[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކީރިތި ޤުރުއާނުގައި ނަންގަނެވިގެންވާ ކުލަތައް- ރީނދޫ ކުލަ

813404704351- ރީނދޫ ކުލަ
ރީނދޫކުލައަކީ ކީރިތި ޤުރުއާނުގައި ނަންގަނެވިފައިވާ ކުލަތަކުގެ ތެރެއިން ފުރަތަމަ ކުލައެވެ. މިކުލަ ފަސް އާޔަތެއްގައި ފަސްފަހަރު ނަންގަނެވިފައިވެއެވެ. އެއީ ޖަނަވާރާ ގުޅޭގޮތުން ދެފަހަރުއާއި ވަޔާގުޅޭގޮތުން އެއްފަހަރު އަދި ދަނޑުފަނގާ ބެހޭގޮތުން ދެފަހަރުއެވެ.

ރީނދޫ ކުލައިން ބައެއް ކަންތައްތަކަށް ދަލީލުކުރެއެވެ. އެގޮތުން

1- އެކުލަ ޖަނަވާރެއްގައިވާނަމަ އެކުލައަށް ބަލާމީހުންގެ ހިތަށް އުފާވެރިކަން ގެނެސްދެއެވެ. ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ. قَالُواْ ادْعُ لَنَا رَبَّكَ يُبَيِّن لَّنَا مَا لَوْنُهَا قَالَ إِنَّهُ يَقُولُ إِنّهَا بَقَرَةٌ صَفْرَاء فَاقِـعٌ لَّوْنُهَا تَسُرُّ النَّاظِرِينَ – البقرة 69 މާނައަކީ: “ދެން އެބައިމީހުން ބުންޏެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި އެ ގެރީގެ ކުލަ ބަޔާންކޮށްދެއްވުން އެދި ދަންނަވައި ދެއްވާށެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން އެކަލާނގެ ވަޙީކުރައްވައެވެ. ހަމަކަށަވަރުން އެއީ ރީތިކަމުން، ބަލާމީހުން އުފާކުރުވަނިވި، ގަދަ ރީނދޫކުލައިގެ ގެރިއެކެވެ.”
އަދިވެސް ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ. كَأَنَّهُ جِمَالَتٌ صُفْرٌ -المرسلات33-“(އެ ކަނިތައް)، ރީނދޫކުލައިގެ ޖަމަލުތަކެއް ފަދައެވެ.

2- އެކުލަ ވަޔާއި ގުޅިފައިވާނަމަ އެއީ ފަސާދައާއި ހަލާކުވުމެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. وَلَئِنْ أَرْسَلْنَا رِيحاً فَرَأَوْهُ مُصْفَرّاً لَّظَلُّوا مِن بَعْدِهِ يَكْفُرُونَ -الروم51 – ﷲފޮނުއްވި ރަޙުމަތުގެ ސަބަބުން ބިމުންފަޅައި ހެދިގަތް ގަސްތަކުގެ މައްޗަށް) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ވައިރޯޅިއެއް ފޮނުއްވައި (އޭގެ ސަބަބުން) އެ ގަސްތައް ރީނދޫވެ، ހިކިގެންދާތަން އެއުރެންނަށް ފެނިއްޖެނަމަ، އޭގެފަހުންވެސް އެއުރެން ކާފިރުވުމުގައި ދެމިތިބޭކަން ކަށަވަރެވެ.

3- އަދި ދަނޑުގައި ނުވަތަ ދަނޑުވެރިކަމުގައި ވާނަމަ ފަނާވުމާއި ހިކިވުމާއި އަނަރޫފަވުމެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. أَلَمْ تَرَ أَنَّ اللَّهَ أَنزَلَ مِنَ السَّمَاءِ مَاءً فَسَلَكَهُ يَنَابِيعَ فِي الْأَرْضِ ثُمَّ يُخْرِجُ بِهِ زَرْعاً مُّخْتَلِفاً أَلْوَانُهُ ثُمَّ يَهِيجُ فَتَرَاهُ مُصْفَرّاً ثُمَّ يَجْعَلُهُ حُطَاماً إِنَّ فِي ذَلِكَ لَذِكْرَى لِأُوْلِي الْأَلْبَابِ }الزمر21 މާނައީ: “ހަމަކަށަވަރުން، ﷲ އުޑުން ފެން ވެއްސަވައި، ދެން ބިމުގެ ތެރޭގައިވާ ފެންފެންގަނޑަށް އެ ފެން ފޮނުއްވައި، ދެން އެ ފެނުން ކުލަތައް ތަފާތުވެގެންވާ ގޮވާމުގެ ބާވަތްތައް ނެރުއްވާތީ ތިބާ ނުދެކެމުހެއްޔެވެ؟ ދެން އެތަކެތި ހިކި، ރީނދޫކުލައިގައިވާތީ ތިބާއަށް ފެންނާނެތެވެ. ދެން އެކަލާނގެ އެތަކެތި ކުނޑިކުނޑި އެތިއެތިކޮޅުތަކެއް ކަމުގައި ލައްވަތެވެ. ހަމަކަށަވަރުން، އެކަންތަކުގައި ބުއްދީގެ އަހުލުވެރިންނަށް ހަނދާންކޮށްދިނުން ވާކަންކަށަވަރެވެ.”
އަދިވެސް ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. اعْلَمُوا أَنَّمَا الْحَيَاةُ الدُّنْيَا لَعِبٌ وَلَهْوٌ وَزِينَةٌ وَتَفَاخُرٌ بَيْنَكُمْ وَتَكَاثُرٌ فِي الْأَمْوَالِ وَالْأَوْلَادِ كَمَثَلِ غَيْثٍ أَعْجَبَ الْكُفَّارَ نَبَاتُهُ ثُمَّ يَهِيجُ فَتَرَاهُ مُصْفَرّاً ثُمَّ يَكُونُ حُطَاماً وَفِي الْآخِرَةِ عَذَابٌ شَدِيدٌ وَمَغْفِرَةٌ مِّنَ اللَّهِ وَرِضْوَانٌ وَمَا الْحَيَاةُ الدُّنْيَا إِلَّا مَتَاعُ الْغُرُورِ -الحديد20 – ތިޔަބައިމީހުން ދަންނާށެވެ! ދުނިޔޭގެ ދިރިއުޅުން ވާކަން ކަށަވަރީ ކުޅިވަރެއް ކަމުގައެވެ. އަދި މަޖަލެއް ކަމުގައެވެ. އަދި ޒީނަތެއް ކަމުގައެވެ. އަދި ތިޔަބައިމީހުންގެ މެދުގައި އެކަކު އަނެކަކުގެ މައްޗަށް ބޮޑާވެގަތުމެއް ކަމުގައެވެ. އަދި މުދާތަކާއި، ދަރިންތަކާމެދު، އެކަކު އަނެކަކަށްވުރެ ގިނަކަމަށްބުނެ މޮޅުވާހަކަ ދެއްކުމެއް ކަމުގައެވެ. ވާރޭފެނެއްގެ މިސާލުގައެވެ. އެ ފެނުން ފެންލިބިގެން ފެޅި ގަސްތަކެއް، ދަނޑުވެރިން ޢަޖާއިބުކޮށްފައިވެއެވެ. ދެން އެ ގަސްތައް ހިކިދެއެވެ. ދެން އެ ގަހުގެ ފަތްތައް ރީނދޫވެފައި ވަނިކޮށް ތިބާއަށް ފެންނާނެތެވެ. ދެން އެ ހިކި ހުއިތަކަކަށް ވެދެއެވެ. އަދި އާޚިރަތުގައިވަނީ، ގަދަފަދަވެގެންވާ ޢަޛާބެވެ. އަދި ﷲ ގެ ޙަޟްރަތުން ލިބޭ ފާފަފުއްސެވުމަކާއި، ރުއްސެވުމެކެވެ. ކެހިވެރިކަމުގެ ވަގުތީ އުފަލެއްދޭ އެއްޗެއް ކަމުގައި މެނުވީ ދުނިޔޭގެ ދިރިއުޅުން ނުވެތެވެ.”
(ނުނިމޭ)