[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ހަތަރު ކަލިމައިގެ މާތްކަން (1)

kalima4މި ފޮތަކީ މަތިވެރިވެގެންވާ ހަތަރު ކަލިމަ: سُبْحَانَ اللهِ، وَالحَمْدُ للهِ، وَلاَ إِلهَ إِلاَّ اللهُ، وَاللهُ أَكْبَر ކިޔުމުގެ މާތްކަމާއި މަތިވެރިކަމާގުޅޭގޮތުން ޢަބްދުއްރައްޒާޤް ބިން ޢަބްދުލް މުޙްސިން އަލްބަދުރު ޙަފިޡަހުﷲ ތަޢާލާ ލިޔުއްވާފައިވާ “فضائل الكلمات الأربع”މި ފޮތުގެ ދިވެހި ތަރުޖަމާއެކެވެ.

ދުޢާއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ މި ފޮތުގެ ފައިދާ އަޅުގަނޑުމެންގެ އެންމެހާ ލޮބުވެތި އަޚުންނަށާއި އުޚްތުންނަށް ފޯރުކޮށްދެއްވުމެވެ. އަދި އަޅުގަނޑުމެންނަކީ ގިނަގިނައިން އެއިލާހުގެ މަތިން ހަނދުމަކުރާ ބައެއް ކަމުގައި ލެއްވުމެވެ.

بِسْمِ اللَّـهِ الرَّ‌حْمَـٰنِ الرَّ‌حِيمِ

الحمد لله ربّ العالمين، والصلاةُ والسلام على إمام المرسلين، نبيّنا محمد وعلى آله وأصحابه أجمعين. أمّا بعد:

ފަހެ، ހަމަކަށަވަރުން ޢިއްޒަތްވަންތަ ﷲ ވަނީ މަތިވެރިވެގެންވާ މަތިވެރިކުރެއްވުމަކުން ހަތަރު ކަލިމައެއް ޚާއްޞަކުރައްވާފައެވެ. އަދި އެކަލިމަތަކުގެ ހައިބަތު ބަޔާންކުރައްވާފައެވެ. އަދި އެކަލިމަތަކުގެ ޤަދަރު އުފުއްލަވާފައެވެ. އަދި އެކަލިމަތަކުގެ މަތިވެރި މަޤާމު ބަޔާންކުރައްވާފައެވެ. އެހެނިހެން ކަލިމަތަކަށްވުރެ އެކަލިމަތައް ވަނީ ފާހަގަކުރައްވާފައެވެ. އެކަލިމަތަކަކީ:سُبْحَانَ اللهِ، وَالحَمْدُ للهِ، وَلاَ إِلهَ إِلاَّ اللهُ، وَاللهُ أَكْبَرމި ހަތަރު ކަލިމައެވެ. މި ކަލިމަތަކުގެ މާތްކަމުގެ ދަލީލެއްގެ ގޮތުގައި، މި ކަލިމަތަކުގެ މާތްކަމާގުޅޭ ނައްޞުތައް ވާރިދުވެފައިވާލެއް ގިނައެވެ. އަދި މިފަދަ ނައްޞުތަކުގައި މި ކަލިމަތައް ކިޔުމާއި، މި ކަލިމަތަކަށް ޢަމަލުކުރުމުގައި ޤާއިމުވެ ހުންނަމީހަކަށް ލިބޭނޭ ހެޔޮ އަޖުރުތަކުގެ ހެޔޮޚަބަރާއި، މި ކަލިމަތައް ކިޔުމުގެ މަތިވެރިކަމުގެ ހެޔޮޚަބަރާއި، މި ކަލިމަތައް ކިޔުމުން ދުނިޔެއާއި އާޚިރަތުގައި ލިބޭނޭ ދެމިގެންވާ ހެޔޮކަމުގެ ޚަބަރު އައިސްފައިވެއެވެ. މި ކަލިމަތަކުގެ މަތިވެރިކަމާހުރެ، މިކަލިމަތަކުން ލިބޭ ފައިދާތައް ޖުމްލަގޮތެއްގައި އެއްފޮތެއްގައި ޖަމާކުރުމަށް އަހަރެން ބޭނުންވިއެވެ. މިފޮތަކީ އަޞްލުގައި އަހަރެންގެ ފޮތް (فِقهُ الأََدْعِية والأَذْكَار)މި ފޮތުގެ ބައެކެވެ. ﷲ ގެ އިޛުނަފުޅާއެކު، މި ކަލިމަތަކުގެ ފައިދާތައް މީސްތަކުންނަށް ޢާއްމުކޮށްދީ، މި ކަލިމަތަކުގެ ފައިދާތައް އިތުރުކުރުމުގެގޮތުން، އަހަރެންގެ ބައެއް އަޚުން އެފޮތުން މި ބައިނަގައިގެން ވަކި ފޮތެއްގެ ގޮތުގައި މި ކަލިމަތަކުގެ މަތިވެރިކަން އެކުލަވާލީއެވެ.

މުސްލިމް އަޚާއެވެ! ފަހެ، ތިބާގެ މައްޗަށް ވަނީ މި ކަލިމަތަކުގެ މާތްކަމާމެދު ފުންކޮށް ވިސްނުންހިންގުމެވެ. އެއީ އެކަމުގެ ސަބަބުން މި ކަލިމަތައް ކިޔުމުގެ ހިތްމަތް އާލާކޮށްދީ، ޢަޒުމު ވަރުގަދަ ކޮށްދީ، މި ކަލިމަތަކަށް ފަރުވާތެރިވުމަށް އެހީއެއްގެގޮތުގައިވުމަށެވެ.

ތައުފީޤުދެއްވާ ހަމައެކަނި ފަރާތަކީ ﷲއެވެ. އަދި ކޮންމެ ހެޔޮކަމަކަށް އެހީތެރިވެވޮޑިގެންވާ ފަރާތަކީ އެކަލާނގެއެވެ. وَلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِهِ العَلِيّ العَظِيم.

(1) މި ކަލިމަތަކުގެ މަތިވެރިކަމުގެ ތެރޭގައި؛ މި ކަލިމަތަކަކީ ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ކަލިމަތައްކަމުގައިވުންވެއެވެ. ސަމުރާ ބިން ޖުންދުބް ރަޟިޔަﷲ ޢަންހުގެ ކިބައިން އިމާމް މުސްލިމް އެކަލޭގެފާނުގެ ޞަޙީޙުގައި ރިވާކުރައްވާފައިވާ ޙަދީޘެއްގައިވެއެވެ. ސަމުރާ ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ((أَحَبُّ الْكَلاَمِ إِلَى اللَّهِ أَرْبَعٌ، لاَ يَضُرُّكَ بِأَيِّهِنَّ بَدَأْتَ: سُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ وَلاَ إِلَهَ إِلاَّ اللَّهُ وَاللَّهُ أَكْبَرُ.))މާނައީ: “ﷲ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ބަސްތަކަކީ ހަތަރު ކަލިމައެކެވެ. އެއިގެ ކޮންމެ ކަލިމައަކުން ފެށިނަމަވެސް ތިބާގެ މައްޗަށް ކުށެއްނެތެވެ. (އެއީ) سُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ وَلاَ إِلَهَ إِلاَّ اللَّهُ وَاللَّهُ أَكْبَرُ. އެވެ.”(1) އަދި އަބޫ ދާއުދު އައްޠަޔާލިސީ އެކަލޭގެފާނުގެ މުސްނަދުގައި މި ޙަދީޘް ގެންނަވާފައިވަނީ އަންނަނިވި ލަފުޡުންނެވެ. ((أَرْبَعٌ هُنَّ مِنْ أَطْيَبِ الكَلاَمِ، وَهُنَّ مِنَ القُرْآنِ، لاَ يَضُرُّكَ بِأَيِّهِنَّ بَدَأْتَ: سُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ وَلاَ إِلَهَ إِلاَّ اللَّهُ وَاللَّهُ أَكْبَرُ.))މާނައީ: “އެންމެ ހެޔޮ ވާހަކަތަކުގެ ތެރޭގައި ހަތަރު ކަލިމައެއް ވެއެވެ. އެ ހަތަރު ކަލިމަ އައިސްފައިވަނީ ޤުރުއާނުންނެވެ. އެއިގެ ކޮންމެ ކަލިމައަކުން ފެށިނަމަވެސް ތިބާގެ މައްޗަށް ކުށެއްނެތެވެ. (އެއީ) سُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ وَلاَ إِلَهَ إِلاَّ اللَّهُ وَاللَّهُ أَكْبَرُ. އެވެ.”(2)

(ނުނިމޭ)

___________________

(1) صحيح مسلم: (رقم: 2137).

(2) مسند الطيالسي: (ص. 122)