1. އަބޫ ސަޢީދު الخدري رضي الله عنهއަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “ތިމަންބޭކަލުން ދަތުރެއްގެމަތީގައި ތަނަކަށް ފޭބީމުއެވެ. އެވަގުތު އެތަނަށް އަންހެނަކު އައެވެ. އަދި އެއަންހެނާ ބުންޏެވެ. “މި ސަހަރުގެ ވެރިޔާގެގަޔަށް (ވިހަ) ކައްޓެއްހެރިއްޖެއެވެ. ފަހެ ތިޔަބައިމީހުންގެ ތެރޭގައި ރުޤްޔާކުރާ މީހަކު ވޭހެއްޔެވެ؟”
ދެން އެއަންހެނާއާއެކު ތިމަންބޭކަލުންގެތެރިން މީހަކު ދިޔައެވެ. އެކަލޭގެފާނަށް ރުޤްޔާކުރަން ފުރިހަމައަށް ދަންނަކަމަކަށް އަހަރެމެން ހިއެއްނުކުރަމެވެ. ދެން އެކަލޭގެފާނު ސޫރަތުލް ފާތިޙާކިޔަވާވިދާޅުވެ ރުޤްޔާ ކުރެއްވިއެވެ. ދެން ކަށިހެރި ވިހަވެފައިވާމީހާއަށް ޝިފާލިބި އެކަން ފަސޭހަވިއެވެ. އަދި އެކަމަށްޓަކައި އެކަލޭގެފާނަށް ބަކަރިތަކެއް ދިނެވެ. ތިމަންބޭކަލުން އޭގެން ކިރުފޮދު ހިއްޕެވީމެވެ.
ތިމަންބޭކަލުން ދެންނެވީމެވެ. ކަލޭގެފާނު ރުޤްޔާކުރައްވަން ދެނެވަޑައިގަންނަވަންތޯއެވެ؟ ދެން އެކަލޭގެފާނު ދެންނެވިއެވެ. ސޫރަތުލް ފާތިޙާ ފިޔަވާ އިތުރުއެއްޗެއް ތިމަންކަލޭގެފާނު ނުކިޔަވަމެވެ. ދެން ތިމަންކަލޭގެފާނު ދެންނެވީމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ އަރިހަށް ދެވެންދެން އެމީހުން ދިން ބަކަރިތަކަށް އެއްވެސް ގޮތެއް ނަހަދާށެވެ. ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް ތިމަންބޭކަލުން އައީމެވެ. ސަލާމްކުރުމަށްފަހު ވެގެންދިޔަ ކަންތައްތަކުގެވާހަކަ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ކިޔާދެއްވީމެވެ. ދެން އެކަލޭގެފާނު ޙަދީޡްކުރެއްވިއެވެ.
((مَا كَانَ يُدْرِيهِ أَنَّهَا رُقْيَةٌ!))
މާނައީ: “އެކަލޭގެފާނަށް ސޫރަތުލް ފާތިޙާ އެއީ ރުޤްޔާއެއްކަން އަންގާދިނީ ކޮންކަމެއް ހެއްޔެވެ! އެބަކަރިތައް ބައްސަވާށެވެ. އަދި އޭގެން ބައެއް ތިމަންކަލޭގެފާނަށްވެސް ދެއްވާށެވެ.” [رواه مسلم]
2. ޢާއިޝާ رضي الله عنها ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ، އެކަލޭގެފާނު އަހުލުންގެ ތެރެއިން ބޭކަލަކު ބަލިވެއްޖެ ކަމުގައިވާނަމަ، معوِّذات ކިޔެވުމަށްފަހު(އެބަހީ: قل هو الله أحد }{ قل أعوذ برب الفلق } { قل أعوذ برب الناس }) ފުމެލައްވައެވެ. ދެންފަހެ އެކަލޭގެފާނުގެ އަވަހާރަވުމުގެ އާލާސްކަންފުޅުގެ ތެރޭގައި، ތިމަންކަމަނާ ކިޔަވާފައި އެކަލޭގެފާނުގެ އަތްޕުޅަށް ފުމުމަށްފަހު، އެކަލޭގެފާނުގެ އަތްޕުޅު އެކަލޭގެފާނުގެ ގައިގައި ބީއްސެވީމެވެ. އެއީ އެކަލޭގެފާނުގެ އަތްޕުޅުގެ ބަރަކާތްތެރިކަމުގެ ބޮޑުކަމަަށްޓަކައެވެ. [رواه البخاري]
ނޯޓު: މިއަޘަރުގައި ބޭނުންކުރެވިފައިވާ ކަލިމައަކީ: نفث ކުރުމެވެ. نفثކުރުމަކީ: އަނގައިންފުމުމެވެ. التفلއާއި نفثގެ ތަފާތަކީ التفلކުރާއިރު ކުޅުއަންނާނެއެވެ. ނަމަވެސް نفثކުރާއިރު ކުޅުއައުން އެއީ ލާޒިމުކަމެއްނޫނެވެ. އަދި نفخކުރާއިރު އެއްގޮތަކަށްވެސް ކުޅުނާންނާނެއެވެ. {ބައްލަވާ تاجالعروسمنجواهرالقاموس}
3. ޢުޤުބާ ބުން ޢާމިރު رضي الله عنه ވިދާޅުވިއެވެ.
“ހަނގުރާމައެއްގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސަވާރީގެ ލަގަނުގައި ހިއްޕަވައިގެން ތިމަންކަލޭގެފާނު ވީމެވެ. އެހިނދު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. އޭ ޢުގުބާއެވެ. ކިޔާށެވެ. ތިމަންކަލޭގެފާނު ކަނުލާ އަޑުއެއްސެވުމަށް އިންނެވީމެވެ. ދެންވެސް ޙަދީޘްކުރެއްވިއެވެ. އޭ ޢުގުބާއެވެ. ކިޔާށެވެ. ތިމަންކަލޭގެފާނު ކަނުލާ އަޑުއެއްސެވުމަށް އިންނެނީމެވެ. ދެން އެކަލޭގެފާނު ތިންވަނަ ފަހަރަށް މިފަދައިން ޙަދީޘްކުރެއްވުމުން ތިމަންކަލޭގެފާނު ދެންނެވީމެވެ. ތިމަންކަލޭގެފާނު ކިޔަންވީ ކޮންއެއްޗެތޯއެވެ؟ ދެން އެކަލޭގެފާނު سورة الإخلاصފެށިގެން ނިމެންދެން ކިޔަވާ ވިދާޅުވިއެވެ. ދެން އެއަށްފަހުގައި سورة الفلق ފެށިގެން ނިމެންދެން ކިޔަވާވިދާޅުވިއެވެ. އަދި އެކަލޭގެފާނާ އެއްކޮށް ތިމަންކަލޭގެފާނުވެސް ކިޔަވާ ވިދާޅުވީމެވެ. ދެން އެއަށްފަހުގައި سورة الناس ފެށިގެން ނިމެންދެން ކިޔަވާ ވިދާޅުވިއެވެ. އަދި އެކަލޭގެފާނާ އެއްކޮށް ތިމަންކަލޭގެފާނުވެސް ކިޔަވާ ވިދާޅުވީމެވެ. އެއަށްފަހުގައި ޙަދީޘް ކުރެއްވިއެވެ.
(( مَا تَعَوَّذَ بِمِثْلِهِنَّ أَحَدٌ))
މާނައީ: “އެ ތިން ސޫރަތާއެއްފަދަ ރައްކާތެރިކަމެއް އެއްވެސްމީހަކު ހޯދާފައެއްނެތެވެ.” (އެބަހީ: ރައްކާތެރިކަން ހޯދުމަށްޓަކައި މިތިން ސޫރަތަށްވުރެ މޮޅު އެއްޗެއް ނުވެއެވެ.) [رواه النسائي وصححه الأالباني]
4. ޢާއިޝާ رضي الله عنها ވިދާޅުވިއެވެ.
“ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަހުލުގެ ތެރެއިން ބައެއް ބޭކަލުންނަށް އެކަލޭގެފާނު ރައްކާތެރިކަން ހޯއްދަވާ ދެއްވުމަށްޓަކައި އެކަލޭގެފާނުގެ ކަނާއަތްޕުޅު (ތަދުވާތާނގައި) އަޅުއްވައެވެ. ދެން އެއަށްފަހު ވިދާޅުވެއެވެ.
((اللَّهُمَّ رَبَّ النَّاسِ أَذْهِبْ الْبَاسَ اشْفِهِ وَأَنْتَ الشَّافِي لَا شِفَاءَ إِلَّا شِفَاؤُكَ شِفَاءً لَا يُغَادِرُ سَقَمًا))
މާނައީ: “އޭ ﷲ! މީސްތަކުންގެ ވެރި ރައްބެވެ! އުނދަގޫތައް ދުރުކުރައްވާނދޭވެ! އަދި ޝިފާ ލައްވާނދޭވެ! އިބަ އިލާހީ ޝިފާދެއްވާ އިލާހީމެވެ. އިބައިލާހުގެ ޝިފާ ފިޔަވާ އިތުރު ޝިފާއެއް ނުވެއެވެ. އެ ޝިފާއަކީ (ވިދިގެން) ބަލިމަޑުކަމެއް ދޫނުކުރާ ޝިފާއެއްކަމުގައި ލައްވާނދޭވެ!”
ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ، އަވަހާރަވުމުގެ އާލާސްކަންފުޅުގައި ތިމަންކަމަނާ އެކަލޭގެފާނުގެ އަތްޕުޅު އެކަލޭގެފާނަށް އުނދަގުލެއްވާ ތަނެއްގައި ބީއްސުމަށްފަހު މިފަދައިން ކަންތައް ކުރަމެވެ. [رواه البخاري و مسلم]
5. އަބޫ ސަޢީދު الخدري رضي الله عنهއަރިހުން ރިވާވެގެން ވެއެވެ.
ޖިބުރީލްގެފާނު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް ވަޑައިގަތެވެ. އެއަށްފަހު ދެންނެވިއެވެ. އޭ މުޙައްމަދުގެފާނެވެ. ކަލޭގެފާނު ބަލިމަޑުކަމެއްގެ އުނދަގުލެއް ވޭހެއްޔެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. އާދޭހެވެ. ދެން އެކަލޭގެފާނު ވިދާޅުވިއެވެ.
((بِاسْمِ اللَّهِ أَرْقِيكَ مِنْ كُلِّ شَىْءٍ يُؤْذِيكَ مِنْ شَرِّ كُلِّ نَفْسٍ أَوْ عَيْنِ حَاسِدٍ اللَّهُ يَشْفِيكَ بِاسْمِ اللَّهِ أَرْقِيكَ))
މާނައީ: “ﷲގެ އިސްމުފުޅުން ކަލޭގެފާނަށް ރުޤްޔާކުރަމެވެ. ކަލޭގެފާނަށް އުނދަގޫފުޅުވާ ކޮންމެ ކަމަކުންނެވެ. ކޮންމެ ނަފްސެއްގެ ނުބައިކަމުންނެވެ. ނުވަތަ ޙަސަދަވެރި ލޮލެއްގެ ނުބައިކަމުންނެވެ. ﷲ ކަލޭގެފާނަށް ޝިފާދެއްވާނދޭވެ. ﷲގެ އިސްމުފުޅުން ކަލޭގެފާނު ރުޤްޔާކުރައްވަމެވެ.” [رواه مسلم]
6. ޢާއިޝާ رضي الله عنهاގެ އަރިހުން ރިވާވެގެން ވެއެވެ. އެކަމަނާ ވިދާޅުވިއެވެ.
“ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ބަލިމަޑުކަމެއްގެ އުނދަގުލެއްވާނަމަ ޖިބުރީލްގެފާނު އެކަލޭގެފާނަށް ރުޤްޔާ ކުރައްވައެވެ. އެކަލޭގެފާނު ވިދާޅުވެއެވެ.
((بِاسْمِ اللَّهِ يُبْرِيكَ وَمِنْ كُلِّ دَاءٍ يَشْفِيكَ وَمِنْ شَرِّ حَاسِدٍ إِذَا حَسَدَ وَشَرِّ كُلِّ ذِى عَيْنٍ)).
މާނައީ: “މާތް ﷲގެ އިސްމުފުޅުން (ފަށަމެވެ!) ކަލޭގެފާނު ސަލާމަތްކޮށްދެއްވާ ކޮންމެ ބަލިމަޑުކަމަކުން ކަލޭގެފާނަސް ޝިފާލައްވާށިއެވެ! އަދި ޙަސަދަވެރިވާ ހިނދު ޙަސަދަވެރިޔާގެ ނުބައިކަމުންނާއި އަދި ކޮންމެ އެސްފީނަ ވެރިއަކުން ރައްކާތެރިކޮށްދެއްވާށިއެވެ!” [رواه مسلم]
7. އުޘްމާނު ބުން އަބިލްޢާޞް އައްޘަޤަފީ رضي الله عنه،އެކަލޭގެފާނު އިސްލާމްވިތާ ކައިރީގައި އެކަލޭގެފާނުގެ ހަށިކޮޅުން ތަދެއް އިހުސާސްވާތީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް އައިސް ޝަކުވާ ދެންނެވިއެވެ. ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. “ކަލޭގެފާނުގެ ހަށިކޮޅުން ތަދުވާތަނުގައި އަތްބާއްވާށެވެ. އަދި بِاسْمِ اللَّهِ ތިންފަހަރު ކިޔާށެވެ. އަދި ހަތް ފަހަރު މިފަދައިން ކިޔާށެވެ.
((أَعُوذُ بِاللَّهِ وَقُدْرَتِهِ مِنْ شَرِّ مَا أَجِدُ وَأُحَاذِرُ))
މާނައީ: “މިއަޅާއަށް އިޙުސާސް މިވާކަންތައްތަކާއި މިއަޅާ ބިރުގަންނަ ކަމެއްގެ ނުބައިކަމުން މާތްﷲއާއި އެއިލާހުގެ ޤުދުރަތްތެރިކަމުގެ ރައްކާތެރިކަމަށް އެދެމެވެ.” [رواه مسلم]
އަދި ޝަރީޢަތުގައި ވާރިދުވެގެން އައިސްފައިވާ އެންމެހާ ޛިކުރުތަކާއި، ހެނދުނާއި ހަވީރުގެ ޛިކުރުތަކަކީވެސް މުޞީބާތްތަކުން ރައްކާތެރިކޮށްދޭ އަދި ދުރުހެލިކޮށްދޭ ޛިކުރުތަކެކެވެ. މިތާގައި އެއިން މިންވަރެއް ޛިކުރުކޮށްލާނަމެވެ.
- އަބޫހުރައިރާ رضي الله عنهގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް މީހަކުއައިސް ދެންނެވިއެވެ. އޭ ﷲގެ ރަސޫލާ ޞައްލަﷲ ޢަލއިހިވަސައްލަމައެވެ.
“ރޭގަ ތިމަންކަލޭގެފާނު ގަޔަށް ނަގުލަންދާއްޓެއް ކަށި ޖަހައިފިއެވެ.” ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
))أعُوذُ بكلِمَاتِ اللهِ التَّامَّات من شرِّ ما خلَقَ((
މާނައީ: “ﷲތަޢާލާގެ ފުރިހަމަވެގެންވާ ކަލިމަ ފުޅުތަކުން، އެއިލާހު ހެއްދެވި އެންމެހާ ތަކެތީގެ ނުބައިކަމުން މިއަޅާ ރައްކާތެރިކަމަށް އެދެމެވެ.”
ހަވީރުވީހިނދު އެފަދިން ކިޔުއްވިނަމަ ކަލޭގެފާނަކަށް ގެއްލުމެއް ނުލިބުނީހެވެ. [رواه مسلم/ سننالترمذيގައި މިދުޢާ ހަވީރު 3 ފަހަރު ކިޔުމަށް ރިވާވެގެންވެއެވެ.]
އަދި މީހަކު ދަތުރުކޮށްފައިގޮސް އޭނާގެ މަންޒިލަށް ފޭބުމަށްފަހު މި ދުޢާ ކިޔައިފިނަމަ އޭނާ އެމަންޒިލު ދޫކޮށްފައި ދާންދެން އެއްވެސް އެއްޗެއްގެ ފަރާތުން ގެއްލުމެއް އޭނާއަކަށް ނުލިބޭނެކަމަށް ޚައުލާ ބިންތު ޙަކީމްގެ އަރިހުން ރިވާވެގެންވާ ރިވާޔަތުގައި ވެއެވެ.[رواه مسلم]
2. ޖާބިރު رضي الله عنهގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
((إِذَا كَانَ جُنْحُ اللَّيْلِ – أَوْ أَمْسَيْتُمْ – فَكُفُّوا صِبْيَانَكُمْ فَإِنَّ الشَّيْطَانَ يَنْتَشِرُ حِينَئِذٍ فَإِذَا ذَهَبَ سَاعَةٌ مِنَ اللَّيْلِ فَخَلُّوهُمْ وَأَغْلِقُوا الأَبْوَابَ وَاذْكُرُوا اسْمَ اللَّهِ فَإِنَّ الشَّيْطَانَ لاَ يَفْتَحُ بَابًا مُغْلَقًا وَأَوْكُوا قِرَبَكُمْ وَاذْكُرُوا اسْمَ اللَّهِ وَخَمِّرُوا آنِيَتَكُمْ وَاذْكُرُوا اسْمَ اللَّهِ وَلَوْ أَنْ تَعْرُضُوا عَلَيْهَا شَيْئًا وَأَطْفِئُوا مَصَابِيحَكُمْ)).
މާނައީ: “ރޭގަނޑުގެ އަނދިރިކަން ވެރިވެގަންނަ ވަގުތު ނުވަތަ އިރު އޮއްސޭ ވަގުތު ތިޔަބައިމީހުންގެ ޅަދަރީން ގެއިން ނުކުތަނުދީ ހިފަހައްޓާށެވެ. އެހެނީ ހަމަކަށަވަރުން އެވަގުތުގައި ޝައިޠާނުންތައް ބިންމަތީގައި ފެތުރިގަނެއެވެ. ފަހެ ރޭގަނޑުން ބައެއް ދިޔުމުން (ޢިޝާނަމާދުވުމުން) އެކުދިން ދޫކޮށްލާށެވެ. އަދި بِاسْمِ اللَّهِ ކިޔުމަށްފަހުގައި ދޮރުތައް ލައްޕާށެވެ. ފަހެ (އެގޮތަށް) ބަންދުކުރެވިފައިވާ ދޮރަކުން ޝައިޠާނާ ނުވަންނާނެއެވެ. އަދި بِاسْمِ اللَّهِ ކިޔުމަށް ފަހު ފެން ހުންނަ ހަންތަކުގެ މަތިތައް ޖަހާށެވެ. އަދި بِاسْمِ اللَّهِ ކިޔުމަށްފަހު ކަންވާރުތަކުގެ މަތިތައް ޖަހާށެވެ. އެއީ އޭގެ މަތީގައި ހުރުހަށް އެއްޗެއް ބާއްވާލައިގެން ނަމަވެސްއެވެ. އަދި ބައްތިތައް ނިވާލާށެވެ. [رواه مسلم]
3. އަޅުގަނޑުމެންނަށް އަބުއްތައްޔާޙު ބަޔާންކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ޢަބްދުއްރަޙުމާނު ބިން ޙަންބަޝުގެ ކިބައިން މީހަކު ސުވާލުކުރިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ޝައިތާނުންތައް މަކަރުވެރި ރޭވުންތައް ރޭއްވުމުން އެކަލޭގެފާނު ކަންތައްކުރެއްވީ ކިހިނަކުން ހެއްޔެވެ؟ވިދާޅުވިއެވެ. ވާދީގެ ތެރެއިން ޝައިތާނުންތައް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް އައެވެ. އަދި ފަރުބަދަތަކުގެ ތެރޭން އެޖިންނިތައް އެކަލޭގެފާނުގެ އަރިހަށް ނުކުތެވެ.އެތަނުގައި ޝައިތާނުން ތަކުގެ ތެރޭގައިޝައިތާނެއްގެ އަތުގައި އަލިފާނުގެ ހުޅުގަނޑެއް އޮތެވެ. އެ ޝައިތާނާ ބޭނުންވަނީ އެހުޅުގަނޑުން މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަންދާލުމަށެވެ. ފަހެ އެކަލޭގެފާނު ބިރުފުޅުގަތެވެ. ޖަޢުފަރު ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ހީފުޅުކުރެއްވީ އެކަލޭގެފާނު ބިރުފުޅު ގަތްކަމަށެވެ. އަދި ވިދާޅުވިއެވެ. އެކަލޭގެފާނު ލަސްލަހުން ވަޑައިގަތެވެ. ދެން ޖިބްރީލުގެފާނު ވަޑައިގެންނެވިއެވެ. ދެން އެކަލޭގެފާނު ވިދާޅުވިއެވެ. ވިދާޅުވާށެވެ. ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. ތިމަންކަލޭގެފާނު ކިޔަންވީ ކޮން އެއްޗެއް ހެއްޔެވެ؟ ދެން ޖިބްރީލުގެފާނު ވިދާޅުވިއެވެ. މިފަދައިން ކިޔާށެވެ.
((أَعُوذُ بِكَلِمَاتِ اللهِ التَّامَّاتِ الَّتِي لاَ يُجَاوِزُهُنَّ بِرٌّ ، وَلاَ فَاجِرٌ مِنْ شَرِّ مَا خَلَقَ ، وَذَرَأَ وَبَرَأَ ، وَمِنْ شَرِّ مَا يَنْزِلُ مِنَ السَّمَاءِ ، وَمِنْ شَرِّ مَا يَعْرُجُ فِيهَا ، وَمِنْ شَرِّ مَا ذَرَأَ فِي الأَرْضِ ، وَمِنْ شَرِّ مَا يَخْرُجُ مِنْهَا ، وَمِنْ شَرِّ فِتَنِ اللَّيْلِ وَالنَّهَارِ ، وَمِنْ شَرِّ كُلِّ طَارِقٍ إِلاَّ طَارِقًا يَطْرُقُ بِخَيْرٍ ، يَا رَحْمَنُ))
މާނައީ: “ހެޔޮލަފާ މީހަކަށްވެސް އަދި ނުބައިމީހަކަށްވެސް އެކަލިމަތައް ފަހަނައަޅައި ނުދެވޭ، ﷲތަޢާލާގެ ފުރިހަމަ ކަލިމަފުޅުތައް މެދުވެރިކޮށް، އެއިލާހު ހައްދަވާ ފުރާނަ އަޅުއްވާ، ބިންމަތީގައި ފެތުރުއްވި އެންމެހާ މަޚުލޫޤުންގެ ނުބައިކަމުންނާއި، އުޑުން ފައިބާ ކޮންމެ އެއްޗެއްގެ ނުބައިކަމުންނާއި، އަދި ބިންމަތީގައި އެއިލާހު ފެތުރުއްވެވި އެންމެހާ މަޚުލޫޤުންގެ ނުބައިކަމުންނާއި، އަދި އެބިމުން ނުކުންނަ ކޮންމެ އެއްޗެއްގެ ނުބައި ކަމުންނާއި، އަދި ރޭގަނޑާއި ދުވާލުގެ ފިތުނަ ތަކުގެ ނުބައިކަމުންނާއި، ހެޔޮކަމަކާއިގެން ދިމާވާކަމެއް ފިޔަވާ ރޭގަނޑުދިމާވާ ހުރިހާކަމެއްގެ ނުބައިކަމުން މިއަޅާ ރައްކާތެރިކަމަށް އެދެމެވެ. އޭ ރަޙުމާނުވަންތަ އިލާހެވެ!” ވިދާޅުވިއެވެ. ޝައިޠާނާގެ ހުޅުގަނޑުނިވި، ﷲ ޢައްޒަވަޖައްލަ އެމީހުން ބަލިކުރެއްވިއެވެ.” [رواه أحمد و أبو يعلى وصححه الألياني]
4. ޒައިނަބު ބިންތު ޖަޙްޝް رضي الله عنهاގެ އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ބިރުވެރިކަމެއް ވެރިވެއްޖެނަމަ:
“لَا إِلَهَ إِلَّا اللهُ”މިފަދައިން ކިޔުއްވައެވެ.[رواه البخاري]
5. އަބޫހުރައިރާ رضي الله عنهގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
((لاَ تَجْعَلُوا بُيُوتَكُمْ مَقَابِرَ إِنَّ الشَّيْطَانَ يَنْفِرُ مِنَ الْبَيْتِ الَّذِى تُقْرَأُ فِيهِ سُورَةُ الْبَقَرَةِ))
މާނައީ: “ތިޔަބައިމީހުންގެ ގެތައް ގަބުރުސްތާނުތަކަކަށް ނަހަދާށެވެ. ހަމަކަށަވަރުން އެ ގެއެއްގައި ބަޤަރާ ސޫރަތް ކިޔެވޭ ގެއަކުން ޝައިޠާނުންތައް ދުވެ ފިލައެވެ.”[رواه مسلم]
(މަތީގައި އެވަނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޞައްޙަ ސުންނަތުން ޘާބިޠުވާ ބައެއް ރުޤްޔާއެވެ. ޖިންނި މޮޔަވުމާއި ސިޙުރާއި އެސްފީނާ އަދި މިނޫންވެސް އެންމެހާ މުޞީބާތްތަކުން ސަލާމަތްވުމަށްޓަކައި ޞައްޙަ ސުންނަތުން ޘާބިޠުވާ ކަންކަމުން ރައްކާތެރިކަން ހޯދުމަށްވުރެ މޮޅުގޮތެއް ނުވެއެވެ.)