[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މަދީނާގެ މާތްކަން (އަދި އެތާގައި ދިރިއުޅުމާއި އެތަނަށް ޒިޔާރަތްކުރުމުގެ އަދަބުތައް) 17

madheenah

މަދިނާގައި ދިރިއުޅޭމީހުނަށް އަދަބުތަކަކާއި އުޞޫލުތަކެއްވާ ފަދައިން އެތަނަށް ޒިޔާރަތް ކުރާ މީހުނަށްވެސް އަދަބުތަކެއްވެއެވެ. މަދީނާއަށް ޒިޔާރަތްކުރާ މީހާ ޖުމްލަގޮތެއްގައި އިސްވެބަޔާންކުރެވުނު(މަދީނާގައި ދިރިއުޅޭ މީހުންގެ) އަދަބުތަކާއި އުޞޫލުތައް ހިފަހައްޓަން ވާނެއެވެ. އަދި މިބިމަށް ޒިޔާރަތްކުރާ މީހާ ޒިޔާރަތްކުރަންވާނީ މަސްޖިދުއްނަބަވީއަށް ޒިޔާރަތްކުރުމަށް އެދިގެންނެވެ. ޙަދީޘްގައިވެއެވެ.

((لاَ تُشَدُّ الرِّحَالُ إِلاَّ إِلَى ثَلاَثَةِ مَسَاجِدَ مَسْجِدِ الْحَرَامِ وَمَسْجِدِى هَذَا وَالْمَسْجِدِ الأَقْصَى)). [رواه البخارى ومسلم]  

މާނައީ:”ތިން މިސްކިތަކަށް ފިޔަވާ ދަތުރުކުރުމެއް ނުވެއެވެ. އެއީ މަސްޖިދުލް ޙަރާމްއާއި ތިމަން ކަލޭގެފާނުގެ މި މިސްކިތާއި (އެބަހީ މަސްޖިދުއްނަބަވީ) މަސްޖިދުލް އަޤްޞާއެވެ.”

މިޙަދީޘްފުޅުން އަޅުގަނޑުމެނަށް ކަމާކަންފަށާ ދަތުރުހަދައިގެން ﷲ ތަޢާލާއަށް ކުއްތަންވުމުގެ ގޮތުން މިތިން މިސްކިތް ފިޔަވާ އިތުރު މިސްކިތެއް ނުވަތަ ތަނަކަށް ދަތުކުރުން ޚާއްޞަވެފައި ނުވާކަން އެނގެއެވެ. ސުނަނުއް ނަސާއީގައި އަބޫ ހުރައިރާ  رضى الله عنه ގެ އަރިހުން ރިވާވެފައިވާ ޞައްޙަ ޙަދީޘެއްގައިވެއެވެ.

ތިމަންކަލޭގެފާނާއި ބަޞަރާ ބުން އަބީ ބަޞަރަތުލް ޣިފާރީ رضى الله عنه އާއި ބައްދަލުވެވަޑައިގަތެވެ. އެކަލޭފާނު ވިދާޅުވިއެވެ. ކަލޭގެފާނު ތިޔަވަޑައިގެންނެވީ ކޮންތަނަކުން ތޯއެވެ؟ ތިމަންކަލޭގެފާނު ޖަވާބުގައި ދެންނެވީމެވެ. ޠޫރުންނެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ކަލޭގެފާނު ތިޔަތަނަށް ވަޑައިގަތުމުގެ ކުރީގައި ތިމަންކަލޭގެފާނާއި ބައްދަލުވިނަމަ ތިޔަތަނަކަށް ކަލޭގެފާނު ވަޑައެއްނުގަތީހެވެ. ތިމަންކަލޭގެފާނު ދެންނެވީމެވެ. އެއީ ކީއްވެގެން ތޯއެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް ޙަދީޘްކުރައްވާތީ އަޑުއެއްސެވީމެވެ.

((لَا يُعْمَلُ الْمَطِيُّ إِلَّا إِلَى ثَلَاثَةِ مَسَاجِدَ، مَسْجِدِ الْحَرَامِ، ومَسْجِدِى وَمَسْجِدِ بَيْتِ الْمَقْدِسِ))

މާނައީ:”ތިން މިސްކިތަކަށް ފިޔަވާ ސަވާރީގައި ދަތުރުހަދާފައި ދިޔުމެއް ނުވެއެވެ. އެއީ މަސްޖިދުލް ޙަރާމްއާއި ތިމަން ކަލޭގެފާނުގެ މިސްކިތާއި (އެބަހީ: މަސްޖިދުއްނަބަވީ) މަސްޖިދުލް އަޤްޞާއެވެ.”

މިއީ ޞައްޙަ ޙަދީޘެކެވެ. އަދި ބަޞަރަތް ބުން އަބީ ބަޞަރަތުލް ޣިފާރީ رضى الله عنه މިޙަދީޘްފުޅުން ދަތުރުހަދާފައި އެހެނިހެން މިސްކިތްތަކަށް ދިއުން މަނާވެގެންވާކަމުގެ ދަލީލު ލިބޭކަމަށް ބަޔާންކުރައްވާފައި ވެއެވެ.

=ނުނިމޭ=

މިފޮތުގެ އެހެނިހެން ބައިތައް