ޝަރުޢީ ބައްޕައެއް ނުވާ ދަރިންނާ ބެހޭ ގޮތުން ސަޢޫދީ ޢަރަބިއްޔާގެ ފަތުވާ ކޮމިޓީގެ ފަތުވާގައިވެއެވެ. ” ޝަރުޢީ ބައްޕައެއްނެތް ދަރިއަކަސް ރަނގަޅުގޮތުގައި އިސްލާމްދީންމަތީ ދެމިހުރެ ދުނިޔެދޫކޮށްފައިވާނަމަ ވަންނާނީ ސުވަރުގެއަށެވެ. އޭނާ ނަޙަލާލު ދަރިއަކަށްވުން އެއީ، މިކަމާ ގުޅުންހުރި ކަމެއްނޫނެވެ. އެހެނީ، އެކަމަކީ އޭނާ ކުޅަކަމެއް ނޫނެވެ. އެއީ އެހެން ބައެއްގެ ކަމެކެވެ. ﷲ ތަޢާލާ އިސްރާ ސޫރަތުގެ 15 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވާ ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. ” އެއްވެސް މީހަކު އެހެންމީހެއްގެ ފާފައިގެ ޒިންމާ ނުއުފުލާނެއެވެ. ” އަދިވެސް ޠޫރު ސޫރަތުގެ 21 ވަނަ އާޔަތުގެ މާނައިގައިވެއެވެ. ” ކޮންމެ މީހަކީވެސް އެމީހަކު ކުޅަ ޢަމަލެއްގެ ޒިންމާވާނެ މީހެކެވެ. ” މިމައްސަލާގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހުން އެކަލޭގެފާނު ޙަދީޘްކުރެއްވި ކަމުގައި އައިސްފައިވާ [ لا يدخل الجنة ولد زانية ] މާނައީ: ” ޒިނޭގެ ދަރިއަކު ސުވަރުގެ ނުވަންނާނެއެވެ. “ މިރިވާޔަތަކީ ،ޞައްޙަ ރޮގަކުން އެކަލޭގެފާނުގެ އަރިހުން ސާބިތުވާ ރިވާޔަތެއް ނޫނެވެ. الحافظ ابن الجوزي އޭނާގެ ފޮތް ” المَوْضُوْعَاتُ ” [1] ގައި މި ރިވާޔަތް ގެންނަވާފައިވެއެވެ. މިއީ ރަސޫލާއަށް ނިސްބަތްކުރެވިފައިވާ ދޮގު ރިވާޔަތްތަކުގެ ތެރެއިން ރިވާޔަތެކެވެ. “
އަދިވެސް މިމައްސަލައަށް އިތުރަށް ބަލާލާއިރު، ޝަރުޢީ ބައްޕައެއްނެތް ދަރިން ވަންނާނީ ނަރަކައަށް ކަމުގައިބުނެ ބައެއް މީހުން ދަލީލަކަށް ދައްކާ ޙަދީޘަކީ ކަޢުބު ބުން ޢުޖްރާގެ އަރިހުން ވާރިދުވެފައިވާ ރިވާޔަތެކެވެ. އެރިވާޔަތުގައި އައިސްފައިވެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. “يَا كَعْبُ بْنَ عُجْرَةَ إِنَّهُ لاَ يَدْخُلُ الْجَنَّةَ لَحْمٌ نَبَتَ مِنْ سُحْتٍ النَّارُ أَوْلَى بِهِ ” [2] މާނައީ: ” އޭ ކަޢްބު ބުން ޢުޖުރާއެވެ! ޙަރާމް އެއްޗަކުން ޖަހާފައިވާ މަހެއް ސުވަރުގެއަށް ނުވަންނާނެއެވެ. އޭނާ ދިޔުން އެންމެ އަޥްލާވެގެންވަނީ ނަރަކައަށެވެ. “ އާދެ! އެބައިމީހުން ބުނެއެވެ. ނަހަލާލުދަރިއެއް ނުވަތަ ޙަރާމްދަރިއެއްގެ ގައިގާވާނީ ޙަރާމް މަހެވެ. މިޙަދީޘްގައިވާ ގޮތުން އެފަދަ ދަރިންނަކަށް ސުވަރުގެ ނުވަދެވޭނެއެވެ. ނަމަވެސް މިޙަދީޘްގެ މާނަ މިގޮތަށް ކުރެވިގެން ނުވާނެއެވެ. އެހެނީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހުން ވާރިދުވެގެން އައިސްފައިވާ އެހެން ޙަދީޘްތަކުން އެނގޭ ގޮތުގައި މިޙަދީޘްގެ މާނަކަމުގައި ކަށަވަރުކޮށްދެނީ ޙަރާމް އެއްޗެހިކައިގެން ޖަހާފައިވާ ކޮންމެމަހެއް އެންމެ އަޥްލާވެގެންވަނީ ނަރަކައަށް ދިއުން މިއެވެ.
ހަމައެފަދައިން ބައެއްމީހުން ބުނެއުޅެއެވެ. ޝަރުޢީ ބައްޕައެއްނުވާ ދަރިން ނަރަކައަށް ނުވަނަސް ސުވަރުގެއަކަށްވެސް ނުވަންނާނެއެވެ. އެކުދީންތިބޭނީ ސުވަރުގެއާއި ނަރަކައާއި ދެމެދުގައިވާ އަޢުރާފު ނަމަކަށް ކިޔާ ފަރުބަދައެއްގެ މަތީގައެވެ. މިއަށް ބަލާއިރު މިއީވެސް އެއްވެސް ދަލީލެއް އޮތް ވާހަކައެއްނޫނެވެ. އެހެނީ، ޤުރުއާނުގައި އައިސްފައިވާ އަޢުރާފުގެ އަހުލުވެރީންގެ ވާހަކަތަކާ ބެހޭ އެންމެ ޞައްޙަ ތަފްސީރުގައި އައިސްފައިވަނީ ” އައުރާފުގެ އަހުލުވެރީންނަކީ އެބައެއްގެ ހެޔޮކަންތައްތަކާއި ނުބައިކަންތައްތައް އެއްވަރުވެފައިވާ މީހުންކަމުގައެވެ. އެބައިމީހުންނަށް ސުވަރުގެ ނުވަދެވި ދުވަސްތަކެއް ވަންދެން އަޢުރާފު ނަމަކަށްކިޔޭ ތަނެއްގައި ސުވަރުގެއާއި ނަރަކަޢާއި ދެމެދުގައި ތިބޭނެތެވެ. އޭގެފަހުގައި ސުވަރުގެ ވަނުމަށް ﷲ ތަޢާލާ އެބައިމީހުންނަށް އަންގަވާނެތެވެ. ” މިކަން ކީރިތި ޤުރުއާނުގެ އަޢުރާފު ސޫރަތުގެ 46 ވަނަ އާޔަތުން 49 ވަނަ އާޔަތަށް ބަލައިލުމުންވެސް ހާމަވެގެންދެއެވެ.
– ނުނިމޭ –
_______________________________________________________
[1] މިއީ ހަމަ އެކަނި ރަސޫލާގެ މައްޗަށް ނިސްބަތްކޮށް ހަދަފައިވާ ދޮގުރިވާޔަތްތައް ބަޔާންކުރެވިފައިވާ ފޮތެކެވެ.
[2] اللفظ لأحمد