ޠަވާފުކުރުން އަދި ޙަޖަރުލް އަސްވަދަށް ބޮސްދިނުން
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޠަވާފުކުރަން ފެއްޓެވީ ޙަޖަރުލް އަސްވަދުންކަން ޘާބިތުވެއެވެ. އެއީ ކަޢުބާގެ ރުކުނުލް ޔަމާނީއާ ޖެހިގެންވާ ކަނެވެ. އަދި އެކަލޭގެފާނު ހުރިހާ ފަހަރެއްގައިވެސް ޠަވާފުކުރެއްވީ ޙިޖުރުގެ ވަށައިގެންނެވެ. އަދި ޠަވާފުލް ޤުދޫމުގައި ފުރަތަމަ ތިންފަހަރު ހަލުއި ފިޔަވަޅުމަތީގައި ހިންގެވިއެވެ.
އަދި އެކަލޭގެފާނުގެ ޠަވާފުގައި ޙަޖަރުލް އަސްވަދަށް ސަލާމްދަންނަވާ ބޮސްދެއްވިއެވެ. އަދި އެކަލޭގެފާނު ޙަޖަރުލް އަސްވަދުގައި އަތްޕުޅު ބީއްސަވާ ބޮސްދެއްވިއެވެ. އަދި އެކަލޭގެފާނު ސަވާރީގައި ޠަވާފުކުރައްވަމުން އެކަލޭގެފާނުގެ އަސާކޮޅު ޙަޖަރުލް އަސްވަދުގައި ޖައްސަވައި އެ އަސާކޮޅުގައި ބޮސްދެއްވިއެވެ. އަދި އެކަލޭގެފާނުގެ ސަވާރީގައި ޠަވާފުކުރައްވަމުން، އަސާކޮޅުން ޙަޖަރުލް އަސްވަދަށް އިޝާރާތްކުރެއްވިއެވެ. އެއީ ޙަޖަރުލްއަސްވަދާ އަރާ ހަމަވުމުންނެވެ. އަދި އެކަލޭގެފާނު ރުކުނުލް ޔަމާނީގައި ބޮސްދެއްވި ކަމަށްވެސް ޘާބިތުވެފައިވެއެވެ.
ޙަޖަރުލް އަސްވަދަށް ސަލާމްދެންނެވުމާއި ބޮސްދިނުމަށް ތަފާތު ގޮތްތަކެއް އައިސްފައި މިވަނީ އެމީހަކަށް ފަސޭހަވެގެންވީ ގޮތަކަށް އެކަންކުރުމަށެވެ. وَاللهُ أَعْلَمُ. ޙަޖަރުލް އަސްވަދަށް ސަލާމްދެންނެވުމާއި ބޮސްދިނުމާއި އިޝާރާތްކުރުމަކީ ﷲ ތަޢާލާ މަތިވެރިކުރުމުގެ ގޮތުން ކުރެވޭ އަޅުކަމެކެވެ. އެއީ އެއްވެސް ޙާލެއްގައި އެހިލައިގެ ސަބަބުން ފައިދާއެއް ނުވަތަ ގެއްލުމެއް ލިބޭކަމަށް އިޢުތިޤާދުކޮށްގެން ކުރާކަމެއް ނޫނެވެ. ޢުމަރު ރަޟިޔަﷲ ޢަންހު ޙަޖަރުލް އަސްވަދުގައި ބޮސްދެއްވުމަށްފަހު މިހެން ވިދާޅުވިކަމަށް ޞަޙީޙައިނިގައި އައިސްފައިވެއެވެ. إِنِّي أَعْلَمُ أَنَّكَ حَجَرٌ لَا تَضُرُّ وَلَا تَنْفَعُ وَلَوْلَا أَنِّي رَأَيْتُ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ يُقَبِّلُكَ مَا قَبَّلْتُكَ [رواه البخاري (1520) ومسلم (1720)]މާނައީ: “ހަމަކަށަވަރުން ތިޔައީ ގެއްލުމެއްވެސް އަދި ފައިދާ އެއްވެސް ނުދެވޭ ހިލައެއްކަން އަހަރެންނަށް އެނގެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ތީގައި ބޮސްދެއްވަނިކޮށް އަހަރެންނަށް ނުފެނުނަމަ ތިއަކަށް ބޮހެއް ނުދިނީމުހެވެ.”
ޠަވާފުކުރުން އަދި ޙަޖަރުލް އަސްވަދަށް ބޮސްދިނުމުގެ ތެރޭގައި ބައެއް ޙައްޖުވެރިންނަށް ހެދޭ ގޯސްތައް:
1- ޙަޖަރުލް އަސްވަދާ އަރާހަމަވުމުގެ ކުރިން ޠަވާފުކުރަން ފެށުން ނުވަތަ ޙަޖަރުލް އަސްވަދާއި ރުކުނުލް ޔަމާނީއާ ދެމެދުން ޠަވާފުކުރަން ފެށުން: މިއީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަހީކުރައްވާފައިވާ ކަމެއް ކަމުގައިވާ ދީނުގެ ކަންތައްތަކުގައި ޙައްދުފަހަނަޅައިދިޔުމެވެ. އެހެން ގޮތަކުން ބުނާނަމަ މިއީ ރަމަޟާންމަސް އައުމުގެ ދުވަހެއް ނުވަތަ ދެދުވަސް ކުރިން ރޯދަހިފަން ފެށުން ކަހަލަ ކަމެކެވެ. އެއީ ނަހީކުރައްވާފައިވާ ކަމެކެވެ. ބައެއް ޙައްޖުވެރިން މިގޮތަށް މިކަންކުރަނީ ރައްކާތެރިކަމުގެ ގޮތުން ކަމަށްބުނެއެވެ. ޙަޤީޤީ ރައްކާތެރިކަމަކީ ޝަރުޢަށް ފުރިހަމައަށް ތަބާވުމެވެ. އަދި ﷲ އާ ރަސޫލާ ޞައްލަﷲ ޢަލައި ވަސައްލަމަގެ ބަސްފުޅުގެ މައްޗަށް އަމިއްލަ ގޮތްތައް އިސްނުކުރުމެވެ.
2- ޠަވާފުކުރާއިރު، މީހުން ތޮއްޖެހުމުން ހަމައެކަނި ކަޢުބާގެ ހިޔާކޮށްފައިވާބައި ވަށައިގެން ޠަވާފުކުރުން ނުވަތަ ޙިޖުރު އިސްމާޢީލުގެ އެއްދޮރުން ވަދެފައި އޭގެ އަނެއްދޮރުން ނުކުތުން: މާނައީ ޙިޖުރު އިސްމާޢީލު ވަށައިގެން ނުގޮސް، ކަޢުބާ އާއި ޙިޖުރު އިސްމާޢީލާ ދޭތެރެއިން ޠަވާފުކުރުމެވެ. މިއީ ވަރަށް ބޮޑު ގޯހެކެވެ. މި ގޮތަށް ކުރާ ޠަވާފު ޞައްޙަވެގެންނުވެއެވެ. އެހެނީ ޙަޤީޤަތުގައި މިގޮތަށް ޠަވާފުކުރާމީހާ އެ ޠަވާފުކުރީ ކަޢުބާވަށައިގެންނެއް ނޫނެވެ. ކަޢުބާގެ ބައެއްގެ ވަށައިގެންނެވެ.
3- ޠަވާފުގެ ހަތްބުރުގައިވެސް ރަމުލުކުރުން: އެބަހީ ހަލުއި ފިޔަވަޅުމަތީ ހިނގައިހެދުމެވެ. (ކުޑަކޮށް ދުވެހެދުމެވެ.)
4- ޙަޖަރުލް އަސްވަދުގައި ބޮސްދިނުމަށްޓަކައި ތޮއްޖެހުން: މިކަމުގައި ބައެއްފަހަރު ތަޅާފޮޅައި، މީހުންނާ ދިމާއަށް އެއްޗިހި ކިޔައި ހިސާބަށް ދެއެވެ. އަދި ﷲ ސުބްޙާނަހޫ ވަތަޢާލާގެ ގެކޮޅުގެ ކައިރީގައި އެތަނާ އެކަށީގެންނުވާ ކަންކަންކަމުގައިވާ، ތަޅާފޮޅުމާއި ބޭއަދަބީ ބަސްތައް ބޭނުންކުރުން ފަދަ ކަންތައްތައް ކުރެއެވެ. މިކަމުގެ ސަބަބުން ޘަވާބު އުނިވެގެންދަނީ ހަމައެކަނި ޠަވާފުން އެކަންޏެއް ނޫނެވެ. އަދި ކިއެއްތަ މުޅި ޙައްޖުން ވެސް މެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. {الـحَجُّ أَشْهُرٌ مَعْلُومَاتٌ فَمَنْ فَرَضَ فِيهِنَّ الْـحَجَّ فَلَا رَفَثَ وَلَا فُسُوقَ وَلَا جِدَالَ فِي الْـحَجِّ} (البقرة: 197)މާނައީ: ” ޙައްޖުގެ ވަގުތަކީ ކަނޑައެޅި އެނގިގެންވާ މައްސަރުތަކެކެވެ. ފަހެ، އެ މައްސަރުތަކުގައި ޙައްޖު ފަރުޟުކޮށްގެންފި މީހާ (އެބަހީ: ޙައްޖުވުމަށް ޤަޞްދުކޮށް އިޙްރާމު ބަނދެފިމީހާ، ދަންނާށެވެ) ފަހެ ޙައްޖުވުމުގެ ތެރޭގައި ޖިންސީގުޅުން ހިންގުމެއް،އަދި އުރެދުމެއް، އަދި އަރާރުންވުމެއްވެސް ނެތެވެ.”
މިގޮތަށް ތޮއްޖެހުމުގެ ސަބަބުން އަޅުކަމުގެ މަޑުމައިތިރިކަމާއި މަޑުމޮޅިކަން ގެއްލިގެންދެއެވެ. އަދި ﷲ މަތިން ހަނދުމަކުރުން ނެތިގެންދެއެވެ. މި ދެކަމަކީ (ޚުޝޫޢަތްތެރިވުމާއި ﷲ ހަނދުމަކުރުމަކީ) ޠަވާފުގެ މަތިވެރި މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ ދެކަމެވެ.
5- ޙަޖަރުލް އަސްވަދަކީ އޭގެ ޛާތުގައި ފައިދާ ހޯދައިދޭ އެއްޗެއްކަމަށް އިޢުތިޤާދުކުރުން: ހައްޖުވެރިން ޙަޖަރުލް އަސްވަދަށް ސަލާމްދަންނަވައިފިނަމަ، އެބައިމީހުންގެ އަތްތައް މުޅިހަށިގަނޑުގައި ފިރުމާތީ ތިބާއަށް ފެންނާނެއެވެ. ނުވަތަ ޙަޖަރުލް އަސްވަދުގައި އަތްލުމަށްފަހު އެބައިމީހުންގެ ދަރީންގެ ގައިގައި އަތްފިރުމާތީ ތިބާއަށް ފެންނާނެއެވެ. މިހުރިހާ ކަމަކީވެސް ޖާހިލުކަމުގެ ތެރެއިންވާ ކަންކަމެވެ. އަދި އެއީ މަގުފުރެދުމެކެވެ. މަންފާއާއި ގެއްލުމަކީ ހަމައެކަނި ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟްރަތުން ވާ ދެކަމެވެ. ޢުމަރު ރަޟިޔަﷲ ޢަންހު މިފަދައިން ވިދާޅުވީ އެހެންވެގެންނެވެ. لَوْلَا أَنِّي رَأَيْتُ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ يُقَبِّلُكَ مَا قَبَّلْتُكَ) [رواه البخاري (1520) ومسلم (1720)]މާނައީ: “ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ތީގައި ބޮސްދެއްވަނިކޮށް އަހަރެންނަށް ނުފެނުނަމަ ތިއަކަށް ބޮހެއް ނުދިނީމުހެވެ.”
6- ބައެއް ޙައްޖުވެރިން ޙަޖަރުލް އަސްވަދާއި ރުކުނުލް ޔަމާނީ ފިޔަވައި އެހެން ކަންކަނުގައި ބޮސްދިނުން: އަދި ކިއެއްތަ ކަޢުބާގެ ހުރިހާ ފާރެއްގައިވެސް އެބައިމީހުން ބޮސްދީ ހަދާފާނެއެވެ. މިއީ ޖާހިލުކަމާއި މަގުފުރެދުމުގެ ތެރެއިން ވާކަމެކެވެ. ސަލާމްދެންނެވުމާއި ބޮސްދިނުމަށް ވާރިދުވެފައިވާ ތަންތަނުގައި ބޮސްދިނުމަކީ އަޅުކަމުގެ ތެރޭގައި ހިމެނޭކަމެކެވެ. އެހެންކަމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން އެކަން ވާރިދުވެފައިވާ ގޮތަށް، ނުވަތަ އެ ވާރިދުވެފައިވާ ހަމައިގައި ހިފެހެއްޓުމަކީ ވާޖިބެކެވެ. ކަޢުބާގެ ކަންތަކުގެ ތެރެއިން ދެކަނެއްގައި މެނުވީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބޮސްނުދެއްވައެވެ. އެއީ ޔަމަނާ ދިމާއަށް ވީ ދެ ކަނެވެ. ޙަޖަރުލް އަސްވަދާއި (ކަޢުބާގެ އިރުމަތީކަން) ކަޢުބާގެ ހުޅަނގުފަރާތު ކަނެވެ.
عَنْ مُجَاهِدٍ عَنْ ابنِ عَبَّاسٍ رَضِيَ اللهُ عَنْهُمَا أَنَّهُ طَافَ مَعَ مُعَاوِيَةَ رَضِيَ اللهُ عَنْهُ فَجَعَلَ مُعَاوِيَةُ يَسْتَلِمُ الأَرْكَانَ كُلَّهَا فَقَالَ ابنُ عَبَّاسٍ : لِـمَ تَسْتَلِمُ هَذَيْنِ الرُّكْنَيْنِ وَلَـمْ يَكُنْ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَسْتَلِمُهُمَا ؟ فَقَالَ مُعَاوِيَةُ : لَيْسَ شَيْءٌ مِنَ الْبَيْتِ مَهْجُورًا . فَقَالَ ابنُ عَبَّاسٍ : لَقَدْ كَانَ لَكُمْ فِي رَسُولِ اللهِ أُسْوَةٌ حَسَنَةٌ . فَقَالَ مُعَاوِيَةُ : صَدَقْتَ . [رواه أحمد وصححه أحمد شاكر في المسند (تحقيق أحمد شاكر):3/266]
މުޖާހިދުގެ ކިބައިން ރިވާވެގެންވެއެވެ. އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާ މުޢާވިޔަތު ރަޟިޔަﷲ ޢަންހުއާއެކު ޠަވާފުކުރެއްވިއެވެ. މުޢާވިޔަތުގެފާނު ކަޢުބާގެ ހުރިހާ ރުކުނެއްގައި ބޮސްދޭތަން ފެނިގެން، އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާ މުޢާވިޔަތު ރަޟިޔަﷲ ޢަންހުއަށް ވިދާޅުވިއެވެ. މި ދެ ކަނުގައި ތިޔަ ބޮސްދެއްވަނީ ކީއްވެގެން ހެއްޔެވެ؟ އެ ދެކަނުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބޮސްނުދެއްވައެވެ. މުޢާވިޔަތު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ކަޢުބާގެ އެއްވެސް ތަނަކީ ހަޖުރުކޮށްލެވިފައިވާ (ދޫކޮށްލެވިފައިވާ) ތަނެއް ނޫނެވެ. އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާ ވިދާޅުވިއެވެ. “ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިގައި ތިޔަބައިމީހުންނަށް ރިވެތި ނަމޫނާ ވެއެވެ.” މުޢާވިޔަތު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. “ތިޔަ ވިދާޅުވީ ތެދުފުޅެކެވެ.”
އަޞްލު ލިޔުއްވީ: الشيخ محمد بن صالح العثيمين رحمه الله
ތަރުޖަމާކުރީ: محمد شافع بن عبد الغفور
ބަހުގެ ހަމަތައް މުރާޖަޢާ ކުރީ: الأخ حسن زاهر
16 ޛުލްޤަޢިދާ 1435
11 ސެޕްޓެމްބަރ 2014