ހަމަކަށަވަރުން ނަމާދަކީ ޞާލިހު އަޅުތަކުންގެ ލޮލުގެ ފިނިކަމެވެ. އަދި ހަމައެފަދައިން ނަމާދަކީ މުވައްޙިދުންގެ ރޫޙުގެ ލައްޒަތެވެ. އަދި ނަމާދަކީ އަޅުވެރިންގެ ބަގީޗާއެވެ. އަދި ނަމާދަކީ ޚުޝޫޢަތްތެރިންގެ ނަފްސުގެ ލައްޒަތުވެސްމެއެވެ. އަދި ނަމާދަކީ ތެދުވެރި އަޅުންނަކީ ކޮބައިކަން އަންގައިދޭ އަޅުކަމެކެވެ. އަދި ތެދުމަގުގެ މަތީގައިވާ އަޅުންގެ ޙާލު ވަޒަންކޮށްދޭ އަޅުކަމެއްވެސް މެއެވެ. އަދި ނަމާދަކީ ﷲ ތަޢާލާ އެއިލާހުގެ މުއުމިނު އަޅުތަކުންނަށް ހަދިޔާކޮއްދެއްވެވި އެއިލާހުގެ ރަޙްމަތެކެވެ. އެއިލާހުވަނީ މުއުމިނުންނަށް ނަމާދުގެ މަގުދައްކަވައި ނަމާދަކީ ކޮބައިކަން ބަޔާންކޮށްދެއްވާފައެވެ. އެއިލާހު ނަމާދުގެ މަތިވެރި އަޅުކަން އުންމަތަށް ހަދިޔާ ކޮށްދެއްވީ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަތްޕުޅު މައްޗަށެވެ. އުތްމަތަށް އޮތް ރަޙްމަތެއްގެ ގޮތުގައެވެ. އުތްމަތަށްޓަކައިވާ މަތިވެރި ޤަދަރެއްގެ ގޮތުގައެވެ. ނަމާދުގެ މަތިވެރި ޝަރަފު ލިބިގަނެ ﷲ ތަޢާލާއާ ކުއްތަންވުމުގެ ކާމިޔާބު ޙާޞިލުކުރުމަށްޓަކައެވެ. އެއިލާހުގެ އަޅުތަކުންގެ އަޅުވެރިކަމަކަށް މުހުތާދުވެގެނެއް ނޫނެވެ. އެހެނަސް އެއިލާހުގެ ފަޟްލުވަންތަކަމުގެ ދެއްވެވި ނިޢްމަތެކެވެ. އެނަމާދުގައި ހިތާއި ގުނަވަންތައް އެކީ ޢުބޫދިއްޔަތު އަދާކުރެއެވެ. އަދި ނަމާދުން ހިތަށް ލިބިގެންވާ ނަސީބު އެހެން ގުނަވަންތަކަށްވުރެ ފުރިހަމަކުރައްވައި މަތިވެރިވެރި ކުރައްވާފައިވެއެވެ. އެހެނީ އެފަދަ ހިތްތައް ﷲ ތަޢާލާއަށް ފުރިހަމައަށް އިޖާބަދޭނެތެވެ. އަދި ނަމާދުގެ ޒަރީޢާއިން ﷲ ތަޢާލާއާ ކުއްތަންވުމުން އުފަލާއި ފޮނިކަން އިޙްސާސްވާނެތީއެވެ. އަދި ﷲ ތަޢާލާގެ ލޯބި އެހިތްތަކަށް ލިބިގެންދާތީއެވެ. އަދި އެއިލާހުގެ ދަރުބާރުގައި( އެބަހީ ނަމާދުގައި) ކޮޅަށް ހުރުމުގެ ލައްޒަތު އެހިތްތަކަށް ލިއްބައިދޭތީއެވެ. އަދި މީގެ ސަބަބުން ޣާފިލުކަމުން އެހިތްތައް އެއްކިބާވާނެތީއެވެ. އަދި އެތެރެފުށާއި ބޭރުފުށުގެ އަޅުކަންތަކުގެ ޙައްޤުތައް އެއިލާހު އެދި ވޮޑިގެންވާ ގޮތަށް ފުރިހަމަވެގެންދާނެތީއެވެ.
ހަމަކަށަވަރުން ނަމާދަކީ އަޅާއަށްޓަކައި ވާ ނޫރެކެވެ. އަދި ރިޒްގު ތަނަވަސްވުމުގެ ސަބަބެކެވެ. އަދި އަޅުތަކުންގެ ލޯބި ޙާޞިލުވުމުގެ ސަބަބެކެވެ. ފަހެ ހިތްދަތިކަމާއި ހާސްކަމާއި ކަންބޮޑުވުންފަދަ ހައިޖާންތަކުގައިވީ އަޅަކު ކަމުގައިވިޔަސް ނަމާދުން އަޅާ ނިމިގެންދާއިރު އޭނާ ވާނީ ﷲ ތަޢާލާ މިންވަރުކުރައްވާ ހިތްހަމަޖެހުމުގެ ނިޢްމަތުގައެވެ. ހިތަށް ބޭނުންވާ ފެނާއި ކާނާ ލިބި އާރޯކަމާއި ތާޒާކަންމަތީގައެވެ.
ހިތަށް ފޮނުވާލެވޭ ހަމަލާތަކަކީ މެދުކެނޑުމެއްނުވާ ހަމަލާތަކަށްވީ ހިނދު އެ ހިތުގެ ޝިފާއަށްޓަކައި ރެއާއި ދުވާލު ފަސްފަހަރު ﷲ ތަޢާލާގެ ދަރުބާރަށް ޙާޟިރުވެ ހިތުގެ ހަމަޖެހުން ލިބިގަތުމަށް ﷲ ތަޢާލާ ކަނޑައަޅުއްވާފައިވުމީ ހަމަކަށަވަރުން އެއިލާހުގެ ރަޙްމަތެވެ. އެހެންނޫންނަމަ ހިތްދަތިކަމާ ހުރެ އެތައްބަޔަކު އަމިއްލަ ނަފްސު ހަލާކުގެތެރެއަށް އެއްލާލީސްކަން ކަށަވަރެވެ. އެއްބަޔަކު މަސްތުވާ ޒާތެއްގެ އެއްޗަކާ ދިމާއަށް ދާނެ އިރު އަނެކަކު އިޚްތިޔާރުކުރާނީ ދަންޖެހިގެން ނުވަތަ އެނޫންވެސް ގޮތަކުން “ހިތްދަތިކަމުން ސަލާމަތްވާށެވެ.” އެހެންކަމުން ނަމާދުކުރުމީ މުއުމިނު އަޅާގެ ދެދުނިޔަވީ ޙަޔާތަށް ލާބައާއި މަންފާހުރިކަމެކެވެ. އެއަޅާވާނީ ހިތުގެ ދިރުންދެއްވާ އިލާހާއި މެދުކެޑުމެއްނުވާ ގުޅުމެއްގައެވެ. އެއިލާހުގެ ތަނަވަސް ރަޙްމަތުގެ ވިލާތަކުގެ ވާރޭގެ ޒަރީޢާއިން އަޅާހިތް މިލާމޯޅިވުމުން ސަލާމަތްކޮށްދީ ހިތުގައިވާ އީމާންކަމުގެ އޮށްތަކަށް ދިރުން ލިބި ކުރިތައްފަޅައި ހިތުގެ ރޫޙާނީ ބަގީޗާއަށް އާރޯކަން ލިއްބައިދެއެވެ. އެހެންކަމުން ނަމާދުއަޅާ ކޮންމެ ދުވަހަކީ އީމާންކަމުގެ ކުރިބޯށިތައް ފެނުން މަޙްރޫމްވެގެންދާ ދުވަހެކެވެ. އެކަން ދިގުލައިގެން ހިނގައްޖެނަމަ ހަނަފަސްކަމުގެ މުޞީބާތުން ހިތުގައިވާ އީމާންކަމުގެ ކުރިތައް މަރުވެ ހިތަކީ ހަނަފަސް، ބޭނުންނުހިފޭ އެއްޗަކަށްވެގެންދެއެވެ.
ހިތަށްވެރިވާ ހަނަފަސްކަމަކީ ޣަފްލަތެވެ. ފަހެ އަޅާ ﷲ ތަޢާލާގެ ޒިކުރުގެ މަތީގައިވާހާ ހިނދަކު، ﷲ ތަޢާލާގެ ދަރުބާރަށް ޙާޟިރުވާހާ ހިނދަކު އެއިލާހުގެ ރަޙްމަތުގެ ވާރޭ ވެއްސަވާނެތެވެ. ނަމަވެސް ޣާފިލްވެއްޖެނަމަ، ޣާފިލުވި ނިސްބަތަށް ހަނަފަސްކަމުގެ އަޘަރު ފޯރާނެއެވެ. ހިތުގައިވާ ﷲ ތަޢާލާގެ ލޯތްބާއި، ތައުޙީދާއި، އެއިލާހުގެ ޒިކުރުކުރުން ބަލިކަށިވެއްޖެނަމަ ހަށިގަނޑުގައިވާ ނުބައިކަންތަކަށް އަމުރުކުރާ ބާރު ގަދަވެގެންދާނެތެވެ. އަދި ޝަހުވަތުގެ އަލިފާނުގެ ހުޅުގަނޑު ގަދަވެގެންދާނެތެވެ. މީގެ ސަބަބުން ހިތް އަނދައިގެން ގޮސް ހަރު ހިލައަށް ވެގެން ހިނގައިދާނެއެވެ. އޭރުން ވަދެގެންދާނީ ﷲ ތަޢާލާގެ މިވަޙީ ބަސްފުޅުގެ ތެރެއަށެވެ. ﴿فَوَيْلٌ لِّلْقَاسِيَةِ قُلُوبُهُم مِّن ذِكْرِ اللَّـهِ أُولَـٰئِكَ فِي ضَلَالٍ مُّبِينٍ﴾ [زمر٢٢] މާނައީ: “ފަހެ، ﷲ ހަނދާންކުރުން ފިޔަވައި، އެއުރެންގެ ހިތްތައް ހަރުކަށިވެފައިވާ މީހުންނަށް ހަލާކުހުއްޓެވެ. އެއުރެންވަނީ، ފާޅުވެގެންވާ މަގުފުރެދުމެއްގައެވެ”
ނަމާދުގެ ސިއްރަކީ ނުވަތަ ނަމާދުގެ ރޫޙަކީ ހިތް ޙާޟިރުކޮށްގެންވާ ޙާލު ޚުޝޫޢަތްތެރިކަމާއެކީ ނަމާދު އަދާކުރުމެވެ. ފަހެ ހިތް ޣާފިލުވެފައިވާ ޙާލު ﷲ ތަޢާލާގެ ދަރުބާރަށް ޙާޟިރުވާ މީހާގެ މިސާލީ ޙާޖަތަކައިގެން ރަސްކަލެއްގެ ދަރުބާރަށްދާ މީހެއްގެ މިސާލެވެ. އަރައިގަނެވުނު ޖަރީމާތަކަށް އިޢްތިރާފްވާ ޙާލު، ރަސްގެފާނުގެ ޢަފޫކުރުމަށް އެދި ނުވަތަ އެހީ އަކަށް މަދަދަކަށް، ނަޞްރަކަށް، ޝަފާޢަތަކަށް އެދިގެން އައިސް ރަސްގެފާނާ ބައްދަލުކުރުމުގެ ފުރުޞަތު ލިބުމުން ރަސްގެފާނަށް ދެންނެވުމުން މަނާވެގަންނަ މީހާގެ މިސާލެވެ. ނުވަތަ ދެންނެވުމުގައި އަދަބުކުޑަކޮށް އިޙްތިރާމެއް ނެތްފަދަ ގޮތަކަށް އަވަސްއަރައިގަނެގެންވާ ޙާލު ރަސްގެފާނު ފޫހިވެދާނެ ނުވަތަ ކޯފާ އިސްކުރައްވަފާނެ ގޮތަކަށް ހުށައަޅާމީހާގެ މިސާލެވެ. ފަހެ ރަސްގެފާނުގެ ޢަފޫ އަންނައިރު ނުވަތަ ޝަފާޢަތުގެ ލިސްޓު އަންނައިރު މިފަދަ ރައްޔިތަކު މަޙްރޫމްވުމަކުން ހައިރާންވާކަށްނުޖެހެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿وَلِكُلٍّ دَرَجَاتٌ مِّمَّا عَمِلُوا وَلِيُوَفِّيَهُمْ أَعْمَالَهُمْ وَهُمْ لَا يُظْلَمُونَ﴾ [الأحقاف 19] މާނައީ: “އަދި ކޮންމެ ބަޔަކަށްމެ، އެބަޔަކު ކުޅަޢަމަލަކާ އެއްގޮތަށް ދަރަޖަތަކެއް ހުއްޓެވެ. (އެއީ) އެއުރެންނަށް، އެއުރެންގެ ޢަމަލްތަކުގެ ޖަޒާ ފުރިހަމަޔަށް ދެއްވުމަށްޓަކައެވެ. އަދި އެއުރެންނަކަށް ބޭއިންސާފެއް ނުކުރައްވާހުށްޓެވެ.” (ނުނިމޭ)