[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޖިންނީން (2)

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

މީގެ ސަބަބަކީ ޖިންނީން ވުޖޫދުގައިވާކަމަށް ނަބީބޭކަލުންގެ އަރިހުން މުތަވާތިރުކޮށް ޚަބަރު އައިސްފައިވުމެވެ. ޖިންނީންނާ ބެހޭގޮތުން ނަބީބޭކަލުން ޚަބަރު ދެއްވާފައިވަނީ އެއީ ދިރުންހުރި، ބުއްދި ހުރި، އަމިއްލަ އިޚްތިޔާރުގައި ކަންކަންކުރާ ބައެއް ކަމުގައެވެ. އެހެނެއްކަމަކު އެތަކެތީގެ މައްޗަށް އަމުރުވެގެންވާ ކަންތައްތަކަކާއި ނަހީވެގެންވާ ކަންތައްތަކެއްވެއެވެ. ބައެއް މުލްޙިދުން ދަޢުވާކުރާ ފަދައިން އެއީ އިންސާނުންނާ އެއްގޮތް ޞިފަތަކެއް ލިބިގެންވާ ބައެއް ނޫނެވެ. ނަބީބޭކަލުން މުތަވާތިރުކޮށް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ޖިންނީންގެ ޚަބަރު ދެއްވާފައިވުމުން އެކަން ޢާންމުންނާއި އެނޫންމީހުނަށްވެސް ވަނީ ދެނެގަނެވިފައެވެ.

އެހެންކަމުން ރަސޫލުބޭކަލުންނަށް އީމާންވާ ޖަމާޢަތްތަކުގެ ތެރެއިން ބޮޑު ޖަމާޢަތެއްގެ ބަޔަކު ޖިންނީންނަށް އިންކާރު ނުކުރެއެވެ. އެއީ ރަސޫލުބޭކަލުންނަށް އީމާންވާ ޖަމާޢަތްތަކުގެ ތެރެއިން ބޮޑު ޖަމާޢަތެއްގެ ބަޔަކު މަލާއިކަތުންނަށް އިންކާރު ނުކުރާފަދައިންނެވެ. އަދި ހަށިތައް އަލުން ދިރުއްވާނެ ކަމަށް އިންކާރު ނުކުރާފަދައިންނެވެ. އަދި ހަމައެކަނި ﷲ ތަޢާލާއަށް އަޅުކަންކުރުމާއި އެއިލާހާއި އެއްވެސް ފަރާތެއް ބައިވެރިނުކުރުމަށް އިންކާރު ނުކުރާފަދައިންނެވެ. އަދި އެއިލާހުގެ ޚަލްޤުތަކުންގެ ގާތަށް އިންސާނުންގެ ތެރެއިން ރަސޫލުބޭކަލުން ފޮނުއްވިކަމަށް އިންކާރު ނުކުރާފަދައިންނެވެ. އަދިވެސް އެފަދައިން މުތަވާތިރުކޮށް ނަބީބޭކަލުން ޚަބަރު ދެއްވާފައިވުމުގެ ސަބަބުން ޢާންމުންނާއި އެނޫންމީހުންނަށްވެސް އެނގިފައިވާކަންކަމަށް އިންކާރު ނުކުރާފަދައިންނެވެ.

އެއީ ފިރުޢައުނުގެ ގާތަށް މޫސާގެފާނު ފޮނުއްވުމާއި ފިރުޢައުނު ޣަރަޤުވުމާއި، ޔަހޫދީންގެ ގާތަށް އަލްމަސީޙު (ޢީސާގެފާނު) ފޮނުއްވުމާއި އެބައިމީހުން އެކަލޭގެފާނަށް ޢަދާވާތްތެރިވުމާއި، މުޙައްމަދު صلى الله عليه وسلم މައްކާގައި ފާޅުވުމާއި އެކަލޭގެފާނު މަދީނާއަށް ހިޖުރަކުރެއްވުމާއި، ޤުރުއާނާއި ފާޅުވެގެންވާ ޝަރީޢަތާއިގެން އެކަލޭގެފާނު ވަޑައިގަތުމާއި، އެކަލޭގެފާނުގެ އަތްޕުޅު މައްޗަށް ފާޅުވި މުއުޖިޒާތްތަކުގެ ތެރެއިން ކާބޯތަކެތި އިތުރުވުމާއި، މާޟީގައި ހިނގާފައިވާ އަދި މުސްތަޤްބަލުގައި ވާނޭ ޣައިބުގެ ކަންތައްތަކުގެ ތެރެއިން އިންސާނުންގެ ތެރެއިން ﷲ ތަޢާލާ އެންގެވި ފަރާތަކަށް ނޫނީ ނޭނގޭނެ ފަދަ ކަންތައްތަކުން އެކަލޭގެފާނު ޚަބަރު ދެއްވުމާއި، އަދި މިނޫންވެސް އެފަދަ ޢާންމުންނާއި އެނޫންމީހުންނަށް އެނގޭ ކަންތައްތައް ފަދައިންނެވެ.

މިހެން މިކަން އޮތުމުން އަހުލުކިތާބީންގެ ގާތުގައި ތަކުރާރުކޮށް އައިސްފައިވާ ކަންކަމާ ގުޅޭގޮތުން ސުވާލުކުރުމަށް ﷲ ތަޢާލާ ރަސޫލުﷲ صلى الله عليه وسلمއަށް އަމުރު ކުރައްވާފައިވެއެވެ. އެއީ އެއިލާހުގެ އަންނަނިވި ބަސްފުޅުގައި ވަޙީކުރައްވާފައިވާ ފަދައިންނެވެ.

﴿وَمَا أَرْسَلْنَا مِن قَبْلِكَ إِلَّا رِجَالًا نُّوحِي إِلَيْهِمْ ۚ فَاسْأَلُوا أَهْلَ الذِّكْرِ إِن كُنتُمْ لَا تَعْلَمُونَ﴾  [سورة النحل٤٣]

މާނައީ: “އަދި ކަލޭގެފާނުގެ ކުރިންވެސް އެބަޔަކަށް ތިމަންއިލާހު ވަޙީ އިއްވަވާ، ރަސޫލުކަމާއިގެން ފިރިހެނުން މެނުވީ، ނުފޮނުއްވަމެވެ. ފަހެ ތިޔަބައިމީހުން ނުދަންނަ ކަމުގައި ވާނަމަ، ތިޔަބައިމީހުން ޢިލްމުގެ އަހުލުވެރިންނާ ސުވާލުކުރާށެވެ.”

ފަހެ ﷲ ތަޢާލާ އިންސާނުންގެ ތެރެއިން ރަސޫލުބޭކަލުން ފޮނުއްވެވިކަމަށް އިންކާރުކުރި ބަޔަކު ކާފިރުންގެ ތެރެއިންވިއެވެ. ފަހެ މުޙައްމަދުގެފާނުގެ ކުރިން ފޮނުއްވެވި ރަސޫލު ބޭކަލުންނަކީ އިންސާނުންކަމަށް ފަހެ އެއިލާހު ޚަބަރު ދެއްވިއެވެ. އަދި އެކަން ނޭނގޭ މީހުން އަހުލުކިތާބީންނާއި ސުވާލުކުރުމަށް އަމުރު ކުރެއްވިއެވެ.

އަދި ހަމަ މިފަދައިން ﷲ ތަޢާލާ އެއްކައުވަންތަ ކުރުމާއި އަދި މިނޫންވެސް ނަބީބޭކަލުން އެކަންކަމައިގެން ވަޑައިގެންނެވި ކަންކަމާބެހޭގޮތުން އެބައިމީހުންނާ (އަހުލުކިތާބީންނާ) ސުވާލުކުރުމަށް އެންގެވިއެވެ. އެއީ ކާފިރުން އެކަންކަމަށް ކާފިރުވި ކަންކަމެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

 ﴿… قُلْ كَفَىٰ بِاللَّـهِ شَهِيدًا بَيْنِي وَبَيْنَكُمْ وَمَنْ عِندَهُ عِلْمُ الْكِتَابِ﴾ [سورة الرعد ٤٣]

މާނައީ: “… ކަލޭގެފާނު ވިދާޅުވާށެވެ. ތިމަންކަލޭގެފާނާއި، ތިޔަބައިމީހުންނާ ދެމެދުގައި ހެތްކެއްކަމަށްﷲ ފުދެތެވެ. އަދި ފޮތުގެޢިލްމު ލިބިގެންވާ މީހުންވެސްމެއެވެ.”

އަދި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

 ﴿ فَإِن كُنتَ فِي شَكٍّ مِّمَّا أَنزَلْنَا إِلَيْكَ فَاسْأَلِ الَّذِينَ يَقْرَءُونَ الْكِتَابَ مِن قَبْلِكَ …﴾ [سورة يونس٩٤]

މާނައީ: “ފަހެ، ތިމަންއިލާހު ކަލޭގެފާނަށް ބާވައިލެއްވި ތަކެއްޗާމެދު، ކަލޭގެފާނު ޝައްކެއްގައިވާނަމަ، ކަލޭގެފާނުގެ ކުރިން ފޮތްކިޔާއުޅުނު މީހުންނާ ސުވާލު ކުރައްވާށެވެ…”

އަދި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿ قُلْ أَرَأَيْتُمْ إِن كَانَ مِنْ عِندِ اللَّـهِ وَكَفَرْتُم بِهِ وَشَهِدَ شَاهِدٌ مِّن بَنِي إِسْرَائِيلَ عَلَىٰ مِثْلِهِ فَآمَنَ وَاسْتَكْبَرْتُمْ …﴾ [سورة  الأحقاف١٠]

މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުން ޚަބަރު ދީބަލާށެވެ. އެޤުރުއާނަކީ، ﷲގެ ޙަޟްރަތުންއައި ފޮތެއް ކަމަށްވެފައި، (އަދި ތިޔަބައިމީހުން އެއަށް ކާފިރުވެއްޖެނަމަ ތިޔަބައިމީހުންނީ، އަމިއްލަ ނަފްސަށް އަނިޔާވެރި ބަޔަކުކަމުގައި ނުވޭހެއްޔެވެ.) އަދި އިސްރާއީލުގެ ދަރިންކުރެ ހެކިދޭމީހަކު އެފޮތުގެ މައްޗަށް (އެއީ ތެދުކަމަށް) ހެކިދީފިއެވެ. ފަހެ، އޭނާ (އެއަށް) އީމާންވިއެވެ. އަދި ތިޔަބައިމީހުން (އެއަށް އީމާންނުވެ) ބޮޑާވެގެންފީމުއެވެ.”

=ނުނިމޭ=

މިއީ ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ގެ މަޖްމޫޢުލްފަތާވާގެ ފަތުވާއެއްގެ ތަރުޖަމާއެވެ.

މިލިޔުމުގެ އެހެން ބައިތައް