الخُفُّ އަކީ ހަމުން ނުވަތަ އެފާޑުގެ އެއްޗަކުން ހަދާފައި ހުންނަ، ފަޔަށް ލައްވަން ބޭނުންކުރާ އެއްޗެކެވެ. އޭގެ ޖަމްޢުއަކީ خِفَافٌ އެވެ. ހަމުން ނޫން އެއްޗަކުން މިސާލަކަށް ވޫލުން ނުވަތަ ކޮޓަން ފަދަ އެއްޗަކުން ހަދާފައިވާ އެއްޗެއް ކަމުގައި ވިޔަސް އެއީ ފަޔަށް ލައްވަން ބޭނުންކުރާ އެއްޗެއްނަމަ އެ ބެލެވެނީ ޚުއްފުކަމުގައެވެ.
ޚުއްފުގެ މަތީގައި (ފެން) ފުހުމުގެ ޙުކުމާއި އެކަމުގެ ދަލީލު:
އަހުލުއްސުންނަތި ވަލްޖަމާޢަތި އިއްތިފާޤުވެފައިވާ ގޮތުގައި ޚުއްފުގެ މަތީގައި (ފެން) ފުހުމަކީ ހުއްދަވެގެންވާ ކަމެކެވެ. އެއީ ﷲ ތަޢާލާގެ ފަރާތުން އެއިލާހުގެ އަޅުތަކުންގެ މައްޗަށްވާ ލުއިފަސޭހަކަމެކެވެ. އެބައިމީހުންގެ ކިބައިންވާ އުނދަގުލާއި ބުރަ ލުއިކުރެއްވުމަށްޓަކައެވެ. ޚުއްފުގެ މަތީގައި ފެން ފުހުމަކީ ހުއްދަކަމެއް ކަމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތާއި އިޖުމާޢުން ދަލީލުލިބެއެވެ.
ސުންނަތަށް ބަލާލާއިރު، ސުންނަތުގައި ޚުއްފުގައި ފެންފުހުމާ ބެހޭގޮތުން އެކަލޭގެފާނު އެކަން ކުރެއްވިކަމާއި އެކަމަށް އަމުރުކުރެއްވިކަމަށް ޘާބިތުވެފައިވާ ޞައްޙަ ޙަދީޘްތައް މުތަވާތިރުދަރަޖައަށް ފޯރާފައިވެއެވެ.
އިމާމު އަޙްމަދު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “(ޚުއްފުގައި) ފެންފުހުމާމެދު އަހަރެންގެ ހިތުގައި އެއްވެސް އެއްޗެއް ނެތެވެ. (އޭގެ މާނައަކީ އެކަމުގެ ހުއްދަކަމާމެދު ހިތުގައި އެއްވެސް ޝައްކުކަމެއް ނެތެވެ) އެކަމާބެހޭގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން ސާޅީސް ހަދީޘް ވާރިދުވެފައިވެއެވެ.
ޙަސަނުލް ބަޞަރީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޚުއްފުގެ މަތީގައި ފެން ފުއްސެވި ކަމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޞަޙާބީންގެ ތެރެއިން ހަތްދިހައަށްވުރެ ގިނަ ބޭކަލުން ތިމަންނާ ކައިރީ ވިދާޅުވިއެވެ. މި ޙަދީޘްތަކުގެ ތެރޭގައި މިލިޔާ ޙަދީޘްވެއެވެ. ޖަރީރު ބިން ޢަބްދިﷲ ވިދާޅުވިއެވެ. ((رَأَيتُ رَسُولَ اللهِ صَلَّى اللهُ عَلَيهِ وَسَلَّم بَالَ ثُم َّ تَوَضَّأَ وَ مَسَحَ عَلَى خُفَّيْهِ)) [رواه مسلم برقم (272) وروى نحوه البخاري عن المغيرة في باب المسح على الخفين برقم (203). މާނައީ: ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުޑަގިފިލިކުރައްވާ ދެން ވުޟޫކުރައްވާ އަދި އެކަލޭގެފާނުގެ ދެޚުއްފުގައި ފެންފުއްސަވަނިކޮށް އަހުރެން ދުށީމެވެ.”
އަލްއަޢުމަޝް ވިދާޅުވިއެވެ. “މި ޙަދީޘުގެ ސަބަބުން އެބައިމީހުން ޢަޖައިބުވާކަމުގައި ވިއެވެ. އެހެނީ ޖަރީރު އިސްލާމްވީ އަލްމާއިދާ ސޫރަތް (އެބަހީ ވުޟޫގެ އާޔަތް) ބާވައިލެއްވުމުގެ ފަހުންނެވެ.”
ޚުއްފުގައި ފެންފުހުމަކީ ދަތުރު މަތީގައްޔާއި ޙާޟިރުވެ ހުންނައިރުގަޔާއި ޙާޖަތެއް ޖެހިގެންނާއި ޙާޖަތެއް ނުޖެހިވެސް، ޝަރުޢުވެގެންވާ ކަމެއްކަމުގައި އަހުލުއްސުންނަތި ވަލްޖަމާޢަތިގެ ޢިލްމުވެރިން އިޖުމާޢުވެވަޑައިގެންފައިވެއެވެ.
ހަމަ އެފަދައިން، އިސްޓާކީނުގެ މަތީގައި ފެން ފުހުންވެސް ހުއްދަވެގެންވެއެވެ. އެއީ ފޮތިން ނުވަތަ އެފަދަ މާއްދާއަކުން ހަދާފައި ހުންނަ، ފަޔަށް ލައްވަން ބޭނުންކުރާ އެއްޗެކެވެ. އެއީ ފަޔަށް ލައްވާ ޚުއްފު ފަދަ އެއްޗެކެވެ. މި ދެ އެތީގެ (އެބަހީ ޚުއްފާއި އިސްޓާކީނުގެ) ބޭނުމަކީ އެއް ބޭނުމެކެވެ. ޚުއްފަށްވުރެ ގިނައިން މީސްތަކުންގެ މެދުގައި ލައިގެން އުޅުން ގިނަވެފައިވަނީ އިސްޓާކީންޏެވެ. އެއީ ފައި ފޮރުވޭ އެއްޗެއް ނަމަ އޭގައި ފެން ފުހުން ހުއްދައެވެ.
الفقه الميسر في ضوء الكتاب والسنة
وزارة الشؤون الإسلامية والأوقاف والدعوة والإرشاد
(ނުނިމޭ)