بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
أَلَمْ نَشْرَحْ لَكَ صَدْرَكَ ﴿١﴾ وَوَضَعْنَا عَنكَ وِزْرَكَ ﴿٢﴾ الَّذِي أَنقَضَ ظَهْرَكَ ﴿٣﴾ وَرَفَعْنَا لَكَ ذِكْرَكَ ﴿٤﴾ فَإِنَّ مَعَ الْعُسْرِ يُسْرًا ﴿٥﴾ إِنَّ مَعَ الْعُسْرِ يُسْرًا ﴿٦﴾ فَإِذَا فَرَغْتَ فَانصَبْ ﴿٧﴾ وَإِلَىٰ رَبِّكَ فَارْغَب ﴿٨﴾
މާނައީ: “ތިމަންރަސްކަލާނގެ، ކަލޭގެފާނުގެ ހިތްޕުޅު ކަލޭގެފާނަށްޓަކައި ތަނަވަސްކޮށް ނުދެއްވަންތޯއެވެ؟ އަދި ކަލޭގެފާނުގެ ކުށްތައް، ކަލޭގެފާނުގެ ކިބައިން ތިމަންރަސްކަލާނގެ ދުރުކުރެއްވީމެވެ. އެއީ ކަލޭގެފާނުގެ ބުރަކަށިފުޅަށް ބުރަކަންދީފައިވާ ކަންތަކެވެ. އަދި ކަލޭގެފާނަށްޓަކައި ތިމަންރަސްކަލާނގެ، ކަލޭގެފާނުގެ ޛިކުރު މަތިވެރިކުރެއްވީމެވެ. ފަހެ، ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ. ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ. ފަހެ، ކަލޭގެފާނު އަވަދިވެވަޑައިގަންނަވާހިނދު، ފަހެ، ކަލޭގެފާނު (އަޅުކަން ކުރެއްވުމުގައި( ވަރުބަލިވެ ވަޑައިގަންނަވާށެވެ! އަދި ހަމައެކަނި، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތަށް، ފަހެ، ކަލޭގެފާނު އެދިވަޑައިގަންނަވާށެވެ!”
ﷲ ސުބުޙާނަހޫ ވަތަޢާލާގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަގެ މައްޗަށް ތަނަވަސްކޮށްދެއްވާފައިވާ ނިޢުމަތްތަކުގެ ވާހަކަ ބަޔާންކުރައްވަމުން ވަޙީ ކުރައްވާފައިވަނީ ((أَلَمْ نَشْرَحْ لَكَ صَدْرَكَ)) “ތިމަންރަސްކަލާނގެ، ކަލޭގެފާނުގެ ހިތްޕުޅު ކަލޭގެފާނަށްޓަކައި ތަނަވަސްކޮށް ނުދެއްވަންތޯއެވެ؟” މިފަދައިންނެވެ. ސުވާލެއްގެގޮތުގައި މި އާޔަތް ގެންނަވާފައިވުމުން ޢިލްމުވެރިން ބަޔާންކުރައްވާފައިވަނީ އެއީ އެބުނާކަމެއް އެގޮތަށް ހިނގިކަން ބަޔާންކޮށްދެއްވުމުގެގޮތުން ގެންނަވާފައިވާ ސުވާލެއްކަމަށެވެ. މިފަދަ ގޮތަށް އެބުނާކަމެއް އެގޮތަށް ހިނގިކަން ބަޔާންކުރުމުގެގޮތުން ގެންނަ ސުވާލަށް ޢަރަބިބަހުން ކިޔަނީ “އިސްތިފްހާމުއް ތަޤްރީރު” އެވެ.(1) ކީރިތި ޤުރުއާނުގެ ވަރަށް ގިނަ ތަންތަނުގައި މި ގޮތަށް ސުވާލު އައިސްފައި އެބަހުއްޓެވެ. އެހެންކަމުން، ﷲ ގެ ވަޙީ ބަސްފުޅު ((أَلَمْ نَشْرَحْ لَكَ)) މި އާޔަތުގެ މާނައަކީ؛ “ތިމަންރަސްކަލާނގެ، ކަލޭގެފާނުގެ ހިތްޕުޅު ކަލޭގެފާނަށްޓަކައި ތަނަވަސްކޮށްދެއްވީމެވެ.” އެހެނީ، ﷲ ސުބުޙާނަހޫ ވަތަޢާލާ އެއްބަސްވެވޮޑިގެންފައި އެވަނީ އެކަލާނގެ އެކަލޭގެފާނުގެ ހިތްޕުޅު ތަނަވަސްކޮށްދެއްވިކަމަށެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާގެ ވަޙީ ބަސްފުޅު ((أَلَمْ نَشْرَحْ لَكَ صَدْرَكَ)) ދަންނައެވެ. މި އާޔަތުގައި މިވާ ޝަރަޙުކުރުމުގެ މުރާދަކީ ތަނަވަސްކޮށްދެއްވުމެވެ. މި ތަނަވަސްކޮށްދެއްވުމަކީ ޙިއްސީ ތަނަވަސްކޮށްދެއްވުމެއް ނޫނެވެ. އެއީ މަޢުނަވީ ތަނަވަސްކޮށްދެއްވުމެކެވެ. ހިތް ތަނަވަސްކޮށްދެއްވުމަކީ؛ އެއީ ﷲ ޢައްޒަ ވަޖައްލަގެ ޙުކުމްފުޅުތަކަށް ހިތް ތަނަވަސްކޮށްދެއްވުމެވެ. ﷲ ގެ ޙުކުމްފުޅުތަކުގެ ދެ ވައްތަރެއްވެއެވެ.
(1) ﷲގެ ޝަރުޢީ ޙުކުމްފުޅުތައް: ﷲގެ ޝަރުޢީ ޙުކުމްފުޅުތަކަކީ އެއިލާހުގެ ދީނެވެ.
(2) ﷲގެ ޤަދަރީ ޙުކުމްފުޅުތައް: ﷲގެ ޤަދަރީ ޙުކުމްފުޅުތަކަކީ އިންސާނާއަށް ކުރިމަތިވާ މުޞީބާތްތަކެވެ.
އެގޮތުން، ﷲގެ ޝަރުޢީ ޙުކުމްފުޅުތަކަށް ބޯލެނބުމަށްޓަކައި ހަވާނަފްސަށް ތަބާވުން ދޫކޮށްލާންޖެހެއެވެ. މި ސަބަބާހުރެ ﷲގެ އަމުރުފުޅުތަކަށް ބޯލެނބުމަށް އިންސާނާއަށް އުނދަގޫވެދެއެވެ. އަދި ﷲ ޙަރާމްކުރައްވާފައިވާ ކަންތައްތަކުން ދުރުހެލިވުމަށް އުނދަގޫވެދެއެވެ. އެއީ އިންސާނާގެ ހަވާނަފްސާ ދެކޮޅަށް ކަންތައްތަކެއް ކުރަން ޖެހުމުގެ ސަބަބުންނެވެ. ނަފްސަކީ ނުބައިކަންތަކަށް އަބަދުވެސް އަމުރުކުރާ އެއްޗަކަށްވީތީވެ، އިންސާނާގެ ކިބައިގައި ﷲގެ އަމުރުފުޅުތައް އަށަގެންނެވުމާއި، އެކަލާނގެ ނަހީކުރައްވާފައިވާ ކަންކަމުން އެއްކިބާވުމުގެ ޞިފަ ލެހެއްޓުމަށް އުނދަގޫވެދެއެވެ. މީސްތަކުންކުރެ ބައެއްމީހުންނަށް ނަމާދަކީ ބުރަ އެއްޗެއްކަމުގައިވެދެއެވެ. މުނާފިޤުންނާބެހޭގޮތުން ﷲ ވަޙީ ކުރައްވާފައިވާ ފަދައިންނެވެ. ((وَإِذَا قَامُوا إِلَى الصَّلَاةِ قَامُوا كُسَالَىٰ)) (النساء: 142) މާނައީ: “އަދި، އެބައިމީހުން ނަމާދަށް ތެދުވާއިރު، ކަންނެތްވެ ތިބެ ތެދުވެތެވެ.” އަދި މީސްތަކުންކުރެ އަނެއް ބަޔަކަށް ނަމާދަކީ ލުއި އެއްޗެއް ކަމުގައިވެ، ބައެއްފަހަރަށް ނަމާދަށް ޝައުޤުވެރިކަން ބޮޑުވެ، ނަމާދަކީ ޙަޔާތުގެ އެންމެ މުހިއްމު އެއްކަން ކަމުގައި ވެދެއެވެ. މިގޮތުން، ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. ((جُعِلَتْ قُرَّةُ عَيْنِي فِي الصَّلاةِ)) (رواه أحمد) މާނައީ: “ތިމަންކަލޭގެފާނުގެ ލޮލުގެ ފިނިކަން ލެއްވިގެންވަނީ ނަމާދުގައެވެ.”
އެހެންކަމުން، ﷲ ބާވާލައްވާފައިވާ ޝަރުޢުގައިވާ ޙަރާމްކަންތައްތަކުން ދުރުހެލިވުމަކީ ނަފްސުތަކަށް ބުރަކަމެކެވެ. މީސްތަކުންކުރެ ބައެއްމީހުން އެމީހުންގެ މައްޗަށް ޙަރާމްކުރައްވާފައިވާ ޒިނޭކުރުމާއި ރާބުއިންފަދަ ކަންކަމަށް ނަފްސުތައް ގޮވާލެއްބޮޑުކަމާހުރެ އެކަންކަމުން ދުރުވުމަކީ ބުރަކަމެއްކަމުގައިވެއެވެ. އަދި މީސްތަކުންކުރެ ބައެއްމީހުންގެ ހިތްތައް އެފަދަ ނުބައިކަންކަމަށް ތަނަވަސްވެފައިވާލެއް ބޮޑުކަމާހުރެ، އެފަދަ ނުބައިކަމެއް ނުކޮށް ކެތްކުރުމާއި، އެފަދަ ކަންކަމުގެ ކުރިމަތީގައި ހިތްވަރާއެކު ޘާބިތުވެ ﷲ ޙަރާމްކުރައްވާފައިވާ ކަންކަމުން ދުރުހެލިވެ އެއްކިބާވެއެވެ. ނިކަންހުރެ، ޔޫސުފް ޢަލައިހިއް ޞަލާތު ވައްސަލާމްގެ ޙަޔާތްޕުޅަށް ބައްލަވާލައްވާށެވެ. ފާޙިޝް ޢަމަލެއް ކުރުމަށްޓަކައި ޢަޒީޒުގެ އަނބިކަނބަލުން ހުރިހާ ދޮރުތަކެއް ލައްޕައި ތަންޑުއެޅުވުމަށްފަހު ދެންނެވިއެވެ. ކަލޭގެފާނު ތިމަންކަމަނާގެ ގާތަށް ވަޑައިގަންނަވާށެވެ. އެހިނދު އެކަމަނާހުރީ އެކަލޭގެފާނަށްޓަކައި އެންމެ ރިވެތިވެގެންވާ ހެދުމުގައެވެ. އެންމެ ރިވެތި ޞޫރާގައި ޒީނަތްތެރިވެގެންނެވެ. އަދި އެތަން ވަނީ އެކަކަށްވެސް ނުވަދެވޭނެފަދަގޮތަކަށް ދޮރުތައް ލައްޕައި ތަންޑުއަޅާފައެވެ. މިފަދަ ޙާލަތެއްގައި އެކަމަނާ އެކަލޭގެފާނަށް ދެންނެވިއެވެ. ކަލޭގެފާނު ތިމަންކަމަނާގެ ގާތަށް ވަޑައިގަންނަވާށެވެ. އެކަލޭގެފާނު ދެންނެވިއެވެ. مَعَاذَ الله އެވެ. (އެބަހީ: ﷲ ގެ ރައްކާތެރިކަމަށް އެދެމެވެ.) އެކަލޭގެފާނުގެ ވެރި ރައްބުގެ ޙަޟްރަތުން އެކަލޭގެފާނު ސަލާމަތްކަމަށް މިއެދުނު ދަނޑިވަޅަކީ އުނދަގޫ ދަނޑިވަޅެކެވެ. އެ ދަނޑިވަޅަކީ ޒުވާނަކު ޢަޒީޒުގެ އަނބިކަނބަލުންނާއެކު، އެކަހެރި، އެއްވެސް މީހަކަށް ނުވަދެވޭފަދަ ތަނެއްގައި ތިބި ނާޒުކު ދަނޑިވަޅެކެވެ. މިފަދަ ދަނޑިވަޅެއްގައި އިންސާނާގެ ނަފްސު އެ ފާޙިޝްކަމަށް އަރައިގަތުމަށް ފަހަރެއްގައި ގޮވާލަފާނެއެވެ. މި ސަބަބާހުރެ ﷲ ވަޙީ ކުރައްވާފައިވެއެވެ. ((وَلَقَدْ هَمَّتْ بِهِ ۖ وَهَمَّ بِهَا لَوْلَا أَن رَّأَىٰ بُرْهَانَ رَبِّهِ ۚ)) (يوسف: 24) މާނައީ: “އަދި ހަމަކަށަވަރުން (އެދުމާއެކު) އެކަނބުލޭގެ އެކަލޭގެފާނާ ކުރިމަތިލިއެވެ. އަދި އެކަލޭގެފާނުގެ ވެރިރަސްކަލާނގެ دليل ފެނިވަޑައިނުގެންނެވިނަމަ، އެކަލޭގެފާނުގެ ހިތްޕުޅުވެސް އެކަނބުލޭގެ ފަރާތަށް ލެނބުނީހެވެ.” އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހުން ރިވާވެފައިވެއެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ((سَبْعَةٌ يُظِلُّهُمُ اللهُ فِي ظِلِّهِ يَوْمَ لَا ظِلَّ إِلَّا ظِلُّهُ: الْإِمَامُ الْعَادِلُ، وَشَابٌّ نَشَأَ بِعِبَادَةِ اللهِ، وَرَجُلٌ قَلْبُهُ مُعَلَّقٌ فِي الْمَسَاجِدِ، وَرَجُلَانِ تَحَابَّا فِي اللهِ اجْتَمَعَا عَلَيْهِ وَتَفَرَّقَا عَلَيْهِ، وَرَجُلٌ دَعَتْهُ امْرَأَةٌ ذَاتُ مَنْصِبٍ وَجَمَالٍ، فَقَالَ: إِنِّي أَخَافُ اللهَ، وَرَجُلٌ تَصَدَّقَ أَخْفَى حَتَّى لَا تَعْلَمَ شِمَالُهُ مَا تُنْفِقُ يَمِينُهُ، وَرَجُلٌ ذَكَرَ اللهَ خَالِيًا، فَفَاضَتْ عَيْنَاهُ))(2) މާނައީ: “ﷲގެ ހިޔާވަހިކަން މެނުވީ ހިޔާވަހިކަމެއް ނުވާދުވަހުގައި، އެއިލާހުގެ ހިޔާވަހިކަމުން ހިޔާވަހިކަން ދެއްވާ ހަތްބައެއްވެއެވެ. (އެއީ) ޢަދުލުވެރި އިމާމުއާއި، ﷲއަށް އަޅުކަންކުރުމުގައި ޒުވާންކަން ހޭދަކުރި ޒުވާނާއާއި، އެމީހެއްގެ ހިތް މިސްކިތްތަކާގުޅިފައިވާ މީހާއާއި، މާތް ﷲ އަށްޓަކައި ލޯބިވެ އެގޮތުގައި ބައްދަލުވެ އަދި އެގޮތުގައި ވަކިވާ ދެމީހުންނާއި، ނަސަބުވެރި ރީތި އަންހެނެއް (ފާޙިޝް ޢަމަލެއްކުރުމަށް) ގޮވާލުމުން، ‘ހަމަކަށަވަރުން ތިމަން ﷲއަށް ބިރުވެތިވަމޭ’ ބުނެ (އެކަމުން ދުރުވެގަންނަ) މީހާއާއި، ޞަދަޤާތްކުރާއިރު އެމީހާގެ ކާނަތުން ހޭދަކުރާ އެތި ވައަތަށްވެސް ނޭނގޭހާ ސިއްރުން ހޭދަކުރިމީހާއާއި، އެކަހެރިވެހުރެ ﷲ ހަނދުމަ ކުރުމުން އޭނާގެ ދެ ލޮލޮން ކަރުނަ އޮހޮރޭ މީހާއެވެ.” މައުޟޫޢުއަށް ބާރުދެނީ މި ޙަދީޘްގައިވާ ((وَرَجُلٌ دَعَتْهُ امْرَأَةٌ ذَاتُ مَنْصِبٍ وَجَمَالٍ، فَقَالَ: إِنِّي أَخَافُ اللهَ)) “އަދި ނަސަބުވެރި ރީތި އަންހެނެއް (ފާޙިޝް ޢަމަލެއްކުރުމަށް) ގޮވާލުމުން، ‘ހަމަކަށަވަރުން ތިމަން ﷲއަށް ބިރުވެތިވަމޭ’ ބުނެ (އެކަމުން ދުރުވެގަންނަ) މީހާ” މި ޢިބާރާތެވެ.
ދެންފަހެ، ﷲގެ ޝަރުޢީ ޙުކުމްފުޅުތަކަށް ހިތް ތަނަވަސްވުމުގެ މާނައަކީ؛ ޝަރުޢީ ޙުކުމްތައް ތެދުހިތުން ޤަބޫލުކުރުމާއި، އެ ޙުކުމްފުޅުތަކަށް ރުހުމާއި، އެ ހުކުމްފުޅުތަކަށް ބޯލަނބައި ކިޔަމަންގަތުމެވެ. އަދި އެ ޙުކުމްފުޅުތަކަށް ‘ތިމަންމެން އަހައިފީމޭ، އަދި ކިޔަމަންގަތްފީމޭ’ ބުނުމެވެ. ބައެއްފަހަރަށް ފަސޭހަކަމާއި، ކިޔަމަންތެރިކަމާއި، ހިތްހަމަޖެހުމާއި ރުހުމާއެކު އަޅުކަންކުރުމަށް ހިތް ތަނަވަސްވެގެންވާކަން ތިބާގެ އަމިއްލަ ނަފްސަށްވެސް އިޙްސާސްކުރެވޭނެއެވެ. އަދި އަނެއްބައި ފަހަރަށް މީގެ އިދިކޮޅު ޙާލަތްތައްވެސް އަތުވެދާނެއެވެ. ތިބާ އެފާފައެއްދެކެ އޮންނަ ބިރުވެރިކަން ނެތްކަމުގައިވާނަމަ އެފާފައަކަށް އަރައިނުގަނެވި ނުދާނެ ދަނޑިވަޅުތައް އަންނާނެއެވެ. މިއީ އެންމެ މީހަކާމެދު ޙާލަތު ބަދަލުވެގެންދާ ގޮތްކަމަށްވާއިރު، އެތައް ބައެއްގެ ޙާލަތު އެކިގޮތްގޮތަށް ބަދަލުވެގެންދިޔުމަކީ މާކައިރި ކަމެކެވެ.
ﷲގެ ޤަދަރީ ޙުކުމްފުޅުތަކަށް ހިތް ތަނަވަސްވުން ދަންނައެވެ. މި ކައުނުގައި ލައްވާފައިވާ ޙުކުމްފުޅުތަކަށް އެ އިންސާނެއްގެ ހިތް ﷲ ތަނަވަސްކޮށްދެއްވާފައިވާ މީހަކީ ﷲގެ މިންވަރުފުޅަށާއި ޤަދަރުފުޅަށް ރުހިގެންވާނެ މީހެކެވެ. އަދި އެކަމާމެދު ހިތްހަމަޖެހިގެންވާނެ މީހެކެވެ. އެފަދަ މީހަކު ބުނާނެއެވެ. ‘ތިމަންނައަކީ އަޅަކީމެވެ. އަދި ﷲއީ ރައްބުވަންތަ ފަރާތެވެ. އެކަލާނގެ އެދިވޮޑިގެންނެވިކަމެއް ކުރައްވާނެތެވެ.’ މިފަދަ ދަތުމެއްގެ މަތީގައިވާ މީހަކީ އަބަދުވެސް އުފާވެރިކަމުގައިވާނެ މީހެކެވެ. ކަންކަމާމެދު މާޔޫސްވެ، ނާއުއްމީދު ނުވާނެތެވެ. އެފަދަ މީހަކަށް ކުރިމަތިވާ މުޞީބާތްތަކުން ވޭން ލިބޭނެއެވެ. އެހެންނަމަވެސް މާޔޫސްވުމާއި، ކަންބޮޑުވުމާ ހަމައަށް އެ ވޭން ވާޞިލެއްނުވާނެއެވެ. މި ސަބަބާހުރެ ޞައްޙަ ޙަދީޘްގައި އައިސްފައިވެއެވެ. ނަބިއްޔާ عليه الصلاة والسلام ޙަދީޘް ކުރެއްވިއެވެ. ((عَجَبًا لِأَمْرِ الْمُؤْمِنِ إِنَّ أَمْرَهُ كُلَّهُ خَيْرٌ، وَلَيْسَ ذَاكَ لِأَحَدٍ إِلَّا لِلْمُؤْمِنِ، إِنْ أَصَابَتْهُ ضَرَّاءُ صَبَرَ فَكَانَ خَيْرًا لَهُ، وَإِنْ أَصَابَتْهُ سَرَّاءُ شَكَرَ فَكَانَ خَيْرًا لَهُ))(3) މާނައަކީ: “މުއުމިނެއްގެ ކަންތައްތަކަކީ ޢަޖާއިބެއްފަދަ ކަންތަކެކެވެ. އޭނާގެ ހުރިހާކަމެއްގައި ވަނީ ހެޔޮކަމެވެ. މުއިމިނުން ނޫން ބަޔަކަށް މިގޮތަށް ކަންތައް މެދުވެރިއެއް ނުވެއެވެ. އޭނާ ހިތް ނުރުހޭ ކަމެއް މެދުވެރިވެއްޖެނަމަ ކެތްތެރިވެއެވެ. އެހައިރުން، އެކަންވެގެންދާނީ އޭނާއަށްވާ ހެޔޮކަމަކަށެވެ. އަދި އޭނާ އުފާ ކުރާފަދަ ކަމެއް މެދުވެރިވެއްޖެނަމަ، އެކަމަކަށް ޝުކުރުވެރިވެއެވެ. އެހައިރުން، އެކަންވެގެންދާނީ އޭނާއަށްވާ ހެޔޮކަމަކަށެވެ.”
އެހެންކަމުން، “شَرْحُ الصَّدْرِ” އަކީ ހިތް ތަނަވަސްވެ، ﷲގެ ޝަރުޢީ އަދި ޤަދަރީ ޙުކުމްފުޅުތަކަށް ހިތް އަހުލުވެރިވެފައިވުމެވެ. އެފަދަ މީހަކު ﷲގެ ޙުކުމްފުޅުތައް ނަގާލައި ފަރުވާކުޑަކޮށް ނަހަދާނެއެވެ. އަހަރެމެންގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމައަކީ މީގެ އެންމެ މަތިވެރި މިސާލެވެ. މި ސަބަބާހުރެ، އެކަލޭގެފާނަކީ މީސްތަކުންކުރެ ﷲއަށް އެންމެ ތަޤްވާވެރި ސާހިބާއެވެ. އަދި ﷲއަށް ކިޔަމަންތެރިވުމުގައި އެންމެ ވަރުގަދައަށް ހިއްޕެވި ސާހިބާއެވެ. އަދި ﷲގެ މިންވަރުފުޅަށް އެންމެ ބޮޑަށް ރުހިވަޑައިގެން ހުންނެވި ސާހިބާއެވެ. އިސްލާމީ ދަޢުވަތާއިގެން އެކަލޭގެފާނު ތެދުވެވަޑައިގަތުމުން މީސްތަކުން އެކަލޭގެފާނާ ދެކޮޅު ހެއްދެވީ ކޮންފަދަ ގޮތަކަށްތޯއެވެ؟ ބަލިތަކުން އެކަލޭގެފާނަށް އެޅުއްވީ ކޮންފަދަ ވޭނެއްތޯއެވެ؟ ބަލިތަކުން އެކަލޭގެފާނަށް ލިބިވަޑައިގަންނަވާ ވޭން، އަހަރެމެންގެ ތެރެއިން ދެ މީހުންގެ ވޭނާ އެއްފަދަވެގެންވެއެވެ. އެބަހީ؛ ބަލިތަކުން ލިބޭ ވޭން އަހަރެމެންގެ ތެރެއިން ދެ މީހުންނަށް ލިބޭވޭނާ އެއްވަރަށް އެކަލޭގެފާނަށް އިތުރުވެގެންވެއެވެ. ފަހެ، ޢަބްދުﷲ ބުން މަސްޢޫދު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެފައިވެއެވެ. ޢަބްދުﷲ ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ބަލީގެ ވޭނުގައި އުޅުއްވަނިކޮށް ތިމަން އެކަލޭގެފާނުގެ އަރިހަށް ވަނީމެވެ. ތިމަން ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއެވެ! ކަލޭގެފާނަށް ތިޔަ ވޭން ލިބެނީ ވަރަށް ބޮޑަށެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ((أَجَلْ، إِنِّي أُوعَكُ كَمَا يُوعَكُ رَجُلَانِ مِنْكُمْ))(4) މާނައީ: “އެހެންނެވެ. ހަމަކަށަވަރުން ތިޔަބައިމީހުންކުރެ ދެމީހުންނަށް އަޅާ ވޭން ތިމަންކަލޭގެފާނަށް އަޅައެވެ.” އަދި އެކަލޭގެފާނު އަވަހާރަވުމުގެ އާލާސްކަންފުޅުގައި ވޭން ގަދަވެ، އެކަލޭގެފާނު ދުނިޔެ ދޫކުރައްވަންދެން އެވޭނުގައި އުޅުއްވިއެވެ. އެކަލޭގެފާނަކީ ކެތްތެރިންކުރެ އެންމެ ބޮޑަށް ކެތްތެރިވެވަޑައިގެންނެވި ސާހިބާއެވެ. ކެތްތެރިވުމުގެ ދަރަޖައަކީ މަތިވެރިވެގެންވާ ދަރަޖައެކެވެ. ކެތްތެރިވާނެ ކަމެއް ނެތި އެދަރަޖައެއް ނުލިބޭނެއެވެ. މިގޮތުން، ނަބީބޭކަލުންނަކީ މީސްތަކުންކުރެ އެންމެ ވަރުގަދަ ބޮޑެތި މުޞީބާތްތައް ޖެހިވަޑައިގެންނެވި ބޭކަލުންނެވެ. ދެން ޞާލިޙުންނަށެވެ. ދެން އެބޭކަލުންނާ ހެޔޮކަމުގައި ގާތްވެގެންވާ މީހުންނެވެ.
(ނުނިމޭ)
___________________
(1) މި އުޞްލޫބަކީ އަޅުގަނޑުމެންގެ ދިވެހިބަހުގައިވެސް ބޭނުންކޮށްއުޅޭ އުޞްލޫބެކެވެ. މިގޮތުން ކަމެއް ހިނގިކަމާއި، އެކަން ހަނދާންކޮށްދިނުމުގެ ގޮތުން ބޭނުންކޮށް އުޅެއެވެ. މިސާލަކަށް؛ ތިމަން ތިބާއަށް މިވެނިކަމެއް ނުކޮށްދެން ހެއްޔެވެ؟ ތިބާއަށް އެވެނި އެއްޗެއް ނުދެން ހެއްޔެވެ؟. (މުތަރުޖިމު)
(2) أخرجه البخاري، كتاب الحدود، باب فضل من ترك الفواحش (6806)، ومسلم، كتاب الزكاة، باب فضل إخفاء الصدقة (1031) (91).
(3) أخرجه مسلم، كتاب الزهد، باب المؤمن أمره كلّه خير (2999) (64).
(4) أخرجه البخاري، كتاب المرضى، باب أشد الناس بلاء الأنبياء (5648)، ومسلم، كتاب البر والصلة، باب ثواب المؤمن فيما يصيبه من مرض أو حزن أو نحو ذلك (2571) (45).