[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިސްލާމީ ސަލާމަށް އަހުލުވެރިވުން – 1

salaam

الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد:

އިންސާނުން އެކަކު އަނެކަކާ ބައްދަލުވެއްޖެނަމަ ކޮންމެވެސް ޢިބާރާތަކުން ގޮވާލާ ހެދުމަކީ އިސްލާމްދީން އައުމުގެ ކުރިންވެސް އޮންނަ ޢާދައެކެވެ. އެކި މީހުން ގޮވާއުޅެނީ އެކި ގޮތްގޮތަށެވެ. އެކި ޢިބާރާތްތަކުންނެވެ. އިސްލާމްދީން އައުމާއެކު މުސްލިމުން އެކަކު އަނެކަކާ ބައްދަލުވާހިނދު، ބަދަލުކުރާނެ ތަޙިއްޔާއެއްވަނީ ދަސްކޮށްދެއްވާފައެވެ. އެއީ އެކަކު އަނެކަކާއި ބައްދަލުވާހިނދު ސަލާމްގޮވާ ސަލާމްކޮށް ހެދުމެވެ. އަދި އެއީ މުސްލިމުން އެކަކު އަނެކަކާ ބައްދަލުވާހިނދު ބަދަލުކުރެވޭ މުސްލިމުންގެ ޝިޢާރެކެވެ.

ސަލާމްކުރުމީ އިސްލާމްދީނުގައި އެކަމެއް ކުރުމަށް ބާރުއަޅާފައިވާ ރިވެތި އަދަބުތަކުގެ ތެރެއިން އަދަބެކެވެ. ރަސޫލާ صلى الله عليه وسلم އަހަރުމެންނަށް ދަސްކޮށްދެއްވާފައިވާ އިސްލާމީ ސަލާމް ” السَّلَامُ عَلَيْكُمُ وَرَحْمَةُ اللهِ وَبَرَكَاتُه ” އަކީ އެސަލާމް ކުރުމުން ދެމީހުންގެ ދޭތެރޭގައި އޮންނަ ގުޅުން ބަދަހިވެ އާލާވެގެންދާކަމެކެވެ. ރުޅިވެރިކަމާއި ނަފުރަތްތެރިކަން އަހަރެމެންގެ ހިތުންފިލައިގެންދާކަމެކެވެ. މުޖުތަމަޢުގައި ރޫޅިފައިވާ ހިތްތައް އެކުވެރިކުރުވައި ޤައުމަށް އުފާވެރިކަމާއި ހިތްހަމަޖެހުންގެނުވާކަމެކެވެ. އަދި އަހަރެމެން އެކަކު އަނެކަކުދެކެވާ ލޯބި އިތުރުވާ ކަމެއްވެސްމެއެވެ. މިކަން ބަޔާންކުރައްވާ އަބޫ ހުރައިރާ رضي الله عنهގެ އަރިހުން ރިވާވެގެންވާ ޙަދީޘެއްގައިވެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ.

((وَالَّذِي نَفْسِي بِيَدِهِ لا تَدْخُلُوا الْجَنَّةَ حَتَّى تُؤْمِنُوا، وَلا تُؤْمِنُوا حَتَّى تَحَابُّوا، أَوَلا أَدُلُّكُمْ عَلَى شَيْءٍ إِذَا فَعَلْتُمُوهُ تَحَابَبْتُمْ؟أَفْشُوا السَّلامَ بَيْنَكُمْ))[رواه مسلم]

މާނައީ: “ތިމަންކަލޭގެފާނުގެ ނަފުސު އެފަރާތެއްގެ އަތްޕުޅުގައިވާ ފަރާތް ގަންދީ ޙަދީޘްކުރަމެވެ. ތިބައިމީހުންގެ ތެރެއިން އެއްވެސް މީހަކު އީމާންވެއްޖައުމަށް ދާންދެން ސުވަރުގެ ނުވަންނަހުށްޓެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަކަށް ލޯބި ކޮށްފުމަށްދާންދެން އީމާންކަން ފުރިހަމަ ނުވާހުއްޓެވެ. އެކަމެއްކޮށްފިނަމަ ތިޔަބައިމީހުންގެ މެދުގައި ލޯބި އުފެދޭނެ ކަމެއް ތިމަންކަލޭގެފާނު ބުނެދެއްވަން ހެއްޔެވެ؟ ތިޔަބައިމީހުންގެ މެދުގައި ސަލާމްކުރުން ފަތުރާށެވެ.”

އިސްލާމީ ސަލާމްއަކީ :

السَّلاَمُ عَلَيْكُمْ (ތިބާގެ މައްޗަށް ސަލާމަތްކަން ހުށްޓެވެ.)

ނުވަތަ

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ (ތިބާގެ މައްޗަށް ސަލާމަތްކަން ހުށްޓެވެ. އަދި ތިބާގެ މައްޗަށް ﷲ ރަޙްމަތް ލައްވާށިއެވެ.)

ނުވަތަ

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه (ތިބާގެ މައްޗަށް ސަލާމަތްކަން ހުށްޓެވެ. އަދި ތިބާގެ މައްޗަށް ﷲ ރަޙްމަތްލައްވާ، އަދި ބަރަކާތް ލައްވާށިއެވެ.)

މިފަދައިން ބުނުމެވެ.

މާތް ﷲ ވަޙީކުރައްވާފައިވެއެވެ.

﴿يَا أَيُّهَا الَّذِينَ آمَنُوا لَا تَدْخُلُوا بُيُوتًا غَيْرَ بُيُوتِكُمْ حَتَّىٰ تَسْتَأْنِسُوا وَتُسَلِّمُوا عَلَىٰ أَهْلِهَاۚ ذَٰلِكُمْ خَيْرٌ لَّكُمْ لَعَلَّكُمْ تَذَكَّرُونَ﴾ [سورة النور:٢٧]

މާނައީ: ” އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ގެތައް ނޫން އެހެން ގެތަކަށް އެ ގެތަކުގެ އަހުލުވެރިންނަށް ސަލާމްކޮށް އިޛުނަ ލިބިގެންފުމަށްދާނދެން ނުވަންނާށެވެ! އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަންބޮޑެވެ. (އެއީ) ތިޔަބައިމީހުން ހަނދުމަކުރުމަށްޓަކައެވެ. “

އެހެން އާޔަތެއްގައި ވަޙީކުރައްވާފައިވެއެވެ.

﴿… فَإِذَا دَخَلْتُمْ بُيُوتًا فَسَلِّمُوا عَلَى أَنْفُسكُمْ تَحِيَّةً مِّنْ عِندِ اللَّـهِ مُبَارَكَةً طَيِّبَةًۚ كَذَٰلِكَ يُبَيِّنُ اللَّـهُ لَكُمُ الْآيَاتِ لَعَلَّكُمْ تَعْقِلُونَ﴾ [سورة النور:٦۱]

މާނައީ: ” … ފަހެ، ތިޔަބައިމީހުން ގޭގެއަށް ވަންނައިރު، ﷲގެ ޙަޟުރަތުންވާ ބަރަކާތްތެރި ރަނގަޅު ސަލާމަކުން ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތަކަށް ތިޔަބައިމީހުން ސަލާމްކުރާށެވެ! އެފަދައިން ﷲ، ތިޔަބައިމީހުންނަށް އާޔަތްތައް ބަޔާން ކޮށްދެއްވަތެވެ. (އެއީ) ތިޔަބައިމީހުން ވިސްނުމަށްޓަކައެވެ.”

-ނުނިމޭ-

މި ލިޔުމުގެ އެހެންބައިތައް