[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

مَجَالِسُ شَهْرِ رَمَضَانَ – ފުރަތަމަ މަޖްލިސް

ރަމަޟާންމަހުގެ މާތްކަން

 

ޙަމްދުހުރީ ﷲ އަށެވެ. އެއިލާހީ އެންމެހާ ޚަލްޤުތަށް އުފައްދަވާ ގެންގުޅުއްވާ އިލާހެވެ. އަދި އެއިލާހީ ފެނާއި، ބިން ޚަލްޤުކުރެއްވި އިލާހެވެ. އަދި އެއިލާހު ނެތުމުގެ ތެރިން އެންމެހާ ޚަލްޤުތައް އުފައްދަވާ ފެތުރުއްވިއެވެ. އަދި ކަޅުފޮއި އަނދިރި ރެއެއްގައި ކަޅުހިނި ހިރޭހިރުންވެސް އެއިލާހުގެ ފެނުމަށް ވަންހަނާވެގެން ނުވެއެވެ. އަދި ޛައްރެއްގެ މިންވަރުގެ ކަމެއްވެސް، އެ އިލާހުގެ ޢިލްމުގައި ހިމެނިގެން ނުވާކަމެއް އުޑުގައިވެސް އަދި ބިމުގައިވެސް ނުވެއެވެ.

﴿لَهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ وَمَا بَيْنَهُمَا وَمَا تَحْتَ الثَّرَىٰ * وَإِن تَجْهَرْ بِالْقَوْلِ فَإِنَّهُ يَعْلَمُ السِّرَّ وَأَخْفَى﴾  [طه: ٦-٧]

މާނައީ: “އުޑުތަކާއި ބިމުގައިވާ ތަކެއްޗާއި، އަދި އެދެމެދުގައި ވާހާތަކެއްޗަކާއި، އަދި ބިމުއަޑީގައި ވާހާތަކެއްޗެއް މިލްކުވެވޮޑިގެންވަނީ (ހަމައެކަނި) އެއިލާހަށެވެ. [6] އަދި ކަލޭގެފާނު އަޑުހަރުކޮށް ބަސްވިދާޅުވިޔަސް (އަދި މަޑުމަޑުން ބަސްވިދާޅިވިޔަސް އެއިލާހު ދެނެވޮޑިގެންވެއެވެ.) އެހެނީ އެއިލާހީ ސިއްރާއި އެންމެ ވަންހަނާވެގެންވާ ކަންކަން މޮޅަށްދެނެވޮޑިގެންވާ އިލާހެވެ. ﷲއީ، އެއިލާހު ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވާ އިލާހެވެ. އެންމެ ރިވެތިވެގެންވާ އިސްމުފުޅުތަށް މިލްކުވެވޮޑިގެންވަނީ އެއިލާހަށެވެ. [7]”

ﷲ ޞުބުޙާނަހޫ ވަތަޢާލާ އާދަމުގެފާނު ޚަލްޤުކުރައްވާ އަދި އެކަލޭގެފާނު އިމްތިޙާނުކުރެއްވިއެވެ. ދެން އެއަށްފަހު އެކަލޭގެފާނު އިޚްތިޔާރުކުރައްވައި، އެކަލޭގެފާނަށް ތައުބާލައްވަވާ އަދި ތެދުމަގުދެއްކެވިއެވެ. އަދި އެއިލާހު ނޫޙުގެފާނު ރަސޫލުކަމާގެން ފޮނުއްވެވިއެވެ. އަދި އެކަލޭގެފާނު ﷲތަޢާލާގެ އަމުރުފުޅަށް ނަވެއް ބެންނެވިއެވެ. އަދި އެ ނައު ދަތުރުކުރެއްވިއެވެ. އަދި ﷲތަޢާލާ އެއިލާހުގެ ޚަލީލް (އިބްރާހީމް ޢަލައިހިއްސަލާމް) އަލިފާނުން ސަލާމަތްކުރެއްވިއެވެ. އަދި އެ އަލިފާނަކީ ސަލާމަތްތެރި ފިނި އެއްޗެއްގެ ގޮތުގައި އެކަލޭގެފާނަށް ލެއްވެވިއެވެ. މިކަންކަމުން ތިޔަބައިމީހުން ޢިބުރަތް ލިބިގަންނާށެވެ. އަދި މުސާގެފާނު ނުވަ މުޢުޖިޒާތާއެކު ވަޑައިގެންނެވިއެވެ. އެހެން ނަމަވެސް ފިރުޢައުނު، އޭނާގެ ނުބައިކަމުން އެނބުރި ރުޖޫޢައެއް (ނުވިއެވެ). އަދި ޢީސާގެފާނަށް މީސްތަކުން އަޖާޢިބުކުރަނިވި މުޢުޖިޒާތްތަކެއް ދެއްވެވިއެވެ. އަދި މުޙައްމަދުގެފާނުގެ (صلى الله عليه وسلم) މައްޗަށް ޤުރުއާން ބާވާލެއްވިއެވެ. އެޤުރުއާނުގައި ބަޔާންވެގެންވާ ހެކިތަކާއި ތެދުމަގުވެއެވެ.

އަހުރެން ﷲއަށް ޙަމްދުކުރަމެވެ. އެއިލާހީ ކެނޑިގެން ނުދާގޮތުގައި ނިޢުމަތަކަށްފަހު ނިޢުމަތެއްދެއްވާ އިލާހެވެ. އަދި އުންމުލް ޤުރާއިން (އެބަހީ: މައްކާ)ފާޅުވި މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމައަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާ ކުރަމެވެ. އަދި އެކަލޭގެފާނާއެކު (ޙިރާ) ފަރުބަދައިގައިވީ، އަބޫބަރުގެފާނަށް ޞަލަވާތްލައްވާށިއެވެ. އަދި އެބޭކަލެއްގެ ރައުޔުގައި ﷲގެ އިލްހާމުވާ އަދި ﷲގެ ނޫރުން ކަންކަމާމެދު ރައުޔުދެއްވާ އުމަރުގެފާނަށް ޞަލަވާތްލައްވާށިއެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ދެ ދަރިކަނބަލުންގެ ފިރިކަލުން ޢުޘްމާނުގެފާނަށްވެސް ޞަލަވާތްލައްވާށިއެވެ. އެއީ އެކަލޭގެފާނުގެ މައްޗަށް ހެދާފައިވާ ބުހުތާނެއް ނޫނެވެ. އަދި އެކަލޭގެފާނުގެ ބޮޑުބޭބެގެ ދަރިކަލުން، ޢިލްމުގެ ކަނޑެއްކަމުގައިވާ އަދި ގަދަފަދަ ހިތްވަރުގަދަ ޢަލީގެފާނަށް ޞަލަވާތާއި ސަލާމް ލައްވާށިއެވެ. އަދި މި ޞަލަވާތުގައި ޚަލްޤުތަކުންގެ މައްޗަށް އެބޭކަލުންގެ ހެޔޮކަން ފެތުރިފައިވާ ކައު އިތުރު ނަބިއްޔާ صلى االله عليه وسلمގެ އާލުންނާއި އަޞްޙާބުން ޝާމިލުކޮށް އެބޭކަލުންނަށް އެންމެ ފުރިހަމަ ސަލާމުން ސަލާމްލެއްވުމަށް އެދި ދުޢާކުރަމެވެ.

އަޚުންނޭވެ! އަޅުގަނޑުމެންގެ މައްޗަށް ހިޔާއަޅާފައިމިވަނީ ބަރަކާތްތެރިވެގެންވާ މައްސަރެކެވެ. މަތިވެރިވެގެންވާ މޫސުމެކެވެ. ﷲ ޞުބުޙާނަހޫވަތަޢާލާ އެމައްސަރުގެ ދަރުމައާއި ޘަވާބު މަތިވެރިކުރެއްވެވިއެވެ. ހެޔޮކަމަށް އެދޭ ކޮންމެ މީހެއްގެ މައްޗަށް ހެޔޮކަމުގެ ދޮރުކޮޅުތައް ހުޅުއްވާދެއްވިއެވެ. މިއީ ހެޔޮކަމާ ބަރަކާތުގެ މައްސަރެވެ. އަދި މިމަހަކީ، ﷲ ތަޢާލާގެ ތަނަވަސްވެގެންވާ ދެއްވުން ދެއްވާ މައްސަރެވެ.

﴿شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَىٰ وَالْفُرْقَانِ﴾ [البقرة: ١٨٥]

މާނައީ:  “ރަމަޟާންމަހަކީ، އެމަހެއްގައި ޤުރުއާން ބާވާލެއްވުން މައްސަރެވެ. އެޤުރުއާން ބާވާލެއްވުނީ މީސްތަކުންނަށްވާ ތެދުމަގެއްކަމުގައެވެ. އަދި ހިދާޔަތާއި ޙައްޤާއި ބާޠިލް ވަކިކޮށްދެނިވި ހެކިތަކެއްގެ ގޮތުގައެވެ.”

ރަމަޟާން މަހަކީ، ރަޙުމަތާއި ފާފަ ފުއްސެވުމުން ފުރިފައިވާ މައްސަރެކެވެ.  އަދި ނަރަކައިން މިންޖުކުރައްވާ މައްސަރެކެވެ. އެމައްސަރުގެ ފުރަތަމަބައިގައިވަނީ ރަޙުމަތެވެ. މެދުގައިވަނީ ފާފަ ފުއްސެވުމެވެ. އަދި ފަހުބައިގައި ވަނީ ނަރަކައިން މިންޖުކުރެއްވުމެވެ.[1]

މިމަހުގެ މަތިވެރިކަމާ ބެހޭގޮތުން އައިސްފައިވާ ޙަދީޘްފުޅުތައް ގިނަ ގުނައެވެ. އަދި ގިނަ ޢަދަދެއްގެ ރާވީން ތަވާތުރުކޮށް ރިވާކުރައްވާފައިވާ އަޘަރުތައް ވެސް ގިނަ ގުނައެވެ. އެގޮތުން، ޞަޙީޙު ބުޚާރީ އާއި ޞަޙީޙު މުސްލިމުގައި އަބޫ ހުރައިރާ رضي الله عنهގެ އަރިހުން ރިވާވެގެންވާ ރިވާޔަތެއްގައި ވެއެވެ.  ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް ޙަދީޘްކުރެއްވިއެވެ.

((إِذَا جَاءَ رَمَضَانُ فُتِّحَتْ أَبْوَابُ الْجَنَّةِ وَغُلِّقَتْ أَبْوَابُ النَّارِ وَصُفِّدَتِ الشَّيَاطِينُ)) [2] [متفق عليه]

މާނައީ: “ރަމަޟާން މަސް އައުމުން ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވެއެވެ. އަދި ނަރަކައިގެ ދޮރުކޮޅުތައް ބަންދުވެއެވެ. އަދި ޝައިޠާނުންތައް ކަސްތޮޅު އެޅެއެވެ.”

މި މައްސަރުގައި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވިފައިވަނީ ހެޔޮޢަމަލުކުރާމީހުން ހެޔޮ ޢަމަލުތައް ގިނަކުރުމަށް ހިއްވަރުދެއްވުމަށްޓަކައެވެ. އަދި ނަރަކައިގެ ދޮރުކޮޅުތައް ބަންދުކުރެވިފައިވަނީ އީމާންކަމުގެ އަހުލުވެރިން ކުރާ ފާފަތައް އެމަހުގައި މަދުވެގެންދާތީއެވެ. އަދި ޝައިޠާނުން ބަންދުކުރެވި ކަސްތޮޅު އަޅުއްވާ، އެހެން މަސްތަކުގައި މީސްތަކުންނަށް ގެއްލުންދިނުމަށްޓަކައި ކުރާކަންކަން ކުރުމަށްޓަކައި ޝައިޠާނުންތައް ދޫނުކުރެއްވެއެވެ.

އަލް އިމާމް އަޙްމަދު، އަބޫ ހުރައިރާ رضي الله عنهގެ އަރިހުން ރިވާކުރެއްވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް ޙަދީޘްކުރެއްވިއެވެ.

((أُعطِيَتْ أُمَّتي في رَمضانَ خَمْسَ خِصَالٍ لم تُعْطَهُّنَّ أُمَّةٌ كانت قَبْلَهم : خَلُوْفُ فَمِ الصَّائمِ عِنْدَ اللهِ أطيبُ من رائحة المِسَكِ ، وتستغفر لهم الملائكةً حتى يفطروا ، وتُصَفَّدُ مَرَدَةُ الشياطين ، فلا يَصلوُنَ فيه إلى ما كانوا يَصِلُوُنَ إليه ، ويزيِّن الله جنَّته في كل يوم ، فتقول : يوشك عبادي الصالحون أن يلقوا عنهم المَؤُونَة والأذى ويصيروا إليك ، ويغفر لهم في آخر ليلة من رمضان ” ، فقالوا : يا رسول الله هي ليلةُ القدر ؟ ، قال : ” لا ولكن العامل إنما يُوَفَّى أجْرَهُ عند انقضاء عمله)) [3]

މާނައީ: ” ކުރީގެ އުއްމަތްތަކަށް ދެވިފައިނުވާ ފަސް ކަމެއް ރަމަޟާންމަހުގައި ތިމަންކަލޭގެފާނުގެ އުއްމަތަށް ދެވިފައިވެއެވެ. (އެއީ) ރޯދަވެރިޔާގެ އަނގައިން ދުވާ ނުބައި ވަހަކީ، ﷲ ގެ ޙަޟްރަތުގައި ގޮމަކަސްތޫރީގެ ވަހަށްވުރެ މީރުވަހެކެވެ. އަދި ރޯދަ ވީއްލުމަށް ދާންދެން ރޯދަވެރިންނަށްޓަކައި ފާފަފުއްސެވުން އެދި މަލާއިކަތްބޭކަލުން ދުޢާ ކުރެއްވުންމަތީ ދެމިތިއްބަވައެވެ. އަދި ކޮންމެ ދުވަހަކު ﷲ ތަޢާލާ ސުވަރުގެ ޒީނަތްތެރި ކުރައްވުމާއެކު ވަޙީ ކުރައްވަތެވެ. ތިމަން އިލާހުގެ ޞާލިޙު އަޅުތަކުންގެ ކިބައިން އުނދަގޫތަކާއި ވޭން ފިލައި ތިބާއާ (އެބަހީ: ސުވަރުގެއާ) ދިމާލަށް އައުން ކާރިވެއްޖެއެވެ. އަދި ޝައިޠާނުންގެ ތެރެއިން މާރިދުންތައް، އެމައްސަރުގައި ކަސްތޮޅު އެޅުވޭނެއެވެ. ދެން އެސޮރުމެން އެހެން މައްސަރުތަކުގައި މީސްތަކުން މަގުފުރައްދާ އުޅުނު ގޮތަށް މި މަހުގައި އެކަމެއް ނުކުރެވޭނެއެވެ. އަދި ރޯދަމަހުގެ ފަހު ރޭގައި ރޯދަވެރިންގެ ފާފަ ފުއްސެވޭނެއެވެ.” އެކަލޭގެފާނަށް ދެންނެވުނެވެ. އޭ ﷲގެ ރަސޫލާއެވެ! އެއީ ޤަދްރި ވިލޭ ރޭ ހެއްޔެވެ؟ ޙަދީޘްކުރެއްވިއެވެ. “ނޫނެކެވެ. އެހެނެއްކަމަކު، ކޮންމެމީހަކަށްވެސް އޭނާގެ ފުރިހަމަ އުޖޫރަދެވެނީ އޭނަގެ މަސައްކަތް ނިންމާލާ ވަގުތުގައެވެ.”

އަޚުންނޭވެ. މިފަސް ކަންތަކަކީ ﷲ ތަޢާލާ ތިޔަބައިމީހުންނަށްޓަކައި ރައްކާތެރި ކުރައްވާފައިވާ ފަސްކަންތަކެވެ. އަދި މިއީ އެހެން ހުރިހާ އުންމަތްތަކުގެ މައްޗަށް ތިޔަބައިމީހުންނަށް ޚާއްޞަކުރައްވާފައިވާ ކަންކަމެވެ. އަދި މިކަންކަން ތިޔައިބައިމީހުންނަށް މިންވަރުކޮށްދެއްވާފައިވަނީ އެއިލާހު ނިޢުމަތްތައް ތިޔަބައިމީހުންގެ މައްޗަށް ފުރިހަމަ ކޮށްދެއްވުމަށްޓަކައެވެ. ﷲތަޢާލާ ތިޔަބައިމީހުންނަށް ނިޢުމަތްދެއްވާ މާތް ކުރައްވާފައިވަނީ ކިތައް ކަންތަކުގަ ހެއްޔެވެ؟

﴿كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِالْمَعْرُوفِ وَتَنْهَوْنَ عَنِ الْمُنكَرِ وَتُؤْمِنُونَ بِاللَّـهِ﴾ [آل عمران: ١١٠]

މާނައީ: “މީސްތަކުންނަށް ނެރެވުނު އެންމެ ހެޔޮ އުންމަތްކަމުގައި ތިޔަބައިމީހުން ވީމުއެވެ. އެހެނީ ތިޔަބައިމީހުން ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންކަން ނަހީކުރަމުއެވެ. އަދި ތިޔަބައިމީހުން ﷲއަށް އީމާންވަމުއެވެ.”

 

 

(އިސްވެދިޔަ ޙަދީޘްގައި ވާރިދުވެފައިވާ) މިއުންތަނަށް ޚާއްޞަ ކުރެވިގެންވާ ކަންތަކުގެ ތެރެއިން ފުރަތަމަ ކަންތައް:

ހަމަކަށަވަރުން، ރޯދަވެރިޔާގެ އަނގައިން ދުވާ ނުބައިވަސް ﷲ ގެ ޙަޟްރަތުގައި އެއީ ގޮމަކަސްތޫރިއަށްވުރެ މީރު ވަހެއްކަމުގައި ލެއްވިގެން ވެއެވެ.

މަޢިދާ ތެރެއިން ކާއެއްޗެހި ހުސްވުމުގެ ސަބަބުން ރޯދަވެރިޔާގެ އަނގާގައި ވަހެއް އުފެދެއެވެ. އެއީ މީސްތަކުން ނުރުހުންތެރި ކުރަނިވި ވަހެކެވެ. އެހެން ނަމަވެސް ﷲތަޢާލާގެ ޙަޟްރަތުގައި އެވަސް ވެގެންދަނީ ގޮމަކަސްތޫރިއަށްވުރެވެސް މީރުވެގެންދާ ވަހެއްގެ ގޮތުގައެވެ. އެހެނީ އެވަސް އުފެދިގެން އަންނަނީ ﷲ އަށްޓަކައި އޭނަ އަދާ ކުރާ ކިޔަމަންތެރިކަމާއި އަޅުކަމުގެ ސަބަބުން ކަމަށްވާތީއެވެ. އަދި ހަމަ މިފަދައިން ކިޔަމަންތެރިވުމުގެގޮތުން ﷲއަށް އަދާކުރާ އަޅުކަމެއްގައި އަޅާއަށް ދިމާވާ ކޮންމެކަމަކީވެސް، ﷲތަޢާލާގެ ޙަޟްރަތުގައި އެއިލާހު ލޯބިވެވޮޑިގަންނަވާ ކަމެކެވެ. އަދި އެކަމުގެ ބަދަލު އެމީހަކަށް އެއަށްވުރެ ހެޔޮގޮތުގައި އަދި އެއަށްވުރެ މަތިވެރި ގޮތުގައި ދެއްވަވައެވެ.

އެގޮތުން ﷲތަޢާލާގެ ކަލިމަފުޅު މަތިވެރިކުރުމަށްޓަކައި ޖިހާދުކުރަނިކޮށް ޝަޙީދުވެދާ ޝަޙީދުން ތިޔަބައިމީހުންނަށް ނުފެނޭ ހެއްޔެވެ؟ ޤިޔާމަތް ދުވަހުގައި އޭނާ އަންނަހުށީ އަނިޔާ ލިބިފައިވާ ތަނުން ލޭފައިބާ ހާލުގައެވެ. އެ ލޭގައި ހުންނާނީ ލޭގެ ކުލައެވެ. އަދި އެ ލޭގެ ވަހުގައި ހުންނަނީ ގޮމަކަސްތޫރީގެ ވަހެވެ.

އަދި ޙައްޖުގެ އަޅުކަމުގައި (ޢަރަފާތު ބިމުގައި) ހުއްޓިތިބޭ އަޅުތަކުންނަށް ފަޚުރުވެރިވާ ހާލު ﷲ ތަޢާލާ މަލާއިކަތްބޭކަލުންނަށް ވަޙީ ކުރައްވާނެތެވެ.

((انْظُرُوا إِلَى عِبَادِي هَؤُلاءِ جَاءُونِي شُعْثًا غُبْرًا )) [4] [رواه أحمد وابن حبان في صحيحه وهو صحيح بشواهده]

މާނައީ: “ތިމަންއިލާހުގެ އަޅުތަކުންނަށް ތިޔަބައިމީހުން ނިކަން ބަލާބަލާށެވެ. އެބައިމީހުން އައިސް އެތިބީ ބޯ ހޭވި ހިރަފުސްވެފައިވާ ހާލުގައެވެ.”

އެހާލަތުގައި، އެބައިމީހުން ބޯހޭވިފައި އެވާވުން ﷲ ޙަޟްރަތުގައި ވެގެންދިޔައީލޯބިވެވޮޑިގެންވަނިވި ކަމަކަށެވެ. އެހެނީ އެއީ މާތް ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމުގެ ސަބަބުން، ޙައްޖުގެ އިޙްރާމުގައި ތިބެގެން ކުރުން މަނާކަންތަކުން ދުރުވެގެން ތިބުމުގެ ސަބަބުން އެބައިމީހުންނަށް ކުރިމަތިވި ކަމަކަށްވާތީއެވެ.

 

 

(އިސްވެދިޔަ ޙަދީޘްގައި ވާރިދުވެފައިވާ) މި އުއްމަތަށް ޚާއްޞަ ކުރެވިފައިވާ ދެވަނަ ކަންތައް.

ހަމަކަށަވަރުން ރޯދަވެރިޔާ ރޯދަ ވީއްލުމާއި ހަމައަށް، އޭނާގެ ފާފަ ފުއްސެވުމަށްއެދި މަލާއިކަތުން ﷲތަޢާލާގެ ޙަޟްރަތުގައި ދުޢާ ދަންނަވަތެވެ. މަލާއިކަތުންނަކީ، ﷲގެ ޙަޟްރަތުގައި މާތްވެގެންވާ ބޭކަލުންތަކެކެވެ.

﴿لا يَعْصُونَ اللَّـهَ مَا أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ﴾ [التحريم: ٦]

މާނައީ: “ﷲ، އެބޭކަލުންނަށް ކުރައްވާ އަމުރަކަށް އެބޭކަލުން ނުއުރެދޭނެތެވެ. އަދި އެބޭކަލުންނަށް އަމުރުކުރައްވާ ކަންތައް އެބޭކަލުން ކުރައްވާނެތެވެ.”

މަލާއިކަތުންނަށް އިޛުނަ ދެއްވިފައިވާ ފަދައިން،ރޯދަވެރިންނަށް ފާފަ ފުއްސެވުމަށް އެދި ދުޢާކުރެއްވުމުން އެދުޢާވެގެންދަނީ އިޖާބަވެވިގެންވާ ދުޢާއަކަށެވެ. މިއުންމަތުގެ އަހުލުވެރިންގެ ތެރެއިން ރޯދަވެރިންނަށް، ފާފަ ފުއްސެވުމަށްއެދި ދުޢާކުރުމަށް މަލާއިކަތުންނަށް އިޛުނަދެއްވާފައި އެވަނީ، އެބައިމީހުން އެކުރާ ކަންކަމަށް ތަރުޙީބުދެއްވެވުމަށްޓަކައެވެ. އެބައިމީހުންގެ ޛިކުރު އުފުއްލެވުމަށްޓަކައެވެ. އަދި އެބައިމީހުން އެހިފާ ރޯދައިގެ މަތިވެރިކަން އެނގެވުމަށްޓަކައެވެ.

الاستغفار:އަކީ ފާފަ ފުއްސެވުމަށް އެދިދެންނެވުމެވެ. އަދި ފާފަ ފުއްސެވުމަކީ، ދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް އަޅާގެ ފާފަތައް، ފަރުދާކޮށްދެއްވާ އެފާފަތައް ﷲތަޢާލާ ޢަފޫކޮށްދެއްވުމެވެ. އަޅާގެ ފާފަ ފުހެވިގެން ދިޔުމީ އޭނާގެ އެންމެ ބޮޑުއެދުމެވެ. އަދި އެންމެ ބޮޑު މަޤްސަދެވެ. އެހެނީ ކޮންމެ އިންސާނަކީ ފާފަތަކުން އިސްރާފު ކުރެވިފައިވާނެ މީހެކެވެ. އެމީހުންވަނީ ﷲ ތަޢާލާ އެމީހުންނަށް ފާފަ ފުއްސަވައިދެއްވުމަށް ނުހަނު ބޭނުންޖެހިފައެވެ.

 

 

(އިސްވެދިޔަ ޙަދީޘްގައި ވާރިދުވެފައިވާ) މި އުއްމަތަށް ޚާއްޞަކުރެވިފައިވާ ތިންވަނަ ކަންތައް

 ހަމަކަށަވަރުން ކޮންމެ ދުވަހަކު ﷲ ތަޢާލާ، އެކަލާނގެ ސުވަރުގެ ޒީނަތްތެރި ކުރައްވުމާއެކު ވަޙީ ކުރައްވަތެވެ.

((يُوشِكُ عِبَادِي الصَّالِحُونَ أَنْ يُلْقُوا عَنْهُمُ الْمَئُونَةَ وَالْأَذَى وَيَصِيرُوا إِلَيْكِ)) [5]

މާނައީ: “ތިމަން އިލާހުގެ ޞާލިޙު އަޅުތަކުންގެ ކިބައިން ބުރަކަމާއި އުނދަގޫތައް ފިލާ ތިބާއާ (އެބަހީ: ސުވަރުގެއާ) ދިމާއަށް އައުން ކައިރިވެގެން ވެއެވެ.”

ފަހެ ﷲ ތަޢާލާ، އެއިލާހުގެ ޞާލިޙު އަޅުތަކުންނަށްޓަކައި ކޮންމެ ދުވަހަކު ސުވަރުގެ ޒީނަތްތެރިކޮށްދެއްވައެވެ. އެއީ އެބައިމީހުން އެސުވަރުގެއަށް ވާސިލްވުމަށްޓަކައި ތަރުހީބު ދެއްވެވުމަށްޓަކައެވެ. އަދި ވަޙީކުރައްވައެވެ.

((يُوشِكُ عِبَادِي الصَّالِحُونَ أَنْ يُلْقُوا عَنْهُمُ الْمَئُونَةَ وَالْأَذَى))

މާނައީ: “ތިމަން އިލާހުގެ ޞާލިޙު އަޅުތަކުންގެ ކިބައިން ބުރަވެތިކަމާއި އުނދަގޫތައް ފިލާދިއުން ކައިރިވެގެން ވެއެވެ.”

އެބަހީ: ދުނީޔޭގައި އެބައިމީހުން ﷲ އަށް ކިޔަމަންގަތުމުގައި އުފުލި އުނދަގޫތަކާއި ބުރަތަކެވެ. ދުނިޔެއާއި އާޚިރަތުގައި ބާއްޖަވެރިކަންލިބި، ސަލާމަތްތެރިކަމާއި ކަރާމަތްތެރިކަމުގެ ބިމަށް (އެބަހީ:ސުވަރުގެއަށް) ދިޔުމަށްޓަކައި ހެޔޮ ޢަމަލުތައްކުރުމަށް ވަރުގަދަޔަށް އެބައިމީހުން ތައްޔާރުވިއެވެ.

 

 

(އިސްވެދިޔަ ޙަދީޘްގައި ވާރިދުވެފައިވާ) މި އުއްމަތަށް ޚާއްޞަކުރެވިފައިވާ ހަތަރުވަނަ ކަންތައް

ޝައިޠާނުންގެ ތެރެއިން މާރިދުންތައް އެމައްސަރުގައި، ހިލިހިލާތަކާއި ކަސްތޮޅުތަކުން ކަސްތޮޅު އެޅުވޭނެއެވެ. އެޝައިޠާނުންތައް ބޭނުންވާ ފަދައިން ﷲގެ ޞާލިޙުއަޅުން ޙައްޤުމަގުން އެއްކިބާކޮށް، ހެޔޮކަންކަމަށް ހުރަހެއް އެމަހުގައި ނޭޅޭނެއެވެ. މިއީ ﷲ ތަޢާލާ އެއިލާހުގެ ޞާލިޙް އަޅުންނަށް އެބައިމީހުންގެ އެންމެ ބޮޑު ޢަދާވާތްތެރިޔާގެ ކިބައިން ދެއްވި ރައްކާތެރިކަމެކެވެ. އޭނާގެ ޖަމާޢަތަށް އޭނާ ގޮވާކަންކަށަވަރީ ނަރަކައިގެ އަހުލުވެރީންކަމުގައި ވުމަށެވެ. އެހެންކަމުން ޞާލިޙް އަޅުތަކުން އެހެން މަސްތަކަށްވުރެ ބޮޑަށް ރަމަޟާންމަހުގައި ހެޔޮކަންކަތަކަށް އެދުންވެރިވެ ނުބައި ކަންތަކުން ދުރުވާތަން ފެންނާނެއެވެ.

 

 

(އިސްވެދިޔަ ޙަދީޘްގައި ވާރިދުވެފައިވާ) މި އުއްމަތަށް ޚާއްޞަކުރެވިފައިވާ ފަސްވަނަ ކަންތައް

ﷲ ތަޢާލާ، މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމް އުންމަތުގެ އަހުލުވެރިންގެ ފާފަތަށް ރަމަޟާންމަހުގެ އެންމެ ފަހު ދުވަހުގައި ފުއްސަވާދެއްވައެވެ. އެއީ އެބައިމީހުން މި ބަރަކާތްތެރި މަހުގައި އަޅުކަންތައް، އެ އަޅުކަންތައް ކުރަން ޖެހޭ ފުރިހަމަ ގޮތަށް ކޮށް، ރޯދަ ހިފާ ރޭ އަޅުކަންތައް ކުރުމުންނެވެ. އެއީ ﷲ ގެ ފަޟުލުވަންތަވެރި ކަމުން އެބައިމީހުންގެ ޢަމަލުތަކުގެ ފުރިހަމަ އުޖުރު ދެއްވުމުގެ ގޮތުންނެވެ. އެހެނީ މަސައްކަތްކުރާމީހުނަށް މަސައްކަތުގެ އުޖޫރަ ލިބެނީ މަސައްކަތް ނިމުމުންނެވެ.

 

 

މި އަޖުރު ﷲ ސުބުޙާނަހޫ ވަތަޢާލާ އެއިލާހު އަޅުތަކުންނަށް ދެއްވުމުގެ ތިން ސަބަބެއްވެއެވެ:

 

 ފުރަތަމަ ސަބަބު:

ﷲތަޢާލާ މިފަދައިން ހެޔޮޢަމަލުތައް އެބައިމީހުންގެ މައްޗަށް ޝަރުޢު ކުރައްވާފައިވާނީ، މީސްތަކުންނަށް އެބައިމީހުންގެ ފާފަތައް ފުއްސަވާދެއްވުމަށާއި، އެބައިމީހުންގެ ދަރަޖަތައް މަތިވެރިކޮށްދެއްވުމުގެ ސަބަބެއްގެ ގޮތުންނެވެ. އަދި އެއިލާހު މިފަދަ ހެޔޮޢަމަލުތައް ޝަރުޢުކޮށްދެއްވާފައިނުވާނަމަ ﷲއަށް،އެބައިމީހުންނަށް މިފަދައިން އަޅުކަންކުރުމެއްނުވެއެވެ. އެހެނީ ﷲތަޢާލާ، އެކަލާނގެ ރަސޫލުންނަށް ވަޙީއިން އަންގަވާދެއްވާފައިވާ ކަމެއް މެނުވީ އަޅުކަމުގެގޮތުގައި ބަލައެއް ނުގަނެވެއެވެ.

އެހެންކަމުން، ﷲ ސުބުޙާނަހޫ ވަތަޢާލާވަނީ އެ އިލާހު ފިޔަވާ އެހެންފަރާތަކަށް ޝަރުޢުކުރުން މަނާ ކުރައްވާ، އެފަރާތްތަކަށް އިންކާރުކުރައްވާ، އެއިލާހުފިޔަވާ އެހެންފަރާތްތައް ޝަރުޢުކުރުން އެއީ ޝިރުކުގެ ބާވަތެއްގެ ގޮތުގައި ލައްވާފައެވެ. އެއިލާހު ވަޙީކުރެއްވިއެވެ.

﴿أَمْ لَهُمْ شُرَكَاءُ شَرَعُوا لَهُم مِّنَ الدِّينِ مَا لَمْ يَأْذَن بِهِ اللَّـهُ…﴾ [الشورى: ٢١]

މާނައީ: “އެކަންކަމަށް ﷲ އިޛުނަ ދެއްވާފައިނުވާ ކަންކަން ދީނުގައި ޝަރުޢުކޮށް (ދީނަށް އުނި އިތުރުކޮށް) ހަދާނެ ޝަރީކުންތަކެއް ފަހެ އެބައިމީހުންނަށް ވަނީހެއްޔެވެ… “

 

ދެވަނަ ސަބަބު:

އެބައިމީހުންނަށް ﷲ ސުބުޙާނަހޫ ވަތަޢާލާވަނީ މީސްތަކުންކުރެ ގިނަ މީހުން ދޫކޮށްލާފައިވާ ހެޔޮ ކަންތައް ކުރުމަށް ތަޢުފީޤުދެއްވާފައެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އެބައިމީހުންނަށް ހެޔޮކަންކަން ކުރުމަށް ތައުފީޤު ނުދެއްވިނަމަ، އެކަންތައްތައް އެބައިމީހުންނަށް ނުކުރެވުނީހެވެ. އެހެންކަމުން، އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ފަޟުލުވަންތަކަމާއި ދެއްވުމުގެ ތަނަވަސްކަން ނޫން އެހެން ކަމެއް ނޫނެވެ. ﷲތަޢާލާ ވަޙީކުރެއްވެވިއެވެ.

﴿يَمُنُّونَ عَلَيْكَ أَنْ أَسْلَمُوا قُل لَّا تَمُنُّوا عَلَيَّ إِسْلَامَكُم بَلِ اللَّـهُ يَمُنُّ عَلَيْكُمْ أَنْ هَدَاكُمْ لِلْإِيمَانِ إِن كُنتُمْ صَادِقِينَ﴾[الحجرات: ١٧]

މާނައީ: “އެމީހުން އިސްލާމްވުން އެއީ، އެމީހުން ކަލޭގެފާނަށްޓަކައިކޮށްދިން ހެޔޮކަމެއްކަމުގައި އެމީހުން ދެކެނީހެއްޔެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުން އިސްލާމްވުން އެއީ ތިމަންކަލޭގެފާނަށް ކޮށްދިން ހެޔޮކަމެއްކަމުގައި ތިޔަބައިމީހުން ނުދެކޭށެވެ. އަދިކިއެއް ހެއްޔެވެ. ﷲ ތިޔަބައިމީހުންނަށް އީމާންކަމަށް ތެދުމަގު ދެއްކެވުން އެއީ، އެއިލާހު ތިޔަބައިމީހުންގެ މައްޗަށް ދަރުމަވަންތަވެ ވޮޑިގެންވުމެވެ. ތިޔަބައިމީހުންނީ ތެދުވެރިންކަމުގާވާނަމަ އެފަދައިން ޤަބޫލުކުރާށެވެ.”

 

ތިންވަނަ ސަބަބު:

އެއީ އެއިލާހު ފަޟުލުވަންތަވެރިކަމުން ގިނަ ގުނަވެގެންވާ ދަރުމަ އެބައިމީހުންނަށް ދެއްވުމަށެވެ. ކޮންމެ ހެޔޮކަމެއް ވަނީ އެފަދަ ދިހަ ހެޔޮކަމާ ގުނަކޮށެވެ. އަދި އެ ހެޔޮކަން ﷲ ތަޢާލާ ހަތް ސަތޭކަ ގުނައިން ފެށިގެން އިތުރަށް ގުނަތަކަކަށް ގުނަ ކޮށްދެއްވައެވެ. ހެޔޮ ޢަމަލުތަކާއި އެ ޢަމަލުތަކަށް ޘަވާބު ދެއްވުންވެސް ވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ފަޟުލުވަންތަވެރިކަމުގެ ތެރޭގައެވެ. والحمد لله رب العالمين.

އަޚުންނޭވެ! ރަމަޟާން މަސް އެމީހަކާ ބައްދަލުވެ، އެމީހާގެ ވެރި ރައްބަށް ކުށްފާފަތަކުން ތައުބާވެ، އެއިލާހުގެ ޛިކުރުން އެއްކިބާވެ ހުރުމުގެ ޣަފުލަތުން އެނބުރި ރުޖޫޢަވެ، އެމަހުގެ ޙައްޤުތައް ފުރިހަމަ އަށް އަދާކޮށްފި މީހަކަށް، އެ މަސް ބައްދަލުވުމީ ބޮޑުވެގެންވާ ނިޢުމަތެކެވެ.

يَا ذَا الَّذِي مَا كفاهُ الذَّنْبُ في رَجبٍ           حَتَّى عَصَى رَبَّهُ في شهر شعبانِ

لَقَدْ أَظَلَّكَ شهرُ الصَّومِ بَعْدَهُمَا         فَلاَ تُصَيِّرْهُ أَيْضًا شَهْرَ عِصْيانِ

وَاتْل القُرَآنَ وَسَبِّحْ فيهِ مجتَهِدًا         فَإِنه شَهْرُ تسبِيحٍ وقُرْآنِ

كَمْ كُنْتَ تعرِف مِمَّنْ صَام في سَلَفٍ     مِنْ بين أهلٍ وجِيرانٍ وإخْوَانِ

أَفْنَاهُمُ الموتُ واسْتبْقَاكَ بَعْدهمو         حَيَّاً فَمَا أَقْرَبَ القَاصِي من الدانِي [6]

ޅެމުގެ ޖުމްލަ މާނަ:އޭ ރަޖަބުމަހުގައި ފާފަ ކުރަމުން ގޮސް ނުފުދި ޝަޢުބާން މަހުގައި ފާފަކުރުންމަތީ ހުރި މީހާއެވެ! ހަމަކަށަވަރުން، އެ ދެމަހަށް ފަހުގައި ތިބާގެ މައްޗަށް ހިޔާއަޅާފައި މިވަނީ ރޯދަ މަހެވެ. އެހެންކަމުން މި މަސްވެސް ފާފަ ކުރުންމަތީ ހޭދަކުރާ މަހަކަށް ނަހަދާށެވެ. މިމަހުގައި ޤުރުއާން ކިޔެވުމާއި ތަސްބީޙަ ކިޔުންމަތީވުމަށް ގަދައަޅާ މަސައްކަތް ކުރާށެވެ. އެހެނީ މި މަހަކީ ޤުރުއާނާއި ތަސްބީޙައިގެ މައްސަރެވެ. ފާއިތުވީ ރޯދަ މަހުގައި ރޯދަހިފި މީހުންގެ ތެރެއިން ތިބާގެ އަހުލުންނާއި، އަވަށްޓެރިންނާއި، އަޚުންގެ ތެރެއިން އެބައިމީހުންގެ މަރު އައިސް ފަނާކޮށްލި ކިތައް ކިތައް މީހުން ތިބާއަށް އެނގޭ ހެއްޔެވެ! އެމީހުންގެ ފަހަތުން ތިބާވެސް އެކަމާ ކުރިމަތިލާނެއެވެ. ދުރުގައިވާ މީހާ، ގާތުގައިވާ މީހާއަށްވުރެ އެއާ ވަކި ކައިރިވެގެނެއް ނުވެއެވެ.”

اللهم أيقِظْنا من رقدات الغفلة، ووفقنا للتزود من التقوى قبل النُّقْلة، وارزقنا اغتنام الأوقات في ذي المهلة، واغفر لنا ولوالدينا ولجميع المسلمين برحمتك يا أرحم الراحمين، وصلى الله وسلم على نبينا محمد وعلى آله وصحبه أجمعين.

__________________________________

މިފޮތަކީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه الله ލިޔުއްވާފައިވާ ފޮތެއްގެ ތަރުޖަމާއެވެ.

 

 މަޖާލިސް ޝަހްރު ރަމަޟާންގެ އެހެންބައިތައް

 

[1] يقول المترجم:މިމާނައިގައި އައިސްފައިވާ ޙަދީޘްއަކީ ޞައްޙަ ޙަދީޘެއް ނޫނެވެ. ބައްލަވާ:https://dhisalafiyyah.net/?p=14414

[2] البخاري بدء الخلق (3103) ، مسلم الصيام (1079) ، الترمذي الصوم (682) ، النسائي الصيام (2106) ، ابن ماجه الصيام (1642) ، مالك الصيام (691) ، الدارمي الصوم (1775) .

[3] رواه أحمد والبزار والبيهقي وأبو الشيخ في كتابالثواب ، وإسناده ضعيف جدا لكن لبعضه شواهد .

[4]أحمد (2/224) .

[5]رواه أحمد والبزار والبيهقي وأبو الشيخ في كتاب الثواب ، وإسناده ضعيف جدا لكن لبعضه شواهد .

[6]ينظر: لطائف المعارف لابن رجب رحمه الله (ص: 149)