[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަދެކެ ތެދުވެރި ލޯބިވާނަމަ

Muhammad_by_frizdan

އަހަރެމެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަދެކެ ތެދުވެރި ލޯބިވާނަމަ އެކަލޭގެފާނަށް ނަޞްރުދޭނެއެވެ. އަދި އެކަލޭގެފާނަށް ޤަދަރުކޮށް އިޙްތިރާމުކުރާނެއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿إِنَّا أَرْسَلْنَاكَ شَاهِداً وَمُبَشِّراً وَنَذِيراً (8) لِتُؤْمِنُوا بِاللَّهِ وَرَسُولِهِ وَتُعَزِّرُوهُ وَتُوَقِّرُوهُ(9)﴾ [ الفتح:8-9] މާނައީ: “ހަމަކަށަވަރުން، ތިމަންއިލާހު ކަލޭގެފާނު ފޮނުއްވީ ހެކިވަނިވި ބޭކަލަކު ކަމުގައްޔާއި (މުއުމިނުންނަށް) އުފާވެރިކަމުގެ ޚަބަރުދެއްވައި، (ކާފިރުންނަށް) ބިރުވެރިކަމުގެ ޚަބަރުދެއްވާ ބޭކަލަކު ކަމުގައެވެ. އެއީ ތިޔަބައިމީހުން ﷲއަށާއި، އެއިލާހުގެ ރަސޫލާއަށް އީމާންވުމަށްޓަކައެވެ. އަދި އެކަލޭގެފާނަށް ނަޞްރުވެރިވުމަށާއި އެކަލޭގެފާނަށް އިޙްތިރާމުކުރުމަށްޓަކައެވެ.”

އަދިވެސް ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿فَالَّذِينَ آمَنُوا بِهِ وَعَزَّرُوهُ وَنَصَرُوهُ وَاتَّبَعُوا النُّورَ الَّذِي أُنْزِلَ مَعَهُ أُولَئِكَ هُمُ الْمُفْلِحُونَ﴾ [الأعراف : 157] މާނައީ: “ފަހެ، އެކަލޭގެފާނަށް އީމާންވެ، އެކަލޭގެފާނަށް ވާގިވެރިވެ، ނަޞްރުވެރިވެ، އެކަލޭގެފާނާއެކުގައި ބާވައިލެއްވި ނޫރަށް ތަބާވީ މީހުން (ދަންނާށެވެ!) ކާމިޔާބުވާނޭ މީހުންނަކީ، ހަމަ އެބައިމީހުންނެވެ.”

އިބްނު ކަޘީރު ރަޙިމަހުﷲ އިބްނު ޢައްބާސް އާ ޙަވާލާދެއްވާ ވިދާޅުވެފައިވާ ގޮތުގައި وَتُعَزِّرُوهُ ގެ މާނައަކީ މަތިވެރިކުރުމެވެ. އަލްބަޣަވީ ރަޙިމަހުﷲ ވިދާޅުވިއެވެ. وَتُعَزِّرُوهُ ގެ މާނައަކީ އެހީތެރިވުމާއި ނަޞްރުވެރިވުމެވެ. تُوَقِّرُوهُ ނެގިފައިވަނީ التَّوقِيرُ މި ބަހުންނެވެ. އޭގެ މާނައަކީ އިޙްތިރާމުކުރުމެވެ. (ابن كثير (ص 1233) والبغوي المختصر (2/872).

ﷲ ސުބްޙާނަހޫ ވަތަޢާލާ އަށާއި އެއިލާހުގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އުނދަގޫކުރާ މީހުންނަށް ﷲ ސުބްޙާނަހޫ ވަތަޢާލާ ލަޢުނަތްލައްވާފައިވެއެވެ. އެއިލާހު ވަޙީކުރެއްވިއެވެ. ﴿إِنَّ الَّذِينَ يُؤْذُونَ اللَّهَ وَرَسُولَهُ لَعَنَهُمُ اللَّهُ فِي الدُّنْيَا وَالْآخِرَةِ وَأَعَدَّ لَهُمْ عَذَابًا مُّهِينًا﴾ [الأحزاب :57 ] މާނައީ: “ހަމަކަށަވަރުން، ﷲ އާއި، އެއިލާހުގެ ރަސޫލާއަށް އުނދަގޫކުރާ (އެބަހީ: ދޮގުކޮށް ކާފިރުވާ) މީހުން (ދަންނާށެވެ!) ﷲ އެބައިމީހުންނަށް ދުނިޔެއާއި، އާޚިރަތުގައި ލަޢުނަތް ލެއްވިއެވެ. އަދި އެބައިމީހުންނަށްޓަކައި އިހާނަތްތެރި ޢަޛާބު ތައްޔާރުކުރެއްވިއެވެ.”

އަދިވެސް އެއިލާހު ވަޙީކުރައްވާފައިވެއެވެ. ﴿أُولَٰئِكَ الَّذِينَ لَعَنَهُمُ اللَّهُ وَمَنْ يَلْعَنِ اللَّهُ فَلَنْ تَجِدَ لَهُ نَصِيرًا﴾ [ النساء: 52 ] މާނައީ: “އެއުރެންނަކީ، ހަމަ ﷲ ލަޢުނަތްލައްވާފައިވާ މީހުންނެވެ. ﷲ ލަޢުނަތްލައްވާ މީހާ، (ދަންނާށެވެ!) ފަހެ، އެމީހަކަށް ނަޞްރުވެރިވާނޭ ފަރާތެއް ކަލޭގެފާނަށް ފެނިވަޑައިނުގަންނަވާނެއެވެ”.

ޝައްކެއްނެތްގޮތުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ފުރައްސާރަކޮށްފިމީހާއަށް ﷲ ސުބްޙާނަހޫ ވަތަޢާލާގެ ލަޢުނަތް ޙައްޤުވެއްޖެއެވެ. ﴿وَمَنْ يَلْعَنِ اللَّهُ فَلَنْ تَجِدَ لَهُ نَصِيرًا﴾ [ النساء: 52 ] ﷲ ލަޢުނަތްލައްވާ މީހާ، (ދަންނާށެވެ!) ފަހެ، އެމީހަކަށް ނަޞްރުވެރިވާނޭ މީހަކު ކަލޭގެފާނަށް ފެނިވަޑައިނުގަންނަވާނެއެވެ”.
****************************************
ޙަވާލާ:
1- وجوب محبة النبي ونصرته وحكم من سبه، وعموم رسالته – سعيد بن علي بن وهف القحطاني
2- محبة النبي صلى الله عليه وسلم وتعظيمه- عبد الله بن صالح الخضيري
3- محمد الرسول الله بين الاتباع والابتداع -عبد الرؤوف محمد عثمان
4- الشفا بتعريف حقوق المصطفى صلى الله عليه وسلم – عياض بن موسى بن عياض اليحصبي أبو الفضل