[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

سورة القدر ގެ ތަފްސީރު 2

تَنَزَّلُ الْـمَلَاـئِكَةُ وَالرُّوحُ فِيهَا بِإِذْنِ رَبِّهِم مِّن كُلِّ أَمْرٍ ﴿٤﴾
މާނައީ: “މަލާއިކަތުންނާއި ޖިބްރީލު (ޢަލައިހިއްސަލާމު) އެބޭކަލުންގެ ރައްބުގެ އިޛުނަފުޅާއެކު، ހުރިހާ އަމުރުފުޅަކައިގެން އެރޭ ފައިބައިވަޑައިގަންނަވާނެތެވެ.”

تَنَزَّلُ الْـمَلَاـئِكَةُ وَالرُّوحُ فِيهَا “މަލާއިކަތުންނާއި ޖިބްރީލު (ޢަލައިހިއްސަލާމު) އެރޭ ފައިބައިވަޑައިގަންނަވާނެތެވެ.” މާނައަކީ މަޑުމަޑުން ފައިބާވަޑައިގަންނަވަމުން ފައިބާވަޑައިގަންވަމުން ދިޔުމެވެ. އެހެނީ އެބޭކަލުންނަކީ އުޑުގައި ދިރިއުޅުއްވާ ބޭކަލުންނެވެ. ހަތް އުޑުވެއެވެ. ބިން ފުރިއްޖައުމަށް ދަންދެން އެ އެއުޑުތަކުން މަލާއިކަތުން ފައިބާވަޑައިގަންވަމުން ދާނެއެވެ. މަލާއިކަތުން ބިމަށް ފައިބާވަޑައިގެންނެވުމަކީ ހެޔޮކަމާއި، ރަޙުމަތާއި ބަރަކާތުގެ ޢަލާމާތްތަކެވެ. އެހެންކަމުން މަލާއިކަތުން ތަނަކަށް ވެންނެވުމުން މަނާވެގެންފިނަމަ އޭގެ މާނައަކީ ވެންނެވުން މަނާވެގަތް ތަނަކީ ހެޔޮކަމާއި، ބަރަކާތުން އެއްކިބާވެގެންވާ ތަނެއްކަމެވެ. މިސާލަކަށް (ދިރޭތަކެތީގެ) ޞޫރަ ހުންނަ ތަންތަނެވެ. ހަމަކަށަވަރުން (ދިރޭތަކެތީގެ) ޞޫރަ ހުންނަ ތަންތަނަށް މަލާއިކަތުން ވަދެވަޑައިނުގަންނަވައެވެ. [أخرجه البخاري- كتاب اللباس- باب لا تدخل الملائكة بيتا فيه صورة 5960 – ومسلم كتاب اللباس والزينة- باب تحريم تصوير صورة الحيوان وأن الملائكة عليهم السلام لا يدخلون بيتا فيه صورة أو كلب 2106] އޭގެ މާނައަކީ ޙަރާމް ޞޫރައެވެ. އެހެނީ ޞޫރަ އެއީ ތަންމަތީގައި (ބެޑްޝީޓްފަދަ ތަކެތީގައި) ނުވަތަ ބާލީހުގައި ހުންނަ ޞޫރަ ނަމަ ގިނަ ޢިލްމުވެރިން ދެކެވަޑައިގަންނަވާގޮތުގައ އެ ހުއްދައެވެ. (އެއީ ޙަރާމްސޫރައެއް ނޫނެވެ.) އެހެންކަމުން އެފަދަ އެއްޗެއް ހުރި ތަނަކަށް މަލާއިކަތުން ވެންނެވުން މަނާވެގެންނުވެއެވެ. އެބޭކަލުން އެފަދަ ތަންތަނަށް ވެންނެވުން މަނާވެގެންވާނަމަ އެފަދަ ޞޫރަވެސް މަނާވީހެވެ.

ޤަދްރުވިލޭރޭ މަލާއިކަތުން ވަރަށް ގިނައިން ފައިބާވަޑައިގަންނަވައެވެ. އެބޭކަލުން ފައިބާވަޑައިގަތުމަކީ ހެޔޮކަމެކެވެ. އަދި ބަރަކާތެކެވެ.

الرُّوحُ އަކީ ޖިބްރީލު ޢަލައިހިއްސަލާމެވެ. އެކަލޭގެފާނުގެ ޛިކުރު މިތާގައި ޚާއްޞަކުރައްވާފައިއެވަނީ އެކަލޭގެފާނުގެ މާތްކަމާއި ޝަރަފަށްޓަކައެވެ.

ﷲ ތަޢާލާގެ ބަސްފުޅު بِإِذْنِ رَبِّهِم “އެބޭކަލުންގެ ރައްބުގެ އިޛުނަފުޅާއެކު” ގެ މާނައަކީ އެއިލާހުގެ އަމުރުފުޅަށެވެ. މިތާނގައި އިޛުނައިގެ މުރާދަކީ ކައުނީ އިޛުނައެވެ. އެހެނީ ﷲ ތަޢާލާގެ އިޛުނަ ބެހިގެންވަނީ ދެބަޔަކަށެވެ. އެއީ ކައުނީ އިޛުނައާއި ޝަރުޢީ އިޛުނައެވެ. ﷲ ތަޢާލާގެ ވަޙީ ބަސްފުޅު شَرَ‌عُوا لَهُم مِّنَ الدِّينِ مَا لَمْ يَأْذَن بِهِ اللَّـهُ [الشورى: 21]. ގައި “އެބައިމީހުންނަށް އިޛުނަ ދެވިގެން ނުވާ ކަންކަމޭ” ގެ މުރާދަކީ ޝަރުޢީގޮތުން އިޛުނަދެވިގެން ނުވާ ކަންކަމެވެ. ޤަދަރުގެ ގޮތުން އެއިލާހު އިޛުނަދެއްވާފައިވެއެވެ. ﷲގެ ޝަރީޢަތް ނޫން ޝަރީޢަތްތައް ޝަރުޢުކޮށްފައިވެސްވެއެވެ. އެކަމަކު އެއީ ﷲ ގެ ޝަރުޢީ އިޛުނަ ލިބިގެންނެއްނޫނެވެ. އެހެންކަމުން އެއީ ޤަދަރީ އިޛުނައެކެވެ. بِإِذْنِ رَبِّهِم މި އާޔަތުގައި ވާފަދައިންނެވެ. އެއީ ޤަދަރީ އަމުރެވެ.
ﷲ ތަޢާލާގެ ބަސްފުޅު مِن كُلِّ أَمْرٍ ގެ މުރާދުގައި ބުނެވެއެވެ. މިތަނުގައި مِن އަކީ بِ ގެމާނާގައި އައިސްފައިވާ ޙަރުފެކެވެ. އޭގެ މާނައަކީ “ﷲ ތަޢާލާ ކުރައްވާ ކޮންމެ އަމުރަކައިގެން” މިއެވެ. އެއީ ކޮން އަމުރެއްކަމެއް އެނގޭކަށް ނެތެވެ. ކޮންމެއަކަސް މަލާއިކަތުން ބިމަށް ފައިބާވަޑައިގެންނެވުމަކީ ހެޔޮކަމާއި ރަޙުމަތާއި ބަރަކާތުގެ ޢަލާމާތްތަކެވެ.

سَلَامٌ هِىَ حَتَّى مَطْلَعِ الْفَجْرِ﴿٥﴾
އެއީ ފަޖުރުގެ އަލިކަން ފާޅުވެއްޖައުމަށްދާނދެން، އަމާންކަމާއި، ސަލާމަތްކަން ލިބިގެންވާ ރެއެކެވެ.[5]

سَلَامٌ هِىَ އެކުލެވިފައިވަނީ މުބުތަދާ އަދި ޚަބަރުންނެވެ. ޚަބަރު އެވަނީ ކުރީގައެވެ. އޭގެ ތަޤްދީރަކީ هِىَ سَلَامٌ އެވެ. އޭގެ މާނައަކީ މިރެއަކީ ސަލާމަތްކަން ލިބިގެންވާ ރެއެކެވެ. އެރޭ ﷲ ތަޢާލާ ސަލާމަތްކަން ލިބިގެންވާ ރެއެއްކަމުގައި ޞިފަކުރައްވާފައިއެވަނީ އެރޭ ޢިޤާބާއި ޢަޛާބުން ސަލާމަތްވުން ގިނަވެގެންވާކަމަށްޓަކައެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘުކުރައްވާފައިވެއެވެ. ((مَنْ قَامَ لَيْلَةَ الْقَدْرِ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ )) [أخرجه البخاري -كتاب فضل ليلة القدر – باب فضل ليلة القدر (2014) ، ومسلم- كتاب صلاة المسافرين -باب الترغيب في قيام رمضان وهو التراويح (760-175)] މާނައީ: “އީމާންވެހުރެ، (ﷲގެ ޙަޟްރަތުން) ޘަވާބާއި ދަރުމައަށް އެދޭ ޙާލު ޤަދްރުވިލޭރޭ ރޭއަޅުކަންކޮށްފިމީހާގެ އިސްވެ ގޮސްފައިވާ ފާފަތަށް ފުހެވިގެންދާނެއެވެ”ފާފަ ފުއްސެވުމަކީ އެއްވެސް ޝައްކެއްނެތްގޮތުގައި ފާފައިގެ ވަބާއާއި ފާފައިގެ ޢުޤޫބާތުން ސަލާމަތްވުމެވެ.

حَتَّى مَطْلَعِ الْفَجْرِ “ފަޖުރުގެ އަލިކަން ފާޅުވެއްޖައުމަށްދާނދެން” އެބަހީ ފަޖުރުގެ އަލިކަން ފާޅުވެއްޖައުމަށްދާންދެން މަލާއިކަތުން ފައިބާވަޑައިގަންނަވާނެއެވެ. ފަޖުރުގެ އަލިކަން ފާޅުވެއްޖެނަމަ ޤަދްރުވިލޭރޭ ނިމުނީއެވެ.

ތަންބީހު: ޤަދްރު ވިލޭރޭ ވަނީ ރަމަޟާންމަހުގައި ކަމަށް އިސްވެހިނގައްޖެއެވެ. އެރޭ ވަނީ ރަމަޟާންމަހުގެ ކިހާ ހިސާބެއްގައި ހެއްޔެވެ؟ ފުރަތަމަ ކޮޅުގައި ހެއްޔެވެ؟ ނުވަތަ މެދުތެރޭގައި ހެއްޔެވެ؟ ނުވަތަ ފަހުކޮޅުގައި ހެއްޔެވެ؟

މިސުވާލުގެ ޖަވާބުގައި ބުނަމެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރަމަޟާންމަހުގެ ފުރަތަމަ ދިހައެއްގައި އިޢުތިކާފުކުރެއްވިއެވެ. އޭގެފަހުގައި މެދު ދިހައެއްގައި އިޢުތިކާފުކުރެއްވިއެވެ. ޤަދްރުވިލޭރޭ ލިބުން އެދިވަޑައިގެންނެވެ. އޭގެފަހުގައި އެކަލޭގެފާނަށް ބަޔާންކޮށްދެއްވުނެވެ. ހަމަކަށަވަރުން އެރޭވަނީ ފަހުދިހައިގައެވެ. ފަހެ އެކަލޭގެފާނު ފަހު ދިހައެއްގައި އިޢުތިކާފުކުރެއްވިއެވެ. [أخرجه البخاري -كتاب الأذان – باب السجود.. (713) ، ومسلم- كتاب الصيام -باب فضل ليلة القدر (1167-215)] އެހެންކަމުން ޤަދްރުވިލޭރޭ ވަނީ ރަމަޟާންމަހުގެ ފަހުދިހައިގައެވެ.

ފަހުދިހައިގެ ރޭތަކުގެ ތެރެއިން ކޮން ރެއެއްގައި ހެއްޔެވެ؟ މޮޅަށް ދެނެވޮޑިގެންވަނީ ﷲއެވެ. އެރެއަކީ އެކާވީސްވިލޭރެއަށްވެސް ވެދާނެއެވެ. ނުވަތަ ތިރީސްވިލޭރެއަށްވެސް ވެދާނެއެވެ. ނުވަތަ މިދެމެދުގައިވާ އެހެން ރެއެކެވެ. އެރެއަކީ ކޮންރެއެއްކަން ކަނޑައެޅިގެން އެނގޭކަށްނެތެވެ. އެހެންކަމުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އެރެއަކީ އެކާވީސްވިލޭރޭކަމުގައި ދެއްކެވުނެވެ. އެކަލޭގެފާނު ހުވަފެނުގައި ދެކެވަޑައިގެންނެވިގޮތުގައި އެރޭގެ ހެނދުނު އެކަލޭގެފާނު މިސްކިތްކޮޅުގައި ކިސަޑުހެދިފައިވާ ތަނެއްގައި ސަޖިދަކުރައްވަނިކޮށް ދެކެވަޑައިގަތެވެ. އެރޭގައި ވާރޭ ވެހުނެވެ. އެކަލޭގެފާނު ނަމާދުކުރެއްވީ މިސްކިތުގައެވެ. މިސްކިތުގެ ފުރާޅު ކަދުރު ރުކުގެ ފަނުން ހެދިފައިހުރުމާއެކު އެ ފުރާޅުން ފެން ލީކުވެއެވެ. އެކަލޭގެފާނު ފަތިސްނަމާދު ކުރެއްވި އިރު ސަޖިދަކުރެއްވި ތާނގައި ކިސަޑު ހުއްޓެވެ. އެކަލޭގެފާނުގެ ނިތްކުރިފުޅުގައި އެކަމުގެ އަސަރު (ކިސަޑުގެ އަސަރު) ހުރީތީ ޞަޙާބީން ދެކެވަޑައިގަތެވެ. [أخرجه البخاري -كتاب فضل ليلة القدر – باب التماس ليلة القدر في السبع الأواخر (2016) ، ومسلم- كتاب الصيام -باب فضل ليلة القدر والحث علي طلبها (1167-205)] މިތާގައި މި އިޝާރާތްކުރެވުނު ރެއަކީ އެކާވީސްވިލޭރެއެވެ.

އެކަމާއެކުވެސް އެކަލޭގެފާނު ޙަދީޘުކުރެއްވީ ((الْتَمِسُوهَا فِي الْعَشْرِ الأَوَاخِرِ)) [أخرجه البخاري -كتاب فضل ليلة القدر – باب تحري ليلة القدر من العشر الأواخر (2021) ، ومسلم- كتاب الصيام -باب فضل ليلة القدر والحث علي طلبها (1165-210)] މާނައީ: “ފަހުދިހައިގެ ރޭތަކުގައި ތިޔަބައިމީހުން އެރޭހޯދުމަށް މަސައްކަތް ކުރާށެވެ.” މިފަދައިންނެވެ. އެހެން ރިވާޔަތެއްގައި ((فِي الوَتْرِ مِنَ الْعَشْرِ الأَوَاخِرِ)) [أخرجه البخاري -كتاب فضل ليلة القدر – باب تحري ليلة القدر من العشر الأواخر (2017) ، ومسلم- كتاب الصيام -باب فضل ليلة القدر والحث علي طلبها (1165-207)] “ފަހު ދިހައިގެ އޮނަހިރި ރޭތަކުގައި” މިފަދައިންނެވެ. ބައެއް ޞަޙާބީން ދެކެވަޑައިގެންނެވި ގޮތުގައި ބައެއް އަހަރުތަކުގައި ޤަދްރުވިލޭރޭ ހިމެނިގެންވީ ފަހު ހަތްރޭގެ ތެރެއިންނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘުކުރެއްވިއެވެ. ((أَرَى رُؤْيَاكُمْ قَدْ تَوَاطَأَتْ فِي السَّبْعِ الأَوَاخِرِ فَمَنْ كَانَ مُتَحَرِّيَهَا فَلْيَتَحَرَّهَا فِي السَّبْعِ الأَوَاخِرِ )) [أخرجه البخاري -كتاب فضل ليلة القدر – باب التماس ليلة القدر في السبع الأواخر (2015) ، ومسلم- كتاب الصيام -باب فضل ليلة القدر والحث علي طلبها (1165-205)]މާނައީ: “ތިޔަބައިމީހުންގެ ހުވަފެން ދިމާވަނީ ފަހު ހަތްރޭއާ ކަމަށް ތިމަންކަލޭފާނު ދެކެވަޑައިގަންނަވަމެވެ. ފަހެ އެރޭ ހޯދުމަށް މަސައްކަތްކުރާ މީހާ، ފަހު ހަތްރޭ އެރޭ ހޯދުމަށް މަސައްކަތްކުރާށެވެ.” އޭގެ މާނައަކީ އެއަހަރުއެވެ. އެހެނިހެން އަހަރުތަކުގައި އެރޭ ހޯދުމަށް ހުރިހާ ދިހަރެއްގައި މަސައްކަތްކުރަންޖެހެއެވެ. ބަދަލުނުވާގޮތަށް ކަނޑައެޅިފައިވާ ރެއެއް ނޫނެވެ. އެކަމަކު އުއްމީދުކުރެވޭ ގޮތުގައި އެއީ ހަތާވީސްވިލޭރެއެވެ. ފަހަރެއްގައި މިއަހަރުގައި އެއީ ހަތާވީސްވިލޭރެއަށްވެސް ވެދާނެއެވެ. ޖެހިގެން އަންނައަހަރުގައި އެއީ އެކާވީސްވިލޭރެއަށްވެސް ވެދާނެއެވެ. އެއާ ޖެހުނު އަހަރުގައި އެއީ ތޭވީސްވިލޭރެއަށްވެސް ވެދާނެއެވެ. އަދި ފަންސަވީސްވިލޭރޭ ކަމުގައިވެސް ވެދާނެއެވެ. މިފަދައިންނެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ އެރޭ ވަންހަނާކުރައްވާފައިވަނީ ބޮޑުވެގެންވާ ދެފައިދާއަކަށްޓަކައެވެ.

ފުރަތަމަ ފައިދާއީ، އެރޭ ހޯދުމަށް މަސައްކަތްކުރުމުގައި އިޚްލާޞްތެރިކަމާ ތެދުވެރިކަމާއެކު މަސައްކަތްކުރާ މީހާއާއި ކަންނެތްކަމާއެކު މަސައްކަތްކުރާ މީހާ ވަކިވެ އެނގުމެވެ. އެހެނީ އިޚްލާޞްތެރިކަމާ ތެދުވެރިކަމާއެކު އެރޭ ހޯދުމަށް މަސައްކަތްކުރާ މީހާ، އެރޭ ހޯދުމަށްޓަކައި ފުރިހަމަ ދިހަރޭ ވަރުބަލިކަމުގައި ހޭދަކުރާނެއެވެ. ކަންނެތްމީހާ، އެއް ރޭ ހޯދުމަށްޓަކައި، އެންމެ ދިހަރޭ ރޭ އަޅުކަންކުރުމަކީ އޭނާގެ މައްޗަށް ބޮޑުކަމަކަށް ވެދެއެވެ.

ދެވަނަ ފައިދާއަކީ ގިނަ ހެޔޮ ޢަމަލު ކުރުމުގެ ސަބަބުން ގިނަ ޘަވާބު މުސްލިމުންނަށް ލިބިގެން ދިޔުމެވެ. އެހެނީ ހެޔޮ ޢަމަލު ގިނަވީ ވަރަކަށް ޘަވާބު އިތުރުވެގެންދެއެވެ.

މި ދަނޑިވަޅުގައި، މިހާރަކަށް އައިސް މީސްތަކުންގެ ތެރެއިން ބައެއް މީހުންނަށް ހެދޭ ގޯހެއް ސަމާލުކަމަށް ގެނައުމަށް ޤަޞްދުކުރަމެވެ. އެއީ ޤަދްރުވިލޭރޭ ހޯދުމަށް މަސައްކަތްކުރުމުގެ ގޮތުން ހަތާވީސްވިލޭރޭ ޢުމުރާގެ އަޅުކަން އަދާކުރުމެވެ. ހަތާވީސްވިލޭރޭ މަސްޖިދުލް ޙަރާމް މީސްތަކުންނައިގެން ފުރި ބާރުވެ ތޮއްޖެހިފައިވާތީ ތިބާއަށް ފެންނާނެއެވެ. ޢުމުރާގެ އަޅުކަން އަދާކުރުމަށްޓަކައި ހަތާވީސްވިލޭރޭ ޚާއްޞަކުރުމަކީ ބިދުޢައެކެވެ. އެހެނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޢުމުރާ ކުރެއްވުމުގައި އެރޭ ޚާއްޞަކުރައްވާފައިނުވާތީއެވެ. އެކަލޭގެފާނުގެ ބަސްފުޅުންވެސް އެކަން އެނގޭކަށްނެތެވެ. ރަމަޟާންމަހުގެ ހަތާވީސްވިލޭރޭގައި އެކަލޭގެފާނު ޢުމުރާގެ އަޅުކަން އަދާކުރައްވާފައިނުވެއެވެ. އެކަލޭގެފާނު އެރޭ މައްކާގައި ހޭދަކުރެއްވިއެވެ. އަދި އެކަލޭގެފާނުގެ އުންމަތަށް، އެރޭގައި ޢުމުރާގެ އަޅުކަން އަދާކުރުމުން އެރޭ ލިބިގަތުމަށް، އަންގަވާފައެއް ނުވެއެވެ. އެހެނެއްކަމަކު އެކަލޭގެފާނު އަމުރުކުރެއްވީ އެރޭ ރޭއަޅުކަންކުރުމަށެވެ. އެހެންކަމުން ޢުމުރާވުމަށްޓަކައި ރަމަޟާންމަހުގެ ހަތާވީސްވަނަ ރޭ ޢައްޔަންކުރުމަކީ މީސްތަކުން ކުރާ ކުށެއްކަން އެނގިގެން ހިނގައްޖެއެވެ. އަދި މީގެން އެނގޭގޮތުގައި ބައެއް މީހުން ދީން ނަގަނީ އެމީހުން ނަގާނެ ގޮތަކަށް ނަގާނެ މީހެއްގެ ފަރާތުންނެވެ. ޝަރުޢީ އެއްވެސް އަސާސެއް ނުވާގޮތުގައެވެ. ކަންތައްތަކުގެ ޢިލްމު އެނގިހުރެ ﷲ ތަޢާލާއަށް އަޅުކަންކުރުމަށް ސަމާލުކަންދޭށެވެ. ﷲ ގެ ފޮތާއި އެއިލާހުގެ ނަބިއްޔާގެ ސުންނަތުން ދަލީލު ލިބިގެންނެވެ. ނުވަތަ އެބޭކަލުންގެ ސުންނަތަށް ތަބާވުމަށް އަހަރެމެންނަށް އަމުރުވެވިގެންވީ ހަތަރު ޚަލީފާއިންގެ ޢަމަލުން ދަލީލުލިބިގެންނެވެ.

މި ސޫރަތުގައި ޤަދްރުވިލޭގެ މާތްކަން ބަޔާންވެފައިވެއެވެ. އެގޮތުން؛
ފުރަތަމައީ: މީސްތަކުންގެ ހިދާޔަތުގެ ގޮތުގައި އަދި ދުނިޔެއާއި އާޚިރަތުގެ އުފާވެރިކަމުގެ ގޮތުގައި ބާވާލައްވާފައިވާ ކީރިތި ޤުރުއާން ބާވައިލެއްވުނީ މިރޭގައެވެ.
ދެވަނައީ: ﷲ ތަޢާލާގެ ވަޙީބަސްފުޅު ﴿وَمَآ أَدْرَاكَ مَا لَيْلَةُ الْقَدْرِ﴾ [القدر2] އިން ދަލާލަތުކުރާ މާތްކަމާއި މަތިވެރިކަމެވެ.
ތިންވަނައީ: އެރެއަކީ އެއްހާސް މައްސަރަށްވުރެ ހެޔޮވެގެންވާ ރެއެކެވެ.
ހަތަރުވަނައީ: އެރޭގައި މަލާއިކަތުން ފައިބާވަޑައިގަންނަވައެވެ. ހެޔޮކަމާއި ބަރަކާތާއި ރަޙުމަތާއެކު މެނުވީ އެބޭކަލުން ފައިބާވަޑައިނުގަންނަވައެވެ.

ފަސްވަނައީ: އެއީ ސަލާމަތްކަން ލިބިގެންވާ ރެއެކެވެ. ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމުގެ ސަބަބުން އެރޭގައި ޢިޤާބާއި ޢަޛާބުން ސަލާމަތްވާ މީހުންގެ ގިނަކަމަށްޓަކައެވެ.
ހަވަނައީ: އެރޭގެ މަތިވެރިކަމާއި މާތްކަމާބެހޭގޮތުން ﷲ ތަޢާލާ، ޤިޔާމަތާ ހަމައަށް ކިޔެވޭގޮތުގައި، ސޫރަތެއް ބާވާލައްވާފައިވެއެވެ.
ޤަދްރުވިލޭރޭގެ މާތްކަމުގެ ތެރޭގައި އައްޞަޙީހައިނުގައި އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވާ މި ޙަދީޘުވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘުކުރެއްވިއެވެ. ((مَنْ قَامَ لَيْلَةَ الْقَدْرِ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ )) [أخرجه البخاري -كتاب فضل ليلة القدر – باب فضل ليلة القدر (2014) ، ومسلم- كتاب صلاة المسافرين -باب الترغيب في قيام رمضان وهو التراويح (760-175)] މާނައީ: “އީމާންވެހުރެ، (ﷲގެ ޙަޟްރަތުން) ޘަވާބާއި ދަރުމައަށް އެދޭ ޙާލު ޤަދްރުވިލޭރޭ ރޭއަޅުކަންކޮށްފިމީހާގެ އިސްވެ ގޮސްފައިވާ ފާފަތަށް ފުހެވިގެންދާނެއެވެ”
މި ޙަދީޘުގައި إِيمَانًا وَاحْتِسَابًا ގެ މުރާދަކީ ﷲ އަށް އީމާންވެހުރެ، އަދި އެރޭގައި ރޭ އަޅުކަންކުރާ މީހުންނަށްޓަކައި ﷲ ތަޢާލާ ތައްޔާރުކުރައްވާފައިވާ ޘަވާބު ޤަބޫލުކޮށް، އަޖުރާއި ޘަވާބު ލިބުމަށް އެދިގެން ކުރުމެވެ.

މިހާ ހިސާބުން ޤަދްރު ސޫރަތުގެ ތަފްސީރު ނިމުނީއެވެ.

މިއީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން ރަޙިމަހުﷲ ލިޔުއްވާފައިވާ ތަފްސީރު ސޫރަތުލި ޤަދްރިގެ ތަރުޖަމާއެވެ.

سورة القدر ގެ ތަފްސީރު