الحمد لله والصلاة والسلام على نبينا محمد وعلى آله وصحبه أجمعين. أما بعد:
މިއުއްމަތުގެ ނަބިއްޔާ މުޙައްމަދު صلى الله عليه وسلمގެ މައްޗަށް އެންމެ ފުރަތަމަ ބާއްވައިލެއްވުނު ވަޙީގެ ބަސްފުޅަކީ “اقرأ”އެވެ. “ކިޔަވާ ވިދާޅުވާށެވެ” މިއެވެ. އެހެންކަމުން، މާތް ﷲ ގެ ޙަޟްރަތުގައި ޢިލްމަށް ދެވިފައިވާ ޝަރަފާއި މަތިވެރިކަން ކީރިތި ރަސޫލާ صلى الله عليه وسلمގެ މައްޗަށް ބާއްވައިލެއްވުނު ވަޙީގެ ފުރަތަމަ ބަސްފުޅުންވެސް ހާމަވެގެންދެއެވެ.
ޢިލްމަށް ލިބިފައިވާ ޤަދަރުގެ ސަބަބުން ޢިލްމު ޙާޞިލުކުރައްވައިގެން ތިއްބަވާ ޢާލިމުންނާ، ޢިލްމުން މިންވަރެއް ޙާޞިލުނުކޮށް ތިބޭ ޖާހިލުންނާ އެއްފަދަ ވެގެނެއްނުވެއެވެ. އެހެންކަމުން، އިންކާރު ކުރައްވާ ޙާލު މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ.
﴿قُلْ هَلْ يَسْتَوِي الَّذِينَ يَعْلَمُونَ وَالَّذِينَ لَا يَعْلَمُونَ﴾ [الزمر:9]
މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! ދަންނަމީހުންނާއި، ނުދަންނަމީހުން ހަމަހަމަވާނެ ހެއްޔެވެ!”
ޢިލްމު އިތުރުކޮށްދެއްވުމަށް އެދި އެއިލާހުގެ ޙަޟްރަތުގައި ދެންނެވުމަށް މާތް ނަބިއްޔާ صلى الله عليه وسلمއަށް މާތް ﷲ ވަނީ ކީރިތި ޤުރްއާނުގައި އަންގަވާފައެވެ. ޢިލްމު ފިޔަވައި އެހެން އެއްޗެއް އިތުރުކޮށްދެއްވުމަށް އެކަލޭގެފާނަށް ކީރިތި ޤުރްއާން މެދުވެރިކުރައްވާ މާތް ﷲ އިރުޝާދު ދެއްވާފައެއް ނުވެއެވެ. މިކަމުންވެސް ޢިލްމަށް މާތް ﷲ ގެ ޙަޟްރަތުގައި ދެވިފައިވާ މާތްކަމާއި ޝަރަފު ހާމަވެގެންދެއެވެ. މާތް ﷲ سبحانه وتعالىވަޙީކުރައްވާފައިވެއެވެ.
﴿وَقُل رَّبِّ زِدْنِي عِلْمًا ﴾[طه 114]
މާނައީ: ” އަދި ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރިރައްބެވެ. މިއަޅާއަށް ޢިލްމު އިތުރުކޮށްދެއްވާނދޭއެވެ.”
ހަމައެހެންމެ، މާތް ﷲ އަޅަކަށް ހެވެއް މިންވަރު ކުރައްވަން އިރާދަކުރައްވައިފިނަމަ އެއިލާހުގެ ދީނުގެ ޢިލްމު އެ އަޅަކަށް ދެއްވައެވެ. ދީނުގެ “ފަހުމު” ނުވަތަ ހެޔޮ ވިސްނުން ދެއްވައެވެ. ކީރިތި ރަސޫލާ صلى الله عليه وسلمމިކަމަށް އިޝާރާތްކުރައްވާ ޙަދީޘްފުޅު ކުރެއްވިއެވެ.
((مَنْ يُرِدِ اللَّهُ بِهِ خَيْرًا يُفَقِّهْهُ فِي الدِّينِ)) [متفق عليه]
މާނައީ: ” މާތް ﷲ އަޅަކަށް ހެވެއް މިންވަރު ކުރައްވަން އިރާދަކުރައްވައިފިނަމަ އެ އަޅަކަށް އިސްލާމްދީނުގެ ޢިލްމު (އަދި ދީނުގެ ހެޔޮ ވިސްނުން) ދެއްވައެވެ.” (ބުޚާރީއާއި މުސްލިމް)
ހަމަކަށަވަރުން ޙަދީޘްގައިވާ ފަދައިން، ޢިލްމުވެރިންނަކީ ނަބީބޭކަލުންގެ ވާރުތަވެރިންނެވެ. އެބައިމީހުން ވާރުތަވެރިންނަށް ވަނީ ނަބީބޭކަލުން ދޫކުރައްވާފައި ވަޑައިގެންނެވި ޢިލްމުގެ ނަސީބު އެބައިމީހުން ލިބިގަންނާތީއެވެ. އެހެނީ، ނަބީބޭކަލުންނަކީ މުދާ ދޫކުރެއްވި ބައެއް ނޫނެވެ. އެބޭކަލުން ދޫކުރެއްވީ ޢިލްމެވެ. އެހެންކަމުން، އެބޭކަލުންގެ ވާރުތަވެރިންނަކީ ޢިލްމުވެރިންނެވެ. ވުމާއެކު ޢިލްމުން މިންވަރެއް ހޯދައިފި މީހަކު ބޮޑުވެގެންވާ ނަސީބެއް ލިބިގެންފިކަން ކަށަވަރެވެ. ޢިލްމުގެ ސަބަބުން ޢާލިމުން ވަނީ އެހެން ހުރިހާ އަޅުތަކުންގެ މައްޗަށް މާތްވެގެންވެއެވެ.
މާތް ނަބިއްޔާ صلى الله عليه وسلمޙަދީޘް ކުރެއްވިއެވެ.
((…وَفَضْلُ العَالِمِ عَلَى العَابِدِ، كَفَضْلِ القَمَرِ عَلَى سَائِرِ الكَوَاكِبِ، وَإِنَّ العُلَمَاءَ وَرَثَةُ الأَنْبِيَاءِ، إِنَّ الأَنْبِيَاءَ لَمْ يُوَرِّثُوا دِينَارًا وَلَا دِرْهَمًا إِنَّمَا وَرَّثُوا العِلْمَ، فَمَنْ أَخَذَ بِهِ أَخَذَ بِحَظٍّ وَافِرٍ.)) [صحيح الترغيب والترهيب]
މާނައީ: “…އަދި ޢިލްމުވެރިޔާގެ މަތިވެރިކަން އަޅުވެރިޔާގެ މައްޗަށްވާކަން ކަށަވަރީ ހަނދުގެ މާތްކަން އެހެން ހުރިހާ ތަރިތަކެއްގެ މައްޗަށްވާ ފަދައިންނެވެ. އަދި ހަމަކަށަވަރުން ޢިލްމުވެރިންނަކީ ނަބީބޭކަލުންގެ ވާރުތަވެރިންނެވެ. ހަމަކަށަވަރުން، ނަބީބޭކަލުން ތަރިކައިގެ ގޮތުގައި ދީނާރެއް ދިރުހަމެއް ދޫނުކުރައްވައެވެ. އެބޭކަލުން ތަރިކައިގެ ގޮތުގައި ދޫކުރައްވައި ވަޑައިގެންނެވީ ޢިލްމެވެ. ފަހެ، އެ ޢިލްމު ލިބިގެންފި މީހާ ބޮޑުވެގެންވާ ނަސީބެއް ހޯދައިގެންފިކަން ކަށަވަރެވެ.”
އަދިވެސް މި ޙަދީޘްގައި، ޢިލްމުވެރިޔާއަށް ލިބިގެންވާ މަތިވެރިކަން ބަޔާންކުރައްވާފައިވެއެވެ. އެގޮތުން، އޭނަގެ ފާފަ ފުއްސެވުމަށް މާތް ﷲ ގެ ޙަޟްރަތުގައި ހުރިހާ މަޚްލޫޤުން ދަންނަވާ ކަމަށް އައިސްފައިވެއެވެ.
((…وَإِنَّ العَالِمَ لَيَسْتَغْفِرُ لَهُ مَنْ فِي السَّمَوَاتِ وَمَنْ فِي الأَرْضِ حَتَّى الحِيتَانُ فِي المَاءِ…))[صحيح الترغيب والترهيب]
މާނައީ: “…އަދި ހަމަކަށަވަރުން ޢިލްމުވެރިޔާއަށްޓަކައި އުޑުތަކާއި ބިމުގައި ވާހާ މަޚްލޫޤުން އިސްތިޣްފާރު ކުރާނެއެވެ. ފެންގަނޑުގައިވާ މަހަށް ދާންދެނެއެވެ…”
އަދި ހަމައެހެންމެ، މާތް ﷲ ގެ ރުއްސެވުން އެދިގެން ޢިލްމު ޙާޞިލުކުރަން ނުކުމެއްޖެ މީހަކަށް މާތް ﷲ ސުވަރުގެއަށް ދިއުމަށް މަގު ތަނަވަސްކޮށްދެއްވައެވެ. އަދި އެމީހަކަށްޓަކައި މަލާއިކަތް ބޭކަލުންގެ ވަރަފުޅުތަކުން ހިޔާ އަޅުއްވައެވެ.
((مَنْ سَلَكَ طَرِيقًا يَلْتَمِسُ فِيهِ عِلْمًا سَهَّلَ اللَّهُ لَهُ طَرِيقًا إِلَى الجَنَّةِ، وَإِنَّ المَلَائِكَةَ لَتَضَعُ أَجْنِحَتَهَا لِطَالِبِ العِلْمِ رِضاً بِمَا يَصْنَعُ…)) [صحيح الترغيب والترهيب]
މާނައީ:” ޢިލްމު އުނގެނުމުގެމަގުގައި ނުކުމެއްޖެ މީހަކަށް ސުވަރުގެ ދިއުމަށް ﷲތަބާރަކަ ވަތަޢާލާ މަގެއް ތަނަވަސް ކޮށްދެވައެވެ. އަދި ހަމަކަށަވަރުން އުނގެނޭ މީހާގެ ޢަމަލާމެދު ރުހި، އެމީހެއްގެ މައްޗަށް މަލާއިކަތް ބޭކަލުންގެ ވަރަފުޅުތަކުން ހިޔާ އަޅުއްވާނެއެވެ…”
އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މުސްލިމަކުވެސް މާތް ﷲ ގެ ދީނުގެ ޢިލްމުން ކޮންމެވެސް މިންވަރެއް ލިބޭތޯ މަސައްކަތް ކުރަންވާނެއެވެ. ﷲ ގެ ދީނުގެ ފޮތްތައް ބަލާ، ދަރުސްތައް އަޑުއަހާ، ޤުރުއާން ހިތު ދަސްކޮށް، އޭގެ ތަފްސީރު ބަލާ، ޙަދީޘް ފޮތްތައް ބަލާ، އޭގެ ޝަރަޙަ ދިރާސާކޮށް ހެދުމަކީ އަޅުގަނޑުމެންގެ ދުވަހުގެ ތާވަލުގެ ތެރޭގައި ހިމެނުން މުހިއްމު ކަންތަކެވެ. މިއީ ގޭގައި ތިބެގެންވެސް ކުރެވިދާނެ ކަމެކެވެ.
މާތް ﷲ އަޅަމެންނަށް އެއިލާހުގެ ދީނުގެ ޢިލްމާއި ހެޔޮ ވިސްނުން ދެއްވާފާނދޭވެ. އާމީން!