[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އުފަންދުވަސް ފާހަނގަ ކުރުން

އުފަންދުވަހަކީ އަހަރަކު އެއްފަހަރު ކޮންމެ މީހަކަށުވެސް އެމީހަކު އުފަންވީ ދުވަސް ފާހަނގަ ކުރުމުގެ ގޮތުން ފާހަނގަ ކުރާ ދުވަހެކެވެ. ދުނިޔޭގެ އެހެން މުޖުތަމަޢަ ތަކެކޭވެސް އެއްފަދައިން މުސްލިމުންގެ ތެރޭގައިވެސްއުފަންދުވަސް ފާހަނގަ ކުރުން މިވަނީ ޢާއްމު ކަމަކަށްވެފައެވެ. އުފަންދުވަސް ފާހަނގަ ކުރުމަކީ އިސްލާމީ ޝަރީޢަތުގައި އެއްވެސް އަޞްލެއްނެތް ކަމެކެވެ. މީގެ އިތުރުން އުފަންދުވަސް ފާހަނގަ ކުރުމުގައި ބިދުޢަ އަށް ހިތްވަރު ދިނުމާއި ބިދުޢައަށް ދަޢުވަތުދިނުންވެސް އޭގައި އެކުލެވިގެންވެއެވެ.

ކީރިތި ޤުރުއާނުގައި މާތްﷲ ވަޙީ ކުރައްވާފައިވެއެވެ.

” أَمْ لَهُمْ شُرَ‌كَاءُ شَرَ‌عُوا لَهُم مِّنَ الدِّينِ مَا لَمْ يَأْذَن بِهِ اللَّـهُ  ” ﴿٢١﴾ سورة الشورى

މާނައީ: ” ނުވަތަ اللَّه، إذن ދެއްވާފައިނުވާ دين އެއް، އެއުރެންނަށް، شرع ކޮށް ކަނޑައަޅައިދިން شريك ންތަކެއް އެއުރެންނަށް ވޭހެއްޔެވެ؟ “

” ثُمَّ جَعَلْنَاكَ عَلَىٰ شَرِ‌يعَةٍ مِّنَ الْأَمْرِ‌ فَاتَّبِعْهَا وَلَا تَتَّبِعْ أَهْوَاءَ الَّذِينَ لَا يَعْلَمُونَ ﴿١٨﴾ إِنَّهُمْ لَن يُغْنُوا عَنكَ مِنَ اللَّـهِ شَيْئًا ۚ وَإِنَّ الظَّالِمِينَ بَعْضُهُمْ أَوْلِيَاءُ بَعْضٍ ۖ وَاللَّـهُ وَلِيُّ الْمُتَّقِينَ ﴿١٩﴾ ”  سورة الجاثية

މާނައީ:

” ދެން ތިމަންރަސްކަލާނގެ دين ގެ ކަންތަކުގައި (ފާޅުވެގެންވާ) شريعة އެއްގެ މަތީގައި ކަލޭގެފާނު ލެއްވީމެވެ. ފަހެ، ކަލޭގެފާނު އެޔަށް تبع ވެވަޑައިގަންނަވާށެވެ! އަދި ނުދަންނަ މީހުންގެ އެދުންތަކަށް ކަލޭގެފާނު تبع ވެވަޑައި ނުގަންނަވާށެވެ! ހަމަކަށަވަރުން، އެއުރެންނަކަށް اللَّه ގެ حضرة ން ކަލޭގެފާނަކަށް އެއްވެސް ކަމެއް ފުއްދައެއް ނުދެވޭނެތެވެ. އަދި ހަމަކަށަވަރުން، އަނިޔާވެރިންނީ އެއުރެންގެ އެއްބަޔަކު އަނެއްބަޔެއްގެ އެހީތެރިންނެވެ. އަދި اللَّه އީ، تقوى ވެރިންގެ އެހީތެރިވަންތަ ރަސްކަލާނގެއެވެ. “

” اتَّبِعُوا مَا أُنزِلَ إِلَيْكُم مِّن رَّ‌بِّكُمْ وَلَا تَتَّبِعُوا مِن دُونِهِ أَوْلِيَاءَ ۗ قَلِيلًا مَّا تَذَكَّرُ‌ونَ ﴿٣﴾ “ سورة الأعراف

މާނައީ: ” ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން، ތިޔަބައިމީހުންނަށް ބާވައިލެއްވި ފޮތަށް ތިޔަބައިމީހުން تبع ވާށެވެ! އަދި އެކަލާނގެ ފިޔަވައި، އެހެން އެހީތެރިންތަކަކަށް تبع ނުވާށެވެ! ތިޔަބައިމީހުން ހަނދުމަކުރަނީ، ވަރަށްވެސް މަދުންނެވެ. “

އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

“ތިމަންކަލޭގެފާނުގެ މިކަމުގެ ތެރެއަށް ( އެބަހީ އިސްލާމްދީނުގެ ތެރެއަށް ) އާކަމެއް ވައްދައިފިމީހަކަށް އެކަމެއް ވަނީ ރައްދު ވެވިގެންނެވެ. “ ( މުސްލިމް )

އުފަންދުވަސް ފާހަނގަ ކުރުމުގެތެރޭގައި ޔަހޫދީންނާއި ނަޞާރާއިންގެ ގޮތްތައްވެސް އެކުލެވިގެންވެއެވެ. އަޅުގަނޑުމެނަށް އަމުރު ވެވިގެންވަނީ އެމީހުންނާއި ޚިލާފުވުމަށެވެ.

ކީރިތި ރަސޫލާ ޙަދީޘް ކުރެއްވިއެވެ.

” ތިޔަބައިމީހުން އިސްވެގޮސްފައިވާ މީސްތަކުންގެ ގޮތްތަކަށް ތިޔަބައިމީހުން ތަބާވާނެތެވެ. މުށަކަށްފަހު މުށެކެވެ. ކައިވަތަކަށްފަހު ކައިވަތެކެވެ. ދެންފަހެ އެބައިމީހުންގޮސް ބޮނޑެއްގެ ހޮރަކަށް ވަންކަމުގައިވީނަމަވެސް ތިޔަބައިމީހުން އެމީހުންގެފަހަތުންގޮސް އެ ހޮރަށް ވަންނާނެތެވެ. އެއްސެވުނެވެ. ﷲ ގެ ރަސޫލާއެވެ. އެއީ ޔަހޫދީންނާއި ނަޞާރާއިންތޯއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ދެންފަހެ ކޮންބައެއްތޯއެވެ؟ “ ( ބުޚާރީ އާއި މުސްލިމް )