކަމާއިނުލައި ފުރިމަހަނުވާނެ ކަމަށްޓަކައެވެ. މާތް ނަބިއްޔާގެ އަރިހުން ރިވާވެގެން އައިސްފައިވަނީ: كَانَ النَّبِيُّ صلى الله عليه وسلم إِذَا حَزَبَهُ أَمْرٌ صَلَّى. [رواه أبو داود وصححه الألباني في صحيح أبي داود] . މާނައީ:” އެކަލޭގެފާނު ކަމަކާއި ކަންބޮޑުވެވަޑައިގެންފިނަމަ ނަމާދު ކުރައްވަތެވެ”
އަދި ނަމާދުކުރާ އަޅުތަކުން އެބައިމީހުންގެ ބައެއް ނޭއްގާނީ ޢަމަލްތަކާހުރެ ޤިޔާމަތްދުވަހުން ނަރަކަޔަށް އެއްލާލެވުނަސް އެބައިމީހުންގެ ހަށިތަކުގައިވާ ސަޖިދައިގެ އަޘަރުތައްވާ ގުނަވަންތަކަށް ނަރަކައިގެ އަލިފާން ﷲ ތަޢާލާ ޙަރާމްކުރައްވާނެތެވެ. ޙަދީޘްކުރައްވާފައިވެއެވެ: ((حَرَّمَ اللَّهُ عَلَى النَّارِ أَنْ تَأْكُلَ أَثَرَ السُّجُودِ)) [ متفق عليه .] މާނައީ: “ސަޖިދައިގެ އަޘަރުތައް (ގުނަވަންތައް) ކެއުމަށް (ޢަޒާބުދެއްވުމަށް) ނަރަކައަށް ﷲ ތަޢާލާ ޙަރާމްކުރެއްވިއެވެ”.
އަދި ޤިޔާމަތްދުވަހުން މުއުމިނުންނާއި މުނާފިގުންނާއި ދެމެދު ފަރަގުކުރެވޭނީވެސް މިނަމާދުންނެވެ. އެބަހީ ﷲ ތަޢާލާވަޙީކުރައްވާފައިވެއެވެ. ﴿يَوْمَ يُكْشَفُ عَن سَاقٍ وَيُدْعَوْنَ إِلَى السُّجُودِ فَلَا يَسْتَطِيعُونَ ﴾[القلم: 42] ކަށިމަތިފުޅު ކަޝްފުކުރައްވާދުވަސް (އެބަހީ: ޤިޔާމަތްދުވަސް) ހަނދުމަކުރާށެވެ! (އެދުވަހުން) އެއުރެންނަށް ސަޖިދަ ކުރުމަށް ގޮވައިލައްވާނެތެވެ. ފަހެ، އެއުރެންނަކަށް (އެކަމަކަށް) ކުޅަދާނަވެގެނެއްނުވާނެތެވެ.
ކުޅަދާނަވެގެންނުވާ ސަބަބަކީ ދުނިޔެ މަތީގައި އެބައިމީހުން ގަދަވެ ސަލާމަތުން ތިބިއިރު ނަމާދަށް ގޮވާލެވުމުން އިޖާބަ ނުދިން ކަމަށްޓަކައެވެ. ނުވަތަ ދެއްކުންތެރިކަމާއިއެކީ ނަމާދު ކުރިކަމަށްޓަކައެވެ. (( أَقْرَبُ مَا يَكُونُ الْعَبْدُ مِنْ رَبِّهِ وَهُوَ سَاجِدٌ فَأَكْثِرُوا الدُّعَاءَ )) [رواه مسلم 482] މާނައީ: “ހަމަކަށަވަރުން އަޅާ ﷲ އާއި އެންމެ ކުއްތަންވެގެންވާ ވަގުތަކީ ސަޖިދައިގައިވާ ވަގުތެވެ، ފަހެ (އެޙާލަތުގައި) ދުޢާ ކުރުން ގިނަކުރާށެވެ” (ނުނިމޭ)