މުޙައްމަދު ނާޞިރުއްދީން އިބްނު ނޫޙް އިބްނު އާދަމް ނަޖާތީ، އަލްއަލްބާނީ ދިރިއުޅުއްވީ ދިމިޝްޤުގައެވެ. ނަމަވެސް ފަހުން އުރުދުން އަށް ހިޖުރަ ކުރެއްވިއެވެ. އަވަހާރަފުޅުވީވެސް އެތާނގައެވެ. އެބޭފުޅާ އުފަންވެވަޑައިގެންފައިވަނީ ހިޖުރައިން 1332 ވަނައަހަރު (މީލާދީން 1914 ވަނަ އަހަރު) އަލްބޭނިއާގެ ވެރިރަށުގައެވެ. ޝައިޚު އަލްއަލްބާނީގެ ގެ ނަމުން މައްޝޫރުވެފައިވަނީ އަލްބޭނިއާ އަށް ނިސްބަތްކޮށެވެ.
އަލްއަލްބާނީ ރަޙިމަހުﷲ އަކީ ހަދީޘް ޢިލްމާއި ފިޤުހު ޢިލްމުގެ އަހުލުވެރިއެކެވެ. އަދި ސަލަފުއް ޞާލިޙުންގެ މަންހަޖަށް ތަބާވި ދީނުގެ ބޮޑުދާޢީއެކެވެ. ޢާލިމެކެވެ. އަދި ދީނީ މުހިއްމު ލިޔުންތައް ލިޔުއްވި ބޭފުޅެކެވެ.
އެބޭފުޅާގެ ބައްޕާފުޅަކީ އަލް ޙާއްޖު ނޫޙް އެވެ. އެއީ ޙަނަފީ މަޒްހަބުގެ ޢިލްމުވެރިއެކެވެ. ސެކުއިލަރިސްޓް އަޙްމަދު ޒުއަގު ގެ ވެރިކަމުގައި އަލްބޭނިއާގެ މުސްލިމުންނަށް ވަރަށްގިނަ އަނިޔާތަކެއް ލިބެމުން ދިއުމާއެކު އަލް ޙާއްޖު ނޫޙް އެބޭފުޅާގެ ހުރިހާ ދަރިންނާއެކީ ޝާމަށް ހިޖުރަ ކުރެއްވިއެވެ. 50 އަހަރު ދިމިޝްޤު ދިރިއުޅުއްވުމަށްފަހު އަލްއަލްބާނީ ރަޙިމަހުﷲ އުރުދުންގެ ވެރިރަށް އަންމާނަށް ހިޖުރަ ކުރެއްވިއެވެ.
ތަޢުލީމު ޙާޞިލް ކުރެއްވުމާއި އުސްތާޒުން:
ޝައިޚް އަލްއަލްބާނީ ރަޙިމަހުﷲ ތަޢުލީމު ޙާޞިލްކުރެއްވީ ދިމިޝްޤުގެ މަދުރަސާ އަކުންނެވެ. އެތާގައި ވަރަށްގިނަ ޢިލްމުވެރިންގެ އަރިހުން ދަރިވަރުވެ ވަޑައިގެންނެވިއެވެ. އުމުރުގެ ވަރަށް ޅަފަތުގައި އެބޭފުޅާގެ ހިއްޕުޅުގައި ޙަދީޘް ޢިލްމަށް ލޯބިޖެހުނެވެ. އެއީ ޝައިޚް މުޙައްމަދު ރަޝީދު ރިޟާ އެދުވަސްވަރު ނެރުނު މަޖައްލާއެއްކަމުގައިވާ “އަލް މަނާރު” ގައި އަބޫ ޙާމިދު އަލް ޣަޒާލީ އެބޭފުޅާގެ ފޮތް “އިޙްޔާއު ޢުލޫމުއްދީން” ގައި ލޔެފައިހުރި ޟަޢީފު ޙަދީޘްތަކާއި ބެހޭގޮތުން ފާޑުވެރިނަޒަރަކުން ލިޔުއްވި ދުވަސްވަރުގައެވެ.
ދީނަށް ގޮވާލެއްވުމާއި އިސްލާމީ އުއްމަތަށް ކޮށްދެއްވި ޚިދުމަތްތައް:
ޝައިޚް ވަނީ ދުނިޔޭގެ ވަރަށްގިނަ ކަންކޮޅުތަކުގައި ދަޢުވަތާއިގެން ދަތުރު ކުރައްވާފައެވެ. އޭގެ ތެރޭގައި ޤަތަރު، މިޞްރު، ކުވައިތު، އެކުވެރި ޢަރަބި ޢިމާރާތް ، ސްޕެއިން އަދި އިނގިރޭސިވިލާތް ހިމެނެއެވެ.
މިޒަމާނުގެ ޙަދީޘް ފޮތްތަކުގައި މިވެނި ޙަދީޘަކީ ޞައްޙަމަގުން ވާރިދުވެފައިވާ ހަދީޘެއްތޯ ނުވަތަ ނޫންތޯ އެންގެންހުރެއެވެ. މިއީ އަލްއަލްބާނީ ރަޙިމަހުﷲގެ އަގު މާތް މަސައްކަތްޕުޅުން އުއްމަތަށް ލިބުނު ކުރިއެރުމެއްކަން ގައިމުއެވެ. ޝައިޚްގެ މަންހަޖާއި ދެކޮޅުދަހާ ޝައިޚް ގޯސްކުރާ މީހުންންނަށްވެސް މިކަމާއި ދެކޮޅު ނެހެދޭނެއެވެ.
ހިޖުރައިން 1381 އިން 1383 އަށް އެބޭފުޅާ ވަނީ މަދީނާގެ އިސްލާމިކް ޔުނިވާރސިޓީގައި ޙަދީޘް ޢިލްމު ކިޔަވާ ދެއްވާފައެވެ. އަދި އެދުވަސްވަރު ޔުނިވާރސިޓީ ބޯރޑުގެ މެމްބަރުކަންވެސް ކުރެއްވިއެވެ.
ޝައިޚްގެ ބައެއް ފޮތްތައް:
1- تَحْذِيْرُ السَّاجِد مِنْ اِتِّخَاذِ القُبُوْرِ مَسَاجِد (މިފޮތް އެތައް ފަހަރަކު ޕްރިންޓް ކުރެވިފައިވެއެވެ.)
2- الرَّوْضُ النَّضِيْرُ فِيْ تَرْتِيْبٍ وَ تَخْريْجٍ مُعْجَمُ الطَّبَرَانِيْ الصَّغِيْرُ
ދީނީ ޢީލްމުވެރިންގެ ތާޢީދު ލިބިވަޑައިގަތުން:
އެދުވަސްވަރު ދުނިޔޭގައި އުޅުއްވި ދީނުގެ ބޮޑެތިޢިލްމުވެރިންނާއި އިމާމުން ވަނީ އައްޝައިޚު އަލްއަލްބާނީ އަށް ތާޢީދު ކުރައްވާ އެބޭފުޅާގެ އަރިހުން ނޭގޭތަކެތި އޮޅުން ފިލުއްވާފައެވެ. އަދި އެބޭފުޅާގެ އަރިހަށް ޒިޔާރަތްތައް ކުރައްވާފައެވެ. އަދި އެބޭފުޅުން ދީނީ އަޙްކާމްތައް އަހައި އޮޅުން ފިލުވައި އެބޭފުޅާއާއި ސިޓީ ބަދަލުކުރައްވައި ހައްދެވިއެވެ.
ޝައިޚް އަލްއަލްބާނީ އަށް ތާޢީދު ކުރެއްވި ބޭފުޅުންގެތެރޭގައި އައްޝައިޚް ޢަބްދުލް ޢަޒީޒު ބިން ބާޒް ރަޙިމަހުﷲ ހިމެނިވަޑައިގަންނަވައެވެ. އެބޭފުޅާ ޝައިޚް އަލްބާނީ އާއިމެދު ވިދާޅުވެފައި ވެއެވެ. “އަހަރެމެންގެ މި ދުވަސްވަރުގައި އަހަރެންނަށް މުޙައްމަދު ނާޞިރުއްދީން އަލްއަލްބާނީއަށް ވުރެ ހަދީޘު ޢިލްމަށް އަރާހުންނެވި ބޭފުޅަކު މި އުޑުދަށުން ނުދެކެވެ.”
ކީރިތ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘް “ހަމަކަށަވރުން ﷲ ތަޢާލާ ކޮންމެ ޤަރުނެއްގެ ކުރީކޮޅު މިދީން އިޙްޔާ ކުރާނެ ފަރާތެއް ފޮނުއްވާނެއެވެ.” އާއިބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ޝައިޚް އިބްނު ބާޒް ޜަހިމަހުﷲ އާއި މިޤަރުނުގެ މުޖައްދިދަކީ ކާކުތޯ ސުވާލުކު ކުރުމުން ޝައިޚް އިބްނު ބާޒް ރަޙިމަހުﷲ ޖަވާބުދެއްވިއެވެ. “އެއީ ޝައިޚް މުޙައްމަދު ނާޞިރުއްދީން އަލްއަލްބާނީއެވެ. އަހަރެންގެ ރައުޔުގައި މުޖައްދިދަކީ އެބޭފުޅާއެވެ. އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲއެވެ.”
ޝައިޚް ޢަބްދުލްޢަޒީޒު އަލްހުދާ ކިޔައިދެއްވިއެވެ. ” ތަފްސީރާއި ޢަރަބި ބަހުގެ ޢިލްމުގައި އެދުވަސަވަރު އެފަދަ ދެވަނައެއް ނެތް މުޙައްމަދު އަލް އަމީން އައްޝަންޤީތީ ރަޙިމަހުﷲ ޝައިޚް އަލްއަލްބާނީ ދެކެ ޢިޙްތިރާމްކުރެއްވި މިންވަރަކީ އެބޭފުޅާ މަދީނާގެ މިސްކިތުގައި ކިޔަވައިދެއްވަން އިންނަވަނިކޮށްވެސް ޝައިޚް އަލްއަލްބާނީ ފެނިވަޑައިގެންފިނަމަ އެކަންތައް މެދުކަނޑުއްވާލައްވައި ތެދުވެ ޝައިޚް އަލްއަލްބާނީ އާއި ސަލާމް ކުރެއްވުމަށް އަވަސްވެ ވަޑައިގަންނަވައެވެ.”
ދީނީ ޢިލްމުވެރިޔާ އަދި އުސްތާޒެއް ކަމުގައިވާ މުޙިއްބުއްދީން އަލް ޚަތީބު ވިދާޅުވެފައިވެއެވެ. “މުސްލިމުންގެ ދާޢީންގެތެރެއިން ސުންނަތް އިޙްޔާ ކުރުމުގެ އަގުމާތް މަސައްކަތްޕުޅުގައި މުޅި އުމުރު ހޭދަކުރެއްވި އެއްބޭފުޅަކީ އަޅުގަނޑުމެންގެ އަޚް މުޙައްމަދު ނާޞިރުއްދީން އަލްއަލްބާނީއެވެ.”
ދީނުގެ ބޮޑު ޢިލްމުވެރިޔެއް ކަމުގައިވާ މުޙައްމަދު ޙާމިދު އަލްފިޤީ ރަޙީމަހުﷲ ވިދާޅުވެފައިވެއެވެ. “އެއީ އަހަރެމެންގެ އަޚް އަދި ޢީލްމުވެރިޔާ އައްސަލަފީ ޝައިޚް ނާޞިރުއްދީންއެވެ.”
ސުޢޫދިޢަރަބިއްޔާގެ ކުރީގެ މުފްތީއެއް ކަމުގައިވާ އައްޝައިޚް މުޙައްމަދު އިބްނު އިބްރާޙީމް އާލުއްޝައިޚް ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “އެއީ ސުންނަތުގައި ހިއްޕެވި ޙައްޤަށް ނަސްރުދެއްވި ބޭކަލެކެވެ. އަދި ބާތިލް ޚިޔާރުމީހުންނާއި ދެކޮޅުވެރިވެ ވަޑައިގަތެވެ.”
އަލްޢަލްލާމާ އަލް ފަޤީހު އަލްޝައިޚް މުޙައްމަދި އިބްނު ޞާލިޙުލް ޢުޘައިމީން ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “އަހަރެން ޝައިޚްއާއި ބައްދަލުވެފައިވަނީ ވަރަށް މަދު ފަހަރަކުއެވެ. މި ބައްދަލުވުންތަކުގައި އަހަރެންނަށް އެނގިގެން ދިޔަގޮތުގައި އެބޭފުޅާއަކީ ސުންނަތަށް ޢަމަލުކުރުމުގެ މައްޗަށް ވަރަށްބޮޑު އިސްލަމެއްދެއްވާ، އަދި ބިދުޢަތާއި ދެކޮޅަށް މަސައްކަތްކުރެވި ބޭފުޅެކެވެ.”
ޝައިޚްގެ ދަޢުވަތު:
ޝައިޚް އަލްއަލްބާނީގެ ދަރިވަރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަރަށްވެސް ގިނައެވެ. އޭގެތެރޭގައި އެބޭފުޅާގެ ލިޔުއްވުންތަކުން ފައިދާ ޙާޞިލްކުރެއްވި ބޭފުޅުންވެސް ހިމެނެއެވެ. ޝައިޚްގެ ދަރިވަރުންދަނީ މިހާރުވެސް ވަރަށް ޖޯޝާއެކީ ޞައްޙައިލްމު މީސަތަކުންނަށް ވާޞިލް ކޮށްދެމުންނެވެ.
ޝައިޚްވަނީ މުޅިއުމުރުފުޅު ބުރުހާނާއި ދަލީލާއިއެކީ މާތްﷲ ގެ މަގަށް ދަޢުވަތުދެއްވާފައެވެ. ތަސްފިޔާ އަދި ތަރިބިއްޔާގެ މަންހަޖުގެ ތެރޭގައެވެ. ތަރުބިއްޔަތުގެ މައިދާނުގައި އެބޭފުޅާއަކީ ބޮޑު މުޢައްލިމެކެވެ. ތެދުވެރި މުރައްބީއެކެވެ.
އަވަހާރަފުޅުވުން:
22 ޖުމާދުލް އާޚިރާ 1420 (2 އޮކްޓޯބަރ 1999) ގައި އެލޮބުވެތި ޝައިޚްގެ އުމުރުފުޅުން 87 އަހަރުފުޅުގައި މިފަނާވަނިވި ދުނިޔެ ދޫކުރެއްވިއެވެ. ޝައިޚްގެ ޖަނާޒާވެސް އޮތީ ހަމައެދުވަހުގައެވެ. ޝައިޚްގެ ޖަނާޒާގައި 5000 އަށްވުރެ ގިނަމީހުން ބައިވެރިވިއެވެ. ޝައިޚްގެ ވަސިއްޔަތްޕުޅާއި އެއްގޮތައް ވީހާވެސް އަވަހަށް ފަސްދާނުލުމުގެ ކަންތައް ކުރެވުނެވެ.
ޝައިޚް އަލްއަލްބާނީ ރަޙިމަހުﷲ ނެތުމުގެ ފަޅުކަން ދީނީ ޢިލްމުވެރިންނާއި ދަރިވަރުންނާއި އަދި ޢާއްމުންވެސް ވަރަށްބޮޑަށް ކުރިއެވެ. އެލިބުނު ހިތާމަ އަދި އަދަށްދާންވެސް އިސްލާމީ އުއްމަތުން ފެންނަން ފަދައެވެ. އަޅުގަނޑުމެންގެ ދުޢާއަކީ ﷲ ތަޢާލާ ޝައިޚް އަލްއަލްބާނީ ރަޙިމަހުﷲ އަށް ސުރަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރެއްވުމެވެ.