(7) މި ކަލިމަތަކުގެ މާތްކަމުގެ ތެރޭގައި؛ ހަމަކަށަވަރުން ﷲ ވަނީ މި ކަލިމަތައް އިޚްތިޔާރުކުރައްވައި، އެކަލާނގެ އަޅުތަކުންނަށް މި ކަލިމަތައް ޚާއްޞަކޮށްދެއްވަވާފައެވެ. މި ކަލިމަތަކުން ﷲއަށް ޛިކުރުކޮށްފިނަމަ މަތިވެރިވެގެންވާ ހެޔޮ ޖަޒާއާއި، ގިނަގުނަވެގެންވާ ޘަވާބު ދެއްވައެވެ. އިމާމް އަޙްމަދުގެ މުސްނަދުގައާއި، އަލްޙާކިމްގެ މުސްތަދްރަކުގައި ޞައްޙަ ސަނަދަކުން އަބޫ ހުރައިރާއާއި އަބޫ ސަޢީދު ރަޟިޔަﷲ ޢަންހުމާގެ ކިބައިން ރިވާވެފައިވާ ޙަދީޘްގައިވެއެވެ. ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ((إِنَّ اللَّهَ اصْطَفَى مِنْ الْكَلَامِ أَرْبَعًا: سُبْحَانَ اللَّهِ، وَالْحَمْدُ لِلَّهِ، وَلَا إِلَهَ إِلَّا اللَّهُ، وَاللهُ أَكْبَرُ، فَمَنْ قَالَ: سُبْحَانَ اللَّهِ، كَتَبَ اللَّهُ لَهُ عِشْرِينَ حَسَنَةً، أَوْ حَطَّ عَنْهُ عِشْرِينَ سَيِّئَةً، وَمَنْ قَالَ: اللَّهُ أَكْبَرُ، فَمِثْلُ ذَلِكَ. وَمَنْ قَالَ: لَا إِلَهَ إِلَّا اللَّهُ، فَمِثْلُ ذَلِكَ. وَمَنْ قَالَ: الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ مِنْ قِبَلِ نَفْسِهِ، كُتِبَتْ لَهُ ثَلَاثُونَ حَسَنَةً، وَحُطَّ عَنْهُ ثَلَاثُونَ سَيِّئَةً)) މާނައީ: “ހަމަކަށަވަރުން ބަސްތަކުގެ ތެރެއިން ހަތަރު ބަހެއް ﷲ ޚާއްޞަކުރެއްވިއެވެ. (އެއީ)سُبْحَانَ اللَّهِ، وَالْحَمْدُ لِلَّهِ، وَلَا إِلَهَ إِلَّا اللَّهُ، وَاللهُ أَكْبَرُމި ހަތަރު ކަލިމައެވެ. ފަހެ، މީހަކުسُبْحَانَ اللَّهِކިޔައިފިކަމުގައިވާނަމަ، އެމީހަކަށް ﷲ ވިހި ހެޔޮކަން ލިޔުއްވައެވެ. ނުވަތަ ވިހި ފާފަ ފުއްސަވައިދެއްވައެވެ. އަދިوَاللهُ أَكْبَرُކިޔައިފިކަމުގައިވާނަމަ، ހަމައެފަދަ ހެޔޮކަން ދެއްވައެވެ. އަދި އަދިلَا إِلَهَ إِلَّا اللَّهُކިޔައިފިކަމުގައިވާނަމަ، ހަމައެފަދަ ހެޔޮކަން ދެއްވައެވެ. އަދި މީހެއްގެ ހިތްނިޔަތް އެކަމަކަށް ޚާލިޞްކޮށްގެން الْحَمْدُ لِلَّهِ رَبِّ الْعَالَمِينَކިޔައިފިކަމުގައިވާނަމަ، އެމީހަކަށް ތިރީސް ހެޔޮކަން ލިޔުއްވެވޭނެތެވެ. އަދި ތިރީސް ފާފަ އެމީހާގެ ކިބައިން ފުއްސެވޭނެތެވެ.”(1)
މި ހަތަރު ކަލިމައިގެ އިތުރަށް ހިތްނިޔަތް އެކަމަކަށް ޚާލިޞްކޮށްގެން ޙަމްދުކޮށްފިނަމަ (އެބަހީ؛ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَކިޔައިފިކަމުގައިވާނަމަ) ޘަވާބު އިތުރުވެގެންވެއެވެ. އެހެނީ، ޢާއްމުގޮތެއްގައި ޙަމްދުކޮށް އުޅެނީ ކައިބޮއެ ނިމުމަށްފަހު، ނުވަތަ ނިޢުމަތެއް ލިބުންފަދަ ސަބަބުތަކާހުރެއެވެ. ފަހެ، މިފަދައިން ޙަމްދުކުރަނީ އެލިބުނު ނިޢުމަތެއްގެ ބަދަލުގައާއި، އެ ލިބުނު ނިޢުމަތް އިތުރުކޮށްދެއްވައި އަލުން ދެއްވުމަށް އެދޭ ޙާލުގައެވެ. މިއާޚިލާފަށް އެފަދަ ސަބަބެއް މެދުވެރިނުވަނީސް ޙަމްދުކުރުމުގެ ނިޔަތުގައި ﷲއަށް ޙަމްދުކުރުމަކީ ޘަވާބު އިތުރުވެގެންދާނެ ކަމެކެވެ.
(8) މި ކަލިމަތަކުގެ މާތްކަމުގެ ތެރޭގައި؛ މި ކަލިމަތަކަކީ މި ކަލިމަތައް ކިޔާ މީހަކު ނަރަކައިން ސަލާމަތްކޮށްދޭނެ އައްޑަނައެކެވެ. އަދި އެމީހާގެ ކުރިމަތިން އަތުވެދާނެ ނުރައްކަލަކުން ސަލާމަތްކުރުމަށްޓަކައި އެމީހާގެ ކުރިމަތީގައިވާނެ ކަލިމަތަކެކެވެ. ޤިޔާމަތްދުވަހުގައި މި ކަލިމަތައް ކިޔާމީހާ ނަރަކައިން މިންޖުކޮށްދޭ ސަބަބެއްކަމުގައި މި ކަލިމަތައް ވާ ހުއްޓެވެ. އަދި މި ކަލިމަތަކަކީ ދެމިހުންނަނިވި ޢަމަލުތަކުގެ ތެރެއިން އެންމެ މަތިވެރިވެގެންވާ ޞާލިޙު ޢަމަލުތަކެވެ. އާދެ،އެންމެ މަތިވެރިވެގެންވާ”البَاقِيَاتُ الصَّالِحَات”އެވެ.(އެބަހީ؛ ދެމިހުންނަނިވި ޞާލިޙު ޢަމަލުތަކެވެ.) އަލްޙާކިމްގެ މުސްތަދްރަކުގައާއި، އަންނަސާއީ ‘عمل اليوم والليلة’ އޭ ކިޔުނު ފޮތުގައާއި، އެނޫންވެސް ބޭކަލުން އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާކުރައްވާފައިވާ ޙަދީޘްގައިވެއެވެ. އަބޫ ހުރައިރާ ވިދާޅުވިއެވެ. ((فَقَالَ:خُذُوا جُنَّتَكُمْ))، قُلْنَا: يَا رَسُولَ اللَّهِ، مِنْ عَدُوٍّ قَدْ حَضَرَ؟، فَقَالَ: ((لاَ، بَلْ جُنَّتَكُمْ مِنَ النَّارِ، قُولُوا: سُبْحَانَ اللَّهِ، وَالْحَمْدُ لِلَّهِ، وَلا إِلَهَ إِلا اللَّهُ، وَاللَّهُ أَكْبَرُ، فَإِنَّهُنَّ يَأْتِينَ يَوْمَ الْقِيَامَةِ مُنْجِيَاتٍ، ومُقَدَّمَاتٍ، وَهُنَّ الْبَاقِيَاتُ الصَّالِحَاتُ)).މާނައީ: “ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ‘ތިޔަބައިމީހުންގެ އައްޑަނަތައް ހިފާށެވެ!’ ތިމަންމެން ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއެވެ! އައިސްފައިވާ ޢަދުއްވުންނާ ދެކޮޅަށް ތޯއެވެ؟ އެހިނދު ޙަދީޘް ކުރެއްވިއެވެ. ‘ނޫނެކެވެ. ނަރަކައިން ސަލާމަތްވުމުގެ އައްޑަނައިގައި ހިފާށެވެ. ތިޔަބައިމީހުން سُبْحَانَ اللَّهِ، وَالْحَمْدُ لِلَّهِ، وَلا إِلَهَ إِلا اللَّهُ، وَاللهُ أَكْبَرُ،ކިޔާށެވެ. ފަހެ، ހަމަކަށަވަރުން ޤިޔާމަތްދުވަހު އެ ކަލިމަތައް ނަޖާކޮށްދެނިވި ކަލިމަތަކެއްގެ ގޮތުގައްޔާއި، ކުރިމަތިން އަތުވެދާނެ ނުރައްކަލަކުން ސަލާމަތްކުރުމަށްޓަކައި އެމީހާގެ ކުރިމަތީގައިވާނެ ކަލިމަތަކެއްގެ ގޮތުގައި އަންނަ ހުއްޓެވެ. އަދި އެ ކަލިމަތަކަކީ ‘الْبَاقِيَاتُ الصَّالِحَاتُ’ އެވެ. (އެބަހީ؛ ދެމިހުންނަނިވި ޞާލިޙު ޢަމަލުތަކެވެ.)”
އަލްޙާކިމް ވިދާޅުވެފައިވެއެވެ. “މިއީ އިމާމް މުސްލިމްގެ ޝަރުޠުތަކާ އެއްގޮތް، އަދި އެކަލޭގެފާނުގެ ފޮތުގައި ގެންނަވާފައިނުވާ ޞައްޙަ ޙަދީޘެކެވެ.” އަލްޙާކިމްގެ މިބަސްފުޅާ އައްޛަހަބީ އެއްބަސްވެވަޑައިގެންފައިވެއެވެ. އަދި އަލްއަލްބާނީ ރަޙިމަހުﷲ މި ޙަދީޘް ޞައްޙަ ކުރައްވައެވެ.(2)
ކުރީގައި ބަޔާންވެދިޔަ ޘަވާބާ ދަރުމައިގެ އިތުރަށް މި ޙަދީޘްގައި މިކަލިމަތަކަކީ ‘الْبَاقِيَاتُ الصَّالِحَاتُ’ (އެބަހީ؛ ދެމިހުންނަނިވި ޞާލިޙު ޢަމަލުތައް) ކަމުގައި ޞިފަކުރައްވާފައިވެއެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((وَالْبَاقِيَاتُ الصَّالِحَاتُ خَيْرٌ عِندَ رَبِّكَ ثَوَابًا وَخَيْرٌ أَمَلًا)) (سورة الكهف: 46) މާނައީ: “އަދި ދެމިހުންނަނިވި ޞާލިޙު ޢަމަލުތައް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި ޘަވާބުގެ ގޮތުން މާހެޔޮކަން ބޮޑެވެ. އަދި އެދޭ އެދުމެއްގެ ގޮތުންމާހެޔޮކަން ބޮޑުމެއެވެ.”
‘الْبَاقِيَاتُ’ ދަންނައެވެ. އެއީ ޞާލިޙު ޢަމަލުތަކުގެ ތެރެއިން އެ ޢަމަލުތަކުގެ ޘަވާބު ލިބުން ދެމިހުންނަނިވި، އަދި އެ ޢަމަލުތަކުގެ ޖަޒާ ލިބުން ދާއިމުވެގެންވާ ޢަމަލުތަކެވެ. މިއީ އަޅަކު އެންމެ ބޮޑަށް އެދޭނެ އެދުމެވެ. އަދި އެއީ އެންމެ ހެޔޮވެގެންވާ ޘަވާބެވެ.
(9) މި ކަލިމަތަކުގެ މާތްކަމުގެ ތެރޭގައި؛ ރަޙްމާންވަންތަ އިލާހުގެ ޢަރުޝިކޮޅު ވަށައިގެން މި ކަލިމަތައް ދައުރުކުރަމުން ދާނެއެވެ. އަދި މި ކަލިމަތައް ދައުރުވަމުންދާއިރު މާމުއިކުޅަނދުރުން އިވޭ ވައްތަރުގެ އަޑެއް ހުންނާނެއެވެ. އެ އަޑަކީ މި ކަލިމަތައް ކިޔެވި މީހުންގެ މަތިން މި ކަލިމަތައް ހަނދުމަކުރާ އަޑެވެ. އިމާމް އަޙްމަދުގެ މުސްނަދުގައާއި، ސުނަން އިބްނު މާޖާގައާއި، އަލްޙާކިމްގެ މުސްތަދުރަކުގައި އަންނުޢުމާން ބުން ބަޝީރު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެފައިވާ ޙަދީޘްގައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ((إِنَّ مِمَّا تَذْكُرُونَ مِنْ جَلَالِ اللَّهِ التَّسْبِيحَ وَالتَّهْلِيلَ وَالتَّحْمِيدَ يَنْعَطِفْنَ حَوْلَ الْعَرْشِ لَهُنَّ دَوِيٌّ كَدَوِيِّ النَّحْلِ تُذَكِّرُ بِصَاحِبِهَا، أَمَا يُحِبُّ أَحَدُكُمْ أَنْ يَكُونَ لَهُ أَوْ لَا يَزَالَ لَهُ مَنْ يُذَكِّرُ بِهِ))މާނައީ: “ތަސްބީޙައާއި، ތަހްލީލާއި، ތަޙްމީދު ކިޔައިގެން ﷲ މަތިން ޛިކުރުކުރާމީހުންގެ ޛިކުރުތައް ޢަރުޝިކޮޅު ވަށައިގެން ދައުރުކުރަމުން ދާނެއެވެ. (އެ ޛިކުރުތައް ދައުރުވަމުންދާއިރު) އަޑެއްގެގޮތުގައި މާމުއިކުޅަނދުރުން އިވޭ ވައްތަރުގެ އަޑެއް ހުންނާނެއެވެ. އެ އަޑަކީ ޛިކުރުތައް ކިޔެވި މީހުންގެ މަތިން އެ ޛިކުރުތައް ހަނދުމަކުރާ އަޑެވެ. ތިޔަބައިމީހުންގެ ތެރެއިން މީހެއްގެ މަތިން ހަނދުމަކުރާނެ، ނުވަތަ ހަނދުމަކުރުމުގައި ފިލައިނުދާނެ ކަމަކަމަށް ތިޔަބައިމީހުންކުރެ މީހަކު ލޯބިނުކުރާނެ ހެއްޔެވެ؟”
‘ޒަވާއިދު އިބްނު މާޖާ’ގައި އަލްބޫޞީރީ ވިދާޅުވެފައިވެއެވެ. “މި ޙަދީޘްގެ ސަނަދު ޞައްޙައެވެ. މި ޙަދީޘްގެ ރާވީންނަކީ އިތުބާރުކުރެވޭ ރާވީންތަކެކެވެ. އަދި އަލްޙާކިމް މި ޙަދީޘް ޞައްޙަކުރައްވައެވެ.”(3)
މި ކަލިމަތައް ކިޔެވުމުން ލިބޭނޭ މަތިވެރިކަމުގެ ބޮޑުކަން މި ޙަދީޘުން އަންގައިދެއެވެ. އެއީ މި ހަތަރު ކަލިމަ ޢަރުޝިކޮޅު ވަށައިގެން ދައުރުކުރަމުން ދާނެއެވެ. އަދި މި ކަލިމަތަކުން ޛިކުރުކުރިމީހުންގެ މަތިން، މި ކަލިމަތައް ހަނދުމަކުރާ އަޑު މާމުއިކުޅަނދުރުން އިވޭ ވައްތަރުގެ އަޑާ އެއްފަދަވާނެއެވެ. މިފަދައިން އެމީހާގެ މަތިން ހަނދުމަކުރާނޭ ކަލިމަތަކެއްކަމުގައި މި ކަލިމަތައް ވުމަކީ، މި ކަލިމަތަކުން ޛިކުރުކުރުމުގެ މުހިއްމުކަން އަންގައިދޭކަމެކެވެ. މިގޮތަށް އެމީހާގެ މަތިން ހަނދުމަކުރާނޭ ކަލިމަތަކެއްވުމުގެ މުހިއްމުކަމާހުރެ ޙަދީޘްގެ ފަހުބައިގައި އެވަނީ ((أَمَا يُحِبُّ أَحَدُكُمْ أَنْ يَكُونَ لَهُ أَوْ لَا يَزَالَ لَهُ مَنْ يُذَكِّرُ بِهِ)) “ތިޔަބައިމީހުންގެ ތެރެއިން މީހެއްގެ މަތިން ހަނދުމަކުރާނެ، ނުވަތަ ހަނދުމަކުރުމުގައި ފިލައިނުދާނެ ކަމަކަމަށް ތިޔަބައިމީހުންކުރެ މީހަކު ލޯބިނުކުރާނެ ހެއްޔެވެ؟” މި ފަދައިން ޙަދީޘް ކުރައްވާފައެވެ.
(ނުނިމޭ)
___________________
(1) المسند: (302/2)، والمستدرك: (512/1)، وقال الألباني في صحيح الجامع (رقم: 1718): ((صحيح)).
(2) المستدرك: (541/1)، والسنن الكبرى للنسائي، كتاب عمل اليوم والليلة (212/6)، وصحيح الجامع (رقم: 3214).
(3) المسند: (271،268/4)، وسنن ابن ماجه: (رقم:3809)، والمستدرك: (503/1).