[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަމާދުގެ ޤަދަރު މަތިވެރިކުރުން 12

yusufނަމާދުގެ ސިއްރަކީ އަދި ރޫޙަކީ އަޅާގެ ހިތް ﷲ ތަޢާލާއަށް ކުރިމަތިލުމެވެ. ނަމާދުގައި އަޅާ ވާހިނދު ޤިބްލައިން އެއްފަރާތްވުން ހުއްދަވެގެންނުވާ ފަދައިން ނަމާދުގައި ވާހިނދު އަޅާގެ ހިތްވެސް ﷲތަޢާލާ ހަނދުމަކުރުމުން އެއްފަރާތްވުން ހުއްދަވެގެން ނުވެއެވެ. އަޅާގެ މޫނާއި ޖިސްމުގެ ޤިބްލައަކީ ކަޢްބަތުﷲ ގެފުޅު ކަމުގައި ހަދައި، އަޅާގެ ހިތާއި ރޫހުގެ ޤިބްލައަށް ވާންޖެހެނީ ކަޢްބަތުﷲ ގެފުޅުގެ ވެރި ކީރިތިވަންތަ ﷲއެވެ. ފަހެ އަޅާ ﷲއަށް ކުރިމަތިލާ މިންވަރަކަށް މެނުވީ އަޅާއަށް ﷲ ތަޢާލާ ކުރިމަތިނުލައްވާ ހުއްޓެވެ. އެބަހީ އަޅާގެ ހިތް ޣާފިލުވެގެންވާނަމަ ﷲތަޢާލާ އަޅާގެ އެދި ދަންނަވާ ޙާޖަތްތަކަށް އިޖާބަ ނުދެއްވާނެތެވެ. ނަމާދުގައި ހިތަށް ތިން ވާޖިބެއް އަދާކުރަންޖެހެއެވެ.

ފުރަތަމަ ވާޖިބަކީ: ޝަހުވަތުގެ ބަލިތަކާއި ވަސްވާސްތަކާއި ދުނިޔަވީ ފިކުރުތަކުން ނަމާދުގައި ހިތް ރައްކާތެރިކޮށް އިޞްލާހުކުރުމެވެ.

ދެވަނަ ވާޖިބަކީ: ނަމާދުގައި އަޅާއަށް ﷲތަޢާލާ ބައްލަވާވޮޑިގެންވާކަން ނުވަތަ އަޅާ ﷲތަޢާލާ ދެކެދެކެހުރެ ނަމާދުގެ އަޅުކަން އަދާކުރާކަން ހިތްމައްޗަށް ގެނެސްގަތުމެވެ.

ތިންވަނަ ދަރަޖައަކީ: ނަމާދުގައި އަޅާ ދުލުންކިޔާ އެންމެހާ އާޔަތްތަކާއި ޒިކުރުތަކުގެ މާނަ ހިތްމައްޗަށް ގެނެސް ވިސްނާ ތަދައްބުރުކުރަމުން ނަމާދުގެ އަޅުކަން އަދާކުރުމެވެ.

ފަހެ އިސްވެދިޔަ ވާޖިބުތަކާ އެކީ ނަމާދު އަދާކޮށްފިނަމަ އަޅާއެވަނީ ނަމާދު ޙައްޤުގޮތުގައި އަދާކޮށްފައެވެ.

ފަހެ ރޯދައިގެ މޭވާއަކީ ނަފުސު ޠާހިރުކުރުން ކަމުގައި ވާފަދައިން އަދި ޒަކާތުގެ މޭވާއަކީ މުދާ ޠާހިރުކުރުން ކަމުގައިވާ ފަދައިން އަދި ޙައްޖުގެ މޭވާއަކީ ﷲގެ މަޣްފިރަތު ކަމުގައިވާ ފަދައިން، ނަމާދުގެ މޭވާއަކީ އަޅާ ﷲއާ އަޅާއާ ދެމެދުގައިވާ ގުޅުން ބަދަހިވުމެވެ. އަދި ނަމާދުގެ ސަބަބުން އަޅާގެ ލޮލަށާއި ހިތަށް ފިނިކަމަކާއި އަރާމުކަންލިބެއެވެ. މިހެންކަމުން މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވަނީ: ((وَجُعِلَتْ قُرَّةُ عَيْنِي فِي الصَّلَاةِ)) رواه النسائي رقم:3940 މާނައީ: “އަދި ތިމަންކަލޭގެފާނުގެ ލޮލުގެ ފިނިކަން ލެއްވިފައިވަނީ ނަމާދުގައެވެ”.

އަދި އެކަލޭގެފާނު ބިލާލުގެފާނަށް އަމުރުކުރައްވާކަމުގައިވަނީ: ((يَا بِلَالُ أَقِمِ الصَّلَاةَ أَرِحْنَا بِهَا)) رواه أبو داود(4985) މާނައީ:”އޭ ބިލާލުއެވެ، ނަމާދަށް ގޮވާލައްވާށެވެ. (އެއީ) ނަމާދުން ރާހަތެއް(އަރާމު) އަހަރެމެންނަށް ލިބިގަތުމަށްޓަކައެވެ”.

ނަމާދުގެ އަޅުކަން ވެފައިވީ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައާ އެކަލޭގެފާނުގެ މިތުރު ޞަޙާބީންނަށް އޭގެން ރާޙަތާއި އުފަލާއި ހިތްހަމަޖެހުން ލިއްބައިދިން އަޅުކަމަކަށެވެ. ނަމަވެސް އަޅުގަނޑުމެންނަށް ނަމާދުވެފައިވަނީ ބުރައަކަށެވެ. ބަރުހެލިކަމާއި ކަންނެތްކަމާއެކީ މެނުވީ ނަމާދަށް ކޮޅަށް ނުތިބެވެއެވެ. އިންތިޒާރުކުރެވޭ ކަމުގައިވަނީ ނަމާދުން އަވަދިވާނެ އިރަކަށެވެ. އެހެން ޢިބާރާތަކުން ބުނާނަމަ ނަމާދު ވެފައިވަނީ އަޅުގަނޑުމެންގެ ތެރެއިން ﷲ ރަޙްމަތްލެއްވި މަދުބަޔަކަށްމެނުވީ ވާ ޢަޒާބަކަށެވެ. އެފަދަ މީހުންގެ ހިތާއި ނަފުސުގެ އުފާތައްވަނީ ނަމާދުން ބޭރުގައެވެ. ނަމާދުގައި އޭނާ ހޭދަކޮށްލާ ވަގުތުކޮޅަކީ އޭނާގެ ދުނިޔަވީ ޢަމަލުތަކުންނާއި ލޯބިވާކަންތައްތަކުން ވަކިވާންޖެހޭ ވަގުތުކޮޅަކަށް ވާކަމަށްޓަކައެވެ. ފަހެ އެހެންކަމުން އޭނާ ނަމާދުގައި ވާ ވަގުތު އެވަނީ ޢަޒާބެއްގައެވެ. މިކަން އޭނާ ނަމާދުގައި އަދާކުރާ ހަރަކާތްތަކަށް ބަލާލީމާ ދޭހަވެގެންދާނެއެވެ. ފަހެ އެނަމާދުގައި މަޑުމޮޅިކަމެއް ޚުޝޫޢަތްތެރިކަމެއް ނުވާނެއެވެ. ނަމާދަކީ އަދާކުރަންޖެހޭ ވާޖިބެއްކަން ވިސްނިފައިވާ ކަމަށްޓަކައި ކުރާ ޙަރަކާތްތަކަކަށް މެނުވީ އެނަމާދު ނުވާނެތެވެ.
ނަމާދަކީ އިންސާނާގެ ގުނަވަންތަކަށްވާ ބަރު، ބަންދެއްކަމާއި ހިތުގެ އުފާތަކަށްވާ ޖަލެއްކަމާއި ނަފުސަށްވާ ބުރަހެލިކަމެއްކަމަށް ދެކޭމީހާއާއި، ނަމާދަކީ ހިތަށްޓަކައިވާ ނިޢުމަތެއްކަމާއި ލޮލަށްޓަކައިވާ ފިނިކަމެއްކަމާއި ގުނަވަންތަކަށްވާ ރާޙަތެއްކަމަށްދެކޭ މީހާގެ ފަރަގު ކިތަންމެހާވެސް ބޮޑެވެ.

އެހެނީ ފުރަތަމަ ބަޔާންކުރެވުނު އަޅާއަށް ނަމާދުވާހުށީ ލެވޭ ޖަލަކަށެވެ. އޭނާގެ މިނިވަންކަމާއި ޙުއްރިއްޔަތަށް އެޅޭ ކަސްތަޅެއްކަމުގައެވެ. ނަމަވެސް ދެވަނައަށް ބަޔާންކުރެވުނު އަޅުންނަށް ނަމާދު ވާހުށީ ބަގީޗާއަކަށެވެ. ލޮލުގެ ފިނިކަމާއި ނަފުސަށް ލައްޒަތާއި ރާޙަތު ލިއްބައިދޭ ރޫޙަށް ދިރުންގެނެސްދޭ ކުލަރީތި ޗާލޫ ބަގީޗާއަކަށެވެ.

އަދި ފުރަތަމަ ބައިމީހުންގެ މިސާލީ ރަސްކަލެއްގެ ގަނޑުވަރަށް ވަދެ ރަސްގެފާނާ އޭނާއާ ދެމެދު ލެވިފައިވާ ފަރުދާއެއްގެ ސަބަބުން ރަސްގެފާނު ދުށުމުގެ ޝަރަފުން މަޙްރޫމްވި މީހެއްގެ މިސާލެވެ. ނަމާދުގެ އަޅުކަމުގެ ތެރެއަށް އޭނާއަށް ވަދެވުނު ކަމުގައިވިޔަސް އޭނާގެ ޝަހުވަތާއި ހަވާ ނަފްސުގެ އެދުންތަކުގެ ސަބަބުން ﷲއާ ދެމެދެ ވަނީ ފަރުދާއެއް ލެވިފައެވެ. ގަނޑުވަރަށް ވަން ޙާޖަތު ނާކަމިޔާބުވުމުން އަވަހަށްދާން ބޭނުންވާފަދައިން އެފަދަ މީހުން ބަލާނީ ނަމާދުން އަވަހަށް އަވަދިވޭތޯއެވެ. އަދި ގަނޑުވަރުން ނުކުމެގެންދާނީ މާޔޫސްކަމާއި ވަރުބަލިވެފައިވާ ޙާލަތުގައި ފަދައިން އެފަދަމީހުންގެ ނަމާދުން ހަށިގަނޑަށްވާނީ ވަރުބަލިކަމެކެވެ.

ގަނޑުވަރަށް ވަދެ ރަސްގެފާނާ ބައްދަލުކުރުމަށްޓަކައި ފަރުދާކަހާލެވޭ މީހުންނަކީ ދެވަނަބައިގެ މީހުންނެވެ. އެބައިމީހުން ރަސްގެފާނާ ބައްދަލުވިކަމަށްޓަކައި އުފާކުރާނެއެވެ. ފަހެ އެބައިމީހުން ރަސްގެފާނު ބަހައްޓަވާ ގާތް ކަމަށްޓަކައި، ދީލަތިކަމަށްޓަކައި ރަސްގެފާނުގެ ދަރުބާރުން ވަކިވާން ބޭނުމެއްނުވާނެތެވެ. އަދި އެބައިމީހުންވާ ހުށީ ރަސްގެފާނުގެ ޖަލާލަތާއި ޤަދަރަށްޓަކައި މަޑުވޮޅިވެގެންނެވެ.

ނިމުނީ