[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަލްއިމާމު މާލިކު: مالك بن أنس – إمام دار الهجرة – 1

imam maalik

الحمد لله والصلاة والسلام على رسول الله وعلى آله وصبحه أجمعين.

ނަންފުޅު:

مَالِكُ بنُ أَنَسِ بنِ مَالِكِ بنِ أَبِي عَامِرٍ بنِ عَمْرِو بنِ الحَارِثِ بنِ غَيْمَانَ بنِ خُثَيْلِ بنِ عَمْرِو بنِ الحَارِثِ

އެކަލޭގެފާނަކީ ذُو أَصْبَحَي الحِمْيَرِيُّ ގެ ޤަބީލާގެ ބޭފުޅެކެވެ. މިޤަބީލާ ނިސްބަތްވަނީ ޤުރައިޝުންގެ ތެރެއިން ތަމީމް ދަރިކޮޅަށެވެ. އޭގެ ތެރެއިން އެކަލޭގެފާނު ނަސަބު ގުޅިފައިވަނީ ސުވަރުގެ ވަންތަވެރިންކަމުގެ އުފާވެރި ޚަބަރުދެއްވާފައިވާ ދިހަ ބޭފުޅުންގެ ތެރެއިން طَلْحَةَ بنِ عُبَيْدِ اللهِ رضي الله عنه ގެ އަޚު عُثْمَانَ بنِ عبيدِ اللهِ އާއެވެ.[1]

އިމާމު މާލިކުގެފާނު މަޝްޙޫރު ވެވަޑައިގެންފައިވަނީ އިމާމު ދާރުލް ހިޖުރައިގެ ނަމުންނެވެ. ސަބަބަކީ އެކަލޭގެފާނަކީ މަދީނާގެ އަހުލުވެރިއެކެވެ. “ދާރުލް ހިޖުރާ” މިނަމަކީ މަދީނާއަށް ކިއޭ ނަންތަކުގެ ތެރެއިން ނަމެކެވެ. އެއީ ރަސޫލުﷲ ޞައްލަﷲ ޢަލައި ވަސައްލަމަ މައްކާއިން ހިޖުރަކުރެއްވި ރަށަކީ މަދީނަތުލް މުނައްވަރާކަމުގައި ވާތީއެވެ.

ކުންޔާ:

أَبُو عَبْدِ اللهِ[2]

އުފަންވެ ވަޑައިގަތުން:

الإمام الذهبي ވިދާޅުވިއެވެ.

“އެންމެ ސައްޙަވެގެންވާ ގޮތުގައި އިމާމު މާލިކުގެފާނު އުފަންވެ ވަޑައިގެންވަފައިވަނީ ހިޖުރައިން ނުވަދިހަ ތިންވަނަ އަހަރުގައެވެ. އެއީ ރަސޫލުﷲ ޞައްލަﷲ ޢަލައި ވަސައްލަމަގެ ޚާދިމު އަނަސް رضي الله عنه އަވަހާރަވެ ވަޑައިގެންފައިވާ އަހަރެވެ. އަދި މާލިކުގެފާނު ބޮޑުފުޅުވެފައިވަނީ ރައްކާތެރިކަމާއެކު ބެލެހެއްޓިގެންވާ ޙާލު ތަނަވަސް ފާގަތިކަމުގެ ތެރެއިންނެވެ.”[3]

އެކަލޭގެފާނުގެ ޞިފަފުޅު:

 

مُطَرِّف بن عبد الله ވިދާޅުވިއެވެ.

“މާލިކުގެފާނަކީ އިސްކޮޅުން ދިގު ބޭފުޅެކެވެ. އަދި ބޯފުޅު ބޮޑު، އިސްތަށި މަދު ބޭފުޅެކެވެ. އަދި ބޮލާއި ތުނބުޅިފުޅުގެ އިސްތަށި ހުދު ބޭފުޅެކެވެ. އަދި ގަދަ ރަތްކުލައަކަށްދާ ކަހަލަ ދޮން ބޭފުޅެކެވެ.”[4]

عيسى بن عمر المدني ވިދާޅުވިއެވެ.

“އެކަލޭގެފާނަށްވުރެ ދޮން ބޭކަލެއް ތިމަންކަލޭގެފާނު ދެކިވަޑައި ނުގަންނަވަމެވެ. އަދި އެކަލޭގެފާނުގެ މޫނުފުޅަށްވުރެ ރީތި ރަތް ދޮން މޫނެއް ތިމަންކަލޭގެފާނު ދެކިވަޑައި ނުގަންނަވަމެވެ. އަދި މާލިކުގެފާނުގެ ހެދުންކޮޅަށްވުރެ ހެދުމުގެ ހުދުކަންގަދަ އެއްވެސް މީހެއް ތިމަންކަލޭގެފާނު ދެކިވަޑައި ނުގަންނަވަމެވެ.”[5]

عبد الرحمن بن المهديގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

“މާލިކުގެފާނަށްވުރެ ހައިބަތު ބޮޑު ބޭކަލެއް ތިމަންކަލޭގެފާނު ދެކިވަޑައި ނުގަންނަވަމެވެ. އަދި އެކަލޭގެފާނަށްވުރެ ވިސްނުން ފުރިހަމަ ބޭފުޅެއްވެސް ތިމަންކަލޭގެފާނު ދެކިވަޑައި ނުގަންނަވަމެވެ. އަދި އެކަލޭގެފާނަށްވުރެ ތަޤުވާވެރި ބޭފުޅެއްވެސް ތިމަންކަލޭގެފާނު ދެކިވަޑައި ނުގަންނަވަމެވެ.”[6]

=ނުނިމޭ=

 ______________________________________

[1]  تهذيب الكمال (27/93)

[2]  تهذيب الكمال (27/93)

[3]  سير أعلام النبلاء (8/49)

[4]  صفة الصفوة (2/177) , وتاريخ الإسلام (11/319)

[5]  وتاريخ الإسلام (11/319) و سير أعلام النبلاء (80/62)

[6]  وتاريخ الإسلام (11/323)

މިލިޔުމުގެ އެހެންބައިތައް